ނިހާ އާއި އަހަންނަކީ އެއްކުލާހެއްގައި ކިޔަވަމުން ގޮސް މަދަރުސީ ތައުލީމް ނިންމި ދެކުދިންނެވެ. ސާނަވީތައުލީމާ ހަމައަށް އާދެވުމުން ދެކުދިންވެސް އިޚުތިޔާރުކުރީ ސައިންސް ސްޓްރީމެވެ. އެހެންކަމުން އޭލެވެލްގައި ވެސް އަހަރެމެނަށް އެއްކޮށް ކިޔަވަން ފުރުސަތު ލިބުނެވެ. އަހަންނަކީ ގްރޭޑްގެ އެންމެ މޮޅު ދިހަ ދަރިވަރުންގެ ތެރޭގައި ފަހަތުން ލައްވާލާ ދަރިވަރެކެވެ. އަހަންނާ ޚިލާފަށް ނިހާއަކީ އަބަދުވެސް ގްރޭޑްގެ އެއް ވަނަ އެވެ.
އަހަރެމެންގެ އޭލެވެލްގެ ފުރަތަމަ ސެމެސްޓަރގެ ޕޭޕަރ ދެއްކި ދުވަހެވެ. އެއީ މިހާތަނަށް މާއްދާއަކުން އަހަންނަށް އެންމެ ދަށުން ލިބުނު ފަހަރެވެ. ބައިލޮޖީއިން އަހަންނަށް ލިބުނީ ފަންސާސް ފަސް މާކުހެވެ. ބައިލޮޖީއިން ފާސްވާނެކަމާ މެދު ޚުދު އަހަރެން ވެސް ހުރީ ޝައްކުމަތީގައެވެ. ފަންސާސް އިން ސައްތަ ނަގާ ޕޭޕަރ ހެދި ދުވަހަކީ އަހަރެން ވަރަށް ބަލިވެ އުޅުނު ދުވަހަކަށްވާތީއެވެ. އެހެންކަމުން އެ ޕޭޕަރު ގެ ބޮޑުބައެއް އަހަންނަކަށް ނިންމައެއް ވެސް ނުލެވުނެވެ. އެންމެ ރަނގަޅު ނަތީޖާ ހޯދަމުން އައި މާއްދާއިން މިހާދަށް ވުމުން އަހަރެންގެ އިތުރުން ކިޔަވައިދެއްވި ޓީޗަރަށް ވެސް ލިބުނީ ޝޮކެކެވެ. އޭނާ ތަކުރާރުކޮށް އަހަރެން ކައިރިން ވީ ގޮަތަކާ މެދު ސުވާލުކުރިއެވެ. އަހަރެން އެއްވެސް ޖަވާބެއް ނުދިނީމެވެ. އެކަމަކު އަހަރެންގެ ލޮލުން ފޭދިގެން ފޭބި ކަރުނަތައް ފެނުމުން ޓީޗަރ އަހަންނަށް ވަރަށް ހިތްވަރުދިނެވެ.
މޫނުމަތި ސާފުކޮށްލާ ތާޒާވެލުމަށް ޓީޗަރުގެ ހުއްދައާ އެކު އަހަރެން ދިޔައީ ފާޚާނާއަށެވެ. ގާތްގަނޑަކަށް ދިހަވަރަކަށް މިނިޓް ފަހުން ފާޚާނާއިން ނިކުންނަން އައި އިރު އަހަންނަށް އިވުނީ ނިހާ އާއި ވާއިލްގެ އަޑެވެ. އިތުރު ކުއްޖަކު ވެސް އެތާ ހުރިކަން އެނގުނެވެ. އެވާނީ މާދިން އަށެވެ. އެމީހުން ވާހަކަ އެ ދައްކަނީ އަހަންނާ ބެހޭގޮތުންކަން އަހަންނަށް ޔަގީންވީ ނިހާ ބުނެލި އެ ޖުމުލައިންނެވެ.
