މެލޭޝިޔާގައި ބާއްވާ 63 ވަނަ ”އިންޓަރނޭޝަނަލް އަލް-ޤުރްއާން ރިސައިޓަލް އެންޑް މެމޮރައިޒިން އެސެމްބްލީ 2023“ ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ކީރިތި ޤުރުއާނާބެހޭ ގައުމީ މަރުކަޒުން މިއަދު ބުނީ މެލޭޝިއާ ސަރުކާރުން އިންތިޒާމު ކޮށްގެން ބާއްވާ މި މުބާރާތުގައި ރާއްޖެއިން އަންހެން އަދި ފިރިހެން ބައިވެރިޔަކު ބައިވެރި ކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ.
އަންނަ އޮގަސްޓް މަހުގެ 6 އިން 12 އަށް ކުއާލަލަންޕޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތަށް ހޮވާނީ ބަލައިގެން ކިޔެވުމުގެބަޔާއި ނުބަލާ ކިޔެވުމުގެ ބައިން ކޮންމެ ބަޔަކުން އެއް ބައިވެރިއެކެވެ. އަދި މި މުބާރާތަށް ބައިވެރިން ހޮވުމުގައި ގައުމީ މުބާރާތަކުން 1 ވަނަ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދޭނެއެވެ.
ބައިވެރިވުމުގެ ޝަރުތުތައް:
1-މި މުބާރާތުގައި މީގެކުރިން ބައިވެރިވެފައި ވާނަމަ ބައިވެރިވި ފަހުން 3 އަހަރު ހަމަވެފައިވުން.
2-މި މުބާރާތުގައި މީގެކުރިން ބައިވެރިވެ މުބާރާތުން 1 ވަނަ ހޯދާފައިވާ ފަރާތެއްކަމުގައި ނުވުން.
3- ތިރީސް ފޮތް ހިތުދަސް ފަރާތެއް ކަމުގައިވުން. (ނުބަލާ ކިޔެވުމުގެ ބައި)
4- 6 އޮގަސްޓް 2023 އަށް 13 އަހަރު ފުރިފައިވުން.
5- މުޅި ޤުރްއާން ތަޖުވީދުމަގުން ފަރިތަކަމާއެކު ދިގުރާގަށް ކިޔަވަން އެނގުން.
މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިކަމަށް އެދި ހުށަހަޅާ ސިޓީ އާއި ވަނަވަރު, އައިޑީ ކާޑުގެ ކޮޕީ އަދި ޝަރުޠު ހަމަވުމަށް ބޭނުންވާ ލިޔުންތައް މި މަހުގެ 11ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން އެ މަރުކަޒަށް ހުށަހެޅުމަށް ޤުރްއާނާބެހޭ މަރުކަޒުން ވަނީ އެދިފައެވެ.
މި މުބާރާތުގައި ބައިވެރިކުރާނެ 2 ބައިވެރިން ހޮވާނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތައް މި މަރުކަޒުން އިމްތިޙާނު ކުރުމަށްފަހު ކަމަށް ޤުރްއާނާބެހޭ މަރުކަޒުން ވަނީ ބުނެފައެވެ.