ކަނޑުގެ މާސިންގާ ލޮނުގަނޑު ދެފަރާތަށް ކަފަމުން ބާރު ދުވެލީގައި އައިސް ދ.ކުޑަހުވަދޫއަށް ބަނދަރު ކުރި ދިރުން ލޯންޗުން އެންމެ ފުރަތަމަ އެއްގަމަށް ފޭބީ އެރަށު ދިލްބަހާރުގެ އީތަންއެވެ. 15 އަހަރު ދުވަހަށްފަހު އުފަން ފަސްގަނޑުގައި ފައި ބީހުމުން އީތަންގެ ހިތަށް ލިބުނު ހަމަޖެހުން ދުލުން ބަޔާން ކުރެވޭ ވަރަށްވުރެ މާ ބޮޑެވެ. އީތަންއާއި އީތަންގެ ދޮންތައަށް ރަނގަޅު ތައުލީމެއް އުނގަންނައި ދިނުމުގެ މަގުސަދުގަ އޭނަގެ މައިންބަފައިން މާލެ ބަދަލުވި އިރު އީތަންއަށް އެންމެ 6 އަހަރެވެ. ރީތިކޮށް ކުރަހަން އެނގޭތީ އާރޓިސްޓަކަށް ވުމުގެ އުންމީދެއް އޮތަސް ކިޔެވުމުގެ މާބޮޑު ޝައުގުވެރިކަމެއް އޭރުވެސް އީތަންގެ ނެތެވެ. އެހެންކަމުން ޅަފުރާގެ ދުވަސްތަށް އީތަންއާ އަރާ ހަމަކުރިއިރު، ޔޫރަޕްގެ ތަހުޒީބީ އޮއިވަރުގައި ބެހި އާވާރާވެގެން އީތަން އުޅެމުން ދިޔައީ މާލޭގެ މަގުތަށް މަތީގައެވެ.
”އޭ ކަލޭތަ؟ މިކޮޅުގަ ކޮން ވަޑާމެއް؟“
”ގެއާ ދިމާލަށް މިސްރާބު ޖެހިތަނުން ސައިކަލެއްގައި އައިސް އީތަންގެ ކުރިމަތީ ޝާއްޕެ މަޑުކޮށްލިއެވެ. މާލޭން އެތައް ފަހަރަކު ޝާއްޕެއާ ބައްދަލުވެފައި އޮތުމުން އީތަން އަރާ އިށީނީ ޝާއްޕެގެ ފަހަތުގައެވެ.
”ކާފަ މާލެ ނުގޮސްގެން ބަލާ މިއައީ. މާމަ ނިޔާވި ފަހުން ކާފަ އެކަނި އުޅޭތީ މަންމަ ހުންނަނީ އަބަދު ބޯ ގޮވާފަ. މަށަށް ހުރިހާ ވަރެއް.“
”ތިބަހަނާގަ ވެސް ރަށަށް ޖައްސާލިކަން ރަނގަޅު. މިރެއަށް މަސްދަތުރެއް ރާވާލައިގެން މިއުޅެނީ. ކަލޭ ވާނެ ދާން.“
ޝާއްޕެ ސައިކަލް ދުއްވާފައި ގޮސް މަޑުކޮށްލީ އީތަންގެ ގޭގެ ދޮރާށި ކައިރިއަށެވެ. މިރޭ ގުޅާނެ ކަމަށްބުނެ ޝާއްޕެ ދިއުމުން އީތަން ވަނީ ގެއަށެވެ. ގޭތެރެއިން މީހަކު ފެންނަން ނެތުމުން އީތަން ގޮސް ކުޑައިރު އޭނަ ނިދާހެދި ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެއާއެކު އީތަންގެ ނޭފަތުގަ ޖެހުނީ ކުނި ނުބައި ވަހެކެވެ.
ކާކު؟“
ފަހަތުން ކާފަގެ އަޑު އިވި އީތަން ފަސް އެނބުރި ބަލާލިއެވެ. ބަދިގެ ދޮރުމަތީ ކާފަ ބަލަން ހުރީ އީތަންއާ ދިމާލަށެވެ. އީތަން ބަލާލުމާއެކު ކާފައަށް އީތަން އެނގިއްޖެއެވެ.
”ކާފާ. މަށޭ އީތަން.“
ހިނިތުންވެލަމުން އައިސް އީތަން ހުއްޓުނީ ކާފަގެ ކުރިމަތީގައެވެ.
”އާނ… ތިއޮތީ މަތީ ތައުލީމް ކިޔަވާ ދީފަ އެތަނަށް ގެންގޮސް. ތިވަރު މޮޅު ބަޔަކު އުޅޭތަނަކަށް ކާފަ ދިރިހުއްޓާ ގެންދާކަށް ހަމަހިލާ ނުކެރޭނެ…“
ރުޅިއައިސްގެން ކާފަ ގޮވަންފެށި ފަތިވަރު ހުއްޓައެއް ނުލިއެވެ. ބޯ ކޮށާނެ ކަމުގެ ޔަގީންކަން އީތަން ދިނުމުންވެސް ކާފަ ނުކުމެގެން ދިޔައީ އީތަންގެ މަންމަ އަޒުމާއަށް ފަރިވަރު ގޮވަމުންނެވެ. ފުން ނޭވައެއް ދޫކޮށްލަމުން އީތަންއަށް އަތް އަޅާލެވުނީ މޭގައެވެ. ކާފަ ގޮވިހާ އެއްޗިއްސަށް ހިތް ބަރުކަމެއް ނެތި އީތަން ގޮސް ވަނީ ކޮޓަރިއަށެވެ. ދޮރުހުޅުވާލި ވަގުތު ނުބައި ވަހެއް ދޮވިނަމަވެސް އެކޮޓަރި ތެރެއިން ނުބައި ވަސް އަރަން ޖެހޭ ވަރުގެ ނުތާހިރު އެއްވެސް ފެންނާކަށް ނެތެވެ. އީތަން އަންނަން ވާއިރަށް ކޮޓަރި ހުރީ ފޮޅާ ސާފްކޮށްލާފައެވެ.
