”ކިވީ“ އަކީ ހުތް ފޮނި ރަހައެއް ދޭ ކެއުމަށް ވަރަށް މީރު މޭވާ އެކެވެ. މަޑު މުށިކުލައިގެ ތޮށިގަނޑެއް ލިބިފައިވާ ކިވީގެ ބޭރު ހުންނަނީ ކެހެރިކޮށެވެ. ބަލާލަން ކިތަންމެ ކުޑަ މޭވާއެއް ނަމަވެސް ކިވީއަކީ ސިއްޙީ އެތައް ފައިދާއެއް ހަށިގަނޑަށް ލިއްބައިދޭ އަގު ހުރި މޭވާއެކެވެ.
ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދިނުމުގައި ކިވީ މުހިންމު ރޯލެއް އަދާކުރާ އިރު ދިފާއީ ނިޒާމް ވަރުގަދަ ކުރުމަށް ބޭނުންވާ ފަރާތްތަކުން ކޮންމެހެން ވެސް ކިވީ ކާން ވާނެއެވެ.
އެކިއެކި އިންފެކްޝަންތަކުން އިންސާނާގެ ހަށިގަނޑު ސަލާމަތް ކޮށްދިނުމަށް އެހީތެރިވެދޭ ކިވީއަކީ ހަކުރު ބަލި ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ މެވާއެއް ވެސް މެއެވެ.
ކިވީން ލިބޭ މާއްދާތަކުގެ ތެރޭގައި ވިޓަމިން އީ، ކޭ، ފޮލޭޓް، ކޮޕާ، ޕޮޓޭސިއަމް، އެންޓިއޮކްސިޑަންޓްސް، ޕްރޮޓީން އަދި އަޔަން ހިމެނެއެވެ.
ކިވީއަކީ ބަރުދަން ލުއިކޮށް ދިނުމަށާއި ލޭގެ ޕްރެޝަރު ކޮންޓްރޯލްކުރަން ވެސް އެހީވެދޭ ވޭވާއެކެވެ.
ކޮންމެ ދުވަހަކު 3 ކިވީ 8 ހަފުތާ ވަންދެން ކާ ނަމަ ޑައޮލޯސްޓިކާއި ސިސްޓޮލިކް ބްލެޑް ޕެޝަރު ހަމައަކަށް އަޅުވައިދޭ ކަމަށް ދިރާސާތަކުން ދައްކާއެވެ. މީގެ ނަތީޖާ އަކީ ސްޓްރޯކާއި ހާޓްއެޓޭކް ފަދަ ހިތުގެ މައްސަލަތަކުން މީހާ ރައްކާތެރިކޮށް ދިނުމެވެ.
ކިވީއަކީ ލޭގަނޑުކޮށް ދިނުމާއި ދެކޮޅަށް ވެސް މަސައްކަތް ކުރުމަށް އެހީވެދޭ މޭވާއެކެވެ.
މިފަދަ މައްސަލަތައް ހައްލުކުރުމަށް ދުވާލަކު 2 ނުވަތަ 3 ކިވީ ކެއުމުން ފުދެއެވެ.