ދުވަހަކީ ހުކުރު ދުވަހެވެ. ހަފްތާގެ ބުރަ ފަސްދުވަހަށްފަހު ނިދާލަން ލިބޭ ދުވަހެވެ. އެހެންނަމަވެސް އެހެން މީހުން ފަދައިން ނިދާކަށް އަހަރެން ނޯންނަމެވެ. ފަތިހު ފަތިހާ ތެދެވެގެން ދަނީ ހިނގާލުމަށެވެ. ފަތިހުގެ ފިނީގައި، އެހެންމީހުންނާ ބައްދަލުވެ ހިނތުންވެލަން އަހަންނަށް ލިބޭ މިފުރުސަތު އަހަރެން ގެއްލުވައެއް ނުލަމެވެ. އަހަންނަކީ މީހުންނާ ރައްޓެހި އަބަދުވެސް އެހެންމީހުންނާ ގާތްކަން ބާއްވާ ހިތްވާ މީހެކެވެ. އަދި ހަށިގަނޑަށް ބަލައިގެން އުޅޭ މީހަކަށް ވުމުން ކަސްރަތުކޮށް ޖޮގިންގއަށް ދިއުމަކީ އަހަރެން ހުއްޓާނުލާ އަބަދު ވެސް ކުރާ ކަންތަކެވެ.
އަހަންނަކީ ސަރުކާރުގެ ވަޒީފާއެއްގައި އުޅޭ މީހަކީމެވެ. އަހަރެންގެ އުމުރުން ގުނަން ފެށި ވިހިވަނަަ އަހަރާއެކު އަހަންނަކީ ސަރުކާރު މުއައްޒަފަކީމެވެ. އޮފީހަށް ގަޑިޖެހުމާ ވަޒީފާގެ ވަގުތު ބޭކާރުގޮތުގައި ހޭދަކުރުމަކީ އަހަރެން ކުރާ ކަންކަމެއް ނޫނެވެ. އަމިއްލަ ދިރިއުޅުމެއް ފަށާ އެ ދިރިއުޅުމުގައި ލިބުނު ފޮނި މީރު މޭވާ ކަމުގައިވާ އަހަރެންގެ ކުދިންކޮޅު ލިބުމަކުން ވެސް ވަޒީފާ އަހަރެން ދޫކޮށެއް ނުލަމެވެ. އޭގައި ސަބަބުތަކެއް ވެސް ހުއްޓެވެ. އެހެންނަމަވެސް އަބަދުވެސް އަހަންނަށް އެންމެ އިސްކަން ދެވެނީ އަހަރެންގެ އާއިލާއަށެވެ. ވަޒީފާ ދެކެ ކިތަންމެ ލޯބިވިޔަސް ވަޒީފާ އަންނާނީ އަހަރެން އިސްކަންދޭ ލިސްޓް ގެ ދެވަނައަށެވެ. އެއީ އެއްވަނައަށް އަހަރެންގެ ކުދިންނާ ފިރިމީހާ ނެގުމަށްފަހުގައެވެ.
އަހަރެންގެ ފިރިމީހާ އަކީ ވެސް ވަޒީފާއަކަށް ދާމީހެކެވެ. ރަނގަޅު، މީހުންގެ އިޙްތިރާމް ލިބޭ ވަޒީފާއެކެވެ. އަހަރެންގެ ފިރިމީހާއަކީ މުޅި އަހަރެމެންގެ ރަށުގައި ވެސް ހުރި އެންމެ ރީތި ފިރިހެނާއެވެ. ބޭރުފުށުގެ ބުރުސޫރައިގެ ރީތިކަމާ އެއްވަރަކަށް ފިރިމީހާއަކީ ހެދުން އެޅުމާ ސާފުތާހިރުކަމުގެ ވެސް އެއްވަނައެވެ. އެހެންކަމުން އަހަރެމެން ދެމީހުންނަކީ އެންމެ ގުޅޭ އެންމެ އުފާވެރި ދެމަފިރިންކަމަށް އެންމެން ވެސް ގަބޫލުކުރެއެވެ. ސުވާލަކީ އެކަން އޮތީ އެހެންހެއްޔެވެ!