އެދުވަހު ކާފައާ އެކު ވަގުތު ހޭދަ ކުރުމަށްފަހު އެރޭ ޝާއްޕެއާ އޭނަގެ އެކުވެރިންނާއެކު އީތަން ދިޔައީ ކަނޑު މައްޗަށެވެ. އެނބުރި އީތަންއަށް ގެއަށް އާދެވުނު އިރު ބާރަ ޖަހައިފިއެވެ. އެއީ އަދި އީތަންއަށް އިރާކޮޅު ކަމުން އީތަން ޖައްސާލީ ގޯޅިތެރޭ ހުރި ޖޯލިފަތިން ޖޯއްޔެއްގައެވެ. ދަންވަރުގެ ކަނު އަދިރިކަން ވެރިވެފަވާ އެގޯޅިތެރެއިން އެވަގުތު ދިރޭ ފުރާނައެއްގެ ކުޑަވެސް ހިލަމެއް ނެތެވެ. ގޯޅި ކަންމަތީ ޖަހާފައި ހުރި ހޮޅިބުރިއަކުން ފަޑުއަލިކަމެއް އެހާހިސާބަށް ފޯރި ނަމަވެސް އެމާހައުލު ފެންނަނީ ހިތަށް ނާމާންކަން ވެރިކުރުވާ ފަދަ ގޮތަކަށެވެ. ނަމަވެސް ބިރަކީ އީތަން ދަންނަ އެއްޗެއް ނޫނެވެ. އަލަށް ނުކުތް އިގިރޭސި ފިލްމެއް ބަލަން އޮތް އީތަން ދިޔައީ ރޯކޮށްގެން އޮތް ސިގަރެޓް ލަސްލަހުން ދަމާ ހުސްކުރަމުންނެވެ. އީތަންއަށް ހަމަޖެހިލާގެން އެތަނުގައި އޮވެވުނީ އިރުކޮޅަކުއެވެ. ކުއްލިއަކަށް ކައިރިން އެއްޗެއް ވެއްޓި ޖެހުނު އަޑާއެކު އީތަންއަށް ބަލާލެވުނެވެ. އެއާއެކު ކުރިމަތީ ހުރި ފާރުމަތިން ފުއްމާލި ދެބުޅާ ކޯޅިގެންފައި ދުވެ ފިލައިފިއެވެ. އީތަން ވަރަށް ބޮޑަށް ސިހުނެވެ. އެމަންޒަރުން މޫނު އެއްފަރާތް ކޮށްލި ވަގުތު އީތަންގެ ލޮލުގައި އަޅައިގަތީ އަނދިރީގެ ތެރެއިން ލަސް ހިނގުމެއްގައި ހިނގާލާފައައި އަންހެން ކުއްޖެކެވެ. އަންހެން ކުއްޖާ އައިސް ހޮޅިބުރިއާ އަރާ ހަމަކުރީ އީތަން ބަލަން އޮއްވައެވެ. އެއީ އިސްކޮޅުން ދިގު ހިމަތޮޅި ދޮން ކުއްޖެެކެވެ. ލައިގެން ހުރީ ހުދުކުލައިގެ ކަކުލާ ހަމައަށް އަރާ ހެދުމެކެެވެ. އޭނަ އެ އަންނަނީ ޕާޓީއަކުން ކަން ފެނުމާއެކު އީތަންއަށް ޔަގީން ކުރިއެވެ. ކަޅިވެސް ޖަހާނުލާ އީތަން ބަލަން އޮއްވާ އަންހެންކުއްޖާ އަރާ ހަމަކޮށްފިއެވެ. އީތަން ތުބުން ފުމެލީ އޭނާ ބަލާލާނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް އަޑު އިވުނުކަމަށްވެސް ނަހަދާ އޭނަ ދިޔައީ ކުރިއަށެވެ.
”މަންޖޭ.. ތިހާ ތިއްތިވެލާގެން މިހާ ދަންވަރު ކޮންތާކަށް ތިދަނީ؟ ވަރަށް ފޫހިވެފަ މަވެސް މިއޮތީ. އަންނަން ވީނު ވާހަކަ ދައްކާލަން“
އަންހެން ކުދިންނާ ދިމާކުރުމަކީ އީތަންގެ ކަށީގައި ހަރުލާފައި ހުރި އާދައެކެވެ. ނަމަވެސް އަންހެން ކުއްޖާ އީތަންއަށް ބަލާވެސް ނުލާ ގޮސް ގޯޅިން ލަނބާލައިފިއެވެ. ފިނި ނޭވައެއް ދޫކޮށްލަމުން އީތަން ފޯނަށް މަޝްޣޫލުވީ ވަގުތު ބޮލުގާ ރިއްސާލައިފިއެވެ. ފުރަތަމަ ކުޑަކޮށް ނަމަވެސް ރިހުންގަނޑު ގަދަވެ އެތަނުގަ އޮތުން އީތަންއަށް ދަތިވާ ވަރުވަރު ވެއްޖެއެވެ. އީތަން ވަނީ ގެއަށެވެ. ކޮޓަރީގެ ދޮރުހުޅުވާލި ވަގުތު ނޭފަތުގައި ޖެހުނު ކުނި ވަހުން އީތަންގެ ބޮލަށް ދިޔައީ އެނބުރުން އަރައިގެންނެވެ.
ނަމަވެސް ވަސްދޮވަނީ ކޮން އެއްޗަކުން ކަމެއް ނޭނގި އުޅެނިކޮށް މިފަހަރުވެސް އެވަސް އެކީ ފިލައިފިއެވެ. އަވަސް އަވަހަށް އީތަން ޖައްސާލީ އެނދުގައެވެ. އަޅަމުން ދިޔަ ވޭނާއެކު މާކަ ގިނައިރެއް ނުވެ އީތަންއަށް ނިދިއްޖެއެވެ.
ޖެހިގެން އައި ދުވަހު އީތަންއަށް ހޭލެވުނީ ކަފާ އީތަންގެ މޫނަށް ފެންތައްޓެއް އޮއްސާލުމުން ސިއްސައިގެން ގޮހެވެ. އޭރު ދަމަކަށް އިރުއަރައި އަލިވެއްޖެއެވެ. އީތަން ހޭލައްވާލުމަށް ފަހު އީތަންގެ ހަރުދަނާކަމެއް ނެތް އުޅުމާމެދު ކުދި ކިޔަމުން ކާފަ ހިނގައްޖެއެވެ. އީތަންއަށް ދެފަރާތަށް ބޯ ހޫރުވާލެވުނީ ޝަކުވާގެ ފުން ނޭވައެއް ދޫކޮށްލަމުންނެވެ.
