އަށާވީސް ވަނަ ބައި
އެގޭގެ ޑަބަލްތަޅުދަނޑިތައް ހުންނަތަން މުސްކާންއަށް އެނގެއެވެ. އެހެންކަމުން މަޑުމަޑުން ގޮސް ބަދިގޭގެ ކަބަޑަކުން ތަޅުދަނޑިތައް ނަގައި އެއިން ރިހާންގެ ކޮޓަރީގެ ތަޅުދަނޑި ހޯދަންފަށައިފިއެވެ. އެކަމަކު އެއްގޮތަކަށްވެސް އެކޮޓަރީގެ ތަޅުދަނޑި ވަކި ކުރާކަށް މުސްކާންއަކަށް ނޭނގުނެވެ. އެހެންކަމުން ތަޅުދަނޑިފަތި އޮތްގޮތަށް ހިފައިގެން ގޮސް ފުރަތަމަ ތަޅުދަނޑި ތަޅުވަޅަށް ކޮއްޕައިލި ވަގުތު މީހަކު ކިނބިއްސެއް އެޅިއަޑު އިވިއްޖެއެވެ.
މުސްކާންގެ އަތް ތުރުތުރުއަޅައިގެން ދިޔައެވެ. ބިރުން އުޅެވުނު ގޮތަކުން ތަޅުދަނޑިފަތި އަތުން ދޫވެ ބިންމައްޗަށް ވެއްޓިއްޖެއެވެ. މުސްކާންގެ ބިރު އިތުރަށް ވެސް ބޮޑުވެއްޖެއެވެ. ހަމަޖެހިލެވޭތޯ މުސްކާން މަސައްކަތް ކުރަމުން ގުދުވެ ތަޅުދަނޑިފަތި ނަަގައިފިއެވެ. އެހެންނަމަވެސް ދެން އިތުރަށް އެތަޅަށް ތަޅުދަނޑި ޖަހަން އުޅުމުގެ ހިތްވަރެއް މުސްކާންގެ ނެތެވެ. ލިބިދާނެ ލަދަކަށްޓަކައި އެ ޚިޔާލު ހިތުން ނެރެ އެއްލާލަމުން ތަޅުދަނޑިފަތި ނެގިތަނަށް އެ ލިޔެވެ. އަދި ވީދެރައިން ހިތާހިތުން ރިހާންއަށް އެތައް ވަރެއް ކުރަމުން ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ދެވަނަ ކިނބިއްސެއްގެ އަޑު އައީ މުސްކާން ކޮޓަރިއަށް ވަދެ ވަދެ ހުއްޓައެވެ. މުސްކާން ވިސްނައިލިއެވެ. އިރާކޮޅު ރިހާން ވެސް ކިނބިހި އެޅިއެވެ. އެއީ އަނެއްކާ ރިހާން ބާވައެވެ. ކޮޓަރިއަށް ވަނުމުގެ ޚިޔާލު ދޫކޮށް މުސްކާން މިސްރާބު ޖެހީ މައްޗަށެވެ. ޓެރެހަށެވެ. މަޑުމަޑުން ވަގު ބުޅަލެއްހެން ފިޔަވަޅު އަޅަމުން ދިޔަ މުސްކާންއަށް ރިހާން ފެނުނީ ސަންބެޑްގައި މޫނު މައްޗަށް އުފުލާލައިގެން އުޑުމައްޗަށް ބަލަަހއްޓައިގެން އޮތްތަނެވެ. އެއް އަތް ބޯ ދަށަށް ލައްވައިގެން އަނެއް އަތް މޭމަތީ ހުރަހަށް ބާއްވައިގެން އޮތް ރިހާން، އެތާހުރި ރީނދޫކުލައިގެ ބޮކީގެ ފަނޑު އަލިކަމުގެ ތެރެއިން ފެނުމުން މުސްކާންގެ ހުރިހާ ނާރަކަށް ވާންވެލިއެވެ. އެ ވަގުތު ކޮންމެ މީހަކު ވެސް ރިހާންގާތު އޮށޯވެލަން ބޭނުންވާނެއެވެ. މުސްކާން ހިތަށް އެރީ ހަމައެކަނި އެހެންނެވެ.