ގޭގެ އަނބުގަހުން މަގަށް އެޅިފައިހުރި ފަތްކޮޅު ނަގަމުން މަގުގައި ފަޅާފައިހުރި ވާގަސްތައް ވެސް ނޮޅަމުން އަހަރެން ދިޔައީ އަތްމަތި އަވަސްކަމާއެކުގައެވެ. މިހިސާބަކީ ފަޅުގޯތިތައް ނުލާހިކު ގިނަ ހިސާބެކެވެ. އެހެންކަމުން މަގުން ދުއްވާލާފައި ދާމީހަކު ފެންނާނީ ވަރަށް މަދުންނެވެ. އަމުދުން ހިނގާފައިދާ މީހަކު ހާލަކުން ފަހަރަކު ވެސް ނުދާނެއެވެ. އަހަރެމެންގެ ގެއާވީ ފަޅީގައި އެ މަގުގައި ހުންނަ ދެގެއަކީ ވެސް ފަޅު ދެ ގެއެވެ. އަދި ކުރިން ކުރިމަތީހުރިި ގޭގައި މީހުން އުޅުނަސް އޭގެ ފަހުން އެގެ ވެސް ހުރީ ފަޅަށެވެ. އެކަމަކު އެއީ ވަރަށް ރަނގަޅު ފެންވަރަކަށް ހަދާފައިވާ ގެއަކަށް ވުމުން މިހާރު އެގޭގައި ބަޔަކު އުޅެއެވެ. އެއީ މިރަށުގައި ހިނގާ ބޮޑު ޕްރޮޖެކްޓެއްގައި މަސައްކަތް ކުރާ އިސްމީހުންނެވެ.
ސިނގިރެޓްގެ ވަހާ އެކު އަހަންނަށް ހިންދެމިލާ ފަހަތަށް ބަލައިލެވުނެވެ. އަހަންނަށް ފެނުނީ ކުރިމަތީ ހުރި ގޭގެ ސިޓިންގރޫމުގެ ކުޑަދޮރު ކައިރީ ހުއްޓިހުރި އިސްކޮޅުން ދިގު ޒުވާނާއެވެ. ހަށިގަނޑާ ރޫފަ އެއްވަރަކަށް ފެންނާތީ ހިތް ދަމައިގަންނަގޮތެއް ހުއްޓެވެ. އޭނާ ހުރީ އަހަންނާ ދިމާއަށް ބަލަހައްޓައިގެންނެވެ. އަހަންނަށް އާދައިގެމަތިން ހިނިތުން ވެ ލެވުނެވެ. އެއީ ޤުދުރަތުން އަހަރެންގެ ގައިގާ ލައްވަވާފައިވާ ސިފައެކެވެ. އެކަމަކު ފަހުން އެކަމާ ދެރަވެސް ވިއެވެ. އޭނާ ހިތަށް އަރާފާނެ އެއްޗަކާމެދު ވިސްނައިލެވުމުންނެވެ. އަހަރެންގެ ހިނިތުންވުމަށް އިޖާބަ ދިނުމުގެ ބަދަލުގައި އޭނާ ވަގުތުން ކުޑަދޮރުގެ ފޮތިގަނޑު ދަމާލާ ނިވައިވެލިއެވެ. މިވީ ކީއްހެއްޔެވެ! އަހަރެން ކަންކުރިގޮތުން އޭނަ ހިތްހަމަ ނުޖެހުނީހެއްޔެވެ!
