މުޅި އެދުވަސް މުސްކާން ހެދަކުރީ ރައްޓެހިކުއްޖާގެ ކޮޓަރީގައެވެ. އޮފީހަށް ދެވޭވަރުގެ ހިތްވަރެއް ވެސް މުސްކާންގެ ނެތެވެ. އެއަށްވުރެ އެ ހިތަށް ކޮށްފައިވާ އަސަރު މާފުނެވެ. ރިހާންއާ މެދު ހިތުގައި އުފެދިފައިވާ ޝަކުވާތައް މާގިނައެވެ. އެއަށްވުރެ ބޮޑަށް އެހިތް ގަންނަބިރު މާ ބޮޑެެވެ. ރިހާން ގެއްލިދާނެތީއެވެ.
ލޮލުގެ ފެނުން އަނބުރާ ލިބުނު ވާހަކަ ރިހާން ނުބުނެ ހުރި ސަބަބަކާ މެދު ވިސްނި ވަރަކަށް އެހިތަށް ކުރަމުން ދިޔަ ބާރު ބޮޑެެވެ. ހިތްވަރުކުރަން ބޭނުންވިޔަސް އެހިތް އަބަދު ރޮނީއެވެ. އެންމެ ފަހުން އެރޭ އޮތް ކޮލެޖްގެ ގަޑިތަކަށް ވެސް ދެވޭހާ ހިތްވަރު ނެތި ކިލާސް ވެސް ދޫކޮށްލީއެވެ.
ގަޑިން އެގާރަ ޖެހުމުން މުސްކާން އަކަށް ކެތެއް ނުކުރެވުނެވެ. ރައްޓެހި ކުއްޖާ ކައިރީ ރޮއެ އާދޭސްކޮށްގެން އޭނައާ އެކު ސައިކަލުގައި ގެއަށް އަތުވެއްޖެއެވެ. އެހެންނަމަވެސް ހޭލާ ބަޔަކު ތިބެފާނެތީ ވަންނަން ނުކެރި މުސްކާން ތިރީ ކޮޓަރީގައި މަޑުކޮށްލިއެވެ. މުޅި ދުވަހު ރޮއެ ރޮއެ މީހާ ހުރީ ނުލާހިކު ވަރަށް ވަރުބަލިވެފައި ކަމުން އެ ކޮޓަރީގެ އެނދުގައި ޖެހުނުތަނުން މުސްކާންއަށް ނިދިއްޖެއެވެ. އެކަމަކު ތިނެއް ޖަހާލާ އެހާކަން އިރު ހޭލެވިއްޖެއެވެ. އޭރު މުޅި ޖިސްމަށް ވަނީ ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިފައިކަމުގެ އިޙުސާސްކުރެވެއެވެ. މީހާގެ ސިކުނޑިވެސް މިހާރު ރަނގަޅަށް މަސައްކަތް ކުރާހެން މުސްކާންއަށް ހީވިއެވެ. އަދި ގެއިން ނުކުމެގެން ދިއުމުގެ ޚިޔާލުކުރެވުނީތީ އިންތިހާއަށް ލަދުވެސް ގަންނަން ފަށައިފިއެވެ. އައިންތު ސުވާލުކޮށްފިއްޔާ ދޭނެ ޖަވާބެއް ވެސް ދުލުކުރީ އޮންނަން ޖެހޭނެއެވެ. އަނެއްކާވެސް ޚިޔާލުތަކުން ސިކުނޑި ވާންވާން ފެށުމުން މުސްކާން ގަސްތުކުރީ ތަޅުދަނޑިން ދޮރުހުޅުވާލާފައި ވަނުމަށެވެ. ސިޓިންގރޫމުގައި މަޑުނުކޮށް ޓެރެހަށް އަރާނީއެވެ.
