އަހަރެން އޮތީ ހޮސްޕިޓަލުގެ އެމަޖެންސީ ކޮޓަރީގައެވެ. ލޯހުޅުވައިލެވުނުއިރު ކައިރީގައި އިށީނދެގެން އިނީ މުސްކުޅި މަންމައެވެ. މަންމަ އެހެން އެ ގޮތަށް އަހަރެން ގާތު އިންނަތާ ވީކިހާއިރެއްކަމެއް އަހަންނަކަށް ނޭނގެއެވެ. މަޑުމަޑުން ހުޅުވައިލެވުނު އަހަރެންގެ ދެލޮލުން މުސްކުޅި މަންމައަށް ބަލައިލެވުނީ ރަޙުމާ ލޯބިއެކުލެވޭ ނަޒަރަކުންނެވެ. މަންމަގެ އެ އުމުރުގައި ވެސް އަހަންނަށް ހޭހަން ކުރަން މިޖެހުނީ މަންމައަށެވެ. އަހަރެންގެ ފަރާތުން މާބޮޑު އެހީތެރިކަމެއް ނުލިބުނަސް މަންމަ ދުވަހަކުވެސް ހިތް ބުރަކޮށްގެނެއް ނުހުރެއެވެ. ފަހަރެއްގައި އަހަރެން އުޅެން މިޖެހުނު ހާލުގެސަބަބުން ކަމަށްވެސް ވެދާނެއެވެ. އަހަރެން ޒިޔާންއާ އިންނަން ބޭނުންވާ ވާހަކަ ބުނި ދުވަހު މަންމަ އެކަމަށް ވަގުތުން އިންކާރުކުރިއެވެ. ސަބަބަކީ ކޮބައިތޯ އެހުމުން ވަކި ސަބަބެއް މަންމަ ނުބުންޏެވެ. ފަހަރެއްގައި ސަބަބު ސާބިތު ކޮށްދެވޭވަރުގެ ހެއްކެއް މަންމަ އަތުގައި ނެތީމާ ކަމަށް ވެސް ވެދާނެއެވެ.
މަންމަގެ ބަހަށް ކިޔަމަންވުމުގެ ބަދަލުގައި އެބަހުގައި ކޮޅުފައިން ޖެހުމަށްފަހު އަހަރެން ޒިޔާންއާ ކައިވެނިކުރީމެވެ. ބައްޕަގެ މަގާމުގައި ހުރީ ދޮންބެ ކަމަށް ވުމުން އެ ކައިވެންޏަށް ވަރަށް ފަސޭހައިން ވަލީ ލިބުނެވެ.
ޒިޔާންއާ އަހަންނާ ފުރަތަމަ ބައްދަލުވި އިރު ވެސް އަހަންނަކީ ނަރުހެކެވެ. ޒިޔާން އެއީ ބޭރު ރަށެއްގެ މީހަކަށް ވިޔަސް އެއީ ދޮންބެގެ ރައްޓެއްސެކެވެ. އެ ރައްޓެހިކަމުގައި ޒިޔާން އަހަރެމެންގެ ގެއަށް އަންނަން ފެށިއިރު ދޮންބެ ރަށަކުނެތެވެ. އޭރު ދޮންބެ ހުރީ އޮފީހުގެ މަސައްކަތެއްގައި އެހެން ރަށެއްގައެވެ. ދޮންބެގެ ޑިއުޓީ ރަށަށް ބަދަލުވީ ޒިޔާން ރަށުގައި ހުންނަތާ ހަތަރުމަސް ވީފަހުންނެވެ.