ގެންގުޅުނު އިލޮށިފަތި ހިފައިގެން އަހަރެން ހިނގައިގަތީ ގޯތިތެރެއަށެވެ. ނިދާފައިވާ އަހަރެންގެ ފިރިމީހާ އާއި ކުދިން ހޭލުމުގެ ކުރިން ރަނގަޅު ސަޔެއް ހެދުމުގެ ބޭނުމުގައެވެ.
މެންދުރަށް ކެއްކުމުގައި އަހަރެން އުޅުނީ ވަރަށް އަވަދިނެތިއެވެ. އެއްޗެހި ދޮންނަމުން ބަދިގެ ސާފުކުރަމުން އަދި ފިރިމީހާ ހުކުރަށް ދާން ލާ އަންނައުނު އިސްތިރިކުރަމުންނެވެ. އަދި ހުކުރުން އައުމުގެ ކުރިން ހުރިހާ ކަމެއް ކޮށް ނިންމާލުން އެއީ އަބަދުވެސް އަހަރެންގެ އާދައެވެ. އެހެންވީމާ ބަދިގޭގައި އަހަރެން ކިހާ ބިޒީވާނެހެއްޔެވެ!
”ލައިލާ، ކޮފީއެއް ހަދައިގެން އައިސްބަލަ!“ އެއިވުނީ އަހަރެންގެ ފިރިމީހާ ޝަރީފްގެ އަޑެެވެ. ހިތަށްއެރިއެވެ. ސައި އެބުއީ ދެންމެއެވެ. ދެން ކޮން ކޮފީއެއްހެއްޔެވެ! އެކަމަކު ވެސް ސިޓިންރޫމަށް ބޯދިއްކޮށްލާ ބަލައިލީމެވެ. ސަބަބަކީ އެގޮތަށް ފިރިމީހާ އަނގައިން ބުނެލާނީ އެހެން މީހަކު ހުންނަ ފަހަރުތަކުގައި ކަމަށްވާތީއެވެ.
އަހަންނަށް ފެނުނީ ކުރިމަތީހުރި ގެއިން އަހަންނަށް ފެނުނު މީހާއެވެ. އަހަންނަށް އެމީހާ ފެނުމުން އަނެއްކާވެސް ބޭއިޚުތިޔާރުގައި ހީނލެވުނީއެވެ. އަދި ވަރަށް އަވަސް ކޮށްލައިގެން ދެ ކޮފީތަށި ހިފައިގެން ގޮސް ސިޓިންގ ރޫމަށް ވަނީމެވެ. އެމީހާގެ ނަން ބުނެ އަހަންނަށް އެމީހާ ތަޢާރަފް ކޮށްދިނީ ވެސް ޝަރީފްއެވެ.
”މީ ނަހީކް! … ތިގޭގަ އުޅެނީ ދޯ! …. އަހަރެން ބުނިން އަވައްޓެރިން ވާނެ ނުންހޭ ގުޅުން އޮންނަން!“ ކުރިމަތީހުރި ގެއަށް އަތުން އިޝާރާތް ކުރަމުން ޝަރީފް އޮޅުން ފިލުވައިދިނެވެ. އަހަރެން ވަކިއެއްޗެއް ނުބުނަމެވެ. ކޮފީތަށި ދީފައި އަހަރެންގެ މަސައްކަތަށް އެނބުރި އަހަރެން ދިޔައީއެވެ.