ރިހާންއާ ދިމާއަށް ބަލަަހައްޓައިގެން މުސްކާންއަށް ހުރެވުނީ އިރުކޮޅަކުއެވެ. ރިހާން ތެދުވެގެން ހިނގައިގަތީ ތިރިއަށެވެ. ސިޑިއާ ދިމާއަށެވެ. މުސްކާން ހުރި ގޮތަށް ހުރީއެވެ. ވަކި ޚިޔާލެއް ނެތިއެވެ. ރިހާން އައިސް މުސްކާންގައިގާ އަޅައިގަތަސް ވަރިހަމަ ކަމަށެވެ. އެހެންނަމަވެސް ޖިންސްގެ ދެޖީބަށް އަތްޖަހާލައިގެން ފަރިތަކަމާއެކު ހިނގާލާފައި އައި ރިހާންއަށް މުސްކާން ފެނުމުން އަނގައިން ހަޅޭކެއްގެ އަޑުވެސް ބޭރުވިއެވެ. އަދި ހަމަ ޖެހިލަމުން މުސްކާން އައީ ކޮން އިރަކުހެއްޔޭ ވެސް އެހިއްޖެއެވެ.
މުސްކާންއަށް ލިބުނީ ހައިރާންކަމެކެވެ. ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ ރިހާން… ރިހާންއަށް މުސްކާން ….. ރިހާންއަށް އަސްލުވެސް ހަމަ މުސްކާން ފެނޭހެއްޔެވެ! އެ ސުވާލު އުފެދުމުން މުސްކާން ދެންވެސް އަނގައިން ނުބުނެ މަޑުކުރީ އެކަން ޔަގީން ކުރަން ވެގެންނެވެ.
”މުސްކާން!“ ރިހާން ކައިރިވެލާ މުސްކާންގެ އަތުގައި ހިފަން އުޅުނެވެ.
އެވަގުތު މުސްކާންއަށް ޔަގީން ކުރެވުނީ ރިހާންގެ ލޮލަށް ފެންނަ ކަމެވެ. އައި ރުޅިން މުސްކާން ދުރަށް އެއްފަރާތަކަށް ޖެހިލަމުން ވާހަކަދައްކަން ފެށިއެވެ.
”ހަމަ ހަގީގަތުގަ ވެސް މިގޭތެރޭގައި އުޅުން އަހަންނަށް އަރަތަކަށް ވެއްޖެ. އިތުބާރު ކުރަންވީ ކާކަށް ކަމެއް ކޮން ކަމަކަށް ކަން ވެސް އޮޅިއްޖެ. އަހަންނަށް ހީވަނީ….“ މުސްކާންގެ ރުޅި އެންމެ ފަހުން ކަރުނަ އިޚުތިޔާރު ކުރުމުން މުސްކާން ވާހަކަ ދެއްކުން ހުއްޓައިލިއެވެ.
”ހީވާއެއްޗެއް ބުނެ ބަލަ!، މައި ލަވް!“ ލާނެއް ގޮތަކަށް ސުވާލުކުރަމުން ރިހާން އަނެއްކާ ވެސް ހިފާލަން އުޅުނީ މުސްކާންގެ އަތުގައެވެ.
”އަތްނުލާތި! ޑޮންޓް ޓަޗް މީ!“ އެއީ އަމުރެކެވެ. މުސްކާން މާބޮޑަށް ވެސް ހުރީ ރުޅިގަދަވެފައެވެ.
”އޯކޭ!“ ދެކޮނޑު އަރުވާލަމުން ރިހާން ޖަވާބު ދިނީ ފަރުވާ ކުޑަގޮތަކަށެވެ.
ރިހާންގެ ޖަވާބާ އެ ރާގު ހުރިގޮތުން މުސްކާންގެ ހިތުގައި ވަރަށް ބޮޑަށް ޖެހުނެވެ. ފަހަރެއްގައި ރިހާންއަށް މުސްކާން ރިހާން ދެކެވި ލޯބީގެ މިންވަރަކީ ކިހާވަރެއްކަން ވަޒަން ނުކުރެވިދާނެއެވެ. ރިހާން އެގޮތަށް މުސްކާންއާ މެދު ފަރުވާކުޑަ އެކުރަނީ އެހެންވީމަ ކަމަށް ވެދާނެއޭ މުސްކާންގެ ހިތަށް އެރުމުން އެ ހިތަށް މާބޮޑަށް އަސަރުކުރިއެވެ. އަދި އަޑުން އަޑުނަގާ ރޮއެގަންނަން ވެސް މުސްކާން ހިތަށް އެރިއެވެ. އަޑުގެ ކޮޅަށެވެ.