ޓެރެސްގައި ހުރި ސަންބެޑްގައި މުސްކާން އިށީނީ ފިނިވެގެންނެވެ. ރެއަކީ މޫސުން ރީތި ހެޔޮވަރު ވަރަކަށް ވައި ޖެހޭ ރެއެކެވެ. އުޑުމަތި އޮތީ ތަރިތަކުން ފުރިފައެވެ. އުޑުމަތީގެ ހިތްގައިމު ކަމަށް ވިސްނުން ދޫކޮށްގެން މުސްކާން އަކަށް މާގިނައިރަކު ނުހުރެވުނެވެ. އަނެއްކާވެސް ނިދިއަންނަން ފެށުމުން މުސްކާން ގޮސް ސަންބެޑްގައި އޮށޯތީއެވެ.
ދެ ފިކުރެއްގައި ހުރެ ޓެރެސްއަށް އަރައިގެން ދިޔަ ރިހާންއަކަށް އެތާ އެހެން މީހަކު އޮތްކަމެއް ފުރަތަމަ ރޭކައެއް ނުލައެވެ. ރިހާން ވެސް ފުރަތަމަ ބަލަހައްޓައިގެން ހުރީ އަޖައިބެއްފަދަ އެ ރީތި އުޑުމައްޗަަށެވެ. އެކި ކޮޅުކޮޅަށް ދެމިފައިވާ އެކި ބައްޓަމުގެ ވިލާ ކޮޅުތަކަށެވެ. އެ ޚިޔާލުން އަނެއްކާވެސް ރިހާންގެ ޚިޔާލު ގޮސް ގުޅުނީ އެންމެ ލޯބިވާ ފަރާތާ ދެމެދު ޖެހުނުމައްސަލައިގެ ތެރެއަށެވެ. އެ ހިތި ޚިޔާލުގެ ތެރެއަށް މީހާ ގެންގޮސް ގަންބައިލުމުން ދެއަތުން މޫނުގައި ފިރުމައި ލެވުނެވެ. ދެން މަޑުމަޑުން ގޮސް ސަންބެޑާ ކައިރިވެލިއެވެ. އިށީނުމަށެވެ. ނުވަތަ އޮށޯވެ ލުމުގެ ބޭނުމުގައެވެ. ތާޒާ ވަޔާ ހާމަކަން ބޮޑު އެ މާހައުލުގައި ފިކުރުގެ ކަނޑަށް ގެނބި އޮންނަން ވެސް ހިތަށް ވަރަށް ފަސޭހައެވެ. އަމުދުން މުސްކާންއާ ގުޅިފައިވާ އެ މާހައުލުން އެހެން ހިތަށް އަރުވައިލިޔަސް އެ ހިތަށް ކޮންމެވެސް ވަރެެއްގެ ލުޔަކާ ހަމަޖެހުމެއް ވެސް ލިބޭތީއެވެ. އެދެމީހުންގެ ލޯބީގެ މަކާނުގައި ފޮޅުނު މަލެއް ވިއްޔާ ފޮޅުނީ އެތަނުގައި ކަމަށްވަތީއާ ވެސް އެކުގައެވެ.
ސަންބެޑްގައި ނިދފައި އޮތް މުސްކާން އޮތީ ހުވަފެނަކަށް ޣަރަގުވެފައެވެ. ހުވަފެނުގައި ފެންނަނީ މާސިންގާ ބިޔަ ކަނޑެއްގައި، މޫސުން ގޯސް ދުވަހެއްގައި މުސްކާން ދަތުރުކުރަމުން ދަނިކޮށެވެ. އެންމެ ކައިރީގައި އެންމެ ލޯބިވާ ރިހާން ވެސް އިނެވެ. އެތައް ބައިވަރު އެހެން މީހުންނެއް ވެސް ތިއްބެވެ. ކުއްލިއަކަށް ލޯންޗަށް އައި ލޮޅުމެއްގައި ސިއްސައިގެން ގޮސް އެ މާސިންގާ ފުންމިން ނޭނގޭ މާކަނޑުގެ ތެރެއަށް ރިހާން ގެއްލެނީއެވެ. މުސްކާންގެ ލޮލުގެ ކުރިމަތީގައެވެ. މުސްކާންއަށް ހަޅެއްލަަވައިގަނެވެއެވެ. އަދި މުސްކާން ވެސް ކަނޑަށް ފުންމައިލަން އުޅެއެވެ. އެވަގުތު ކައިރީގައި ތިބި މީހުން މުސްކާން ހިފަހައްޓައެވެ. އެކަމަކުވެސް މުސްކާން އަޑުގެ ކޮޅަށް ރިހާންއަށް ގޮވައެވެ. ރޮމުންނެވެ.
