”ދަރިފުޅާ ޒޫނާ! ތެދުވެ ބަލަ! ގަޑިން މިހާރު އެއޮތްގެން ބާރަ ޖަހަނީނު!“ ޒާހިރާ އޭނަގެ ދޮށީ ދަރިފުޅު ޒޫނާއަށް ގޮވަމުން ބުންޏެވެ.
”ތެދުވެ މޫނު ދޮވެލައިގެން ދޭބަލަ ބޮޑުދައިތަމެންގެއަށް އެހެރަ ތަށިބަރި ލައިދޭން! އެމީހުން މިހާރު ނާންނަކަމެއްވެސް ނޭނގެ!… ތަންކޮޅެއް އަވަސްކޮށްބަލަ!“ މި ފަހަރު އެ އަޑުގައިވަނީ ހިތްހަމަ ނުޖެހުމެވެ.
މި ތެދުވަނީއޭ މަންމާއޭ ޒޫނާ ބުނުމުން ޒާހިރާ ގޮސް ވަނީ ފާޚާނާއަށެވެ.
ޒޫނާ ތެދުވަނީކަމަށް ބުންޏަސް އެނދުގެ މެދުގައި ދެލޯ އުނގުޅާލަ އުނގުޅާލާ ޒޫނާ އިނީއެވެ. ކޮންމެހެން ތެދުވާކަށް ޒޫނާ ނޫޅެއެވެ. ނޫރައިން އައިސް ކޮަޓަރިއަށް ވަނީ ޒޫނާ އެހެން އިންދައެވެ. ”އަޅެ! ދޮންތާ ދޭބަލަ މަންމަ އެބުނި ތަށިބަރިއެއް ބޮޑުދައިތަމެންގެއަށް ލައިދޭން. އަހަރެން އަދި… ނަގާނެނު ވަގުތުކޮޅެއް!“ ނޫރައިން ބަލައިލީ ޒޫނާގެ މޫނަށެވެ.
”މަންމަ ރުޅިއަންނާނެނު ދޮންތަ ދިޔައިމަ! ކޮއްކޮ ދޭ!“ އެ ބުނާ ބޮޑުދައިތަގެއަކަށް ނޫރައިން ދިއުން ދޮންމަންމަ ޒާހިރާ އޮންނަނީ ނޫރައިންއަށް މަނާކޮށްފައެވެ. ސަބަބެއް އެއްގޮތަކަށް ވެސް ނޭނގެއެވެ. ދޮންމަންމައާ ނޫރައިންގެ ބޮޑުދައިތައާ އެއީ ވަރަށް ގާތް ދެ އެކުވެރިންކަން ފިޔަވައި ނޫރައިންއަށް އެނގޭ މާބޮޑު އެއްޗެއް ނެތެވެ.
އެންމެ ފަހުން ޒޫނާ ކިޔާ ވަރުން އެ ބުނާ ތަށިބަރި ހިފައިގެން ބޮޑުދައިތަމެންގެއަށް ދިޔައީ ނޫރައިން އެވެ. ބޮޑުދައިތަ ނޫޅުނަސް އެގޭ ގެންގުޅޭ މީހާ ގޭގައި އުޅޭނެތާއެވެ. ނޫރައިން ވަދެގެން ދިޔަގޮތަށް ގޮސް ތަށިބަރި ކާކޮޓަރީ މޭޒުމަތީ ބެހެއްޓިއެވެ. އަދި ގެންގުޅޭ މީހާއަށް އެ ތަށިބަރި ހުރިކަން އަންގާލުމަށްޓަކައި އޭނާ ކޮބައިތޯ ގޭގެ ސިޓިންގރޫމަށް ހިނގައިގަތެވެ. އެތާ ވެސް ނެތްކަން އެނގުމުން އިތުރަށް ހޯދަން ނޫޅެ ނޫރައިން ހިނގައިގަތީ ސިޓިންރޫމުގެ ދޮރު ލައްޕާލުމަށްފަހު ގޭގެ ފުޅަލިއާ ދިމާއަށެވެ. އެވަގުތު އެ ގޭގެ ފާރު ކައިރީ ހައްދާފައި ހުރި ފިނިފެންމާ ގަހުގައި ހުރި މާކޯޅިތަކަކަށް ނޫރައިންގެ ސަމާލުކަން ހުއްޓައިލެވުނެވެ. އެހެންނަމަވެސް އެގޭގައި އިތުރު މީހަކު ފެންނަން ނެތުމުން އެންމެ ރަނގަޅުވާނީ އަވަހަށް ގެއަށް ދިއުން ކަމަށްވާތީ ފުޅަލީގެ ދޮރު ހުޅުވުމަށް ނޫރައިން އަވަސްވެގަތެވެ. ފުޅަލީގެ ތަޅުގައި ހިފާ އަނބުރާލަމުން ބޭރަށް އެޅި ފުރަތަމަ ފިޔަވަޅާއެކު މީހެއްގެ ގައިގާ އަޅައިގަތުމުން ނޫރައިން ދެލޯބޮޑުކޮށްލާފަ ތެޅިގަތެވެ. ދެންވެސް ވީ ވަރަށް ދެރަކޮށެވެ. ތެޅިގަތުމުން ފައި ފުރޮޅާލައިގެން އަރިއަކަށް ބިންމައްޗަށް ނޫރައިން ވެއްޓުނީއެވެ. ވީ ތަދުންނާ ގަތްލަދުން ތެދުވަންނުކެރި އިންދާ މުޑިޖެހުނު މީހާ ގުދުވެ ތަދުވިތޯ ނޫރައިން ގާތު އަހައިލއިެވެ. އިސްޖާހާލައިގެން އިން ނޫރައިން ނޫނެކޭ ބުނެ ބޯ ޖަހައިލަމުން އެއް އަތުން ފާރުގައި ހިފާ ތެދުވެ ހިން ދެމިލިއެވެ. އެވަގުތަކީ ބޮޑުދައިތަ ކާރުން ފައިބައިގެން ގެއަށް ވަންނަން އައި ވަގުތެވެ. ވަގުތުން ބޮޑުދައިތަގެ މޫނުގެ ކުލަ އަނދިރިވެއްޖެއެވެ. އަދި ދަރިފުޅާ އަވަހަށް އެތެރެއަށް ވަދޭ އޭ ބުނަމުން ބޮޑުދައިތަ ނޫރައިން ފަސްދީ ގޯތިތެރެއަށް ވަދެގެން ދިޔައީ ނޫރައިން އެތާ ހުރިކަމަށްވެސް ހަދާނުލައެވެ. ބޮޑުގައިތަގެ މޫނަށް ބަލަަހައްޓައިގެން ހިނިތުންވެލައިގެން ހުރި ނޫރައިންގެ ހިތުގައި ވަރަށް ބޮޑަށް ޖެހުނެވެ. ލަދުވެސް ގަތެވެ. ނޫރައިންގެ މަންމަ ދުނިޔޭގައި ހުރިއިރު ބޮޑުދައިތައާ ޖެހުނު މައްސަލައެއްގައި އަދި ވެސް ނޫރައިން ދެކެ އެ ހުންނަނީ ރުޅިއައިސްފައެވެ.
އެ ދުވަހުގެ ހަވީރުގެ ވަގުތެވެ. ނޫރައިން އުޅުނީ ގޭގެ ގޯތިތެރޭގައި ހުރި ގަސްތަކަށް ފެން ދިނުމުގައެވެ. ދޮންމަންމައާ ޒޫނާ ވީ ބޮޑުދައިތަމެންގެއަށް ގޮހެވެ. ކުއްލިއަކަށް ގޭގެ ދޮރާށި ހުޅުވާލާފައި މީހަކު ސަލާމް ގޮވައިލުމުން ނޫރައިން ގެންގުޅުނު ފެންހޮޅި ބޭއްވުމަށްފަހު ސަލާމް ބަލައިގަންނަމުން އެ ދިމާއަށް ހިނގައިގަތެވެ. ނޫރައިިންއަށް ފެނުނީ އިސްކޮޅުން ދިގު އޮޅަލިކުލައިގެ ފިރިހެނެކެވެ. ދޮން މީހަކަށް ނުވިއަސް އެ ޒުވާނާއަށް ލިބިފައިވަނީ ފެންނަ ކޮންމެ މީހަކުވެސް ދެވަނަ ފަހަރު ދެކިލާހިތްވާ ފަދަ ރީތި ކަޅިރަވައެކެވެ. އަދި އޭނަގެ މޫނުގެ ފުރިހަމަކަން އިތުރުވަނީ ހީނލާއިރު އެ ފާޅުވާ ރީތި ހުދު ދަތްތަކުންނެވެ. އެއީ މެންދުރު ބޮޑުދައިތަމެންގެއިން ދިމާވި ޒުވާނާއެވެ. އެކަން އެނގުމުން ނޫރައިންއަށް ލަދުން ގޮސް މޯޅިވެވުނެވެ. އޭނާއަށް ވެސް އެކަން އެނގުނީކަންނޭނގެއެވެ. އޭނާ ހުރީ ސީދާ ނޫރައިންގެ ދެލޮލަށް ބަލަަހައްޓައިގެންނެވެ. އިރުކޮޅަކުން ލާނެއް ގޮތަކަށް ހީނލަމުން ޒޫނާ ކޮބައިތޯ އަހައިލިއެވެ. އަދި ތިއީ ނޫރައިން ދޯއޭ ވެސް ބުންޏެވެ. ޒޫނާމެންވީ ބޮޑުދައިތަމެންގެއަށް ގޮހޭ ބުނަމުން ނޫރައިން އިސްޖަހައިލއިެވެ.