އެދުވަހު މެންދުރެއް ހާއިރު ޝާއްޕެމެންނާ އީތަން ބައްދަލު ކުރީ ކެފޭ އަކުންނެވެ. ރޭ ބޮލަށް އެވީގޮތެއް އެކީ އޭރުވެސް ފިލާގެން ނުދެއެވެ.
”މަމި އުޅެނީ ރޭ ލޯބި ބިޓެއް ފެނިގެން“
އެކިއެކި ވާހަކަ ތަކުގެ ތެރެއިން އީތަން ބުނެލިއެވެ.
”މާލެގަ އަންހެނުން ހުސްވީތަ؟“
ޝާއްޕެ އަހާލުމާއެކު އެންމެން އެކުގައި ހޭން ފަށައިފިއެވެ.
”މާލޭގަ ބިޓުން އެބައޮތް ބޯކޮށް. އެކަމަކު ރޭ މަށަށް އެކުއްޖާ ފެނުނު ފަހުން ނޭނގެ މިވާގޮތެއް. ހީވަނި އަދިވެސް ކުރިމަތިން އޭނަ ހިނގާލާފަ ދިޔަތަން ފެންނަހެން. މިއަދު ދިޔަ ކޮންމެ ދިމާލަކުން މަށަށް ހަމަ ބެލެނީ އޭނަ ފެނޭތޯ. ރޭ ހުވަފެނުގަ ވެސް މަށަށް ފެނުނީ އައިސް މަގޭ ކައިރީ ނިދަން އޮއްވަ.“
”އަދި ކިރިޔާ ކަލެއަށް އިޝްގީ ލޯބި ތިވެވުނީ. ފެނުނީ ކޮންތާކުން ؟“
މޭޒުމަތީ އަތުން ޖަހާލަމުން ރާއިފް ބުނެލިއެވެ. ފެނުނީ ކިހިނެއް ކޮން ގަނޑިއަކު ކޮންތާކުންކަން އީތަން ކިޔައިދިނުމުން އެންމެން މައިިތިރިވެ އީތަންގެ މޫނަށް ބަލަހައްޓައިގެން ތިއްބެވެ.
”އެހާ އަނދިރިވީމަ ކައިރިން ރިތިކޮށް މޫނެއް ނުފެނުނު. އެކަމަކު އިސްތަށިގަނޑު ގާތްގަނޑަކަށް ކަކުލާ ހަމައަށް އަރާނެ. ވަރަށް ގިނަ އަންހެން ކުދިން މަށަށް ފެނިއްޖެ މިކޮޅަށް އައިފަހުން. އެކަމަކު އޭނަ އެހުރި ތަފާތުކަމާ ނުބައްދަލު. އޭނަ ހީވަނީ….“
އީތަންގެ ވާހަކަ މެދުކަނޑާލަން ޖެހުނީ ޝާއްޕެ މޭޒުމަތީ ހުރި ފެންތަށިނަގާ ތުން ތަޅުވަމުން އީތަންގެ ގަޔަށް ފެންބުރުވަން ފެށުމުންނެވެ. ޝާއްޕެގެ އެ އަމަލުން ދެންތިބި އެންމެން ހީވީ ހީނގަތްއިރު އެހެންފަދަ ކަމެއްހެނެވެ. ބޭއިހުތިޔާރުގައި އީތަންއަށް ވެސް ހީނގަނެވިއްޖެއެވެ. އެކުވެރިން ގަބޫލު ކުރި ގޮތުގައި އީތަންއަށް ފެނިގެން މިއުޅެނީ އިންސާނެއް ނޫނެވެ. އީތަން ކިޔައިދިން ސިފަތަށް ހުރި ކުއްޖެއް އެރަށު ފަސްގަނޑަކު ނޫޅެއެވެ. ނަމަވެސް އެއީ މާލެގައި ދިރިއުޅޭ ކުއްޖަކަށް ވެދާނެ ކަމާމެދު އީތަން ޝައްކެއްނުކުރެއެވެ.
ރެއަށް އިރުއޮއްސުމުން ގުރޫޕް އެކުގާ ބާބަކިއުއަކަށް އެރޭ ދިޔައީ ތުނޑިއަށެވެ. އިރުއޮއްސުނު ފަހުން އީތަންގެ ބޮލުގެ ރިހުން ވަނީ އަނެއްކާވެސް ގަދަވެލާފައެވެ. އެކަމަކު އެކަމަށް އީތަންގެ މާ ބޮޑު ސަމާލު ކަމެއްނެތެވެ. މަސްފިހެ ކައިހަދާ އެތަށް ސަކަރާތަކަށްފަހު އީތަންއަށް ގެއަށް އާދެވުނު އިރު މިރޭ ހުރީ ދޮރާށި ތަޅުލާފައެވެ. އީތަން ޖޯލިފަތީ އިށީނދެލީ އަޒުމާއަށް ގުޅާލަމުންނެވެ.
”ފާރުމަތިން އަރާބަލަ. ތިހާ ޕާޓޭ ވެގެން އުޅޭއިރު ކުޑަދޮރު ހުޅުވަންވެސް ނޭނގި ނުދާނެއްނު“
ވީގޮތް ކިޔާދިނުމުން އަޒުމާ ބުނެލިއެވެ. އަޒުމާގެ ޖަވާބުން އީތަން ފޯނު ކަނޑާލީ ހިތްހަމަ ނުޖެހިފައެވެ. އިންތަނުން ތެދުވަން ހިފާލި ވަގުތު އީތަން ހުއްޓުން އަރައިގެން ދިޔައީ ރޭ ފެނުނު އަންހެން ކުއްޖާ އަންނަތަން ފެނުމުންނެވެ. ރެއެކޭ އެއްފަދައިން މިރޭވެސް އޭނަ ލައިގެން އެހުރީ ހަމަ އެ ހުދު ހެދުމެވެ. އީތަން ނިތަށް ރޫއަރުވާލީ ސުވާލުން ފުރިގެންވާ ނަޒަރަކުން ރީތިކޮށް އެ އަންހެން ކުއްޖާއަށް ބަލާލަމުންނެވެ. ކަޅިވެސް ޖަހާނުލާ ބަލަން ހުރި އީތަންއާ އޭނަ އަރާ ހަމަކޮށްފިއެވެ.
