ޗައިނާގައި އުފައްދާ ސެކިއުރިޓީ ކެމެރާތަކަށް އޮސްޓްރޭލިޔާ ސަރުކާރުގެ އިތުބާރުނެތް ކަމަށް އެ ގައުމުން ބުނެފިއެވެ.
އޮސްޓްރޭލިއާގެ ގައުމީ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ގައުމުގެ ފެސިލިޓީތަކުން ޗައިނާގައި އުފައްދާފައިވާ ހުރިހާ ސަވައިލަންސް ކެމެރާތަކެއް ނައްތާލާނެ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ކެމެރާތަކުގައި ބޭނުންކުރާ ޓެކްނޮލޮޖީގެ ސަބަބުން ސަލާމަތީ ގޮތުން ބޮޑު ނުރައްކަލެއް ކުރިމަތިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އަޅަން ނިންމާފައިވާ ފިޔަވަޅެއް ކަމަށް ވެސް އެ ގައުމުން ބުނެއެވެ.
މިނިންމުން ނިންމިކަން ރައްޔިތުންނަށް އަންގާފައި ވަނީ ފޮރިން މިނިސްޓްރީން ނެރުނު ރަސްމީ ބަޔާނުގައެވެ.
އޮސްޓްރޭލިއާގެ އިތުރުން ގިނަ ގައުމުތަކުން ވަނީ ޗައިނާ ސަރުކާރުން މި ޓެކްނޮލޮޖީތައް ބޭނުންކޮށްގެން އެ ގައުމުގެ ރައްޔިތުންނަށް ޖާސޫސްކުރުމަށް ނުވަތަ ޒާތީ މައުލޫމާތެއް ހޯދޭނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އޮސްޓްރޭލިއާގެ މި ނިންމުމުގެ ސަބަބުން ޗައިނާގެ ޓެކްނޮލޮޖީ އިންޑަސްޓްރީއަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ބެލެވެއެވެ.