މިއަދަކީ ހުކުރު ދުވަހަށް ވުމުން މެންދުރު އާއިލާއެއްކޮށް ކެއުމަށް ތައްޔާރު ކުރުމަށް މިއީ ވަރަށް ރަނގަޅު ރެސިޕީއެކެވެ.
މިއަދުގެ މެންދުރު ކެއުމަށް ”ފިހުނު ކުކުޅު“ ތައްޔާރު ކޮށްލަން ހިނގާށެވެ.
ބޭނުންވާ ތަކެތި:
2 ލޮނުމެދު
1 ކުކުޅު (1 ކިލޯ)
½ ޖޯޑު ލޮނުމިރުސް
1 މޭޒުމަތީ ސަމުސާ މާމުއި
4 ސައިސަމުސާ ޓޮމާޓޯ ޕޭސްޓް
½ ސައިސަމުސާ ލޮނު (ނޫނީ ބޭނުން ވަރަކަށް)
1 މޭޒުމަތީ ސަމުސާ ތެޔޮ ނޫނީ ބަޓަރު (ތަބަކުގައި އުނގުޅުމަށް)
1 މޭޒުމަތީ ސަމުސާ ބަޓަރު (ފްރިޖުން ބޭރުގައި މަޑުވެލަންދެން ބަހައްޓާލާފައި ހުރި)
ތައްޔާރު ކުރާނެ ގޮތް:
- 175 ޑިގްރީސް ސެލްސިއަސްއަށް އަވަން ހޫނު ކުރަން ޖައްސާށެވެ.
- ކުކުޅު ފިހަން ބޭނުން ކުރާނެ ތަބަކުގައި ފޮއިލްއަޅާށެވެ. ދެން ފޮއިލް މަތީގައި ބަޓަރު ނޫނީ ތެޔޮ އުނގުޅާށެވެ.
- ލޮނުމެދުކޮޅު ގާނާލާށެވެ.
- ބޯތަށްޓެއްގެ ތެރެއަށް ގޭނި ލޮނުމެދުކޮޅާއި، ލޮނުމިރުހާއި، ޓޮމާޓޯ ޕޭސްޓާއި، މާމުއިކޮޅާއި، ބަޓަރުކޮޅު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.
- ކުކުޅު ރަނގަޅަށް ދޮވެލުމަށް ފަހު ޓިޝޫ ކަހަލަ އެއްޗެއް ބޭނުން ކޮށްގެން އެ ރަނގަޅަށް ހިއްކާލާށެވެ.
- ދެން ކުކުޅުގައި ޅިޔަކޮޅެއް އަޅާލާށެވެ.
- ކުކުޅުގައި ރަނގަޅަށް ލޮނު އުނގުޅާލާށެވެ.
- ކުރިން ތައްޔާރުކުރި ތަބަކުގައި ކުކުޅު ބާއްވާށެވެ. ދެން ކުރިން ތައްޔާރުކުރި މިރުސްގަނޑު ވަރަށް ރަނގަޅަށް ކުކުޅުގައި އުނގުޅާށެވެ. ކުކުޅުގެ އެތެރެއަށް ވެސް އެތިކޮޅެއް އަޅާލަންވާނެއެވެ.
- ދެން ކުކުޅު ފިހަން އަވަނަށްލާށެވެ. ބައިންދާނީ މެދު ރެކުގައެވެ. ފިހާނީ ކުކުޅުގެ ހަންގަނޑު މުރަނަވެ އެއަށް މުށިކުލަ އަރަން ދެނެވެ. އަހަރުމެންގެ ކުކުޅު ފިހެވުނީ 1 ގަޑިއިރާއި 20 މިނެޓުންނެވެ.
ނޯޓް: އެކި އަވަނުގައި ފިހެވޭގޮތް ތަފާތު ވާނެކަން ހަނދުގައި ބަހައްޓާށެވެ.