އޭގެ ދެ ދުވަސް ފަހެވެ. އިރުއޮއްސި ގާތްގަނޑަކަށް އަށެއް ޖެހި އިރެވެ. އަހަރެން ހުރީ އަހަރެންގެ ކުޑަމީހާއަށް ކާން ދިނުމުގައި އަވަދިނެތިއެވެ. ކުއްލިއަކަށް ކަރަންޓް ހިނގައްޖެއެވެ. ބޭރަށް ބޯ ދިއްކޮށްލާ މަގު ބައްތި ދިއްލިފައި ހުރިތޯ ބަލައިލީމެވެ. އެ ހޮޅިބުރިވެސް ނިވިފައި އޮތުމުން ކަރަންޓް ދިޔައީ މުޅި ހިސާބުން ނުވަތަ މުޅި ރަށުންކަން އެނގިއްޖެއެެވެ. އޭރު ކުޑަމީހާ ބިރުން ރޯން ފަށައިފިއެވެ. ގޭގައި އުއްބައްތިއެއް ވެސް ނުހުންނާނެކަން އެނގޭތީ ކުޑަމީހާ ގޮވައިގެން އަހަރެން ނިކުތީ މަގަށެވެ. ރެއަކީ ސާދަވިލޭރެއަކަށް ވެފައި މޫސުން ވެސް ރީތިކަމުން ނަސީބަކުން ބޭރު އެހާ އަނދިރިއެއް ނޫނެވެ.
ނަހީކް ގެއަށް އައީ އަހަރެން އެހެން ކުޑަމީހާ އުރާލައިގެން ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓައެވެ. ނަހީކް ފެނުމުން އަހަރެން މަގުގެ އެއްފަރާތަކަށް ޖެހިލާ ނަހީކްއަށް ފުރަގަސް ދިނީމެވެ. އެހެންނަމަވެސް ނަހީކް އައިސް އަހަރެންގެ ކޮނޑުމަތީ އޮތް އަހަރެންގެ ދަރިފުޅުގައިގާ ކޮއްޓައިލިއެވެ.
”ކަަރަންޓް ނެތީމަ ބިރުންތަ މި އޮތީ!“ ނަހީކްގެ އަޑު އެހާ ގާތުން އިވުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. އަހަރެން އެނބުރިލާފަ ކަރަންޓް ނެތީ މިހިސާބުގައި އެކަނިތޯ އަހައިލީމެވެ. ނަހީކް ބުނި ގޮތުން މިރޭ ކަރަންޓް ލިބޭނީ ފުދޭވަރަކަށް ލަހުންކަން އެނގުނެވެ.
”ރޭގައި ޕާޓީއަށް ދިޔައީ އެކަނިތަ!“ ނަހީކް ހުންނަގޭ ފާރުކައިރީ ހުންނަ ޖޯލީގައި އިށީންނަމުން ނަހީކް ކުރި ސުވާލުން އަހަންނަށް ހުއްޓުން އެރިއެވެ. އަހަރެން އެ ޕާޓީ ތެރެއިން ނަހީކެއް ނުދެކެމެވެ. އެކަމަކު ނަހީކް އަށް އަހަރެން ފެނުނީތާއެވެ.
”ނޫން! ޝަރީފް ވެސް ދިޔަ!“ އަހަރެން ޖަވާބު ދިނީ ޖެހިލުންވެހުރެއެވެ. އަހަރެންގެ ޖަވާބު އަޑު އިވުމުން ނަހީކް ފަރުވާތެރިކަމާ އެކު އަހަންނަށް ބަލައިލިކަން އަހަންނަށް އެނގުނެވެ.
އަހަންނާ ޝަރީފާ އެކު ޕާޓިތަކަށް ދެވެނީ ވަރަށް މަދުންނެވެ. ކޮންމެހެން ދާންޖެހިގެންނޫނީ އަހަންނެއް މިހާރަކު ޕާޓިތަކަށެއް ނުދަމެވެ. އެއީ ނަހީކް އެ އުފެދުނު ސުވާލް އެންމެންގެ ހިތުގައިވެސް އުފެދޭނެކަން އަހަންނަށް އެނގޭތީއެވެ. ޕާޓީގައި އަހަރެން ހުންނަން ޖެހެނީ ބާކީވެފައެވެ. ނުވަތަ ބާކީ ކުރެވިފައެވެ. ޝަރީފް އުޅޭނީ ޝަރީފްގެ ރައްޓެހިންނާ އެކު ވަކިންނެވެ. އެމަންޒަރު އެހެންބަޔަކަށް ދައްކާކަށް އަހަރެން ބޭނުން ނުވަނީއެވެ.