”މަންޖޭ.. ތީދެން ކޮންކަމެއް. މަށަށް ފަރިދެއްކެންތަ ތިއަންނަނީ ކޮންމެ ރެއަކު. ވާހަކަ ދައްކާލަން ބޭނުމިއްޔާ އާދެބަލަ މިކޮޅަށް ލަދުން ނުހުރެ.“
ބަހެއް ނުބުނެ އީތަންއަކަށް ނުހުރެވުނެވެ. ނަމަވެސް މިރޭވެސް އޭނަ ބަލާވެސް ނުލާގޮސް ގޯޅިއަޅައި އީތަންގެ ލޯ ކުރިމަތިން ގެއްލިއްޖެއެވެ. އަންހެން ކުއްޖާ ފަހަތުން ދާން ބޭނުން ވިޔަސް ބޮލުގެ ރިހުންގަނޑު ގަދަކަމުން އީތަން ފާރުމަތިން ގެއަށް ވަދެ އެތައް ވަރަކުން އުޅެގެން ކުޑަދޮރު ހުޅުވާލިއެވެ. އެއާއެކު ނޯށުގައި މިފަހަރުވެސް ޖެހުނީ އެ ނުބައިވަހެެވެ. އީތަންގެ ހެއަށް ދިޔައީ ގޮތްވެގެނެވެ. ކަނު އަދިރިކަން ވެރިވެފައިވާ ކޮޓަރިތެރެއަށް އީތަން ފުއްމާލި ނޭފަތުގައި އަތްއަޅައިގެން ހުރެއެވެ. އެވަގުތު އީތަން މީހެއްގެ ގައިގަ ލައިގެންފަ ނުވެއްޓުނީ ކިރިޔާއެވެ.
”ކާކު؟“
އަވަސް އަވަހަށް އީތަން ބޮކި ދިއްލާލިއެވެ. ނަމަވެސް އީތަން ފިޔަވާ އިތުރު އެއްވެސް މީހެއް އެކޮޓަރިތެރެއަކު ފެންނާކަށް ނެތެވެ. އަޅައިގަތީ މޭޒު ކަނުގައި ކަމަށް ނިންމައި އީތަން ފާހާނައަށްވެސް ނުވަދެ ޖައްސާލީ އެނދުގައެވެ. ބޮލަށް ވަމުން ދިޔަ ތަދާއެކު އީތަން ލޯ މަރާލިއެވެ. ލޯ މަރާލިތާ ގިނަ އިރެއްނުވެ މިރޭވެސް އީތަންއަށް ނިދިއްޖެއެވެ.
ޖެހިގެން އައި ދުވަހު ޝާއްޕެއާ ބައްދަލު ކުރުމަށް އީތަންއަށް ނުކުމެވުނީ ކާފަގެ ކުރިމައްޗަށެވެ.
”އަދިވެސް ބޯ ކޮށޭވަރު ނުވަނީތަ؟“
”ފުރަތަމަ ކާފަ ބުނެބަލަ. މިތަނުން މިދުވަނީ ކޮން ނުބައި ވަހެއްތަ؟“
އީތަން އަހާލުމާއެކު ކާފަ އައީ ރުޅިއެވެ.
”މީހާ ތިހުރި މުޑުދާރު ސިފަޔާ އެކުވެން އަންނަ ސިގިރޭޓްވަސް ތިތަނުން އެ ދޮވަނީ“
ކާފަ ދިން ޖަވާބާއެކު އީތަންއަށް ހީނގަނެވިއްޖެއެވެ. ކާފަ ދުރަށް ދިޔައީ ރުޅިއައިސްގެން ކުދިގޮވަމުންނެވެ. ރައްޓެހިންނާ މިއަދުވެސް އީތަން ބައްދަލުކުރީ ކެފޭއިންނެވެ.
”ޔަގީން ކަމާއެކު މަމިބުނަނީ އިންސިއެއް ނޫން ކަލެއަށް ތި ފެނިގެން އުޅެނީ. ކޮންމެ ރެއަކު ޕާޓީއަކަށް ނުދާނެދޯ އެއްހެދުމެއް ލައިގެން އެއްވެސް އަންހެން ކުއްޖެއް.“
ރޭގެ ވާހަކަ އެކުވެރިންނާ ހިއްސާކުރުމުން އަހުމަދު ބުނެލިއެވެ.
”ދެން ކަލޭ ތިބުނަނީ މަށަށް ތިއްތި ދެއްކެން ޖިންނިއެކޭތަ ކުރިމަތީން މުގޯލި އެއަޅަނީ“
އީތަން އަހާލުމާއެކު އެއްބަޔަކު ހީނގެންފިއެވެ.
”މިރޭ ހިނގާ ފާރަލަމާ… އަހަރުމެން ތިބޭނީ ދުރުގަ ކުޅިބަލަން“
ޝާއްޕެގެ ހިޔާލަށް އެންމެން ތާއީދު ކުރިއެވެ. އެހެންކަމުން ރޭވިފައި އޮތްގޮތަށް ރެއަށް އިރުއޮއްސި އެރޭ ބާރަ ޖަހަން ގާތްވުމުން އީތަން ގޮސް ޖޯލިފަތީގައި އޮށޯވެއްޖެއެވެ. ގުރޫޕް އެކުގައި މަޑުކޮށްލައިގެން ތިބީ އެގޯޅީގެ އެންމެ އަނދިރި ހިސާބުގައެވެ. ނަމަވެސް އިންތިޒާރުގައި އެތައް އިރެއް ވެގެން ދިޔައިރުވެސް މިރޭ އެ ނުދަންނަ އަންހެން ކުއްޖާގެ ޚަބަރެއް ނުވިއެވެ.
”ކަލޭ އަނެއްކާ އަހަރެމެން ގަޅިހައްދައިގެން ނޫންބާ ތިއުޅެނީ؟ ”
އައިސް ޖޯލީގަ އިށީދެލަމުން ޝާއްޕެ އަހާލިއެވެ.
”ތިހެން ބުނީމަ ހީވެއްޖެ އެއީ ކަލޭމެންގެ ރޭވުމެއް ހެންވެސް. އަނެއްކާ މަށަށް ލަނޑެއްދޭން ކަލޭމެން ފޮނުވާ ކުއްޖެއް ނޫންބާ އެއީ.“
”ކަލޭ ތިކިޔާ ކަހަލަ ސިފަތަކެއް ހުރި އަންހެނަކު އުޅޭނަމަތާ އަހަރެމެންނަށް އޭނަ ފޮނުވޭނީ ލަނޑެއްދޭން ވެސް“
ރާއިފްގެ ވާހަކައަށް ޝާއްޕެވެސް ބޯ ޖަހާލިއެވެ.