”ރިހާން! ރިހާން، އަޅެ ނުދޭ… ރިހާން… އަހަރެން ދޫކޮށްލާފަ ނުދޭ!… އަހަރެން ދޫކޮށްލާފަ ނުދޭ!…ރިހާން!“
ރިހާންއަށް ރީނދޫކުލައިގެ ބޮކީގެ ފަނޑު އަލިކަމުގެ ތެރެއިން ވެސް މުސްކާން ދާހިއްލާ ފޯވެފައިވާތީ ފެނުނެވެ. އަދި އިވެމުން ދިޔައީ މުސްކާން ތެޅި ފޮޅެމުން ރިހާންއަށް ގޮވަމުންދާ އަޑެެވެ. މުސްކާންއަށް ހުވަފެނެއް ފެންނަނީއެވެ. ޔަގީނެވެ. އެއީ ބިރުވެރި ހުވަފެނެކެވެ. މުސްކާންގެ ހަށިގަނޑަށް އަންނަ ލޮޅުމުން އެކަން އެނގެއެވެ.
ރިހާން ގުދުވެލިއެވެ. އަދި މުސްކާންގެ މޫނުގައި ދެއަތުން ހިފަހައްޓައިލިއެވެ. ދެން މަޑު މަޑުން ލޯތްބާއެކު އެމޫނާ ބޮލުގައި ފިރުމައިލިއެވެ.
”މުސްކާން…. މުސްކާން!“ ދެތިން ފަހަރަކު ގޮވައިލުމުން ވެސް މުސްކާން ހެއެއް ނުލިއެވެ. އެހެންކަމުން ރިހާން މުސްކާން ތަޅުވައިގަތެވެ. މަގަތުން ސަންބެޑްގައި އިށީނދެއެވެ.
މުސްކާންއަށް އިވެނީ މުސްކާންގެ ނަމުން ރިހާން ގޮވައި އަޑެވެ. އެ އަޑު އިވުމުން މުސްކާންގެ ހެޅޭކުގެ އަޑު ކެނޑި މީހާވެސް ހަމައަކަށް އެޅިއްޖެއެވެ. ތަކުރާރުކޮށް މުސްކާންގެ ނަން އަޑު އިވެން ފެށުމުން ފެންނަމުން ދިޔަ އެ ބިރުވެރި ހުވަފެނުން މުސްކާންއަށް ހޭލެވިއްޖެއެވެ. މަޑުމަޑުން ދެލޯ ހުޅުވައިލިއިރު މުސްކާންއާ އެންމެ ގާތުގައި އެއިނީ ޔަގީނުންވެސް މިވަގުތު މުސްކާންއާ އެންމެ ގާތުގައި ވުމަށް އެންމެ އެދުނު މީހާއެވެ. އެއާއެކު މުސްކާން އަށް ފުންމައިގެން ތެދުވެ ރިހާން ގައިގާ އޮޅުލައިގަނެވިއްޖެއެވެ.
”ރިހާން، އަހަރެން ދޫކޮށްފައި ނުދޭ، ޕްލީޒް.. ޕްލީޒް… އަހަރެން ދޫކޮށްފައި ނުދާތި!“ އެންމެ ފަހުން ބުނެލި ޖުމުލަ މުސްކާންގެ އަރުތެރެއަށް ހިނދިގެން ދިޔައީއެވެ. އެއީ ހުވަފެނުން ހޭލެވި ހޭވެރިކަން އިހުސާސްވި ހިސާބެވެ. އެހެންނަމަވެސް ރިހާންގެ ގައިން މުސްކާން ދޫކޮށެއް ނުލައެވެ. ސަބަބަކީ ރިހާންގެ ފަރާތުން ރައްދުގައި ލިބެމުންދިޔަ އޯގާތެރިކަމާ ލޯބިވެތި ބީހުމުގެ ސަބަބުންނެވެ.