އެހެން ދުވަހެކެވެ. އަހަރެން އުޅުނީ އަހަރެމެންގެ ގޭގެ މަގުގައި ހުރި ވަޅުހެދިފައި ހުރިތަންތަނަށް ފަސް އެޅުމުގައެވެ. ވާރޭ ވެހިއްޖެއްޔާ އިތުރަށް ވަޅުގަނޑުތައް ބޮޑުވާނެތީއެވެ. އަނެއްކޮޅުން މަގު އެހެން އޮންނާތީ އަހަންނަށް ވަރަށް އުދަނގޫވެއެވެ. އިރުކޮޅަކުން ޝަރީފް ނިކުމެ ގޯތިތެރޭގައި ބަހައްޓާފައިހުރި ޖޯލިފަތީގައި ފޯނު ހިފައިގެން އިށީނެވެ. އަހަރެން ދެފަހަރަކު ޝަރީފްއަށް ގޮވައިލީމެވެ. ޝަރީފް އުޅުނީ ނިޔަފަތި ކެނޑުުމުގައެވެ. ނަހީކް ގެއަށް އައީ އަހަރެން އެ މަސައްކަތުގައި އުޅެނިކޮށެވެ. އަދި ޝަރީފް އެތާ އިންތަން ފެނުމުން އޭނާ އަހަންނަށް އަދި ޝަރީފްއަށް ބަލައިލއިެވެ. އަހަރެން ނުދެނަހުރިކަމަށް ހެދެމުން ކުރަން ހުރި މަސައްކަތާއިގެން ކުރިޔަށް ދިޔައީމެވެ. އެކަމަކު މިފަހަރު އަހަރެން ވަރަށް ލަދުގަތެވެ. ހިތަށް އެރިއެވެ. ދުރުހިލޭ މީހުންނަށް މިކަން އައިބުކަމަކަށް ވާއިރު އަހަރެންގެ ފިރިމީހާއަށް މިކަން ބޮޑުކަމަކަށް ނުވަނީ ކީއްވެހެއްޔެވެ! ގައިމު މިއީ ގޭގެ ފިރިހެނުން ކުރާ ޒާތުގެ މަސައްކަތް ވިއްޔާއެވެެ.
އެރޭ ނިދަން އޮށޯވެ އޮވެ އޮވެ ވެސް އަހަންނަކަށް ނުނިދުނެވެ. ޝަރީފަކީ ޢާންމުކޮށް ވެސް ރައްޓެހިންނާ އެކު ކޮފީއަށް ދާމީހެކެވެ. ގެއަށް އަންނާނީ ރޭގަނޑު ބާރަޖަހަން ގާތްވާފަހުންނެވެ. އެހެންކަމުން އަހަރެން ޝަރީފަކަށް އިންތިޒާރެއް ވެސް ނުކުރަމެވެ. ބޭނުން ކަމަކަށް ނުވާތީއެވެ. އެކުގައި ދުއްވާލަން ދާން ނުވަތަ އެކުގައި ވަގުތުހޭދަކޮށްލަން އެދުނަސް ޝަރީފަށް މުހިންމުވަނީ އެކުވެރިންނެވެ. އެމީހުން ގަޑި ޖެހުމުގެ ކުރިން ޝަރީފަށް ގުޅާނެތީއެވެ. އެކަމަކުވެސް އަހަންނަކީ ވެސް އިންސާނެކެވެ. ކިޔަވައިގެން ހުރި ތަންދޮރު އޮޅުން ފިލާ މީހެކެވެ. އެހެން މީހުން ދައްކާ ވާހަކައާ އުޅޭގޮތް ވެސް ފެނެއެވެ.