ދޮންބެއާ ޒިޔާންގެ ރައްޓެހިކަން އުފެދުނީ ޒިޔާން މިހާރު ވެސް މަސައްކަތް ކުރާ އޮފީހުގައި ދޮންބެ އުޅުނު ދުވަސްކޮޅުގައެވެ. އެ ދެމީހުންނަކީ މިޒާޖުގެ ގޮތުން ވަރަށް އެއްކަހަލަ ދެމީހުންނެވެ. ދެމީހުންގެ އެކުވެރިކަން ދެމިއޮތީ އެ ސަބަބަށްޓަކައި ކަމަށް ވެދާނެއެވެ. ފަހުން ދޮންބެ ކިޔަވަން ރާއްޖެއިން ބޭރަށް ދިޔައީއެވެ.
”ކޮއްކޯ، ދޮންބެގެ ރައްޓެއްސެއް ވެއްޖެ ތި ރަށުގަ! އޭނަ ބޭނުމޯ މަންމަ ދެކިލާ ގެއަށް ވަދެލާ ހަދަން. އެހެން ރަށެއްގަ އުޅޭ އިރު ރައްޓެހިން ތިބެންޏާ އެހީތެރިކަމަށް ވެސް އެދެވޭނެނު!“
ޒިޔާންއަށް އަހަރެމެންގެ ގެއަށް އާދެވެން ފެށުނީ މި ގޮތުންނެވެ. ފުރަތަމަ ދެތިން ދުވަހު ޒިޔާން އައި އިރު ވެސް އަހަންނަކާ ދިމަލެއް ނުވެއެވެ. އެ ގަޑިތައް ދިމާވީ އަހަރެންގެ ޑިއުޓީ ގަޑިތަކާއެވެ. ދޮންބެގެ ރައްޓެއްސަކު އައި ވާހަކަ ފުރަތަމަ ދުވަހު މަންމަ ބުންޏެވެ. އަހަރެން ބުނީ ތި މީހެއްގެ ވާހަކަ ދޮންބެ ބުނި ކަމަށެވެ.
އަހަރެމެން ދެމީހުންގެ ފުރަތަމަ ބައްދަލުވުން ވެސް ވީ ވަރަށް ތަފާތު އިއްތިފާގަކަށެވެ. އެއްރޭ ޑިއުޓީގައި ހުރެފައި އަހަރެން ގެއަށް އައީ އަށެއް ޖެހުމުން ލިބުނު ބްރޭކް ގަޑީގައި ކެއުމަށެވެ. ގޭގެ ފުޅަލި ހުޅުވާލުމަށްފަހު އަހަރެން އެތެރެއަށް ދެމިގަތީ ވާރޭ ވެހެން ތައްޔާރުވެފައި ވާތީ އަވަސްކޮށްލައިގެން އެނބުރި ސިއްޙީމަރުކަޒަށް އަވަހަށް ދިއުމުގެ ބޭނުމުގައެވެ. އެހެންނަމަވެސް އަހަރެން ހުޅުވައިލި ދޮރުން ބޭރަށް ނިކުތް ޒިޔާންގެ ގައިގާ އަހަރެން އަޅައިގަތީ ގަސްތަކު ނޫނެވެ. ދިޔަގޮތަށް ގޮސް އިސްކޮޅުން ދިގު ޒިޔާންގެ މޭމަތީގައި އަހަރެން ތަތްވީ އެއްވެސް އިޚުތިޔާރަކާ ނުލައެވެ. އެވަގުތު މަންމާއޭ ކިޔާ އަހަންނަށް ބާރަކަށް ގޮވައި ވެސް ލެވުނެވެ.
ޒިޔާން ވަގުތުން އަހަރެންގެ ދެކޮނޑުގައި ހިފާ ޒިޔާންއާ ދުރުކޮށްލުމަށްފަހު އަމިއްލައިން ތަޢާރަފް ވެލިއެވެ. އަދި ތިއީ އީދާ ދޯއޭ ވެސް ބުނެލިއެވެ. ޒިޔާން އެހެން ބުނުމަކުން އަހަރެން ހައިރާނެއް ނުވެއެވެ. ސަބަބަކީ ދޮންބެގެ އެހާ ގާތްމީހެއްކަމަށް ވަންޏާ އަދި އަހަރެމެންގެ ގެއަށް ދެތިން ފަހަރަކު ނަމަވެސް އައި މީހެއްވީމާ އަހަރެން އެނގިފައި އޮވެދާނެތީއެވެ.