”މުސްކާން، ހޭލަ ބަލަ! ހުވަފެނެއް ފެނުނީތަ!…. މިއީ ރިހާންއޭ … މުސްކާންގެ ރިހާން! ބަލާބަލަ، އަހަރެން މިހިރީނު!“ ރިހާންގެ ވަހަކަތައް މިފަހަރު ސާފުވެ ކުރިން އުޅެވުނީ ހުވަފެނެއްގެ ތެރޭގައިކަން މުސްކާންއަށް ކަށަވަރުވި ހިނދު ރިހާންއާ އިތުރަށް ކައިރިވެލާ މާބާރަށް ބައްދައިގަނެވުނެވެ. އޭރު ކުރީރެއާ އެ ދުވަހު ހިނގި އެއްވެސް ކަމެއް މުސްކާންގެ ހަނދާނަކު ނެތެވެ.
”އިތުރަށް އެއްވެސް ވާހަކައެއް ނުދައްކައްޗޭ! ހަމަ އެކަނި އަހަރެން ބުނާ އެއްޗެއްގެ އަޑު އަހާލައިގެން ރީތިކޮށް އިނދޭ، އިނގޭ!“ މުސްކާންގެ ނިތުގައި ބޮސްދެމުން ރިހާން ވާހަކަދެއްކިއެވެ. ކުޑަކުއްޖަކު މަސަލަސް ކުރަން އުޅޭ ފަދައަކުންނެވެ. މުސްކާން ވެސް ބޭނުންވީ އެ ވަގުތުކޮޅު ހިތް އެދެމުން ދިޔަގޮތަށް ހުރިހާ ކަމެއް ވެސް ދޫކޮށްލައިގެން އިނުމަށެވެ.
”އަހަރެން މުސްކާން ގާތު ބުނަންވި ވާހަކަ ބުނަން ބޭނުންވީ ވަރަށް ތަފާތު ސަރޕްރައިޒަކާ އެކު…. އެކަމަކު އެވަގުތު ނައިސް ލަސްވަމުން ލަސްވަމުން ގޮސް މާ ލަސްވީ! އެކަން މަންމައަށް އެނގޭނެ. ހުވާ ކޮށްފަ ބުނަން މިކަން ހިނގީ މިހެންކަން….. ހަގީގަތަކީ… މިހެން މިކަން މިވީ ވެސް މުސްކާން ދެކެ އަހަރެން ވަމުން އައި ލޯބީގެ ސަބަބުންކަން….. މުސްކާން އަހަރެން އަތުން ބީވެއްޖެއްޔާ … ބީވެއްޖެއްޔާ އަހަރެންގެ މި ދެލޮލަށް ފެނުމުގެ ކޮންއުފަލެއް އަހަންނަށް އޮތީ!…“ ރިހާންއަށް ބުނެވުނީ އެހައި ވަރަށެވެ. މުސްކާން ރިހާންގެ އަނގަމަތީ އަތްއަޅާ ބާރުކޮށްލިއެވެ.
”ނޫން ނޫން ރިހާން، ތިހެން ނުުބުނޭ!“ މުސްކާން ރިހާންއާ ތަންކޮޅެއް ދުރަށް ޖެހިލިއެވެ. އަދި ދެން ވާހަކަ ކުރިއަށް ގެންދިޔައެވެ.
”އަހަރެން ރިހާން ދެކެ ލޯބިވީ އަހަރެންގެ އިޚުތިޔާރަކު ނޫން. އަހަންނަށް ރިހާން ދެކެ ލޯބި ވެވުނީ އަހަރެން އެ ގޮތަށް އެދިގެނެއް ވެސް ނޫން! ވީއިރު ވީއިރު… އަހަންނަށް ރިހާންއާ ނުލާ ….. އަހަރެންގެ ދިރިއުޅުމުގެ މި ދިގު ދަތުރު ފުރިހަމަ ވާނީ ކިހިނެއް! …. މިބުނީ … އަހަރެން ރިހާން ދެކެ ވަރަށް ވަރަށް ލޯބިވެޔޭ!“ މުސްކާންގެ ވާހަކާގައި ހުރި މައުސޫމުކަމަކުން ރިހާންގެ ގާތަށް ހިނިވެސް އައެވެ. ހަމަ އެއާއެކު އެވާހަކައިގެ ތެދުކަން އަމިއްލައަށް ގަބޫލުވެސް ކުރެވެއެވެ.