ހިތަށް އަރާ ފައިބަމުން ދިޔަ ޚިޔާލުތައް ގިނަކަމުން ނުނިދިގެން އުޅެނިކޮށް އަހަރެންގެ ފޯނަށް މެސެންޖަރ އިން އައީ މެސެޖެކެވެ. ސާފުބަހުން ކާކުކަން ބުނެފައި މެސެންޖަރއިން އެޑްކޮށްލަބަލާށޭ ވެސް ބުންޏެވެ. ވަގުތުން އަހަރެން ވައިފައި އޮފްކޮށްލީމެވެ. އެއީ މިހާރު އަހަރެންގެ އަވައްޓެރިއެކެވެ. އަހަރެންގެ އަަގު ވެއްޓޭފަދަ އެއްވެސް ކަމެއް އަހަންނެއް ނުކުރާނަމެވެ. މި ކަމުގެ ސަބަބުން އަހަންނަށް ނަހީކްއާ މެދު ވިސްނަން މަޖުބޫރުވިއެވެ. އަހަރެންގެ ޚިޔާލީ ދުރުމީއަށް ނަހީކް އަހަންނަށް ބަލާލާ ގޮތާ ހީނލާ ގޮތް ސިފަވުމުން ބޭނުންވީ އެ ޚިޔާލުތަކާ ދުރުވުމަށެވެ. މިހާރު ނަހީކް އެހެރީ އަހަންނާ ވިހިވަރަކަށް ފޫޓު ދުރުގައި ނޫންކަމެއް ވެސް އެނގެނީކީ ނުނެވެ.
ފަތިހު އަހަރެން ތެދުވެ ފުރަތަމަ ވެސް ފޯނުގެ ވައިފައި ޖައްސައިލީމެވެ. އެއީ އަހަރެން ކުރާކަމެއް ވެސް ނޫނެވެ. އެކަމަކު ހިތުގައި ކޮންމެވެސް ކަމަކަށް ޝައުގެއް އުފެދިފައި ހުރީކަންނޭނގެއެވެ. އަހަންނަށް ނޭނގިނަމަވެސް ކޮންމެވެސް މީހެއްގެ މެސެޖަކަށް އިންތިޒާރުކުރެވުނީއެވެ. އެ ކުރެވުނު އިންތިޒާރު ފޮންޏެވެ. ނަހީކްގެ ދިގު ދިގު ދެތިން މެސެޖް އޮތެވެ. މުޅިންވެސް އަހަންނަށް ތަޢުރީފްކޮށްފައިވާ މެސެޖް ތަކެވެ. އަދި އެންމެ ފަހުން ލިޔުނު މެސެޖްގައި އޮތެވެ. ”ތި ދިރިއުޅުމަކީ ލައިލާއަށް ޙައްގު ދިރިއުޅުމެއް ނޫނެވެ. ތިއީ މިހާތަނަށް އަހަރެން ދުށް އެންމެ ރަނގަޅު އަދި އެންމެ ކެތްތެރި އަންހެނާއެވެ. ފިރމީހާގެ މަގާމާ އަނބިމީހާގެ މަގާމާ މަންމަގެ މަގާމު ފުރާއިރު އެތަން އެހެންމީހުންނަށް ނުފެންނާތީ ހަމަ ގައިމުވެސް އަހަރެެން ދެރަވެއެވެ.