ލ.ގަން ފެނަކަ އިންޖީނުގެއިން ޑީސަލް ހުސްވެ، އިންޖީނުތައް ހުއްޓުނު މައްސަލައިގައި އެ ތަނުގެ މެނޭޖަރު ފާރޫޤް ޙުސައިން ސަސްޕެންޑްކޮށްފިއެވެ.
ގަން ފެނަކަ އިންޖީނުގެއިން ޑީސަލް ހުސްވެ ކަރަންޓު ކެނޑުނީ އިއްޔެ މެންދުރުފަހުއެވެ. އަލުން ކަރަންޓު ލިބުނީ ދޮޅުގަޑިއެއްހައިއިރު ފަހުންނެވެ.
ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ސަޢީދު ވިދާޅުވީ ގަމު އިންޖީނުގެއިން ތެޔޮ ހުސްވީ ސްޓޭޝަންގެ ވެރިޔާ ދޭންޖެހޭ އިރުޝާދު ނުދިނުމުން ކަމަށެވެ.
އަދި އޭނާގެ އިހުމާލުން ޑީސަލް ހުސްވި މައްސަލަ ބަލައި ނިމެންދެން އިއްޔެއިން ފެށިގެން އެއްމަސް ދުވަހަށް ފާރޫޤް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.