ތަޤުދީރުގައި ކަންކަން ރޭވިފައި އޮންނަ ގޮތް އިންސާނުންނަށް ކުރިން އެނގޭނަމަ އެރޭ ކުއްލިއަކަށް ވާރޭ ވެހިއެއް ނުގަންނާނެއެވެ. ނުވަތަ ވާރޭ ވެހުނަސް އެހެން ކޮންމެވެސް ގޮތަކަށް އަހަންނަށް އަހަރެންގެ ޕްލޭން ހަމަ ޖެއްސުނީހެވެ.
ޒިޔާންގެ ވާހަކައަށް ބޯޖަހާލަމުން އަހަރެން ވަދެގެން ދިޔައީ ގޭތެރެއަށެވެ. އޭރު މަންމަ ކޮޓަރިން ނިކުންނަނީއެވެ.
”ޒިޔާންއާ ދިމާވިތަ!“ މަންމަ ކުރި ސުވާލަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ޒިޔާން އަކީ އެއީ ދޯއޭ ފުޅަލިން ނިކުންނަނިކޮށް ދިމާ ވެއްޖެއޭ ބުނަމުން މޫނުހުރި ދިމާއަށް އަހަރެން ކުރިއަށް ދިޔައީމެވެ. މަންމަ ވެސް އަހަރެން ފަހަތުން އައިސް ކާން އިށީނީ އަހަރެން ހުރީ ލަސްވެފައިކަން އެނގޭތީ އިތުރަށް އެވާހަކަ ނުދައްކައެވެ.
އެހެންނަމަވެސް އަނގައަށްލި ފުރަތަމަ ސަމުސަލާ އެކު އަހަރެންގެ ކަންފަތް ކޮޅަށް ޖެހުނީ ކާކޮޓަރީގެ ފުރާޅުމައްޗަށް ޖެހެންފެށި ބޮޑެތި ފެންތިކިތަކުގެ އަޑު އިވުމުނެވެ. އަދި ހަމަ އެވަގުތު ދުވަމުން ދުވަމުން އައިސް ގޭގެ ސިޓިންރޫމުގެ ދޮރުހުޅުވާލުމަށްފަހު އެތެރެއަށް ވަން ޒިޔާން އަހަރެންގެ ލޮލުގައި އަޅާގަތީ ކާކޮޓަރީގެ ދޮރު ނުލައްޕާ ހުރުމުންނެވެ.
ޒިޔާން އައިކަން އެނގުމުން ކާން އަންނަން މަންމަ ޒިޔާންއަށް ދައުވަތު ދިނެވެ. ނަމަވެސް ޒިޔާން އެކަމުން މަނާ ވެގާތީއެވެ. އަދި މަންމަގެ ހުއްދައާ އެކު ސިޓިންގރޫމުގެ ގޮނޑިއެއްގައި ވާރޭ ހުއްޓައިލާނެ އިރެއްގެ އިންތިޒާރުގައި ޒިޔާން ވެސް މަޑުކޮށްލިއެވެ. އަހަރެން ކައި ނިންމާލުމާށްފަހު ތެދުވެ އަތް ދޮވެލައިގެން ކޮޓަރިއަށްވަދެ ކޮޓަރީގެ އެއްފަރާތުގައި ބާއްވާފައި އޮތް އަހަރެންގެ ވިއްސާރަކޯޓް ގަޔަށް މަހާލީމެވެ. އަދި ބޭރަށް ނިކުމެ ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު ސިޓިންގރޫމުގައި އިން ޒިޔާނަށް ބަލައިލީމެވެ. ޒިޔާން ވެސް އިނީ އަހަންނާ ދިމާއަށް ބަލަހައްޓައިގެންކަމުން ކުޑަކޮށް ހީނލީމެވެ. އެއީ ވަކި މަގުސަދެއް އޮވެގެން ކުރިކަމެއް ނޫނެވެ.
