އަންނަ މަހު އިންޑިއާގައި ބާއްވާ ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕުގެ ގްރޫޕް ބީގައި ރާއްޖެއާ އެއް ގްރޫޕެއްގައި ލުބުނާނާއި ބޫޓާން އަދި ބަންގްލަދޭޝް ހިމެނިއްޖެ އެވެ.
ބުދަދުވަހު ބޭއްވި ގުރުނެގުމުގެ ރަސްމިއްޔާތުގައި މިފަހަރުގެ މުބާރާތް ފޯމެޓު ރޭވިފައިވާ ގޮތުން ކުޅެނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމު ހިމެނޭއިރު ގްރޫޕް އޭގައި ހިމެނެނީ އިންޑިއާ އާއި ކުވޭތުގެ އިތުރުން ޕާކިސްތާނާއި ނޭޕާލެވެ.
މިފަހަރުގެ މުބާރާތް ކުރިޔަށްދާނީ އިންޑިއާގެ ބެންގަލޫރުގައި ޖޫން 23 އިން ޖުލައި 4 އަށެވެ. މިފަހަރުގެ މުބާރާތުގެ ސާފުން ކުޅެވޭ ހަ ގައުމުގެ އިތުރުން ސާފުން ބޭރުން ދެ ގައުމަށް ދައުވަތު ދީގެން އަށް ޓީމުގެ މެދުގައި މުބާރާތް ބާއްވަން މުބާރާތުގެ އެކްސްކޯ އިން ނިންމިއެވެ. އެގޮތަށް ނިންމުން ބަދަލުކުރީ ސާފްގެ އެކްސްކޯގައި ބޭއްވި ބައްދަލުވުމެއްގައެވެ.
މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމުން މަސައްކަތްކުރަނީ ޖަޕާނުގައި ތަމްރީނުތަކެއް ފުރިހަމަކުރުމަށެވެ. ޤައުމީ ޓީމުން އަދި ފަރިތަކުރުންތައް ނުފެށި ނަމަވެސް ސަރަހައްދީ ބައެއް ގައުމުތަކުން މިހާރު ވަނީ ތައްޔާރީތައް ފަށާފައެވެ. ރާއްޖެއިން ވެސް ވަރަށް އަވަހަށް ފަރިތަކުރުންތައް ފަށާނެ ކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ.
މި މުބާރާތް އެންމެ ފަހުން ބޭއްވީ ރާއްޖޭގައެވެ. 2021 ވަނަ އަހަރު ކުރިއަށްދިޔަ އެ މުބާރާތް ކާމިޔާބުކުރީ އިންޑިއާއިންނެވެ. މުބާރާތުގެ ތަށި އިންޑިއާގެ އިތުރުން ދެން ހޯދާފައިވަނީ ރާއްޖެ އާއި، ބަންގްލަދޭޝް އާއި، އަފްޣާނިސްތާން އަދި ލަންކާއިންނެވެ. މީގެ ތެރެއިން ރާއްޖެއިން ވަނީ ދެ ފަހަރު ތަށި ހޯދާފައެވެ.