ދުނިޔޭގެ އިގްތިޞާދު މި އަހަރު 2.3 އިންސައްތަ ކުރިއަރާނެކަމަށް އދ.ގެ ޑިޕާރޓްމަންޓް އޮފް އިކޮނޮމިކް އެންޑް ސޯޝަލް އެފެއަރޒުން ލަފާކޮށްފިއެވެ.
ވޯރލްޑް އިކޮނޮމިކް ސިޓުއޭޝަން އެންޑް ޕްރޮސްޕެކްޓް ރިޕޯޓުގައި އދ.ގެ ޑިޕާރޓްމަންޓް އޮފް އިކޮނޮމިކް އެންޑް ސޯޝަލް އެފެއަރޒުން ބުނީ މި އަހަރު ދުނިޔޭގެ އިގްތިޞާދު 2.3 އިންސައްތަ ކުރިއަރާނެކަމަށް ލަފާކުރެވޭ އިރު، މިއީ ޖެނުއަރީ މަހު ލަފާކޮށްފައިވާ އަންދާޒާތަކަށްވުރެ %0.4 އިތުރު އަދަދެއް ކަމަށެވެ.
އެމެރިކާ، ޗައިނާ އަދި ޔޫރަޕް އިއްތިހާދުފަދަ އެންމެ ބޮޑަށް ތަރައްޤީވެފައިވާ ގައުމުތަކުގެ އިޤްތިޞާދީ ހާލަތު ރަނގަޅުވަމުންދާ ކަމަށާއި އެމެރިކާގެ އިގްތިޞާދު މި އަހަރު %1.1 އަދި ޔޫރަޕް އިއްތިހާދުގެ އިޤްތިޞާދު %0.9 އަދި ޗައިނާގެ އިޤްތިޞާދު %5.3 ކުރިއަރާނެ ކަމަށް އެ ރިޕޯޓުގައިވެއެވެ.
ދަރަނި ހޯދުމަށް ހުރި ދަތިތަކާއި ބޭރުން ފައިނޭންސް ހޯދުމުގެ ހަރަދު ބޮޑުވުމުގެ ސަބަބުން ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ އިޤްތިޞާދީ ހާލަތު އިތުރަށް ގޯސްވަމުން އަންނަ ކަމަށެވެ.
ރިޕޯޓްގައިވާ ގޮތުން އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ އިޤްތިޞާދު ދުވެލި މި އަހަރު ކުރިއަރާނެ ކަމަށް ލަފާކުރަނީ %4.1އެވެ.