އެވަގުތު އަހަންނަކީ އަމްސަލް އޭ ބުނެ ތަޢާރަފް ވަމުން ސަލާމަށް އޭނާ އަތް ދިއްކޮށްލިއެވެ. ނޫަރައިންއަށް ބަލައިލެވުނީ އޭނަގެ ދެ އަތަށެވެ. އަތުގައި ކޮންމެވެސް ވަރަކަށް ފެންހުރުމުން ސަލާމް ކުރާކަށް ނޫރައިން ނޫޅުނެވެ. އެކަން އެނގުމުން އަމްސަލް ކުރިއަށް ޖެހިލާ ނޫރައިންގެ އަތުގައި އަމިއްލައިން ހިފާ ސަލާމް ކޮށްލިއެވެ. އަދި ފަހުން އަންނާނެ ކަމަށް ބުނެފައި ދިޔައީއެވެ.
އެރޭ ނިދަން އޮށޯވެ ޒޫނާ ދެއްކީ އަމްސަލްގެ ވާހަކައެވެ. މަންމައާ ބޮޑުދައިތައާ ވެގެން އަމްސަލްގެ ކައިވެނި ޒޫނާއާ ހަމަ ޖައްސަމުންދާ ވާހަކައާ އެކަމަކު ޒޫނާ އެކައިވެނި ކުރަން ބޭނުން ނުވާ ވާހަކައެވެ. ޖެހިގެން ހުރި އެނދުގައި އޮތް ނޫރައިން އޮޅުންފިލުވަން ބޭނުންވީ ޒޫނާ އަމްސަލް ކަހަލަ ކިޔަވައިގެން ހުރި މީހަކާ އިންނަން ބޭނުން ނުވާ ސަބަބެެވެ. އެހާ ކަޅުކޮށް ތިބޭ ފިރިހެނުން ޒޫނާއަށް ކަމު ނުދާ ވާހަކަ ޒޫނާ ބުނުމުން ނޫރައިން ގާތަށް އައީ ހިންޏެވެ.
”ކީއްކުރާނީ! އަހަރެން ބޭނުން ނޫނަސް މި ކައިވެނި އެ މަންމަގަނޑު ކުރުވާނެ! …. އަހަންނަށް ހީވަނީ ބައްޕަ ބޮލަށް ވަންނަން ވީހެން! ބުނަންވީ މިގޭގެ އެހެން މީހަކާ އަމްސަލްގެ ކައިވެނި ކުރުވާށޭ! އަހަންނަކަށް ކަމަކު ނުދެއޭ!“ ޒޫނާ ދައްކަމުން ދިޔަ ވާހަކައިން ސަމާސާގެ އަސަރު ކެނޑި ސީރިއަސްކަން ފާޅުވުމުން ނޫރައިން ނިދާކަމަށް ހެދުނެވެ. އެންމެ ފަހުން ޒޫނާ ހީކުރީ ނޫރައިން ނިދީކަމަށެވެ. އެހެންކަމުން ވާހަކަ ހުއްޓާލާފައި ޒޫނާ ވެސް ނިދީއެވެ.
އެހެންވިޔަސް ނޫރައިންގެ ޚިޔާލީ ވާފަށަށް ބާރުވަމުން ދިޔައީ ޒޫނާ ދެއްކި ވާހަކައިންނެވެ. ޒޫނާ އެބުނި ގޮތަށް އަމްސަލްގެ ކައިވެނި ނޫރައިންއާ ކުރުވާ ގޮތަށް ހަމަ ޖެހޭނެ ނަމައެވެ. ދެބެންކުރެ ބޮޑީވެސް ނޫރައިން އެވެ. އަނެއްކޮޅުން ނޫރައިންއާ އަމްސަލްގެ ފުރަތަމަ ބައްދަލުވުމަށްފަހު ނޫރައިންއަށް އެ ޚިާލުތަކާ ވައްކެއް ވެސް ނުވެވުނެވެ. އަދި ހަވީރު ޒޫނާމެން އެގެއަށް ދިޔަ ގަޑީގައި އަމްސަލް އެގެއަށް އައިސް ނޫރައިންއާ ދިމާއަށް އެހެރަ ބަލައިލި ގޮތުން ވެސް ނޫރައިންގެ ހަތަރެސްފައި ފިނިވެގެން ދިޔައެވެ. އެހެންނަމަވެސް އަމްސަލް އަކީ ނޫރައިންއާ އެކަށީގެންވާ މީހެއް ނޫންކަން ޚުދު ނޫރައިން ގަބޫލުކުރެއެވެ. ދެބެއިންކުރެ ނޫރައިން ދޮއްޓަސް މޮޅަށް ކިޔަވައިގެން ވެސް ހުރީ ޒޫނާއެވެ. ނޫރައިން ހަމަ އެކަނި އޯލެވެލް ހެދިކަމެވެ. އިތުރަށް ކިޔަވާކަށް ފުރުސަތެއް ނުލިބުނެވެ. ޒޫނާ އެހެރަ މަތީ ތަޢުލީމް ހާސިލުކުރަނީއެވެ. ހިތަށް އައި އެތައް ޚިޔާލުތަކެއްގެ ސަބަބުން ނޫރައިންގެ ދެލޯ ތެމިގެން އައެވެ.