މުސްކާން ޚިޔާލުތަކުގެ ކަނޑަށް އެކަނި މާއެކަނި ދޫކޮށްލުމަށްފަހު ރިހާން އަނެއްކާ ވެސް ގޮސް ހުއްޓުނީ ޓެރެސްގެ އަރިމަތީގައި މާދުރަށް ނަޒަރު ހުއްޓާލައގެންނެވެ.
ވީ ދެރައިން އަދި ހިތަށް ކުރި އަސަރުން އެތާ ހުންނަން މުސްކާންގެ ހިތް އެއްބަހެއް ނުވިއެވެ. އިރުކޮޅެއް ކުރިން އެ ވިންދުތަކުގައި ޖަހަމުން ދިޔަ ރާގު ފިނިވެއްޖެއެވެ. އެހެންކަމުން ދުވެލާފަ ސިޑިން ފައިބައިގެން ދިޔަ މުސްކާންގެ ފިޔަވަޅުގެ އަޑު އިވުމުން ރިހާން ފަހަތް ބަލައިލިއެވެ. އަދި މުސްކާންއަށް ގޮވައިވެސް ލެވުނެވެ. އެކަމަކު އެ އަޑު މުސްކާންއަށް ނީވޭނެކަން ވެސް ރިހާންއަށް އެނގެއެވެ.
މުސްކާން ދުވެލާފަ ސިޑިން ފޭބި އަޑު އިވުނު ރިހާން ނޫން މީހަކުވެސް އެގޭގައި ހޭލާ އެގަޑީގައި އުޅުނެވެ.
ދިޔަގޮތަށް ގޮސް ކޮޓަރީގެ ދޮރުމަތީ ސިކުންތުކޮޅަކަށް މަޑުކޮށްލުމަށްފަހު ނޭވާ ހަމައަކަށް އަޅުވަމުން މުސްކާން ކޮޓަރިއަށް ވަނެވެ. އަދި ފޯނުނަގާ މީހަކަށް ގުޅައިލިއެވެ. ވަރަށް ފަސޭހައިން އެމީހަކު ފޯނު ނެގުމުން އެބަ ލިޔަމޭ ބުނެ ފޯނު ކަނޑައިލިިއެވެ. އެއަށްފަހު އެ ފަރާތާ ވާހަކަ ދެއްކީ މެސެޖުންނެވެ.
މުސްކާން ހުރީ އާދަޔާ ޚިލާފު ޖޯޝެއްގައެވެ. ހިތަށް ލިބުނު އަނިޔާގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. ނުވަތަ މުސްކާންގެ ވިސްނުމަށް އައި ބދަލަކުން ކަމަށް ވެސް ވެދާނެއެވެ. ރިހާން އޭނަގެ ބޭނުން ނާޖާއިޒު ގޮތުުގައި ހިފީއެވެ. ލޮލަށް ފެންނައިރު ލޮލަށް ނުފެނެޔޭ ބުނެ ދޮގުހެދީއެވެ. ރިހާން އޭނަ ދެކެ ލޯތްބެއް ނުވެއެވެ. އަބަދުވެސް ރިހާންއާ ހެދި އުޅުނީ އޭނައެވެ. އެ ލޯބީގައި އޮތީ އެއްފަރާތެވެ. މުސްކާން ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލާފައި ފޯނު ނިންވާލުމަށްފަހު އެ ފޯނު ބޭއްވިއެވެ.