”ދެން އޭނައަކަށް ނުކިޔެވޭނެ! ގަދަ ދިހަ އެއް ކީއްކުރަން ގަދަ ފަންސާހުގައި ވެސް ހިމެނިއްޖިއްޔާ ރަނގަޅު!“ ނިހާ ޖުމުލަ ބުނެ ނިންމާލި ރާގުން ވާއިލް ހޭން ފެށިއަޑު އަަހަންނަށް އިވުނެވެ. އެވަގުތު އަހަރެން ދަނީއޭ ބުނެ މާދިން ހިނގައިގަތް އަޑުވެސް އަހަންނަށް އިވުނެވެ. އެންމެ އެކުވެރިޔާގެ މަގާމުދީގެން ހުރި ނިހާ މިފަދަ ހިތްނުބައި މީހަކަށް ވެދާނެއެކޭ އަހަރެން ފަހަރެއްގައި ވެސް ހީނުކުރަމެވެ.
ފާޚާނާއިން ނިކުތުން އިހަށް އަހަރެން މަޑު ޖައްސަައިލީމެވެ. ހިތަށް އިތުރަށް ލިބުނު ތުރާލުންނެވެ. އަނެއްކާވެސް އަހަންނަށް ރޮވުނީއެވެ.
އޭގެ ފަހުން އައި ކޮންމެ ދުވަހަކީ އަހަރެންގެ ކިޔެވުން ކާމިޔާބު ކުރުމަށް އިހުނަށްވުރެ ގަދައަޅައި އަހަރެން މަސައްކަތް ކުރި ދުވަހެކެވެ. އަދި ނިހާއާ އަހަންނާ ދެމެދު އޮތް ގުޅުން ތަންކޮޅެއް ދުރުކޮށްލާ އެއްފަރާތް ވެލީމެވެ. އަހަރެން އަމިއްލައިންނެވެ. ނިހާ ސުވާލުކުރުމުން އަހަރެން ޖަވާބު ދިނީ ވަރަށް ފިނިކޮށެވެ.
މާދިންގެ ލޯބީގެ ދައުވަތު އަހަންނަށް ލިބުނީ ވެސް މި ދުވަސްކޮޅުގެ ތެރޭގައެވެ. އެހެންނަމަވެސް ފާޅުގައި އަހަރެން އެ ފުރުސަތަށް ނޫނެކޭ ބުނީީމެވެ. މާދިން ހުރީ ވަރަށް ދެރަވެފައެވެ. އެހެންނަމަވެސް ހަމައެކަނި ބުނީ ”އަހަރެން އިންތިޒާރުކުރާނަން“ ކަމަށެވެ.
އޭލެވެލްގެ ފަހު ސެމެސްޓަރގެ ކިޔެވުން ކުރިޔަށް ދިޔައެވެ. ޓެސްޓްތައް ވެސް ނެގެމުން ދިޔައެވެ. އަހަރެންގެ ނަތީޖާ އިހުނަށްވުރެ ރަނގަޅުވަމުން އައިތަން ވެސް އަހަންނަށް ފެނެއެވެ. ހަމަ މިއާއެކު އަހަރެންގެ އެއްވެސް މާކުހެއް އެހެންފަރާތަކާ ޙިއްސާ ނުކުރަން ޓީޗަރުންގެ ފަރާތުން އަހަރެން އެދުނީމެވެ. އަދި ހަމަ މިއާ އެކު އަހަރެންގެ މާކްސްތައް އެނގޭތޯ ނިހާ އެހާ ވަރަށް ސުވާލުކުރެއެވެ. އަހަރެންގެ ޖަވާބަކީ ފާސްވާ ކަމަށެވެ.
އަހަންނާ ނިހާގެ ވެސް އުންމީދަކީ އޭލެވެލްއިން ރަނގަޅު ނަތީޖާ އަކާ އެކު ޑޮކްޓަރކަން ކިޔވަން ދިޔުމެވެ. ރަނގަޅު ވަނައެއްގައި ލައްވާނުލިޔަސް ނިހާއަށް ކިޔެވޭނެއެވެ. އަހަރެން ޖެހޭނީ ސަރުކާރު ސްކޯލަރޝިޕް ލިބޭވަރުގެ ނަތީޖާއެއް ނެރޭށެވެ. އެކަން އަބަދުވެސް އަހަރެންގެ ސިކުނޑީގައި އޮވެއެވެ.
