މަހުޖަނުން އެންމެ ގިނައިން އަލަށް ވަޒަންވެރިވެފައިވާ ގައުމަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސް ކަމަށް ދައްކައިފިއެވެ.
2022 ވަނަ އަހަރު ޔޫއޭއީގައި 4000 މަހުޖަނުން ވަޒަންވެރިވެފައިވާ ކަމަށް އެގައުމުގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މީގެތެރެއިން ގިނަބަޔަކު ވަޒަންވެރިވީ ޑުބާއީ އާއި އަބޫދާބީގައެވެ.
2 ވަނައަށް އެންމެ ގިން މަހުޖަނު ވަޒަންވެރިވީ އޮސްޓްރޭލިޔާގައެވެ. އެ ގައުމުގައި 3500 މަހުޖަނުން ވަޒަންވެރިވިއެވެ.
އަމިއްލަ ޖަމިއްޔާއެއް ކަމުގައިވާ ހޭންލީ އެންޑް ޕާޓްނަރސް އިން އެއްކުރި މައުލޫމާތުތަކުން އެނގޭގޮތުގައި އެންމެ ގިނަ އަދަދެއްގެ މަހުޖަނުން ގައުމު ދޫކޮށް އެހެން ގައުމުތަކަށް ހިޖުރަ ކުރި ރަޝިޔާ އާއި ޔުކްރޭނެވެ.
ރަޝިޔާގެ މުއްސަނދީންގެ ތެރެއިން 15000 މީހުން އެ ގައުމު ދޫކޮށް ގޮސްފައިވެއެވެ. ޔުކްރޭނު ދޫކޮށް 3000 މަހުޖަނުން އެހެން ގައުމުތަކަށް ހިޖުރަކުރި ކަމަށް އެ ޖަމިއްޔާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މީގެ އިތުރުން ޗައިނާދޫކޮށް 10000 މަހުޖަނުން ދިޔަ އިރު އަވައްޓެރި އިންޑިޔާގެ 8000 މަހުޖަނުން އެހެން ގައުމުތަކުގައި ވަޒަންވެރި ވަނީ ވެފައެވެ.
މި އަހަރަކީ 2022 ވަނަ އަހަރުގެ ރިކޯޑް މުގުރައިލާނެ އަހަރެއްކަމަށް ހޭންލީ އެންޑް ޕާޓްނާރސް އިން ލަފާކުރެއެވެ.