އަމްސަލްއާ ޒޫނާގެ ކައިވެނީގެ ކަންތައްތައް ދެ އާއިލާގެ މީހުން ހަމަޖައްސަމުން ދިޔައިރު އަމްސަލް ޒޫނާއާ ބައްދަލުކުރުމަށް އެގެއަށް ކޮންމެ ރެއަކު އާދެއެވެ. އެ ދެމީހުންނަށް ވަގުތު ދީފައި ދޮންމަންމަ ދާނީ ކޮންމެވެސް އަވައްޓެރިއެއްގެ ގެއަށެވެ. ހަމަ ދިއުމާ އެކު ޒޫނާ ތެދުވެގެން ކޮޓަރިއަށް ވަންނާނެއެވެ. ދެން ބޭރަށް ނެރޭނީ ނޫރައިންއެވެ. ނޫނެކޭ ބުނެފިއްޔާ ރޮއެ އާދޭސްކޮށްގެންނެވެ.
”ތިހެން ހަދާކަށް ނުވާނެނު! އޭނަ ކިހާ ދެރަވާނެ ކޮއްކޮ ކޮންމެ ރެއަކު އޭނަ އެކަނި ސިޓިންގރޫމުގައި ބައިންދާފަ ކޮޓަރިއަށް ވަނީމަ! އެހެންނޫނަސް ކޮއްކޮއާނު އޭނަގެ ކައިވެނި ހަމަ ޖެހިފަ އޮތީ ވެސް!“ ނޫރައިން ބޭނުންވަނީ ކޮއްކޮއަށް ދައްތައެއްގެ ހައިސިއްޔަތުން ވިސްނައިދޭށެވެ. އެހެން ވިޔަސް ޒޫނާ އެވާހަކަތަކަށް ފާޅުގައި އިންކާރު ކުރެއެވެ. އެންމެ ފަހުން އަމްސަލް އެކަނި ބައިންދަން ނުކެރިގެން އަމްސަލް ކައިރިއަށް ސިޓިންގރޫމަށް ނިކުމެ އިންނަނީ ނޫރައިންއެވެ. ދެމީހުން ކުރެ އެކަކު ވެސް އެހެން ތިބޭއިރަކު ވާހަކައެއް ނުދައްކައެވެ. ކޮންމެ މީހެއްގެ ވެސް ސަމާލުކަން ހުއްޓިފައި ހުންނަނީ އަތުގައި އޮންނަ ފޯނަށެވެ. ގަޑިން ދިހައެއް ޖެހުމުން ދަނީ ކަމަށް ބުނެފައި އަމްސަލް ދަނީއެވެ. ވާހަކަ ދެކެވެނީ ހަމަ އެކަނި އެހާ ވަރަށެވެ.
ޒޫނާ އާއި އަމްސަލްގެ ކައިވެނި ހަމަޖެހިފައިވާ ތާރީޚުގައި ކުރުމުގެ ހުރިހާކަމެއް ތައްޔާރުވެ ވަގުތު އައިސް ޖެހުމުން އަމްސަލް ބޭނުންވީ ސީރިއަސްކޮށް ޒޫނާއާ ބައްދަލުކޮށް ކައިވެންޏާ ބެހޭގޮތުން ވާހަކަ ދެއްކުމަށެވެ. އެހެންކަމުން އެވާހަކަ މެސެޖަކުން ޒޫނާއަށް އަމްސަލް އެންގިއެވެ. ހަދާނެ ގޮތެއްގެ ޚިޔާލު ޒޫނާ އެހީ ނޫރައިން ގާތުންނެވެ. ނޫރައިންގެ ލަފަޔަކީ މައިންބަފައިން ބުނީތީ އެކައިވެނި ކުރުމަށެވެ. ސަބަބަކީ އަމްސަލް އަކީ ކިޔަވައިގެން ހުރުމުން ރަނގަޅު ވަޒީފާއެއް އަދާކުރާނެ މީހަކަށް ވެސް ވާނެތީއެވެ. އަނެއް ލަފަޔަކީ ލޯބި ނުވާމީހަކާ އިނުމަކީ ދެފަރާތަށް ވެސް ގެއްލުން ހުރި ވޭން ދެނިވި ކަމަކަށް ވާނެތީ އެކަން ނުކުރުމެވެ. ނޫރައިން ދިން ޖަވާބުން ނިންމާނެ ކޮޅެއް އެއް ގޮތަކަށް ވެސް ޒޫނާ އަކަށް ނޭނގުނެވެ. އެންމެ ފަހުން ގޮތް ނުނިމި އެރޭ އަމްސަލްއާ އެކު ޒޫނާ ބޭރަށް ދިޔައީ ސާފު ޖަވާބެއް އަމްސަލްއަށް ދޭން ޖެހޭތީއެވެ.