”މަށަށް މިހާރު ޔަގީންވެއްޖެ ފަހަރިއަކީ އިންސިއެއް ނޫންކަން. އެހެން ނޫންނަމަ އަހަރެމެން ސިއްރުން ބަލަން ތިބިކަން އޭނައަކަށް ނޭނގޭނެ“
ވަރަށް ވިސްނޭ މީހަކަށް ހެދިލަމުން އަހުމަދު ބުނެލިއެވެ.
”ފަހަރި؟ ކަލޭ ފަހަރިއަކަށް އޭނަ ވާނި ފުރަތަމަ އެއީ ކާކުކަން މަށަށް އެނގިގެނެއްނު“
އީތަން ބޮނޑިއެއް އެޅީ އަހުމަދުގެ ދައްބޮލުގައެވެ.
”މަށަށް ހީވަނީ ފަހަރި މި ދެރެއަކު އެދިޔަ ތަނަކަށް މިރޭ ނުގޮސް މަޑުއެކުރީ ކުރަން ދިޔަ ކަމެއްކޮށް ނިމިފަ އޮތީމަހެން“
ޝާއްޕެގެ ވިސްނުމަށް އީތަންވެސް ތާއީދުކުރިއެވެ. އެއީ ވެދާނެ ގޮތެއް ކަމުން އެރޭ އިތުރަށް މަޑުނުކޮށް ގުރޫޕް ދެން ދިއައީ ގެއަށެވެ. އީތަންވެސް ވަނީ ގެއަށެވެ. އަންހެން ކުއްޖާގެ ހިޔާލުތަކުން ސިކުނޑި ފުރާލައިގެން އޮއްވާ ކުއްލިއަކަށް އީތަންއަށް އައީ މޮޅު ހިޔާލެކެވެ. އަންހެން ކުއްޖާގެ ތަސްވީރު ކުރަހާލަނިކޮށް ޝާއްޕެމެންނަށް އޭނަ ދައްކާލެވިދާނެއެވެ. އޭރުން އެއީ ކޮންކުއްޖެއްކަން އެމީހުންނަށް ނޭނގިނުދާނެއެވެ. އޮތްތަނުން ތެދުވެގެންގޮސް އީތަން ކަބަޑުތައް ހާވާލާ ފޮތަކާ ފަންސޫރެއް ނަގާއިގެންގޮސް މޭޒު ދޮށުގައި އިށީދެލަމުން މަސައްކަތް ފަށައިފިއެވެ. ނަމަވެސް އެއީ އަނދިރީގެ ތެރެއިން ފެންނަ ސޫރައަކަށް ވުމުން އީތަންއަށް އެސޫރަ ކުރަހާލުން ވީ ބޮޑު ގޮންޖެހުމަކަށެވެ. އެރޭގެ މަސައްކަތް އީތަން ހުއްޓާލީ ތަސްވީރު އެކީ ފުރިހަމަ ނުކުރެވިގެނެވެ. އަދި އެއްފަހަރު ނަމަަވެސް އޭނަ ދެކެލުމުގެ އެދުން އީތަންގެ ހިތުތެރޭ އުތުރި އަރަމުން ދިޔައެވެ. އޭނަ ނުފެނިއްޖެނަަމަ އީތަންގެ ހިތަށް ދެން ލިބޭނެ ހަމަޖެހުމެއްނެތެވެ.
ޖެހިގެންއައި ދުވަހު ގުރޫޕާއެކު އީތަން ދިޔައީ ރަށް ކައިރީގައި އޮތް ފަޅުރަށަށެވެ. މުޅި ދުވަސް މަޖަލާ ސަކަރާތުގާ އުޅުމަށްފަހު އީތަންއަށް ގެއަށް އާދެވުނު އިރު އިރު އޮއްސިއްޖެއެވެ. އެރޭ ކާފައާއި އެކު ވަގުތުކޮޅެއް ހޭދަކުރުމަށްފަހު އީތަން ބޭރަށް ނުކުތީ ދަންވަރަކަށް އެޅުމުންނެވެ. އިންތިޒާރުގާ މާ ގިނައިރު އީތަން އޮންނާކަށް ނުޖެހުނެވެ. މިރޭ އަންހެން ކުއްޖާ އެގޯޅިއަށް ލަނބާލީ އީތަން ބަލަން ހުއްޓައެވެ. އީތަންއަށް ހީވީ ދުނިޔޭގެ ހުރިހާ އުފަލެއް އައިސް އޭނަ ވަށާލިހެނެވެ. މިރޭވެސް އެއަންހެންކުއްޖާ ލައިގެން އެހުރީ އެ ހުދުހެދުމެވެ. ކުރިން ފެނުނު ދެރެއާ އެއްވެސް ތަފާތުކަމެއްނެތެވެ. މިރޭ އީތަން ހުރީ ތައްޔާރުވެގެން ކަމުން އަންހެން ކުއްޖާ އަރާ ހަމަކުރުމާއި އެކު އީތަން ގޮސް އެރީ އޭނަގެ ކުރިމައްޗަށެވެ. ހުރި ފިޔަވަޅުމަތީ އަންހެން ކުއްޖާ ހުއްޓިއްޖެއެވެ.
”އަގެއް ކިޔާފަ ނަމަވެސް ތީ ކާކުކަން ބުނެބަލަ.؟ ދުވާލު ގަނޑިއެއްގަ މަގެއް މަތީން ފެންނަނީކީ ނޫން. ތިހެން ދާއިރު ގޮވާލީމަ އަޑުއިވޭ ކަމަށް ހަދަނީ އެއްވެސް ނޫން. މީހަކު އަޖައިބެއް ނުވާނެތަ. އެއް ހެދުމެއް ލައިގެން ދަންވަރު މަގޭ ކުރިމަތިން ތި ހިގަނީ މަ ބިރުގަންނަވަން ކަމަށްތަ؟“
ކޮންމެ ހާލެއްގަވެސް މިރޭ އީތަން ބޭނުމީ އަންހެން ކުއްޖާގެ އަނގައިން ބަސްބުނުއްވާށެވެ. އިރުކޮޅަކު މޫނު އަނބުރަައިގެން ހުރުމަށްފަހު އަންހެން ކުއްޖާ އީތަންގެ މޫނަށް ބަލާލިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވި ހިނދު އެފުންނަޒަރުގެ ޖާދޫގައި އީތަންގެ ހިތް އޮޔާ ބެހިގެން ހިނގައްޖެއެވެ. އަނގައިން ބަސް ނުބުނި ކަމުގަވިޔަސް އޭނަގެ ރީތި ތުންފަތުގައިވީ މައުސޫމް ރީތި ހިނިތުންވުމެކެވެ.