ކިޔެވުން ނިމި އޭލެވެލްގެ ނަތީޖާ ލިބުމާ ދެމެދު ހޭދަވި ކުރުު މުއްދަތުގައި ގެ ކައިރީ ފިހާރައަކަށް ކޭޝިއަރެއްގެ ވަޒީފާއަށް އަހަރެން ދިޔައީމެވެ. އެތަނުން އަހަންނަށް ބޭނުންވާ ކަންކަން ކޮށްލާ، އަދި އިތުރަށް އެކަނި މާއެކަނި އަހަރެން ބަލާ ބޮޑުކުރުުގެމުގެ ބުރަ އުފުއްލަމުން ގެންދާ މަންމައަށް ދޭނެ އެއްޗެއް ވެސް ބާކީކުރެވެއެވެ.
މާދިން ފުރައިގެން މާލެ ދިޔައީ އޭނަގެ ރައްޓެއްސެއްގެ އެހީގައި ރިސޯޓަކަށެވެ. މާދިިން ބުނިގޮތުން އޭނާ ވާން ބޭނުންވަނީ ޕައިލެޓަކަށެވެ. އެހެންވީމާ އަވަސް މަގަކުން ފައިސާ އެއްކުރަން ބޭނުންވާތީ އެ ފުރުސަތުގެ ބޭނުން ހިފީއެވެ. މާދިންއާ އަހަންނާ ދެމެދު ރަސްމީ އެއްވެސް ގުޅުމެއް ނެތެވެ. އެއްކުލާހުގައި ކިޔެވި ދެމީހެއްގެ ދެމެދު އޮންނަންވާ ގުޅުން ފިޔަވާ އެއްވެސް ގުޅުމެއް މާދިންއާ އެކު ވެސް ނުބާއްވަން އަހަރެން ހުރީ ނިންމައިގެންނެވެ. ކިޔެވުމަށް ބުރޫ އަރާނެތީއެވެ. އެކަމަކު މާދިން އަހަންނަށް މެސެޖް ކުރެއެވެ. މަދު މަދުންނެވެ.
އޭލެވެލްގެ ނަތީޖާ ލިބުނު ދުވަހަކީ އަހަރެންގެ މަންމައަށް ހިފެހެއްޓުމެއް ނެތި ރޮވުނު ދުވަހަކެވެ. އުފަލުންނެވެ. އަހަރެންގެ ހިތުގައި ޖެހީ އެހެން ވިންދެކެވެ. ބައެއްގެ މަލާތުގެ ސަބަބުން ވިޔަސް އަހަރެން ކުރި ބުރަ މަސައްކަތުން ކޮންމެ މާއްދާއަކުން ޓިއުޝަން ނަގަމުން ދިޔަ މީހުންނަށްވުރެ އަަހަރެންގެ ނަތީޖާ ރަނގަޅު ވީމާ ލިބުނު އުފަލުގެ ވިންދެވެ. އެކަމަކު ވެސް އަހަންނެއް ނުހެމެވެ. އަދި ނުވެސް ރޮމެވެ. ދެން އޮތީ އަހަރެންގެ ހަގީގީ މަޤުސަދު ހާސިލުކުރުމަށް ފިޔަވަޅު އެޅުމުގެ ދުވަސްތަކެވެ. ލިބުނު ނަތީޖާއާ އެކު ހޮސްޕިޓަލުގެ ތަރުޖަމާނެއްގެ ވަޒީފާ އަހަންނަށް ލިބުނެވެ.