ފަތިހު އައިންތު ތެދުވުމުގެ ކުރިން މުސްކާން އޭނަގެ ކިލާސްމޭޓާ އެކު ވެވުނު އެއްބަސްވުމަށް އަމަލީ ސިފަ ގެނައުމަށް ކުރަން ޖެހުނު ކަންކަންކޮށް ނިންމައިލިއެވެ. އައިންތު ނަމާދަށް ތައްޔާރުވާން ފާޚާނާއަށް ވަން ވަގުތު މުސްކާން ކޮޓަރިން ނިކުތެވެ.
ވަރަށް ހަމަ ޖެހިލައިގެން ފަތިސްނަމާދުކޮށް ނިންމައިލި އައިންތު ބަލައިލީ މުސްކާންގެ އެނދަށެވެ. އެނދުގައި މުސްކާން ނެތުމުން ވެސް އައިންތުގެ ތުންފަތުގައި ހުރި ހިނިތުން ވުމަކަށް ބަދަލެއް ނާދެއެވެ. އެނދުގައި އިށީނދެ ޔާސީން ސޫރަތާ އެކު އެހެން ބައެއް ސޫރަތްތައް ވެސް ކިޔަވައި ނިންމާލުމަށްފަހު އައިންތު ގުޅީ މުސްކާންގެ މަންމައަށެވެ.
އެރޭ އެއްގޮތަކަށްވެސް ރިހާންގެ ލޮލަކަށް ނިންޖެއް ނައެވެ. މުސްކާން ދެރަކޮށްލެވުނިތީ ރިހާން ހުރީ އިންތިހާއަށް ދެރަވެފައެވެ. ހާސް ފަހަރު މަޢާފަށް އެދެން ޖެހުނަސް ރިހާން ހުރީ އެކަމަށް ތައްޔާރުވެގެންނެވެ. އެންމެ ފަހުން ހިތަށް ކުޅަދާން ނުވުމުން އަމިއްލަ ކުށަށް އިޢުތިރާފްވާން ވެގެން މުސްކާންއަށް ގުޅައިލި ވެސް މެއެވެ. އެ ފޯނު ނިއްވާލާފަ އޮތުމުން އެ ފުރުސަތު ވެސް މިރެއަކު ނުލިބުނެވެ. އަސްލު ވެސް ރިހާންގެ ލޮލަށް ފެނުނު ވާހަކަ ބުނުން މާލަސްވީއެވެ. މުސްކާން އަކީ އެއުފާވެރި ޚަބަރު އެންމެ ފުރަތަމަ ދޭންޖެހޭ އެކަކުކަން ރިހާން ހަނދާނުގައި ވެސް ހުއްޓެވެ. އެކަމަކު ހިތް އެދޭފަދަ މުނާސަބު ވަގުތެއް އަންނަން ދެން މަޑުކުރަން ހަދައިގެން ނުބުނެވި މާ ލަސްވީއެވެ.
ދެލޮލަށް ނިދި ނައިސް ފަތިހު ހަތަރެއް ޖަހަންދެން އެ ދެލޮލުގެ އެސްފިޔަތައް އެގޮތަށް ހިތްވަރުކުރިއެވެ. އެންމެ ފަހުން ރިހާންއަށް ނިދުނީ ހަތަރުގަޑި ބައިވާން އުޅެނިކޮށެވެ. ފަތިސްނަމާދަށް ވެސް ރިހާންއަށް ހޭނުލެވުނެވެ. ސައިބޯން ވެގެން ނުނިކުމެގެން މަންމަ ގޮވާއަޑަށް ރިހާންއަށް އެނދުން ތެދުވެވުނީ ފުންމައިގެންނެވެ.
އެ ގަޑީގައި ސައިބޯން ތިބީ މަންމައާއި ރިހާން އެކަންޏެވެ. އޭރު މުސްކާން ބޭރަށް ދިޔަ ވަގުތެއް ނޭނގޭތީ އައިންތު ހުރީ ކަންބޮޑުވެފައެވެ. ގައިމު އައިންތު ފަތިހު ފާޚާނާއަށް ވަން ވަގުތު މުސްކާން ނިދާފައި އޮތެވެ. ފާޚާނާއިން ނިކުތްއިރަކު މުސްކާންއެއް ނެތެވެ. ފަހަރެއްގައި އައިންތަށް ނުފެނި އޮފީހަށް ދިޔައީއެވެ. އެކަމަކު އެ ވާހަކަ އައިންތު ރިހާންއަކާ ހިއްސާއެއް ނުކުރެއެވެ.