”އަސްލު ކީއްތަ ތިކުރަނީ ކޮންމެ ރެއަކު. މަށަށް މިހާރު މަންޖެ ނޫން ކުއްޖެއް ހުވަފެނުންވެސް ނުފެނޭ. ދަންވަރަށް އެކަނި ފޮޅޭ މަލެއްތަ ތީ. ވާހަކަ ނުދެެއްކެނީތަ. ބީރީތަ؟ މަންމަނެއްތަ. ނޫނީ……“
އެގޯޅިއަށް ސައިކަލެއް ލަނބާލުމާއެކު ސިހުމާއެކު އީތަންއަށް ބަލާލެވުނެވެ. އަދި އަވަސް އަވަހަށް ދުރައްޖެހިލަމުން ގޮސް އީތަން އިށީނީ ޖޯލިފަތީގައެވެ. އަންހެން ކުއްޖާ މިހާރު ފެންނަން ނެތްކަން އީތަންއަށް ރޭކާލީ އިށީނދެވުނު ފަހުންނެވެ. ހައިރާން ކަމާއިއެކު އީތަންއަށް ވަށާ ނަޒަރު ހިންގާލެވުނެވެ. އެހާ އަވަހަށް އޭނަ އެދިޔައީ ކިހިނެއް ކަމެއް އީތަންއަކަށް ނުވިސްނުނެވެ. ސައިކަލްގަ އެއަންނަ މީހާއަށް ފެނިދާނެތީ އަވަހަށް ދިޔައީ ކަމަށްވެދާނެއެވެ. ލިބުނު ފުރުސަތު ގެއްލިގެން ދިއުމުން އީތަން ރުޅިއައީ އަމިއްލަ ނަފްސުދެކެއެވެ. އަންހެން ކުއްޖާއާ ބައްދަލު ކުރަން ބޭނުން ނަމަ އަނިއްކާވެސް މިޖެހުނީ މާދަމާ ރެއަށް އިންތިޒާރުކުރާށެވެ. އީތަން ގެއަށް ވަނީ މާޔޫސްކަމާއި އެކުގައެވެ. ފާހާނައަށް ވަނުމަށްފަހު ނުކުމެ އީތަން އިށީނީ ރޭ ފުރިހަމަ ނުކުރެވުނު ކުރެހުން ފުރިހަމަ ކުރުމަށް މޭޒުދޮށުގައެވެ. މިރޭ އެހާ ގާތުން އަންހެން ކުއްޖާ ފެނިފައި އޮތުމުން އެތަސްވީރު ފުރިހަމަ ކުރަން އީތަންއަށް މާއުދަގޫ ކަމަކަށް ނުވިއެވެ.
ފަރުވާ ތެރިކަމާއި އެކު ހުރިހާ ސަމާލުކަމެއް އެ ކުރެހުމަށް ދޫކޮށްލައިގެން އިން އީތަންގެ ބޮލުގެ ރިހުންގަނޑު ގަދަ ވާން ފެށީ ހަމަ ކުއްލިއަކަށެވެ. ވާންފެށި ތަދާއިއެކު އީތަންއަށް ދެން އިތުރަށް އެތަނުގައި އިނދެވޭގޮތެއް ނުވިއެވެ. ތެދުވެގެން ގޮސް އީތަން އެނދުގައި އޮށޯތް ވަގުތު ކައިރީގާ އިތުރު މީހަކު އީތަންގެ ބިއްދޮށުން އޯށޯވެލި ކަމުގެ އިހުސާސް އީތަންއަށް ކުރެވިގެން ދިޔައެވެ. ނަމަވެސް އިތުރަށް ބޯހިއްލާ ބަލާލާނެހާ ހިތްވަރުވެސް އީތަންގެ ގަޔަކު ނެތެވެ. ބޮލަށް އެވީ ތަދާއި އެކު އެނބުރުން އަރާ ތަންދޮރު ނޭނގޭ ވަރުވީ ފަހުން ނިދުނީކަމެއް ނޫނީ ހޭވެރިކަން ނެތުނީ ކަމެއް އީތަންއަކަށް ނޭނގުނެވެ.
ސިއްސައިގެން ގޮސް އީތަންއަށް ހޭލެވުނީ ކާފަ އައިސް ގޮވާތާ އިރުގަނޑެއް ވީފަހުންނެވެ. އޭރު އާދުވަހަކަށް އިރުއަރާ 11 ޖަހަން ގާތްވެއްޖެއެވެ. ލޯ ހުޅުވާލެވުމާއި އެކުވެސް މިއަދު އީތަންއަށް އިހުސާސް ކުރެވިގެން ދިޔައީ ބޮލުގެ ރިހުންގަނޑެކެވެ. މޯޅިއަކަށް ދެމިލަމުން އީތަން ތެދުވެ އިށީނީ ބޮލުގައި ހިފަހައްޓާލަމުންނެވެ. އީތަން ފެނުމާއެކު ރުޅި އައިސްގެން ކުދި ކިޔަން ފަށާ ކާފަ މިއަދު އީތަންއަށް ބަލަހައްޓައިގެން ހުރީ ސުވާލުން ފުރިގެންވީ ނަޒަރަކުންނެވެ. އެކަން އީތަންއަށް ފާހަގަ ކުރެވުނީ އިރުކޮޅެއް ފަހުންނެވެ. އީތަން ބަލާލީ ކާފަގެ މޫނަށެވެ. އީތަންގެ ކުރިމަތީ ހުއްޓިގެން ހުރި ކާފަގެ އަތުގައި އޮތް ތަސްވީރު ފެނުމުން އީތަންއަށް ބޭއިހުތިޔާރުގައި ބަލާލެވުނީ ކާފަގެ މޫނަށެވެ.