“ އަހަންނަށް އެ މެސެޖް އެތައް ފަހަރަކު ކިަޔއިލެވުނެވެ. އަދި އެހެންމީހުންނަށް އެކަން ފާހަގަ ކުރެވޭތީ ޚުދު އަހަރެން ލަދުގަތެވެ. ދެރަވިއެވެ. އެކަމަކު އެ ވާހަކަތަކަށް އަހަރެން ޖަވާބެއް ނުލިޔަމެވެ. އެހެންވިޔަސް އަަހަންނަކީ ވެސް އިންސާނަކީމެވެ. ލޯތްބާ އަޅާލުމާ އޯގާތެރިކަމަށް ހިތް އެދޭނެއެވެ. އެހީތެރިކަމާ ގާތްކަމަށްވެސް ހިތް ރޯނެއެވެ. ފިރުމުމާ ހިއްސާކުރުމަށް ވެސް ބޭނުންވާނެއެވެ. އެކަންކަން ވަކި އަހަރެން ނޭދެންވީ ކީއްވެގެންހެއްޔެވެ! އަހަރެންގެ އުނިކަމަކީ ކޮަބއިހެއްޔެވެ! އަހަރެންގެ ފިރިމީހާ ނުރުހޭ ނުވަތަ ލޯބި ނުވާނެ ސިފައަކަށް އަހަރެންގެ ހުރީ ކޮން ސިފައެއް ހެއްޔެވެ! ދުވަހަކު ވެސް އެފަދަ ވާހަކައެއް ނުބުނެއެވެ. ސުވާލު ވެސް ކުރަމެވެ. އިސްލާހު ކުރަން ބޭނުން ވާތީއެވެ. އެކަމަކު ގިނަފަހަރު އެއްވެސް ޖަވާބެއް ނުލިބެއެވެ. އެހެންކަމުން އާދައިގެ މަތިން އަހަރެން ކެތްކޮށްލަނީއެވެ.
އަހަންނާ ނަހީކްއާ ވާހަކަ ދައްކަން ފެށުނީ މިހެން ގޮހެވެ. އެކަމަކު އެއްކަމަކަށް އަހަރެން ނަހީކް ލައްވާ ޝަރްޠު ކުރުވީމެވެ. މި ގުޅުމަށް އެހެންނަމެއް ނުދިނުމަށެވެ. އަދި އަހަރެންގެ ފަރާތުން އިތުރު އެއްވެސް ކަމަކަށް ނޭނދުމަށެވެ. ނަހީކް އެކަމާ އެއްބަސް ވެސް ވިއެވެ.
އަހަރެން ގަދައަޅާ އަހަރެންގެ ޒަވާޖީ ހަޔާތް ކާމިޔާބު ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައިރު ފިރިމީހާގެ އެއްވެސް ފަރުވާލެއް އެއްވެސް ކަމަކަށް ނެތެވެ. ދިރިއުޅުމަކީ އޭނާއަށް އެއްވެސް މުހިންމު އެއްޗަކަށް ނުވެއެވެ. އަމުދުން އަނބިދަރިންނަށް ޚަރަދުކުރުމާ ގޭތެރޭގެ ކަންކަމުގައި އިސްވެ އުޅުމަކީ އޭނަގެ ޒިންމާއެއް ކަމަކަށެއް ނުދެކެއެވެ. އަހަންނަށް ފައިސާ ލިބޭތީ އަބަދު ބުނެ ކިޔައިގެން ކަންކަން ކުރުވުމުގެ އާދައެއް އަހަރެންގެ ނުހުރެއެވެ. އެހެންވެ ކޮށްލަނީއެވެ.