”ތިކަން ގަބޫލުކުރަމޭ ލޯބީ…. ގަބޫލުކުރަމޭ!“ އަނެއްކާވެސް ރިހާން މުސްކާން ގަޔާކައިރިކޮށްލިއެވެ. އަދި ބުރަކަށީގައި މަޑުމަޑުން ފިރުމައިލަ ދިނެވެ.
ދެލޯބިވެރިއެއްގެ ދެމެދުގައި އުފެދުނު ކޫސަނި މައްސަލައެއް ތަޤުދީރުގެ އެންމެ ފުރިހަމަ ރޭއްވެވުމުގެ މަތިން ހައްލުވެ ނިމި ދިޔައީއެވެ. ކަނޑުގައި އުފެދުނު ކުޑަކުޑަ ރާޅުބާއްޏެއް މާކަނޑަށް ހިނދިގެން ދިޔަފަދައިންނެވެ. ލޯތްބަކީ އެކަހަލަ އެއްޗެކެވެ.
ބަންގި ގޮވަން ފެށުމުން ރިހާން އެދުނީ މިރޭ ދެން ގޮސް މުސްކާންގެ އެނދުގައި މަޑުމަޑުން އޮށޯވެ ނިދާލުމަށެވެ. އަދި މާދަމާ މުސްކާންގެ މައިންބަފައިން ގާތުން މުސްކާންގެ ކައިވެންޏަށް އަހާނެ ކަމުގެ ޔަގީންކަން ދެމުން މުސްކާންގެ އިނގިލީގައި ހިފައިގެން ސިޑިން ފޭބިއެވެ.
މުސްކާން ބަސްއަހާ ކުޑަކުއްޖަކު ފަދައިން އިސްދަށަށް ޖަހާލައިގެން ދެއަތް ކުރިމައްޗަށް ގެނެސް ދެއަށް ޖޯޑްކޮށްލައިގެން އެއްއަތުން އަނެއް އަތުގައި ހިފަހައްޓާލައިގެން ހުރެ ކޮޓަރިއާ ހަމައަށް ދިޔައެވެ. ދެން ކޮޓަރީގެ ދޮރުމަތީ މަޑުކޮށްލުމަށްފަހު އެނބުރިލާފަ އަނެއްކާވެސް ރިހާންއަށް ބަލައިލިއެވެ. ރިހާން ހުރީ ސިޑީގެ އެންމެ ތިރީ ހަރުފަތުގައި މަޑުކޮށްލައިގެންނެެވެ. އެއްއަތުން ރެއިލިންގައި ހިފަހައްޓާލައިގެން އަނެއް އަތުން ޖިންސްގެ ޖީބަށް އަތް ޖަހާލައިގެންނެވެ. މުސްކާން ބަލައިލިތަން ފެނުމުން ރިހާން ހިނިތުންވެލިއެވެ. އަދި މަޑު މަޑުން ބޯޖަހައިލިއެވެ. ޖަވާބުގައި މުސްކާން ވެސް ހިނިތުން ވެލިއެވެ. އެއީ މުސްކާންގެ މޫނުމަތިން ރިހާންއަށް މިހާތަނަށް ފެނުނު އެންމެ ހިތްގައިމު އެންމެ އަސަރު ކުރުވި ހިނިތުންވުމެވެ. ތެދުވެރި ލޯތްބެއްގެ ހަމަހިމޭން ބަސްމޮށުމުން ހިތަށް ފިނިކަމާ އުފާވެރިކަން ހޯދަމުން ދެ ލޯބިވެރިން އެވަގުތަށް ވަކިވީއެވެ.