ނިހާ ފުރައިގެން ދިޔައީ ރާއްޖެއިން ބޭރަށެވެ. ޑޮކްޓަރކަން ކިޔެވުމަށެވެ. ވާއިލް ވެސް ދިޔައެވެ. އެދެމީހުންނަށް ޖާގަ ލިބުނީވެސް އެއް ޔުނިވަރސިޓީއަކުންނެެވެ.
އަހަރެން ކެތްތެރިކަމެއް ނެތި ކުރަމުން އައި އިންތިޒާރަށް ނިމުން އައީ މެލޭޝިޔާގެ ޔުނިވަރސިޓީއަކުން މެޑިސިންގ ކިޔަވަން އަހަންނަށް ފުރުސަތު ލިބުމުންނެވެ. އެ ޚަބަރު އަމިއްލަ މަންމަ ފިޔަވައި ދެން އަހަރެން ދޭން ބޭނުންވި ފަރާތަކީ މާދިންއެވެ. ސަބަބަކީ އުފަލެއް ލިބޭ ކޮންމެ ވަގުތަކު އަދި ހިތުގައި ޖެހޭ ކޮންމެ ފަހަރަކުވެސް އަހަރެންގެ ހަނދާނަށް އަންނަ ފަރާތަކީ މާދިން ކަމަށް ވުމުންނެވެ. އޭނާ އަހަންނަށް މަރުހަބާ ކިޔެވެ. ހެޔޮ ބަސްތަކުން ދުޢާ ކުރިއެވެ. އަހަރެން ޑޮކްޓަރަކަށް ވާތަން ދެކެން ބޭނުން ކަމަށް ބުންޏެވެ. މާދިންގެ އެބަސްތަކުން އެދުވަހު އަހަރެންގެ ލޮލުން ކަރުނަ ހިލުނެވެ. އަނެކާގެ ކާމިޔާބަށް ނުވަތަ އަނެކާ ގެ ހާލަތު ދަށަށް ދާ ވަގުތު ނަމަވެސް އަނެކާއަށްޓަކައި ހެޔޮ ދުޢާ ކުރާނީ ހިތުގެ ފުދުންތެރިންކަން އަހަންނަށް ޔަގީން ކުރެވުނެވެ.
ކަނޑައެޅިފައިވާ ދުވަހަށް އަހަރެން މެލޭޝިޔާއަށް ދިޔައީމެވެ. އަދި ދެވުނުކަން އެންގުމަށް މާދިންއަށް މެސެޖް ކުރީމެވެ. އަދި ކިޔެވުން ފެށުމުން ދެން ޚަބަރެއްވާން ވަރަށް އުދަނގޫވާނެކަން ވެސް ހަނދާންކޮށްދިނީމެވެ.
”އަހަރެން ކޮންމެ ތާކުވިޔަސް ނަންދާއަށްޓަކައި ހެޔޮ ދުޢާ ކޮށްދޭންނަން! ޚަބަރެއް ނުވިޔަސް ހެޔޮ ހާލުގައި ނަންދާ ވުމަކީ އަހަރެންގެ ހިތަށް އެންމެ ފިނިކަން ލިބޭނެ ކަމަކީ! އަބަދުވެސް އަހަރެން ނަންދާއާ އެކު ވާކަން ހަނދާނުގައި ބަހައްޓައިދިނީމަ …. އެއީ ކޮށްދެވޭނެ ވަރަށް ބޮޑު ހެޔޮކަމެއް! އެވަރު ވެސް އަހަންނަށް ފުދޭނެ! ތިބާގެ މަސައްކަތުގައި ބަރަކާތް ލައްވާށި!“ މާދިންގެ މެސެޖް ކިޔައިލުމަށްފަހު އަހަރެންގެ ހިތް މާދިންއަށްޓަކައި ފުރިގެން އައެވެ.