ސިޓިންރޫމަށް ނިކުންނަމުން މަންމަ ކައިރީ ދަނީކަމަށް ބުނަމުން ކުރިއަށް އަހަރެން ހިނގައިގަތީމެވެ. އެވަގުތު ގޭގައި އޮންނަ ކުޑަ ކޮބައިތޯ މަންމަ ސުވާލުކުރިއެވެ. ކުޑަ އޮތްތަން ބުނުމުން މަންމަ ދިޔައީ ކުޑަބަލައެވެ.
އަހަރެން ދޮރޯށި ލެއްޕުމަށްފަހު ކުރިއަށް ހިނގައިގަތީމެވެ. އެހެންނަމަވެސް މާދުރަކަށް ނުދެވެއެވެ. ޒިޔާން އަހަރެންގެ ނަމުން ގޮވައިލުމުން އެނބުރި ބަލައިލީމެވެ. އޭރު ޒިޔާން ބާރުހިނގުމުގައި އައިސް އަހަންނާ ހަމަ ކުރަނީއެވެ.
”އެކަނިތަ ދަނީ! ބިރެއް ނުގަނޭތަ މިހާއިރު…. މިބުނީ މިހާ ވިއްސާރައިރު..“ ޒިޔާން ކުރި ސުވާލް އިތުރަށް ތަފްސީލްކޮށްދޭން އޭނާ އުޅުނެވެ.
”ނުގަނޭ ބިރެއް! މިއީ ވަރަށް އަމާން ރަށެއް!“ އަހަރެން ބުނީމެވެ. އަހަރެމެން ދެމީހުންގެ ދެމެދު ވާހަކަ ދެކެވެން ފެށުނީ އެހިސާބުންނެވެ.
ޒިޔާނަކީ ހުރިހާ އަންހެންކުދިން ވެސް ބޭނުންވާނެ ފަދަ ރީތި ފިރިހެނެކެވެ. ހެދުންއެޅުމުގައި އަދި ވަކިން ސްމާޓް ގޮތެއް ހުރެއެވެ. ހުދު އަތްދިގު ގަމީހުގައި ޓައި އަޅައިގެން އޮފީހަށްދާ ފިރިހެނުން އެއީ އަހަންނަށް އަބަދުވެސް ވަރަށް ކަމުދާ ބައެކެވެ. އަހަންނަށް ޒިޔާން ކަމުދާން ފެށީ މިސަބަބަށްޓަކައިކަމަށް ވެސް ވެދާނެއެވެ.
އަހަރެމެންގެ ލޯބީގެ ބަގީޗާގައި މާތައް ފޮޅުނީ އެއްވެސް ބަޔަކަށް އިޝާރާތް ވުމެއް ނެތިއެވެ. ސަބަބަކީ ޒިޔާން އަކީ ބޭބެގެ ރައްޓެއްސަކަށް ވެފައި ރަށުގައި އަހަރެން ފުރައިގެ މީހުނާ ނީނދެ ތިބި އެއްވެސް އިތުރުކުއްޖަކު ނެތުމުން ކަމަށް ވެދާނެއެވެ. ނުވަތަ އަހަންނާމެދު ރަށުމީހުން ކުރާ އިތުބާރަކުން ކަމަށް ވެސް ވެދާނެއެވެ.