އެދުވަހު އެތައް ފަހަރަކު ރިހާން މުސްކާންއަށް ގުޅިއެވެ. އެ ފޯނު އޮތީ ނިންވާލާފައެވެ. ރިހާންގެ ހިތުގައި މުސްކާންއާ މެދު ބިރުވެރިކަން ހިނގަން ފެށީ އެރޭގެ ރޭގަނޑުގެ ކާ ވަގުތު ޖެހުނު އިރުވެސް މުސްކާން ގެއަށް ނައުމުންނެވެ. ރިހާންއަށް ކެތްކޮށްލެވުނީ އެހާއިރަށެވެ.
”މަންމާ! މުސްކާން ކޮބައިތަ! މިއަދަކު ނުދެކެން..“ އެއަޑުގައި ހުރި ކަންބޮޑުވުން ފޮރުވަން ރިހާން ކުރަމުން ދިޔަ މަސައްކަތް އައިންތަކަށް ސިއްރެއް ނުވިއެވެ.
”މަންމަވެސް ހިތަށް މި އަރަނީ ތިހެން! ފަތިހުއްސުރެ ނުދެކެން. ގެއަކަށް ނާދޭ!“ މަންމަގެ ޖަވާބު އަޑު އިވުމުން ރިހާން ވިސްނައިލިއެވެ. އަދި ދެން ތެދުވެގެން ގޮސް މަންމަގެ ކޮޓަރިއަށް ވަދެ މުސްކާންގެ އަންނައުނު ހުރިތޯ ބަލައިލިއެވެ. މުސްކާންގެ އެއްވެސް އެއްޗެއް އެ ކޮޓަރީއަކު ނެތެވެ. ފޮށިވެސް އަދި ކިޔަވަން ގެންގުޅޭ ފޮތްތައް ވެސް މެއެވެ. ރިހާންއަށް ބޮލުގައި ދެއަތުން ހިފަހައްޓައިލެވުނެވެ. އަދި މުސްކާންގެ އެނދުގައި އިށީނދެވުނެވެ.
”މުސްކާން… އަޅޭ މުސްކާން!“ ރިހާންއަށް ތަކުރާރުކޮށް މުސްކާންގެ ނަމުން ގޮވައިލެވުނެވެ.
”އަަހަންނަށް މައާފު ކުރޭ! ޕްލީޒް، ދެން އެކަހަލަ ކަމެއް ދުވަހަކުވެސް ނުވާނެ!“ އެންމެ ފަހުން ރިހާންއަށް އަންހެން ކުއްޖަކު ފަދައިން ގިސްލާ ރޮވިއްޖެއެވެ.
އައި ޚިޔާލަކުން ކުށްލިއަކަށް ރިހާން ތެދުވެއްޖެއެވެ. އެބަ އަންނަމޭ އައިންތު ގާތު ބުނެފައި ރިހާން ނިކުތީ ބޭރަށެވެ. އައިންތު ގޮވާ ގޮވާ ހުއްޓައެވެ. ހަނދާނަށް ބާރުލަމުން ހިނގަމުން ގޮސް ރިހާން ނިކުތީ މަޖީދީ މަގަށެވެ. މުސްކާން ކިޔަވަނީ ކޮން ކޮލެޖަކުން ކަމާ ކޮން ކޯހެއްކަން ވެސް ރިހާން ހަނދާނަށް ގެނައެވެ. އެކި ފަހަރު ދެކެވިފައި ހުރި ވާހަކަ ތަކުން އެކަން ކަށަވަރު ވިއެވެ.