ކައިވެނީގެ ތާރީޚްކަމުގައި ކަނޑައެޅުނު ދުވަހުގައި ޒޫނާ އާއި އަމްސަލްގެ ކައިވެނި ކުރެވިއްޖެއެވެ. ޒޫނާ ދިޔައީ އަމްސަލްގެ ގެއަށެވެ. ދެ މައިދައިތައިން ތިބީ އުފަލުން ފޮޅިފައެވެ. އެހެންނަމަވެސް އެތެރެ އެތެރެއިން އެއްވެސް ހަގީގީ އުފާވެރިކަމެއް ނުލިބި ބޭރުފުށުން އުފާވެރިކަން ދައްކައިގެން ޒޫނާ އާއި އަމްސަލް ތިއްބެވެ. މިކުރެވޭ ކައިވެނި ކާމިޔާބު ކުރެވޭނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތި އަމްސަލް ހުރިއިރު މިކައިވެންޏަކީ ސައްތައިން ސައްތަ ބޭކާރު ކައިެވންޏެއްކަން ޒޫނާއަށް އެނގެއެވެ. އަނެއްކޮޅުން އެރޭ ނޫރައިން އަކަށް އެއްގޮތަކަށް ވެސް ނުނިދުނެވެ. ދެލޯ ކުރިމަތީ އަމްސަލްގެ ސޫރަ ސިފަވާތީއެވެ. ކައިވެނީގެ ވަގުތު އެ ދެލޮލުން ފެނުނު ނާއުންމީދާ މާޔޫސްކަމުގެ ކުލަވަރު ފެނުނު ހަމައެކަނި ފަރާތަކީ ނޫރައިން ބާވައޭ އޭނާ ހިތަށް އެރިއެވެ. އެހެން އިނދެފައި ނޫރައިންގެ މޫނަށް ދެ ފަހަރަކު އަމްސަލް ބަލައިލިއެވެ. އެ ދެލޮލުން ނޫރައިން ގާތު ކޮންމެވެސް ވާހަކައެއް ބުނަން ބޭނުންވާހެން ނޫރައިންއަށް ހީވިއެވެ. އެހެންނަމަވެސް އެއީ ހީއަކަށް ނޫނީ ނުވާނެކަން ނޫރައިންއަށް އެނގެއެވެ.
ބޮޑުދައިތަ އުންމީދުކުރި ފަދަ ޅީދަރިއަކަށް ޒޫނާއެއް ނުވިއެވެ. މުސްކުޅިއުމުރުގައި ފިރިހެންދަރިފުޅުގެ އަނބިމީހާގެ ފަރާތުން ލިބޭނެކަމަށް އުންމީދުކުރި އެއްވެސް ފަސޭހައެއް ނުލިބުނުތާގައި ޒޫނާއަށް ކައްކާފައި ކާންދޭން ވެސް ޖެހުނީ އަމްސަލްގެ މަންމައަށެވެ. މިކަމާ ފުރަތަމަކޮޅު އެއްވެސް އެއްޗެއް ނުބުނަން އަމްސަލްގެ މަންމަ ނިންމައިގެން ހުރީ އެ ކައިވެނި ކުރެވުނީ ދަރިފުޅުގެ މާބޮޑު ޝައުގެއް ހުރެގެން ކަމަށް ނުވެފައި އޭނަގެ ރަޙުމަތްތެރިޔާއާ އޭނައާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރެވުނު ކައިވެންޏަކަށް އެކައިވެނި ވާތީއެވެ. އަނެއްކޮޅުން އަމްސަލް ވެސް ޒޫނާ ލައްވާ އެއްވެސް ކަމެއް ކުރުވާކަށް ވެސް ނޫޅެއެވެ. ކޮންމެ ކަމެއް ބޭނުންވިޔަސް ބުނަނީ އޭނަގެ މަންމަ ކައިރީގައެވެ. އެ މަންމައަށް ނޭނގެނީ އެއްކޮޓަރީގައި ނިދިއަސް އެ ދެމަފިރިން ދެތަނެއްގައި ނިދާކަމެވެ. ދެމަފިރިކަމުގެ ގުޅުމެއް ކީއްކުރަން އެކުވެރި ކަމުގެ ގުޅުމެއް ވެސް އެދެމެދުގައި ނެތްކަމެވެ.