ހެނދުނު މުސްކާން އޮފީހަށްދާ ގަޑި ކައިރިވުމުން އައިންތު ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. އައިންތު ފަތިސްނަމާދަށް ތައްޔާރުވާން ފާޚާނާގައި ހުރެފައި ނިކުތްއިރު އެނދުގައި ނިދިފައި އޮތް މުސްކާން ފެނުމުން އެ ހިތަށް ހަމަ ޖެހުން ލިބުނެވެ. މުސްކާން ގެއަށް އެއައީ އައިންތު ނިދިފަހުންނޭ ހިތަށް އެރިއެވެ. އެހެންކަމަށް ވަންޏާ މުޅި ދުވަހު މުސްކާން އެ އުޅުނީ ކޮންތާކުބާވައެވެ. މުސްކާންއަކީ ވިސްނޭ ކުއްޖެކެވެ. ކަތި ފިޔަވަޅެއް މުސްކާން ނާޅާނެއެވެ. މުސްކާންއަށް އޮންނަ އިތުބާރަކުން އައިންތުގެ ހިތް މުސްކާންއަށް އަބަދު ވެސް ހެވެވެ. އެހެންކަމުން އެވަގުތު އައިންތު ކޮޓަރިން ނިކުތީ މުސްކާންއަށް ނުގޮވައެވެ.
އައިންތު ކޮޓަރިއަށް ވަންއިރު މުސްކާން އުޅެނީ ފާޚާނާގައެވެ. އެހެންވެ ދެ ފަހަރަކު ޓަކި ޖަހާލާފާއި ތައްޔާރުވެގެން ސައިބޯން އަންނާށޭ ބުނެފާ އައިންތު ނިކުތީއެވެ.
މުސްކާން އޮފީހަށް ދާން ގެއިން ނިކުތްފަހުން ހައިދަރު އައިސް ސައިބޯން އިށީނެވެ. ހައިދަރު އޮފީހަށް ދިއުން ގަސްދުގައި މިއަދު ލަސްކޮށްލީއެވެ. ބޭނުމެއް ވެސް އޮވެގެންނެވެ.
”ދަރިފުޅު މިއަދު ހާދަ ލަހަކުން!“ ލަސްވި ސަބަބު އޮޅުން ފިލުވަންވެގެން އައިންތު ހައިދަރާ ސުވާލުކުރީ ސިންކް ކައިރީ ހުރެއެވެ.
”މަންމައާ މުހިންމު ވާހަކައެއް ދައްކަން ވެފަ އޮތުމުން!“ ހައިދަރުގެ ޖަވާބު އަޑު އިވުމުން އައިންތު އައިސް ހުއްޓުނީ މޭޒުކައިރީގައެވެ.
”މަންމަވެސް ދައްކަން ބޭނުން ވަރަށް މުހިންމު ވާހަކައެއް އެބައޮތޭ! ދަރިފުޅާ ދިމާ ނުވެގެން ނުދެއްކި މިހިރީ!“ އައިންތު ގޮނޑީގައި އިށީނެވެ.
”އެހެންތަ! އެއީ ކޮންވާހަކައެއް!“ ހައިދަރު އެ ވާހަކަ އަޑު އެހުމުގެ މާބޮޑު ޝައުގެއް ނެތަސް ސުވާލުކުރިއެވެ.
”މަންމަ ބުނީ މިއަދު އެބަ އާދޭ މުސްކާންގެ މަންމައާ ބައްޕަ!….“
”އެހެންތަ! އެމީހުން ބުނިތަ އަންނަ ވާހަކަ!“ އައިންތުގެ ވާހަކަ ނިމެންދެންވެސް ހައިދަރަކަށް ނީދެވުނެވެ. ލިބުނު އުފަަލަކުން މަންމަގެ ވާހަކަ މެދު ކަނޑާލާފައި ހައިދަރު ސުވާލުކުރިއެވެ.
”އާން….. މަންމަ ގުޅާފަ ބުނިން ރިހާންއާ މުސްކާންގެ ކައިވެނި އަވަސްކުރަން ބޭނުމޭ!…..“
”މުސްކާންއާ ރިހާން؟؟؟؟!“
Dhen inn bai kon dhuvahakun tho genesdheny???
Kobaatho dhen 30 vana bai
Alhey mihaa dhu vas kofahaadha kuru kon
ހާދަ ދުވަހެންކޮއްފަޔޭ މިވާހަކަ މިފެނުނީ ނިމެއްދެން މިވާހަކަ ގެނެސްދެއްޗޭ