ދެފައި ނެތް ނުކުޅެދުންތެރިއަކު ދުނިޔޭގެ އެންމެ އުސް ފަރުބަދަ، މައުންޓު އެވަރެސްޓް ފަރުބަދައަށް އަރައިފި އެވެ.
އަފްޣާނިސްތާނުގެ ގުރްޚާ ރެޖިމެންޓްގެ ކުރީގެ ސިފައިންގެ މީހެއް ކަމަށްވާ ހަރީ ބުދާ މަގަރުގެ ދެފައި ބުރިކޮށްލާފައިވީ ނަމަވެސް އޭނާ ވަނީ ދުނިޔޭގެ އެންމެ އުސްފަރުބަދައަށް އަރައި މުޅި ދުނިޔެ ހައިރާންކޮށްލާފައެވެ.
ކެންޓަބަރީގައި މިހާރު ދިރިއުޅޭ އުމުރުން 43 އަހަރުގެ ހަރީ ވަނީ އެހެން މީހުންނަށް ހިތްވަރު ހޯދައިދީ އޭނާއާ މެދު މީހުން ދެކޭ ގޮތް ބަދަލުކޮށްލާފައެވެ.

އޭނާ ބުނިގޮތުގައި އެއީ ހީކުރިވަރަށް ވުރެ އުނދަގޫ، ބުރަ އަދި ނުރައްކާ، މަސައްކަތެކެވެ.
އޭނާ ބުނި ގޮތުގައި ތަދާއި ވޭނުގައި ވަގުތުތަކެއް ހޭދަވެގެން ދިޔަކަމަށް ވިޔަސް ހުއްޓާނުލައި ކުރިއަށް ދިޔައީ އުސްމިނާއި ދިމާއަށެވެ.
އޭނާގެ ދެފައި ބުރިކުރަން ޖެހުނީ އަފްޣާނިސްތާނުގައި 2010 ވަނަ އަހަރު ހިނގި ހާދިސާއެއްގައި ގޮވާއެއްޗެއްގެ މައްޗަށް އޭނާއަށް ނޭގި އެރުމުގެ ސަބަބުން ހިނގި ނުރައްކާތެރި ހާދިސާއެއްގައި ދެ ފައި ހަލާކުވެ ޗިސްވުމާ ގުޅިގެންނެވެ.

ހަރީ އަކީ ތިން ކުދިންގެ ބައްޕައެކެވެ.
އޭނާ ބުނި ގޮތުގައި ބޮމުގެ ހާދިސާއަށްފަހު އޭނާއަށް ހޭވެރިކަން ލިބުމުން އޭނާގެ ”ދިރިއުޅުން ނިމިއްޖެ“ ކަމަށް ހީވި ނަމަވެސް މަސްނޫޢީ ދެފައި ޖަހައިގެން، ސްކީ އާއި ގޯލްފް ކުޅުމާއި ބައިސްކަލް ދުއްވުމާއި ފަރުބަދައަށް އެރުންފަދަ ކަންތައްތައް ކުރަން ފެށުމުން އޭނާއަށް ދިރިއުޅުމުގެ އިތުބާރު އަލުން ލިބުނެވެ.
މި މޭ މަހުގެ ކުރީ ކޮޅު އޭނާ ފުރައިގެން ދިޔައީ ނޭޕާލްގެ ފަރުބަދައަށް އަރާ މީހުންގެ ޓީމަކާ އެކުގަ އެވެ. މި ޓީމުގެ އިސްވެރިޔަކީ ޚުދު ގުރުކާ ރެޖިމެންޓްގެ ބައިވެރިއެއްގެ ގޮތުގައި އުޅުނު ކްރިޝް ތަޕާ އެވެ.
މައުންޓް އެވަރެސްޓަށް އެރުމުގެ މަސައްކަތް ކުރި މީސްމީހުންގެ ތެރެއިން 310 މީހުން ވަނީ އެކިއެކި ހާދިސާތަކުގައި މަރުވެފައެވެ. ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ މައުންޓް އެވަރެސްޓްގެ އުސްމިނުގައި 29،031.7 ފޫޓު ހުރެއެވެ.

ހަރީ ބުނި ގޮތުގައި ފަރުބަދައަށް އެރުމަށް އުނދަގޫތަކާ ކުރިމަތިލާން ޖެހުނު އިރު، އާއިލާގެ ކަންބޮޑުވުމާއި ޓީމުގައި ތިބި އެންމެންގެ އެހީތެރިކަން އޭނާއަށް ކުރިއަށް ދިއުމަށް ލިބުނު ބާރަކަށްވެގެން ދިޔައެވެ.
”އަހަރެންގެ އަމާޒަކީ ނުކުޅެދުންތެރިކަމާ މެދު ދެކޭ ގޮތް ބަދަލުކޮށް، އެހެން މީހުންނަށް ފަރުބަދަތަކަށް އެރުމަށް ހިތްވަރު ހޯދައިދިނުން.“ އޭނާ ބުންޏެވެ.
ނުކުޅެދުންތެރިކަން ކުރިމަތިވެ ކިތަންމެ ދަތިތަކެއް ކުރިމަތިވި ނަމަވެސް ދުނިޔޭގައި މުސްތަޙީލު އެއްވެސް ކަމެއް ނެތްކަން ހަރީ ވަނީ މިއަދު ދުނިޔެއަށް ސާބިތުކޮށްދީފައެވެ.
ހިތްވަރުގަދަ ކަމުގެ ނަމޫނާއެއް ކަމުގައިވާ ހަރީ ބުދާ ހަފުތާއެއްހާ ދުވަސް ފަހުން އެނބުރި އޭނާ މިހާރު ދިރިއުޅޭ ގައުމަށް ފުރާނީ ފަޚުރާއި ޝަރަފާ އެކުގައެވެ.