އަމްސަލްގެ ކައިވެނި ކުރެވުނުތާ ފަނަރަވަނައަށް ވީދުވަހެވެ. ޒޫނާ ދަބަހެއް ހިަފއިގެން ގޮސް ކާރަށް އެރިތަން ފަތިހު މޫދަށް ގޮސްފައި ގެއަށް އައި އަމްސަލްގެ މަންމައަށް ފެނުނީ ތަންކޮޅެއް ދުރުންނެވެ. މި ފެނުނު މަންޒަރާ މެދު އަމްސަލްގެ މަންމަ ހުރީ ވަރަށް ސުވާލު އުފެދިފައެވެ. އެހެންކަމުން ބާރަށް ހިނގާލާފައި އައިސް އަމްސަލްއަށް ގޮވާ ބޭރަށް ނެރުނެވެ. އަދި ޒޫނާ ދިޔަ ސަބަބަކާ މެދު ސުވާލުކުރުމުން އަމްސަލް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އެދެމީހުން ކުރެ އެކަކުވެސް އެކައިވެނި ކުރަން ބޭނުން ނޫން ކަމަށާ ދެމީހުން ވެސް އެކައިވެނި ކުރީ މައިންބަފައިންނަށްޓަކައި ކަމަށް ބުނުމުން އަމްސަލްގެ މަންމަ ވަރަށް ދެރަވިއެވެ. އަދި ދެން ދުވަހަކު ވެސް ދަރިފުޅަށް އެއްވެސް ކަމަކަށް ބާރު ނާޅާނެކަމަށާ ދެން ދަރިފުޅުގެ ހަޔާތުގެ ބައިވެރި އަކު ހޮވާނީ ދަރިފުޅު އަމިއްލައަށްކަމަށް ވެސް ބުނެ އިޚުތިޔާރު ދިނެވެ. އަމްސަލް ވެސް ބުނީ ފުރަތަމަ ކައިވެނި ނާކާމިޔާބު ވިޔަސް ދެން އަމްސަލްގެ އަނތްބަކަަށް ގެންނާނީ މަންމައަށް ފަސޭހަކޮށްދީ އޭނަގެ ކަންކަން ބަރާބަރަށް ކޮށްދެވޭ ވަރުގެ މީހެއްކަމަށެވެ. އެވަގުތު އޭނަގެ ޚިޔާލީ ދުރުމީއަށް ތަސްވީރުވެގެން އައީ އެފަދަ އަންހެންކުއްޖަކަށް މިވީހާތަނަށް އޭނައަށް ފެނުނު ހަމައެކަނި ކުއްޖާއެވެ.
ޒޫނާ އެނބުރި ގެއަށް ދިޔުމުން ޒޫނާގެ މަންމަ ޒޫނާއަށް ވަރަށް އެއްޗެހި ގޮވިއެވެ. އަނގައިން ވެސް ނުބުނެ އެތައް ދުވަހެއް ވަންދެން ހުއްޓެވެ. މަންމަގެ ރުޅިވެރި މޫނު ބަލާކަށް ޒޫނާއަކަށް ވެސް ފަސޭހައެއް ނޫނެވެ. އެ އުނދަނގޫ ވަގުތު ވެސް އޭނައަށް ހިތްވަރުދީ ހެދީ އެއްބަފާ ދޮންތައެވެ. މަންމަ ދޮންތައާ މެދު ކޮންމެ ގޮތަކަށް ކަންކުރިޔަސް ޒޫނާގެ ހިތް އަބަދުވެސް ދޮންތައަށް ހެވެވެ.
ނޫރައިންގެ ހިތުގައި އަމްސަލްއާ މެދު އުފެދެމުން އައި އިޙްސާސްތައް ކަފުން ކޮށްލަން ނިންމީ ކޮއްކޮއާ އަމްސަލް އިން ހިސާބުންނެވެ. އެހެންނަމަވެސް އެއީ ނޫރައިންގެ އިޚުތިޔާރުގައި އޮތްކަމެއްނޫނެވެ. އެކަނިވެލާއިރަށް ދެލޮލުގެ ކުރިމަތީ އެންމެ ފުރަތަމަ ފަހަރެކޭ އެއްފަދައިން އަމްސަލްގެ ސޫރަ ސިފަވަމުން ދިޔައެވެ. އަދި އެއަށްފަހު ކޮއްކޮގެ ކައިވެނީގެ ރޭ އަމްސަލްގެ ދެލޮލުން އެ ފެނުނު މޮޅިވެރިކަން ނޫރައިންގެ ހިތް ކަތިލައިފިއެވެ. އެ ވަގުތުކޮޅު ހިތަށް އަންނަ ކޮންމެ ފަހަރަކު ނޫރައިންގެ މުޅި ވުޖޫދަށް އެނގުން ވެގެން ދެއެވެ. ހިތަށް ތޫނު ކަށިތަކެއް ހަރާލެވޭހެން އިހުސާސްކުރެވެއެވެ. އެހެންނަމަވެސް ނޫރައިންއަށް ނޫރައިންގެ ނިކަމެތިކަން އިހްސާސްކުރެވެއެވެ. ވީއިރު ނޫރައިންއަށް އަމްސަލް ލިބޭނީ ކިހިނެއްހެއްޔެވެ!