މެޑިސިންގެ ކިޔެވުމުގެ އެ ދިގު މުއްދަތު ނިންމާލުމަށްފަހު އަހަރެން މާލެ އައީ އެތައް ކުދިންނެއްގެ ތެރެއިން ފަޚުރުވެރި އެއްވަނައާ އެކު ގައުމު ވެސް ފަޚުރުވެރި ކޮށްދެމުންނެވެ. އަހަރެން ރާއްޖެ އައުމުން ނިހާގެ އެއް ސެމިސްޓަރއިން ފާސްނުވެގެން އިތުރަށް ކިޔަވަން މަޑުކުރަން ޖެހުނުކަން ވާއިލްއާ ދިމާވި ދުވަހެއްގައި ވާއިލް އޮޅުން ފިލުވައިދިނެވެ. އޭރު ވާއިލް ވެސް ހުރީ ކިޔެވުން ފުރިހަމަ ކުރުމަށްފަހު ރާއްޖެ އައިސް ވަޒީފާގައެވެ. އެތައް ދުވަހެއް ފަހުން ވާއިލްއާ ބައްދަލުވުމުން ގޮވައިލާ ހާލުއަހުވާލު އޭނަ އެހުމުން އަހަރެންވެސް ކުރިން ވީކަން ހަނދާނުން ފޮހެލާ ސާފު ހިތަކާ އެކު ވާއިލްއާ ވާހަކަ ދެއްކީމެވެ. އެހެންނޫނަސް އެއީ ޅަ އުމުރެވެ. މިހާރު މިތިބީ ހަރު މީހުންނަށް ވެފައެވެ.
ވާއިލް ބުނި ގޮތުން އެތަނުގައި ނިހާއަށް އުޅެވުނީ މާރަނގަޅަކަށް ނޫންކަމަށާ އެދެމީހުންގެ ދެމެދު އޮތް ފަސްއަހަރުވީ ލޯބިވެސް ނިހާ ބޮލާލާ ޖަހައިލީ އެތަނުން ދިމާވި އެހެންކުއްޖަކަށްޓަކައި ކަމަށް ވާއިލް ބުނުމުން ނަންދާގެ ހިތުގައި އެދެމީހުންނަށްޓަކައި ވެސް އުފެދުނީ ހަމްދަރުދީއެވެ.
”ނަންދާއަށް އެނގޭތަ، އެ ފިރިހެން ކުއްޖާ ނިހާ ޔޫޒްކޮށްލާފަ އެންމެ ފަހުން ދޫކޮށްލީ! ނިހާ ރޮމުން ރޮމުން އައިސް އަހަރެން ކައިރިން މާފަށް އެދުނު! އަހަރެން ބުނިން މާފްކޮށްފީމޭ! އެކަމަކު އަލަކުން ނުގުޅޭނަމޭ!“ އިސްޖަހައިލަމުން ވާއިލް ބުންޏެވެ. އެހެން އޭނަ ބުންޏަސް އޭނަގެ އަޑުން މިހާރުވެސް ނިހާއަށްޓަކައި އެހިތުގައި އޮތް ލޯބި އަހަންނަށް ފާހަގަ ކުރެވުނެވެ.
ކޯސް ނިންމާލުމަށްފަހު މާލެ އައިސް އަހަރެން ބޭނުންވީ މާދިންއަށް ކިޔެވުމަށް ހިތްވަރު ދިނުމަށެވެ. އޭނާ އަހަންނަށް ހިތްވަރު ދިން ފަދައިންނެވެ. ޚަބަރުވުން ކުޑަވާނެއޭ ބުނި ނަމަވެސް އަހަރެމެން ދެމީހުން އައީ މަދުމަދުން ނަމަވެސް އެކަކު އަނެކެއްގެ ހާލު ބަލަމުންނެވެ. އެހެންކަމުން އަހަރެންގެ ހިތުގައި މާދިންއަށްޓަކައި ކުރިލާ ހެދެމުން އައި ލޯބީގެ އޮށް މަޑުމަޑުން ދިރެމުން ދިރެމުން އައެވެ. އެވާހަކަ އަހަރެން މާދިން ކައިރީ ބުނާނީ މާދިން ވެސް ކިޔެވުން ނިންމާލާ ޕައިލެޓަކަށް ވެގެން ރާއްޖެ އައުމުންނެވެ.