އަހަރެމެން ރައްޓެހިވެގެން މާގިނަ ދުވަހަކު ނޫޅެމެވެ. ޒިޔާން ވެސް އަދި އަހަރެން ވެސް ބޭނުންވީ އަވަހަށް ޒަވާޖީ ހަޔާތެއް ފެށުމަށެވެ. އެހެންކަމުން އެވާހަކަ ފުރަތަމަ ޒިޔާން، ދޮންބެއާ ހިއްސާކުރުުމުން އަހަރެން ބޭނުންވާގޮތަކަށް ކުރިއަށް ދިއުމަށް ދޮންބެގެ ހުއްދަ ލިބުނެވެ. އެހެންނަމަވެސް މަންމަ ރުއްސުމުގައި އަހަރެން ވީ ނާކާމިޔާބެވެ. އެއްގޮތަކަށް ވެސް މަންމަ އަހަރެމެން ކައިވެނިކުރާކަށް އަދި ގުޅޭކަށް ވެސް އެއްބަހެއް ނުވިއެވެ.
ސީލިން އާ ދިމާއަށް ހުއްޓާލެވިފައިވާ އަހަރެންގެ ނަޒަރު އަނެއްކާވެސް މަންމަގެ މޫނަށް އަނބުރައިލީމެވެ. އަދި ވެސް އަހަރެންގެ އަތްތިލާގައި ހިފެހެއްޓިގޮތަށް މަންމަ އިނީ ނިދިފައެވެ. އެހެންކަމުން އަހަރެންވެސް މޫނު ސީދާ ކޮށްލާ އަލުން ލޯމަރައިލީމެވެ. ދެންވެސް އަހަރެންގެ ޚިޔާލުގެ ނަވުގެ ދަތުރު ކުރުކޮށެއްނުލިއެވެ.
އަހަންނާ ޒިޔާންގެ ކައިވެއްޏަށް ނުރުހުނު ދެފަރާތަކީ މަންމައާ ދޮންބެދައްތައެވެ. އެކަކުވެސް ނުރުހުނު ސަބަބެއް ނުބުންޏެވެ. އެހެންވިޔަސް އަހަރެން ހިތްވަރުކޮށްފަ ޒިޔާންއާ އެކު ދިރިއުޅުމުގެ ހަނގުރާމަ ފެށީމެވެ. ލޯތްބާ އަޅާލުމާ އޯގާތެރިކަމާ ހިތްހަމަ ޖެހުމާ ފައިސާއާ ހުރިހާ އެއްޗެއް ޒިޔާންގެ ފަރާތުން އަހަންނަށް އޮހެމުން ދިޔައެވެ. އަހަރެން ބޭނުން ވަރަށްވުރެ މާ އިތުރަށެވެ. ފައިސާ ގޮތަށް ލޯތްބަކީ ވެސް ފުދިގެން ބާކީ ވާ އެއްޗެއްނަމަ ޒިޔާންގެ ލޯބި ވެސް ބާކީވީހެވެ. އެހާވެސް އަހަރެން އުޅުނީ ހިތްހަމަ ޖެހިގެންނެވެ. އެހެންނަމަވެސް އެކަންވީ މަދު ދުވަސްކޮޅެއްގެ ކުލަރީތި ހުވަފެނެއްފަދަ ކަމަކަށެވެ. ޒިޔާން އަހަންނަށް ދެމުން އައި އެއްވެސް އެއްޗެއް އުންޏެއް ނުކުރެއެވެ. ނަމަވެސް ޒިޔާންގެ އަސްލު ސިފަ، ނުވަތަ އަސްލު ސޫރަ އަހަންނަށް ފެނުނީއެވެ. އޭރު އަހަރެން އިނީ އަހަރެމެން ދެމީހުންގެ ލޯބީގެ މޭވާކަމަށްވާ ތުއްތުތުއްތު ދަރިފުޅަށް ބަލިވެއެވެ.
އެއީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެއެވެ. އަހަރެން ޑިއުޓީ ނިމޭނީ އެރޭ އެގާރަ ޖަހާއިރުއެވެ. އެހެންނަމަވެސް މާބޮޑަށް ވަރުބަލިވާތީއާ އިތުރު ބަލިމީހަކު ވެސް އެޑްމިޓްކޮށްފައި ސިއްހީމަރުކަޒުގައި ނެތުމުން އިސްފަރާތުގެ ހުއްދައާ އެކު ގާތްގަނޑަކަށް ނުވައެއް ޖެހުމުން އަހަރެން އައީ ގެއަށެވެ. އޭރު މަންމަވީ ނިދަން ކޮޓަރިއަށް ވަދެއެވެ. ޒިޔާންވީ އޮފީހުގެ ކަމެއްގައި ހަވީރު، ޖެހިގެން އޮތް ރަށަށް ގޮހެވެ. އެހެންކަމުން އަހަރެެމެންގެ ކޮޓަރީގެ ތަޅަށް ތަޅުދަނޑި ޖަހާ އަނބުރައިލީ ވެފައިވާ ވަރުބަލިކަމުން އަވަހަށް އޮށޯވެ ނިދާލުމަށެވެ. އެހެންމަވެސް ހުޅުވުނު ދޮރުން އެތެރެއަށް އަހަންނަށް އެޅުނީ އެންމެ ފިޔަވަޅެކެވެ. އަހަރެންގެ މުޅި ވުޖޫދު އަނދިރިވެ ހުއްޓުމަކަށް އައެވެ. ކުރިމަތިން އަހަންނަށް ފެނުނު މަންޒަރުންނެވެ. ބުނާނެ އެއްޗެއް ކުރާނެ ކަމެއް ނޭނގީ ގަނޑުވެފައި އަހަރެން ހުއްޓާ ކޮޓަރީގައި ޒިޔާންއާ އެކީ ތިބި ދެމީހުން އަހަރެން ކޮއްޕާލާ އެއްފަރާތް ކުރަމުން ކޮޓަރިން ބޭރަށް ދެމިގަތެވެ. ދެންވެސް އަހަރެން ހުރީއެވެ. ރުޅިން ހަޅެއްލަވައި ގަންނާނީކަމެއް އަޑުގެ ކޮޅަށް ރޯން ފަށަންވީ ކަމެއް ނޭނގިފައެވެ.
ވަގުތުގެ ބޭނުންކޮށް ޒިޔާން ގެންގުޅުނު ކުދި ކޮތަޅުތައް ޒިޔާން ލާންފެށި އެނދުގެ ގޮދަޑި ދަށަށެވެ. އެހިސާބަށް ދިޔައިރު އަހަރެންގެ ހިއްސުތައް މަސައްކަތް ކުރަން ފެށިއެވެ. އަހަންނަށް ދުވެ ގޮސް ހިފުނީ ޒިޔާންގެ ޓީޝާޓްގެ ގިރުވާނުގައެވެ. އަދި ތިއީ ހާދަ ނުބައިމީހެކޭ ކިޔައި ހަޅެއްލަވައިގަތީމެވެެ. ރޮމުން ގިސްލަމުންނެވެ. އަދި ޒިޔާން ގެންގުޅުނު ކޮތަޅުތައް އަތުލެވޭތޯ މަސައްކަތް ވެސް ކުރަމުންނެވެ. އަހަރެން އުޅުނު ގޮތުން ޒިޔާން ވަރަށް ރުޅިއައެވެ. އަހަރެން ކޮއްޕާ އެއްފަރާތަކަށް ހޫރައިލިއެވެ. އެވަރުން ވެސް އަހަރެން ދުލެއް ނުކުރީމެވެ. ޕޮލިހަށް ގުޅާފަ ހުރިހާ ވާހަކައެއް ކިޔައިދޭނަމޭ ބުނެ ދަބަސް ތެރޭ އޮތް ފޯނު ނަގަން ދުއްވައިގަތީމެވެ. އެތަން ފެނުމުން ޒިޔާން އަހަރެންގެ ދަށްބަނޑުގަޔާ އެކު އެތައް ބޮނޑިއެއް އެޅިއެވެ. ވީތަދުން އަހަރެން ބިއްމައްޗަށް ދެމިއްޖެއެވެ. އަދި އަހަރެންގެ ހެއަށް ގޮތްވެ މޫނުމަތި އަނދިރިވެ ކޮޓަރީގެ ތަޅުންމައްޗަށް ދެމިއްޖެއެވެ.