އަމްސަލްގެ ހިތުގެ ކަނެއްގައި އެ އަންހެންކުއްޖާގެ ސިފަ ކުރެހުނީ އިއްޔެއަކު މިއަދަކު ނޫނެވެ. ވަރަށް ތުއްތުއިރު އަމްސަލްގެ މަންމަ ދެކިލަން ބޮޑުބޭބެ އެގެއަށް އަންނައިރު އެއަންހެންކުއްޖާ ގޮވައިގެން އާދެއެވެ. ބައެއް ފަހަރު އަމްސަލް އެކުއްޖާގެ ދެލޮލަށް ބަލަަހައްޓައިގެން ހުރެއެވެ. އެ ދެލޮލުގެ ޖާދޫ އެހާ ކުޑައިރުވެސް އަމްސަލްގެ ހިތް ފަތަހަކުރިއެވެ. އެކަމަކު އެވާހަކަ އަމްސަލް އެއްވެސް މީހެއްގެ ކައިރިއަކު ނުބުނެއެވެ. އުމުރުން ދިހަ އަހަރުގައި އަމްސަލް ރަށްދޫކޮށް ފުރައިގެން ދިޔަފަހުން އަމިއްލަ ރަށަށް އައީ އެންމެ ތިން ފަހަރު އެވެ. އެއިން އެއްވެސް ފަހަރަކު އަމްސަލް އެކުއްޖާއެއް ނުދެކެއެވެ. އެކުއްޖާ ހޯދާކަށް އަމްސަލް ވެސް ނޫޅެއެވެ. އެހެންހުއްޓާ އަމްސަލްގެ ނަޒަރަށް ދެން އެކުއްޖާ އެރީ ޒޫނާއާ އިންނަން މަންމަމެން ނިންމާ އެގެއަށް ޒޫނާއާ ބައްދަލުކުރަން ދާން ފެށިހިސާބުންނެވެ. އޭރު އޮތީ މަންމަ ބުނާ މީހަކާ އަމްސަލް ވެސް އިންނާނެކަމަށް މަންމަ ގާތު ބުނެވިފައެވެ. އެހެންކަމުން އަމިއްލަ ހިތުގެ ރާނީ ހޯދަން މަސައްކަތް ކުރާނެ ހިތްވަރެއް އަމްސަލްގެ ނެތެވެ. ނުވަތަ އެއަށްވުރެ އަމްސަލް ފިނޑީއެވެ. އެހެންވިޔަސް ޒޫނާ ކަންކުރަން ފެށިގޮތުން އަމްސަލްއަށް ނޫރައިންއާ އެކު ވަގުތު ހޭދަކުރަން ފުރުސަތު ލިބެއެވެ. ޒޫނާ އެގޮތަށް ކަންކުރާއިރު ވެސް އޭނާ އެގެއަށް ދަނީ އޭނައަށް އެގެއިން ހަމަޖެހުން ލިބޭތީއެވެ. އެދެލޮލަށް ފިނިކަން ލިބޭތީއެވެ. ނޫރައިންގެ ކަތި ނަޒަރުން އުފާވެރިކަން އިޙްސާސްވާތީއެވެ.
ޒޫނާ ވަރިކުރުމަށްފަހު އަމްސަލް ފުރައިގެން ދިޔައީ ރާއްޖެއިން ބޭރަށެވެ. ރާއްޖެއިން ބޭރުގައި ދުވަސްކޮޅެއް ހޭދަކުރުމަށްފަހު އެނބުރި މާލެ އައިސް އޮފީހަކަށް ވަނެވެ. އަދި އޮފީހުގެ މަސައްކަތުގައި ބުރަކޮށް އުޅެމުން ކުރިން ކަނޑައެޅި އަމާޒަށް ފުރަތަމަ ދުނި ދޫކޮށްލިއެވެ.
އެއީ އެއްރެއެއްގެ ދިހައެއް ޖަހާލާ އެހާކަންހާއިރެވެ. ނޫރައިންއަށް މެސެންޖަރއިން ފުރަތަމަ މެސެޖް ލިޔުނެވެ. ނޫރައިންގެ ދެލޮލަށް ތަޢުރީފްކޮށްފައެވެ. ނޫަރައިން މެސެޖް ކިޔެވެ. ނަމަވެސް ޖަވާބެއް ނުލިޔެއެވެ. ދެވަނަ ރޭވެސް އަމްސަލް ނޫރައިންއަށް މެސެޖް ލިޔުނެވެ. މިފަހަރު ތަޢުރީފް ކުރީ ނޫރައިންގެ ބޮލުގެ ފަންފަން އިސްތަށިގަނޑަށެވެ. މީފަހަރުވެސް ނޫރައިން އެ މެސެޖް ކިޔެވެ. އަދި ހަމަ ކުރިއެކޭ އެއްގޮތަށް ޖަވާބެއް ނުލިޔެއެވެ. އަމްސަލް ތިންވަނަ މެސެޖް ލިޔުނީ ނޫރައިންގެ ގެވެހި ދިރިއުޅުމަށް ތަޢުރީފް ކޮށެވެ. މިފަހަރު ތީރު އޭގެ މަގާމަށް އަމާޒު ވިއެވެ. ތިއީ ކާކުތޯއާ ބޭނުމަކީ ކޮަބާތޯ ނޫރައިން ސުވާލުކުރިއެވެ. އޭނައާ ބެހޭގޮތުން އެހާ ޒާތީ މައުލޫމާތުތަކެއް އެނގެނީ ކިހިނެއްތޯ ވެސް ސުވާލުކުރިއެވެ. ސަބަބަކީ ނޫރައިން އަކީ ބުރުގާ އަޅާކުއްޖަކަށްވާތީ އެ ރީތި އިސްތަށިގަނޑު ކޮންމެ ކޮންމެ މީހަކަށް ނުފެންނާނެތީއެވެ. އަދި އޭނަގެ ގެއަކީ މާގިނަ ބަޔަކު ވަދެ ނުކުމެ އުޅޭ ގެއަކަށް ނުވާތީ އޭނަގެ ގޭގައި ޖެހޭހާ ކަމެއް ކުރަނީ އޭނަކަން އެނގޭނެ މީހަކު ވެސް ހުރެދާނެހެން ހީނުވާތީއެވެ.