”ތީ މަ ރައްޓެއްސެއް ބުނެގެން ކުރެހި އެއްޗެއް.“
ކާފަ ސުވާލު ނުކުރަނީސް އީތަން އެތަސްވީރު ކާފަ އަތުން އަތުލާ އެ ކަރުދާސްގަނޑު އޮޅާލިމެވެ.
”ތީ ކާކުކަން އެނގޭތަ ؟“
ކާފަ ސުވާލުކޮށްލީ އަޖައިބުން ފުރިގެންވާ ނަޒަރަކުން އީތަންއަށް ބަލަމުންނެވެ.
”އުހު.. ކާފައަށް އެނގޭތަ؟“
އީތަން އަހާލީ އުއްމީދަކާއި އެކުގައެވެ. އީތަންގެ ސުވާލާއެކު ކާފަ ހީވީ މާ ކުރީގެ ހަނދާނެއްގެ ތެރެއަށް ގެނބިގެން ދިޔަހެނެވެ.
”ތީ މިރަށު ހަށިވިއްކަމުން ދުވި އަންހެނެއް. ރޭގަނޑު ދަންވަރު ފެންވަރާ ނަލަހެދިގެން އޭނަ އުޅޭނީ ރަށުތެރޭގަ. ތި އަންހެނާ ކައިގެން ބޮއެގެން އުޅެނީ ހަރާމަށް ލާރި ހޯދައިގެން..“
ކާފަ ދައްކާލި ވާހަކައިން އީތަންގެ ނޭވާ އަރުބުޑުގައި ބެދިގެން ހިނގައްޖެއެވެ. ކަޅިވެސް ޖަހާލަން ނޭގިފައި އީތަންއަށް ބަލަން ހުރެވުނީ ކާފަގެ މޫނަށެވެ. ކާފަ ހިނގައި ގަތީ ކޮޓަރިން ނުކުންނާށެވެ.
”ކާފައަށް ނޭގިދާނެތަ؟ ތީ މިކޮަޓަރިތެރޭ ހުތުރު މަރަކުން މަރުވި ނަދާ އެއްނު“
ނުކުންނަން ހިނގައިގަންނަމުން ކާފަ ބުނެލި ޖުމްލައިން އީތަންއަށް ހީވީ ފައިދަށުން ބިންގަނޑު ދެނިގެން ދިޔަހެނެވެ.
”އޭނ… މަރުވީއޭ… ”
ތެޅިގަންނަމުން އީތަންއަށް ތެދުވެވުނީ ކޮޅަށެވެ. އެނބުރި ކާފަ ބަލާލީ އީތަންގެ މޫނަށެވެ. އޭރު ދެލޯ ތަންމިނަށް ބޮޑުކޮށްގެން އީތަންއަށް ބަލަން ހުރެވުނީ ކާފަގެ މޫނަށެވެ.
”އާނ… އަޒުމާ ނުބުނޭތަ މިގޭތެރޭ އަންހެނަކު މަރުވި ވާހަކައެއް. އަޒުމާ ކުދިން ގޮވައިގެން މާލެ ބަދަލުވީމަ ތިކުދިންގެ މާމަ، ހުސްކޮށް މިހުރި ތިން ކޮޓަރި ކުއްޔަށް ދޭން ފެށީ. އެހެން އައި ބީރައްޓެއްސަކާއި އެކު އެ އަންހެނާ ވަދެ އޮތީ މިކޮޓަރިތެރޭ. ކާފަމެންނަށް ވާއެއް ނުވާއެއް ނޭނގެ. ހަފްތާއަކަށް ކޮޓަރި ކުއްޔަށް ހިފި ގޮތަށް ގެއަށް ވަދެ ނުކުމެ އުޅޭތަނެއް ނުފެނޭ މިތަން ހިފި މީހާ. ދެދުވަސް ފަހުން ނުބައި ވަހެއް ދޮވާތީ ކާފަ އަތުގައި އޮތް ޑަބަލް ތަޅުދަނޑިން ދޮރުހުޅުވި އިރު ނަދާ އޮތި މިދިމާލަށް ވެއްޓިފަ. ދެކަޅިއަރާ ހުއްޓި ކުނިވެފަ. އޭނަ އެރޭ ގެއިން ލައިގެން ނުކުތް ހުދުކުލާގެ ހެނދުން އޮތް ތި އެނދުމަތީގަ. ފުލުހުން އައިސް އޭނަ ނެރުނީވެސް. ފަހުން މާލޭން އެމީހާ ހައްޔަރުކުރީ. ލާރީގެ މައްސަލައެއްގަ ކަރުގަ ހިފަޔޯ މަރާލީ.“
ކާފަ ފޮރުވުމެއް ނެތި އެވާހަކަތައް ކިޔައިދީ ނިންމާލިއިރު ގެންފަވާ ބިރާ ލިބިފަވާ ސިހުން ބޮޑުކަމުން އީތަންއަށް ކުރަން ހުރި އަސަރެއްކޮށް ނިމިއްޖެއެވެ. ދުރު ހަނދާނަކުން، ގޭތެރޭ މީހަކު މަރާލައިގެން އުޅޭ ވާހަކައެއް ބައްޕަމެންގެ މެދުގައި ދެކެވުނު ހަނދާނެއް އީތަން އާވާން ފަށައިފިއެވެ. ކާފައާ މާމަ އެމައްސަލައިގައި ފުލުހަށް ގެންގޮސް ސުވާލުވެސް ކުރިއެވެ. އޭރު ވާނީ އީތަންގެ އާއިލާ މާލެ ބަދަލުވިތާ އަހަރެއްހާ ދުވަހެވެ. ކާފަ އެބުނާހެން އެ އަންހެނަކީ ނަދާ ކަމުގައި ވާނަމަ ނަދާ މަރާލިތާ މިހާތަނަށް 14 އަހަރު ވޭތިވެގެން ހިނގައްޖެއެވެ.