އަހަރެން ހޭ އެރިއިރު އަހަރެން އޮތީ ހޮސްޕިަޓަލުގައެވެ. ލިބުނު އަނިޔާގެ ސަބަބުން އަހަރެންގެ ދަރިފުޅު އަހަންނާ ވަކިވެގެން ދިޔައީ ފަހުދުވަހު ހެނދުނުއެވެ.
ޕޮލިހުން އަހަންނާ ސުވާލުކުރަން އައީ އެ ދުވަހުގެ ރޭގަނޑުއެވެ. އަހަރެން ކަންތައް ހިނގިގޮތް ފުލުހުންނަށް ކިޔައިދިނީމެވެ. އޭރު ޒިޔާން އަހަރެމެންގެ ރަށުން ފުރައިގެން ހިނގައްޖެއެވެ. އަހަރެންގެ ލޯބިވާ ދޮންބެ އަހަންނާ ބައްދަލުކުރަން އައީ ފުލުހުން ނިކުމެގެން ދިޔަތާ މާގިނަ ވަގުތެއް ނުވަނީހެވެ. އެހެންނަމަވެސް ދޮންބެދައްތަ އެރޭއްސުރެ އަހަރެންނަށް ހިތްވަރު ދިނުމުގައި ދެމިއިނެވެ. އަދި ފުލުހަށް ހުރިހާ ވާހަކައެއް ކިޔައިދިނުމަށް އަހަންނަށް އެހީތެރިވީ ވެސް ދޮންބެދައްތައެވެ.
”ކޮއްކޮ ކީއްކުރަން އަމިއްލަ ފިރިމީހާގެ ވާހަކަ ފުލުހަށް ކިޔައިދޭންވީކީ….. އަނެއްކޮޅުން އެއީ ދޮންބެގެ ބެސްޓްފްރެންޑޭ!“ ދޮންބެ ހުރީ ވަރަށް ހިތްހަމަ ނުޖެހިއެވެ. ދޮންބެ ވާހަކަ ދައްކަން ފެށުމުން ދޮންބެދައްތަ ތެދުވެގެން ދުރަށް ހިނގައްޖެއެވެ. އަމިއްލަ ބައްޕަ ކަމަށް ދެކިގެން އުޅުނު އަމިއްލަ ބޭބެގެ ފަރާތުން ޙިމާޔަތާ ރައްކާތެރިކަން ލިބުމުގެ ބަދަލުގައި އަނިޔާ ދިންމީހާގެ އަނިޔާގެ ވާހަކަ ދެއްކީތީ އަހަރެން ކުށްވެރިކުރީއޭ ހިތަށް އެރުމުން ވަރަށް ދެރަވެ ހިތުގައި ޖެހުނެވެ.
އަނެއްކާވެސް އަހަރެން ލޯހުޅުވައިލީމެވެ. އަދި މަޑުމަޑުން ފުރޮޅިލީމެވެ. އަހަރެންގެ ހަރަކާތުގެ ހިލަންވެގެން މަންމަ ލޯހުޅުވައިލަމުން ގޮނޑީގައި ރަނގަޅަށް ހަމަޖެހިލިއެވެ.
”މަންމަ ވާހަކައެއް ބުނަން ބޭނުން!“ މަންމަ އިސްޖަހާލަމުން ވާހަކަ ދެއްކިއެވެ.