މިއަދަކީ އަހަރެންގެ ހަޔާތުގައި އަހަރެން ދެކެން އެންމެ ބޭނުންވި އެންމެ މުހިންމު ލަނޑުދަނޑި ހާސިލްކުރުމަށްފަހު އޭގެ ނަތީޖާއިން އަހަންނަށް ހާސިލުކުރެވުނު ފަޚުރުވެރި ވަނަ މުޅިރާއްޖެއަށް އިއުލާންވެގެންދާ ދުވަހެވެ. ސަރުކާރުން ދެއްވާ ރާއްޖެއަށް ރީތިނަން ހޯދާ ފަރާތްތަކުގެ އަގުވަޒަންކޮށް އިނާމުދޭ ދުވަހެވެ. އިނާލު ލިބިގަންނަން އަހަރެން ގޮސް ހުރީ އަހަރެންގެ ލޯބިވާ މަންމަ ގޮވައިގެންނެވެ. އެހެންވިޔަސް މާދިންގެ މަތިން އަހަރެން ވަރަށް ހަނދާންވިއެވެ. މި އުފާވެރި ވަގުތު މާދިން އަހަރެންގެ ކައިރީ ހުންނާނެ ނަމައޭ ހިތަށް އެރި އަދަދެއް ވެސް ނޭނގެއެވެ.
އަހަންނާ މަންމަ ކާރުން ފައިބާ އަހަރެންގެ ހެދުން ރީތިކުރަމުން ކުރިއަށް ހިނގައިގަތީމެވެ. ދަރުބާރުގެއަށް ވަންނަ ދޮރާ ދިމާއަށެވެ. އެވަގުތު އެތަނުގައި ވަރަށް ގިނަ މީހުން ތިއްބެވެ. އެކި އުމުރުގެ ދެ ޖިންސްގެ މީހުންނެވެ. އެކި ރޮނގުތަކުން އެކި ދާއިރާތަކުން މަތީ ވަނަތައް ހާސިލުކުރި މީހުންނެވެ. ކޮންމެ މީހެއްގެ މޫނުމަތިން ވެސް ފެންނަނީ އުފާވެރިކަމެވެ.
އަހަންނާ މަންމަ މަގު ހުރަސްކުރަން ހިނގައިގަތީމެވެ. ކުއްލިއަކަށް ރަތްކުލައިގެ ކާރެއް އައިސް އަހަރެމެނާ ކައިރިއަށް މަޑުކޮށްލާ އެއިން ފޭބީ މާދިން އެވެ. އަހަންނަށް ލިބުނީ ކުއްލި ސިހުމެކެވެ. މާދިންގެ ނަމުން ގޮވާލަމުން ދުވެލާފަ ގޮސް މާދިންގެ ގައިގާ ބައްދައިގަނެވުނީއެވެ. ކުރެވުނުކަންތައް އަހަންނަށް އިހުސާސްވީ އިރުކޮޅަކުންނެވެ. އޭރު އަހަރެންގެ މަންމަ ދެލޯ ބޮޑުކޮށްގެން އަހަންނަށް ބަލަހައްޓައިގެން ހުއްޓެވެ. މާދިން ވެސް ހިނިތުން ވެލަމުން އަހަރެން ދުރުކޮށްލާ ”ސަރޕްރައިޒް“ އޭ ބުނެލިއެވެ. އެއީ އުފާވެރިކަމުގެ ކަރުނު އަހަރެންގެ ލޮލުން ފޭބި މަދު ފަހަރުތަކުގެ ތެރެއިން އެއް ފަހަރެވެ.
އޭގެ ހަމަސް ފަހެވެ. މިއަދު އަހަންނަކީ އައިޖީއެމް ހޮސްޕިޓަލުގެ ޑޮކްޓަރަކީމެވެ. މާދިން އަކީ މަންތާ އެއަރގެ ޕައިލެޓެކެވެ. އަދި އޭގެ އިތުރުން އަހަރެންގެ ލޮބުވެތި ފިރިމީހާއެވެ.
-ނިމުނީ-