ވިލާކޮލެޖްގެ ދަރިވަރުން ކިލާސްތައް ނިންމާލާފަ ގޭޓް ތަކުން ބޭރަށް ނިކުތްއިރު އެތާ ރިހާން ހުއްޓެވެ. އެތައް ކުދިންނެއް ނިކުތްއިރު އެތަނުން ކޮންމެ ކުއްޖަކު ވެސް ބަލާއައިސް މީހަކު ހުއްޓެވެ. ފިރިމީހާއެވެ. ރައްޓެހިވެގެން އުޅޭ ކުއްޖާއެވެ. ނުވަތަ ބައްޕައެވެ. ނުވަތަ ބޭބެއެވެ. ވަރަށް މަދު ކުއްޖަކު އަމިއްލަ ސައިކަލުގަ ވެސް ދިޔައެވެ. ދެތިން ކުއްޖަކު ފައިމަގުގައި ވެސް ދިޔައެވެ. ހުރިހާ ކުދިން ގޮސް ހުުސްވި އިރުވެސް މުސްކާން އެއް ރިހާން އަކަށް ނުފެނުނެވެ. ލިބުނު މަޔޫސް ކަމުގައި ދާންވީ ކޮޅެއް ހަދަންވީ ގޮތެއް ނުނިމި ރިހާން ހުއްޓެވެ. އެންމެ ފަހުން ފޯނުރިންގްވެގެން ބެލިއިރު އެއީ މަންމައެވެ. ރިހާން ގެއަށް ނައިސްގެން ކަންބޮޑުވެގެން ގުޅީއެވެ.
އެރޭވެސް ރިހާންއަކަށް ނުނިދުނެވެ. ޚިޔާލުގެ ވާފަށް އަތުން ދޫވާ އެންމެ ފަހަރެއްވެސް ނުދެއެވެ. އަމިއްލަ ނަފުސު ކުށްވެރި ކުރެވެނީއެވެ. މުސްކާން އަތުން ބީވެއްޖެކަމަށް ހިތް ބުނަނީއެވެ. މުސްކާން އެއް ދެނެއް ނާންނާނެއެވެ. ނޫނެކެވެ. މުސްކާން ރިހާން ދެކެ ލޯބިވީ އެއްވެސް ޝަރުތަކާ ނުލައެވެ. ވީއިރު މުސްކާން އަދި އަންނާނެއެވެ. ރިހާންއަށް މުސްކާން ލިބޭނެއެވެ. ފަތިސްވުމުގެ އިރުކޮޅެއް ކުރިން ރިހާން ހުރީ ގޮސް ޓެރެހަށް އަރައެވެ.
މުސްކާން ކުރީރޭ ފަތިހު ދިޔަގޮތަށް ދިޔައީ މުސްކާންގެ ކުލާސްކުއްޖަކު އުޅޭ ކޮޓަރިއަށެވެ. އެހެންނަމަވެސް އެކުއްޖާ ކައިރީ ބުނީ އެ ކޮޓަރީގައި ހުންނާނީ ދެ ދުވަހަކަށް ކަމަށެވެ. ފަތިހު އެކުއްޖާއާ އެކު މުސްކާން ދިޔައީ މުސްކާންގެ ބައެއް ފޮތްތަކާ ދެތިން ހެދުން ހިފައިގެންނެވެ. ބާކީ އެއްޗެހި މުސްކާން ބެހެއްޓީ ރިހާންމެންގެ ގޭގެ ތިރީކޮޓަރީގައެވެ. އެއީ އަސްލު މުސްކާން ހުންނަން އެގޭ މީހުން ފުރަތަމަ ދިން ކޮޓަރިއެވެ. އޭރުއްސުރެން ވެސް މުސްކާން އަތުގައި އެކޮޓަރީގެ ތަޅުދަނޑި އޮވެއެވެ. މުޅި އެދުވަސް މުސްކާން ހެދަކުރީ ރައްޓެހިކުއްޖާގެ ކޮޓަރީގައެވެ. އޮފީހަށް ދެވޭވަރުގެ ހިތްވަރެއް ވެސް މުސްކާންގެ ނެތެވެ. އެއަށްވުރެ އެ ހިތަށް ކޮށްފައިވާ އަސަރު މާފުނެވެ. ރިހާންއާ މެދު ހިތުގައި އުފެދިފައިވާ ޝަކުވާތައް މާގިނައެވެ. އެއަށްވުރެ ބޮޑަށް އެހިތް ގަންނަބިރު މާ ބޮޑެެވެ. ރިހާން ގެއްލިދާނެތީއެވެ.
-ނުނިމޭ-
Alhey vaahaka haadhalahey fonuvaaleh
Alhey varah reethi. Waiting for the next part