”އަޅުގަނޑު މިއަދު ވަރަށް ދެރަވެއްޖެ! މަންމަ އީދާއަށް މާފުކޮށްދީ! މިހެންމިވީ މަންމަގެ ނުގަބޫލުގައި މިކަންކުރީމަހެން ހީވަނީ!…. އަހަންނަށް މާފުކޮށްދީ!“ އަހަރެން މަންމަގެ ދެއަތްތިލާގައި ހިފަމުން ބުނީމެވެ.
”އަހަރެން ބޭނުމީ ޒިޔާން ކައިރިން ވަރިވާން! ހިއެއް ނުކުރަން ޒިޔާން އެކަހަލަ މީހަކަށް ވާނެކަމަކަށް!“
މަންމަ އަހަރެންގެ މޫނަށް ބަލައިލިއެވެ.
”ފުލުހުން ޒިޔާން ހައްޔަރުކޮށްފި!“ ޖުމުލަ ނިންމާލުމަށްފަހު މަންމަ އިސްޖަހައިލިއެވެ. އަހަރެންގެ ހިތަށް ވަރަށް އަސަރުކުރިއެވެ. އެހެންނަމަވެސް އެއީ ލިބެންޖެހޭ އަދަބެއްކަމަށް އަހަރެން ގަބޫލުކުރަމެވެ. އަދި ފުލުހަށް އެވާހަކަ ކިޔައިދެވުނީތީ ދެރައެއްވެސް ނުވިއެވެ. އެއީ އަހަރެން ނުކުރަން ޖެހޭކަމެއްކަމަކަށް ވެސް ގަބޫލެއް ނުކުރަމެވެ.
”އަދި ދަރިފުޅުގެ ދޮންބެ ވެސް!“ މަންމަ ދެން ބުނި އެއްޗަކުން އަހަރެން ދިޔައީ ސިއްސައިގެންނެވެ.
މަންމަ އިތުރަށް ކިޔައިދިން ގޮތުގައި ޒިޔާން އެ ވިޔަފާރިހިންގަމުން އައީ ދޮންބެއާ ދެމީހުން ހިއްސާވާގޮތަށެވެ. މަންމަ އަހަންނާ ޒިޔާން އިންނަން އެއްބަސް ނުވި ސަބަބަކީ ވެސް އެއީކަމަށް މަންމަ ބުންޏެވެ. އަދި ދޮންބެދައްތައަށް ޝައްކުކުރެވިގެން މަންމަ ކައިރީ އެވާހަކަ ބުނީ އަހަންނަށް ސިއްރުކޮށްދިނުމަށް މަންމަ ހުވާކުރުމުން ކަމަށް ވެސް މަންމަ ބުންޏެވެ.
”އަޅެ، މަންމާ! ދޮންބެ…..“ އަހަންނަކަށް އެ ޖުމުލަ ފުރިހަމައެއް ނުކުރެވުނެވެ. އެވަގުތު އަހަންނަށްވުރެ ބޮޑަށް އަސަރުކުރާނީ މަންމައަށްކަން އަހަންނަށް އެނގެއެވެ. މަންމަ ތެދުވެލާފަ އަހަރެންގެ ގައިގާ މަޑުމަޑުން ބައްދައިލިއެވެ. އަދި ހިތްވަރު ދެމުން ބުންޏެވެ. އެމީހަކު ކުރި ކުށެއްގެ ސަޒާ އެމީހަކު ދެކެންޖެހޭނެއެވެ. މަންމަ އެކަމާ ދެރައެއް ނުވެއެވެ. ދެންވެސް އިސްލާހުވާން އެ އޮތީ ވަގުތު ލިބިފައެވެ. އަހަރެން އިސްއުފުލާލާ މަންމަގެ ދެލޮލުން ފޭބި ކަރުނަތައް ފޮހެލައިދިނީމެވެ. އަދި މަޑުމަޑުން ހިނިތުންވަމުން ބޯޖަހައިލީމެވެ.
-ނިމުނީ-