އަމްސަލްގެ ޖަވާބު ސާދާ ވެފައި ކުރެވެ. އަދި ސާފުބަހުން އަމްސަލް ބުނީ ނޫރައިން ވަރަށް ކުރީއްސުރެ ދަންނަކަމަށާ ނޫރައިން އަކީ އޭނަގެ ކުޑައިރުގެ ”ކްރަޝް“ އެއް ކަމަށެވެ. އެކަމަކު އެ އިޙްސާސް ފަނޑުކުރުވީ ޒަމާންކަމަށާ ދުރުގައި މާދުރުގައި ދިރިއުޅެން ޖެހުމުން ކަމަށެވެ.
އެއީ އެދެމީހުންގެ ވާހަކަދެއްކުން ފެށުނު ގޮތެވެ. ވަކި ހިސާބަކަށް އެދެމެދުގެ ގުޅުން ބަދަހިވެ އިތުބާރު ލިބުމުން އަމްސަލް އޭނަގެ ވާހަކަ ނޫރައިންއަށް ކިޔައިދިނެވެ. އަދި ބޭނުންވަނީ ދެމީހުން އެކުގައި ދިރިއުޅެ ހަޔާތެއް ބިނާކުރަން ކަމަށާ ޒޫނާއާ އިންނަން ޖެހުނު ގޮތާ އެދެމެދުގައި އޮތީ ކޮންކަހަލަ ގުޅުމެއްކަން ވެސް ކިޔަިއދިނެވެ.
އަމްސަލް އެދޭގޮތް ހުށަހެޅުމުން ނޫރައިން ވަރަށް ކަންބޮޑުވިއެވެ. ހިތް އެދިގޮވި އިންސާނާ ލިބޭނެކަމުގެ ފެހިސިގްނަލް ލިބުނަސް ދޮންމަންމަގެ ވިސްނުން ހުންނާނެގޮތް އެނގޭތީ ނޫރައިިިން ބިރުގަތެވެ. އަދި އެވާހަކަ އަމްސަލްއާ ހިއްސާކުރިއެވެ.
އެދެކުދިންގެ ލޯތްބަށް އެހީތެރި ވެދިނީ އަދި އެދެކުދިންގެ ކައިވެންޏަށް އެންމެ ބޮޑަށް މަގުފަހިކޮށްދިނީ ޒޫނާއެވެ. އޭނާ އަބަދު ވެސް ދޮންތަގެ ދިފާުއުގައި މަންމަގެ ކުރިމަތީ ހުއްޓިހުރެއެވެ.
އަމްސަލްގެ މަންމަ އަމްސަލްގެ ހުށަހެޅުމާ ދެކޮޅު ނުފެށިއަސް ފުރަތަމަ ކޮޅު ހުރީ ވަރަށް ނުރުހިފައެވެ. އަމްސަލް ކައިރީ ބުނެވިފައި އޮތްބަހަކުން ދެކޮޅު ހަދަން ނުކެރުނަސް އޭނާ އެކައިވެންޏަކާ ގަބޫލެއް ނޫނެވެ. ނަމަވެސް އެއީ ނޫރައިންގެ ރަނގަޅުކަން ހާމަވެ އިތުބާރު ލިބެންދެނެވެ. އަމްސަލްއާ ނޫރައިންގެ ކައިވެނި އަބަދަށް ދެމިއޮތުމަށާ އެދެކުދިންގެ ކައިވެނި ބާއްޖަވެރިކުރެއްވުން އެދި މިހާރު އަމްސަލްގެ މަންމަ އަބަދުވެސް ދުޢާ ކުރެއެވެ. ނޫރައިން އަކީ އޭނާ އަބަދުވެސް ދެކެމުން އައި ނަމޫނާ ޅީދަރިއެއްގެ ހުވަފެނުގައި އެންމެ ރީތިކުލަތަކުން ކުލަޖައްސައިދިން ފަރާތްކަމަށްވާތީއެވެ.
-ނިމުނީ-