ނަހީކް އަހަރެމެންގެ ރަށަށް އައި ޓާރމް ނިމުމުން ނަހީކް ފުރައިގެން ދިޔައީއެވެ. އެހެން ނަމަވެސް އަހަރެމެންގެ ދެމެދު އޮތް ގުޅުން ކުރިލާ ހެދެމުން ދިޔައެވެ. އެ ގުޅުމަށް އެހެންނަމެއް ދޭހިސާބަށް ދިޔައިރު ވެސް އަހަރެމެނަށް ރޭކާލީހެނެއް ހިއެއް ނުވެއެވެ. ދެމީހުން ވެސް ދެމީހުންގެ ދިރިއުޅުމުގެ ހުރިހާ ކަމެއް އެކަކު އަނެކަކާ ޙިއްސާކުރަމެވެ. އެންމެ ކަމެއް ފިޔަވައެވެ. ނަހީކް ވެސް އަދި އަހަރެން ވެސް ދެމަފިރިންގެ ދޭތެރޭ އޮންނަން ޖެހޭ ސިއްރު އެއްވެސް ވަހަކައެއް އަނެކަކާ ހިއްސާއެއް ނުކުރަމެވެ. އަދި ނުވެސް އަހަމެވެ. އެކަމަކު އަހަރެމެން ދުނިޔޭގެ އެކިކަހަލަ ވާހަކަތަކުގައި ގަޑިއެއްހާ އިރުވެސް ބައެއް ރޭރޭ ހޭދަ ކުރަމެވެ. އެ ފޯން ކޯލްތަކަށް ޚަރަދުވާ ޚަރަދެއް ދަނީ ނަހީކް އަތުންނެވެ. އަހަރެން ގުޅާކަށް ނުޖެއެވެ. ގުޅަނީ ނަހީކް އެވެ. އެއީ ނަހީކް ބޭނުންވާ ގޮތެވެ.
ޝަރީފްއަށް އަަހަންނާ ނަހީކުގެ ގުޅުން ފަޅާއެރީ އަހަރެމެން މި ގޮތަށް ވާހަކަ ދައްކާތާ ފަސްއަހަރު ފަހުންނެވެ. އަހަރެން އެކަމަށް ރީތިކޮށް އެއްބަސްވީމެވެ. އަދި އެކަން އެހެން ދިމާވާން ޖެހުނު ސަބަބުކަމަށް އަހަންނަށް ގަބޫލުކުރެވުނު ސަބަބު ވެސް ކިޔައިދިނީމެވެ. އަދި ތަކުރާރުކޮށް މަޢާފަށް ވެސް އެދުނީމެވެ. ޝަރީފް އަހަރެންގެ އެއްވެސް ވާހަކައެއް އަޑެއް ނާހައެވެ. އަނތްބެއްގެ މަގާމުގައި ހުރެ އޭނައަށް ބޭވަފާތެރިވިކަމުގެ ކުށުގައި އަހަރެން ވަރިކޮށްލީއެވެ.
މިހާރު މިއީ އަހަރެން މީހަކާ ނީނދެ ހުހަށް ހުންނަތާ ދެވަނަ އަހަރެވެ. އަދިވެސް ނަހީކް އަކަށް އަހަރެން މިއީ ޝަރީފްގެ އަނބި މީހާ ނޫންކަމެއް ނޭނގޭނެއެވެ. އަންގަން އަހަރެން ބޭނުން ނުވަނީއެވެ. ނަހީކް އަށް އެކަން އެނގޭ ދުވަހަކުން ނަހީކް އަހަރެންގެ އަތުގައި ހިފާނެކަން އަހަންނަށް ކަށަވަރެވެ. އެކަމަކު އޭރުން ހިތްދަތިކަން އެދެވެނީ އަހަރެން ފަދަ އެހެން އަންހެނަކަށް ކަމަށްވާތީ އެކަން އަހަރެން ނޭންގީއެވެ. ނަހީކް މިހާރު އަހަންނަށް މިދޭ ވަގުތުން ވެސް އަހަންނަށް ފުދި އިތުރުވާތީއެވެ.
ލޯތްބަކީ ކޮންމެ ކޮންމެ ފަހަރކު ހާސިލުކުރެވޭނެ އެއްޗެއްނޫނެވެ. ނުވަތަ ހާސިލުކުރުން ލާޒިމު އެއްޗެއް ވެސް ނޫނެވެ. އެއަށްވުރެ ބާކީ ވެގެން ދުރުގަ ހުރުމުން ހިތަށް ލިބޭ ހަމަޖެހުމާ އުފާވެރިކަން މާބޮޑު ފަހަރުވެސް އާދެއެވެ. މއިީ އެކަހަލަ ފަހަރެކެވެ.
-ނިމުނީ-