ސިމްޑީ ގްރޫޕާއި ޔުނައިޓެޑް އަރަބް އެމިރެޓްސް ޔޫއޭއީގެ އިންވެސްޓްމެންޓް ކުންފުނި އަރަބިސްކުއެސްޓް ގުޅިގެން ރާއްޖޭގައި ފެށުމަށް ހަމަޖެހިފައިވާ ދުނިޔޭގެ ފުރަތަމަ ލަގްޒަރީ ލެޝާ އެރއާލައިންގެ މާލޭ އޮފީސް ހުޅުވައިފިއެވެ.
ހެންވޭރު ސަންރޭ، 3 ވަނަ ފަންގިފިލާގައި ހުންނަ ބިއޮންޑުގެ އޮފީސް ހުޅުވައި ދެއްވީ ޓްރާންސްޕޯޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހައިރު އާއި ސިމްޑީ ގްރޫޕުގެ ސީއީއޯ މަރިޔަމް ޝަކީލާގެ އިތުރުން އެ އެއާރލައިންގެ ސީއީއޯ ޓެރޯ ޓަސްކިލާއެވެ.
ބިއޮންޑަކީ ފަހުރިވެރިވާ އިންވެސްޓްމެންޓެއް ކަމަށާއި ވަރަށް އަވަހާ ބިއޮންޑުގެ އުދުހުންތައް ފެށޭނެ ކަމަށް އެ ރަސްމިއްޔާތުގައި ޒުހައިރު ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ އެއާރލައިނެއްގެ އެންމެ މުހިންމު މަސައްކަތަކީ އަދި އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވާނީ އެއާރލައިންގެ އޮޕަރޭޝަން ރަނގަޅަށް ކުރިއަށް ގެންގޮސް ދެމެހެއްޓުން ކަމަށެވެ.
ސިމްޑީ ގްރޫޕުގެ ސީއީއޯ، އަދި ކުރީގެ މިނިސްޓަރު މަރިޔަމް ޝަކީލާ ވިދާޅުވީ އެ ކުންފުންޏަކީ ޓޫރިޒަމް ދާއިރާއާ ވަރަށް ގާތް ގުޅުމެއް އޮތް ކުންފުންޏެއް ކަމަށާއި އަދި ސިމްޑީގެ ވެރިޔާ އިބްރާހިމް މުހައްމަދު ދީދީ އަކީ ބިއޮންޑު ގެނައުމުގައި އެންމެ ބޮޑު ހިއްސާ އޮތް ފަރާތް ކަމަށެވެ.
ބިއޮންޑްގެ ނަމުން ނަންދީފައިވާ މި އެއާރލައިންގެ ދަތުރުތަކުގައި ބޭނުން ކުރާ އެއާރބަސް އޭ 321 ނިއޯސް މަރުކާގެ މަތިންދާބޯޓުގެ އިންޓީރިއާރ ފާރުމާކޮށްފައި ވަނީ ޕްރިމިއަމް ކޮންފާރޓް 68 ޝީޓާއެކު ވަރަށް ލަގްޒަރީކޮށެވެ.

މި އެއާރލައިނުން އޮޕަރޭޝަންފަށާ ފުރަތަމަ އަހަރުގައި 200 އެއްހާ ވަޒީފާ ރާއްޖޭގައި އުފެއްދިގެންދާނެ ކަމަށް އެ ކުންފުނިގެ ސީއީއޯ ވިދާޅުވެއެވެ.
ޔޫރަޕާއި އޭޝިޔާގެ އިތުރުން މެދުއިރުމަތީގެ ޤައުމުތައް ހިމެނޭހެން ދުނިޔޭގެ 60 މަންޒިލަކަށް ދަތުރުކުރުމަށް ބިއޮންޑް އެއާރލައިނުން ވަނީ ނިންމާފައެވެ.
ބިއޮންޑް އެއާރލައިނުން ފުރަތަމަ ފަހަރަށް ރާއްޖޭގައި ލަގްޒަރީ ލެޝާ ޓުރެވެލްގެ ހިދުމަތް ފެށި ނަމަވެސް ރާއްޖޭގައި ޖެޓް އެއާރކުރާފްޓް އޮޕަރޭޓް ކުރި ފުރަތަމަ ޕުރައިވެޓް އެއާރލައިނަކީ މެގަމޯލްޑިވްސްއެވެ.