ތ.ހިރިލަންދޫގައި މާރާމާރީ ހިންގައި ރަށުގެ އަމަންއަމާންކަން ނަގައިލަން މަސައްކަތް ކުރި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ހިރިލަންދޫ ގެއެއްގެ ތެރެއަށްވަދެ މާރާމާރީ ހިންގާފައިވާކަމަށް ރޭ 22:00 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މި މާރާމާރީއާ ގުޅިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކަށް އިންޒާރުދިން މައްސަލައެއް ވެސް ރޭ 22:15 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.
މި މާރާމާރީއާ ގުޅިގެން 49 އަހަރުގެ މީހަކާއި 43 އަހަރުގެ މީހަކަށް އަނިޔާވެފައިވާ ކަމަށާއި އެ ދެ މީހުންނަށް އެ ރަށު ސިއްހީމަރުކަޒުގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް ތ.ވޭމަންޑޫ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މާރާމާރީއާ ގުޅިގެންނާއި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ރަށުގެ އަމަންއަމާންކަން ނަގައިލަން މަސައްކަތް ކުރި 36 އަހަރުގެ މީހަކާއި 32 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.