އެންމެ އިރުކޮޅަކުވެސް އެގޭތެރޭ މަޑުނުކޮށް ދަބަސް ހިފައިގެން އީތަން އެގެއިން ނުކުމެގެން ދިޔައީ ޝާއްޕެގެ ގެއަށެވެ. ވީކީއްތޯ ވަރުވަރުން ޝާއްޕެ އީތަންއާ ސުވާލު ކުރިއެވެ. ނަމަވެސް ގެންފަވާ ބިރާ ލިބުނު ސިހުން ބޮޑުކަމުން އީތަން ވަނީ އަނގައިން ބުނެވޭ ވަރަށް ވުރެން ހާލަތު ގޯސްވެފައެވެ. އީތަންގެ ހާލަތު އިތުރަށް ގޯސްވެގެން ދިޔައީ ރެއަށް އިރުއޮއްސުމުންނެވެ. ގަދައަށް ހުންއައިސް މޮޔައަކުހެން އީތަން ތެޅެން ފަށައިފިއެވެ. ރޮއެ ހޭރެމުން ދުރައްދާށޭ ކައިރި ނުވާށޭ ގޮވައި ހަޅޭލަވަން ފަށައިފިއެވެ. ކަންތައްތަށް ވަރަށް ގޯސްވެއްޖެކަން ޝާއްޕެއަށް ރޭކާލީ ދެނެވެ. ލަސްނުކޮށް ފަންޑިތަ ހަދާ އެރަށު އުމަރު ގެނެސް ކިޔެވެލި ފަށައިފިއެވެ. އީތަންގެ ކާފައާ އެކުވެރިންނަށް ޝާއްޕެ ޚަބަރު ދިނީ އޭގެ ފަހުންނެވެ. އުމަރު ފެށި ކިޔެވެލި ހުއްޓާލީ އީތަން އެރެއަށް މައިތިރިކޮށްފައެވެ. ގަޔަށް އެރި ބާރުގަނޑުން މިންޖުވުމުން އީތަން އޮތްތަނަށް ދެމިއްޖެއެވެ. އީތަން މައިތިރި ވުމުން، އުމަރު ކާފައާ ޝާއްޕެމެނާ ކުރަން ފެށި ސުވާލުތަކުގެ ޖަވާބު އެކުވެގެން ނުކުތީ ނަދާގެ ނަމެވެ. އެންމެ ފަހުން އެ ކުރެހި ފޮޓޯއެއްވެސް އެތަނަށް ގެނެވިއްޖެެެއެވެ.
”މީ ހަމަ އޭނަ. އީތަން އަހަރުމެނަށް ކިޔައިދިން ހުރިހާ ސިފައެއް އެބަހުރި މީގެން ފެންނަން.“
ޝާއްޕެގެ ވާހަކައަށް ދެން ތިބި އެކުވެރިންވެސް އެއްބަސްވިއެވެ. އެރޭ ފާރަލައިގެން އެމީހުން ތިބީ އިންސާނަކަށް ނޫންކަން އެނގުމުން ޖެހިގެން އައި ދުވަހަށް އިރުއެރި އިރު އެއިން އެއްބަޔަކު ތިބީ ބިރުން ހުމާ ފިހިފައެވެ. ހަމަ އެދުވަހު އީތަން މާލެ ގެންދެވިއްޖެއެވެ. މާލޭން ރުޤްޔާ ކުރާ ރަނގަޅު މީހަކު ހޯދައި އީތަންއަށް އަވަލަވައިގެން އެއުޅޭ ޖިންނީގެ ކިބައިން މިންޖުކުރަން މަސައްކަތް ފަށައިފިއެވެ. ނަމަވެސް އެ ޖިންނި އީތަންއާ އަޅައިގެންފައި ހުރީ ފަސޭހައިން ނެއްޓޭ ކަހަލަ ގޮތަކަށް ނޫނެވެ. ޖިންނި ބުނާގޮތުންނަމަ އެންމެ ފުރަތަމަ އޭނައަށް ގޮވީ އީތަންއެވެ. އޭނަގެ ހުއްދަ ނެތި އޭނަގެ ކޮޓަރިއަށް ވަދެ އޭނައާ އެކު ނިދީވެސް އީތަންއެވެ. އީތަންގެ ސިފައާ، ދީނާ ދުރު އުޅުމަށް އޭނަ ހިތްޖެހުނީ އީތަންގެ ސަބަބުންނެވެ. އީތަން އޭނަ ދެކެ އަދި އޭނަވެސް އީތަންދެކެ ލޯބިވެއެވެ. އީތަން ހެޔޮހާލުގައި ހުންނަން ބޭނުން ނަމަ ޖެހޭނީ އޭނައަކީ އީތަންގެ ހަޔާތުގެ ބައިވެރިޔާކަމަށް ގަބޫލު ކުރާށެވެ. އެ ޝަރުތުތަށް އީތަން އެއްބަސް ނުވުމުން އެކިއެކި ސިފަސިފައިގައި އެ ޖިންނި ދިޔައީ އީތަންއަށް ފެނި އީތަންގެ ހަށިގަނޑަށް ވަދެ އެތަށް އަނިޔާއެއް ދެމުންނެވެ. އަންދާލާ މަރާލާނެކަމުގެ އިންޒާރު އެތައް ފަހަރަކު ދިނުމުންވެސް އީތަން ދޫކޮށް ދާން އެ ޖިންނި ބޭނުމެއް ނުވިއެވެ. ރެޔާދުވާ ކުރި ބުރަމަސައްކަތަށްފަހު ރުޤްޔާ ކުރަން އައި އަަންވަރަށް، އެޖިންނި އަންދާލެވުނީ ހަތަރު މަހެއްހާ ދުވަހު ކުރި ބުރަ މަސައްކަތުންނެވެ.
ދިމާވި ބިރުވެރި ކަންތަކުން އަރައި ނުގަނެވި އީތަން އެތައް އަހަރެއް ވަންދެން އުޅެން ޖެހުނެވެ. ނަމަވެސް އެ ކަންތައް ގަނޑަށް ފަހު އީތަންއަށް އައީ ހެޔޮ ބަދަލެކެވެ. ހަރުދަނާ ޒިންމާ ދާރު މީހަކަށްވިއެވެ. އަލުން ކިޔެވުން ފަށާ ވަޒީފާއަށް ދާން ފެށިއެވެ. މައިންބަފައިން ރުހޭ ފަދަ ދަރިއަކަށްވިއެވެ. އެހާދިސާއަށް އަހަރު ތަކެއް ވެގެން ދިޔައިރުވެސް އީތަންއަށް ކުރަން ނުކެރުނު ހަމައެކަނި ކަމަކީ ހަޔާތަށް އަންހެން ކުއްޖެއް ގެނައުމެވެ.
-ނިމުނީ-