މި އަހަރުގެ ރަމަޟާންމަސް ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް 20 މިލިއަނަށްވުރެ ގިނަ މީހުން މަސްޖިދުލް ޙަރަމްގައި ނަމާދުކޮށްފައިވާކަމަށް ސަޢުދީ ޢަރަބިޔާގެ ކަމާ ބެހޭ ފަރާތުން ހާމަކޮށްފިއެވެ.
ކަޢުބާގެ އިމާމް ޝެއިޚް ޢަބްދުއްރަޙްމާން އަލް ސުދާއީސްއާ ހަވާލާ ދެއްވައި ޢަރަބި މީޑިއާއިން ހާމަކުރި ގޮތުގައި ރޯދަމަސް ފެށުނީއްސުރެ ރޯދަ މަހުގެ އެކާވީސް ވަނަ ދުވަހާ ހަމައަށް 20 މިލިއަނަށް ވުރެ ގިނަ މުސްލިމުން ވަނީ މަސްޖިދުއް ޙަރަމަށް ޒިޔާރަށްކޮށް އަޅުކަމުގައި ބައިވެރިވެފައެވެ.
ޝައިޚް ޢަބްދުއްރަޙްމާން ވިދާޅުވިގޮތުގައި އޭގެތެރެއިން ގިނައީ ޢުމްރާއަށް ދިޔަ މީހުންނެވެ. އަދި ޢުމްރާއަށް ދިޔަ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ބިދޭސީންނެވެ.
ޢަރަބި މީޑިއާގެ އެހެން ރިޕޯޓެއްގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއި މިނިސްޓްރީ އޮފް ހައްޖު އެންޑް ޢުމްރާގެ މަސްދަރުތަކާ ހަވާލާދީ، ބުނެފައި ވަނީ ރޯދަމަހުގެ މިހާތަނަށް މުސްލިމް ޤައުމުތަކުން ވެސް ވަރަށް ގިނަ އަދަދެއްގެ މީހުން ސަޢުދީ ޢަރަބިޔާއަށް ގޮސް ޢުމްރާގެ އަޅުކަން ފުރިހަމަކޮށްފައިވާކަމަށެވެ.
ދުނިޔޭގައި މުސްލިމުންގެ އަދަދު ގިނަވެ އަޅުކަމުގައި ބައިވެރިވާ މީހުން އާދަޔާ ޚިލާފަށް އިތުރުވަމުން ދާއިރު އެހެން ދީން ތަކުގެ މީހުން އަޅުކަމާ ދުރުވަމުން ދާކަމުގެ ކަންބޮޑުވުންތައް ވަނީ ކުރިމަތިވެފައެވެ.