ހަތާވީސް ވަނަ ބައި
”މަންމަ ބުނެގެން.“ އިސްޖަހައިލަމުން މުސްކާން ބުންޏެވެ. މުސްކާންގެ އަޑު އިވުމުން ހައިދަރު ކޮޓަރިން ބޭރަށް ބޯ ދިއްކޮށްލި އިރު މަންމަ ކާން އިންތަން ފެނުމުން ހައިދަރު ވެސް އައިސް އައިންތާ ޖެހިގެން ހުރި ގޮނޑީގަިއި އިށީނދެ ކާން ފެށިއެވެ. އެ ދެމައިން ތިބިގޮތުން އެތާ އިށީންނާކަށް މުސްކާން އަކަށް ނުކެރުނެވެ.
އުޅެ އުޅެ އެރޭ މުސްކާންއަކަށް ނުނިދުނެވެ. އެހެންވެ އެންމެ ފަހުން ފުރޮޅިލާފަ ތެދުވެ އެނދުގެ މަގަތުގައި ދެފައި އެލުވާލައިގެން މުސްކާން އިށީނެވެ. އައިންތަށް ވެސް ވީ އެވަރެވެ. މުސްކާން ތެދުވެއްޖެހެން ހީވުމުން އައިންތު ވެސް ދެލޯ ހުޅުވައި ބަލައިލިއެވެ. އަދި މަޑުމަޑުން ގައިމަތީ އޮތް ފޮތިގަނޑު އެއް ފަރާތް ކޮށްލުމަށްފަހު ތެދުވެ އިށީނެވެ. މުސްކާންއަށް ބަލާާލާފަ ހީނލަމުން ނުނިދުނީހޭ އަހައިލއިެވެ.
”އަހަރެންގެ ހިތުގައި ބައިވަރު ސުވާލު ހުރުމުން….. ދައްތާ ހައިދަރު އެބުނީ ތެދެއްތަ!“ ބޮލުތެރޭ އެނބުރެމުން ދިޔަ ސުވާލު ބޭރުކޮށްނުލާ މުސްކާންއަކަށް ނީދެވުނެވެ.
”ކީކޭ ބުނީ!“ އައިންތަށް ނޭނގޭތީ އަހައިލިއެވެ.
”ރިހާން އަކީ ….ރިހާން … ގޮނޑުން ހޮވި ކުއްޖެކޭ!“ މުސްކާން ބުނި އެއްޗެއްގެ ސަބަބުން އައިންތަށް އަނގަމަތީ އަތްއަޅައި ލެވުނެވެ. އެއީ ކުޑައިރު ހައިދަރު ވަރަށް ގިނައިން ކިޔައި އުޅުނު އެއްޗެކެވެ. އެންމެފަހުން ފާރޫގު އެއް ދުވަހަކު ހައިދަރު ކޮޓަރިއަށް ލާ ތަޅުލުމުން އޭގެ ފަހަކުން އެހެން ކީކަމެއް ނޭނގެއެވެ. އޭރު ހައިދަރުގެ އުމުރުން ވާނީ ބާރަވަރަކަށް އަހަރެވެ. ހައިދަރަށް އެކަން އެނގުނީވެސް ރިހާން ދެކެ އައިންތާ ފާރޫގު މާ ލޯބިވެޔޭ ކިޔައި އެއްދުވަހަކު ދެކެވުނު ވާހަކައެއްގެ ތެރޭ ރިހާންއަކީ ބައްޕަމެން ގޮނޑުން ހޮވައިގެން ގެނައި ކުއްޖެކޭ ސަމާސައަކަށް މަރީ ބުނުމުންނެވެ. އައިންތު ވަރަށް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. އެ ދުހުވެސް ރިހާން ވަރަށް އެކަމާ ރުޔެވެ.
”ދައްތާ!“ މުސްކާންގެ އަޑު އިވުމުން މާޒީގެ އެ ޚިޔާލުގެ ތެރެއިން އައިންތަށް ހޭލެވުނެވެ.
”އެއީ ތެދެއް…. މި ބުނީ ރިހާން އަކީ އަހަރެމެން ދެމީހުންނަށް ކުއްޖަކު ނުލިބިގެން، ޔަތީމު ކުދިންނާ ބަލާނެ ބަޔަކު ނެތި ސަރުކާރަށް ދޫކުރުާކުދިންގެ ތެރެއިން ކުއްޖަކު ލިބޭތޯ ކުރި މަސައްކަތުން ލިބުނު ކުއްޖެއް! އޭރު އަހަރެމެންގެ ކަިއވެންޏަށް ހަ އަހަރު ވެއްޖެ. ދަރިއަކު ހޯދަން އަހަރެމެން ކުރި ހުރިހާ މަސައްކަތެއް ބޭކާރު ވުމުން އަހަރެމެން ދެމީހުން ވާހަކަ ދައްކާފަ އެގޮތަށް ނިންމީ! ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ކުއްޖަކު ހޯދަން އަހަރެމެން މަސައްކަތްކޮށް ލިޔެ ކިޔުންތައް ފުރިހަމަވެސް ކުރިފަހުން ހައިދަރަށް އަހަރެން ބަލިވެ އިނީ! ހައިދަރުގެ އުމުރުން ދެ އަހަރު ފުރުނު ދުވަހު އަހަރެމެންނަށް ކުއްޖަކާ ހަވާލުވާން އަންނަން އެންގީ! އެއީ ރިހާން. ހައިދަރަށްވުރެ ރިހާން ހަ މަސް ހަނގު!….. އެއްފުރައެއްގެ ދެ ކުދިން ވީމަ އަހަރެމެން ނިންމީ އުދަނގޫވާނީ ދުވަސްކޮޅަކަށޭ! ދެކުދިން އެކު އެކުގައި ބޮޑުވާން ފެށުމުން އެކަކު އަނެކަކާމެދު އޮންނަ ގުޅުންވެސް މާވަރުގަދަ ވާނެއޭ! އުފެދޭ ލޯބި ވެސް މާ ރަނގަޅުވާނެއޭ! އަނެއްކޮޅުން އަހަރެމެންނަށް ދަރިއަކު ދެއްވީ ވެސް އެފަދަ މާތް ނިޔަތެއްގައި ކުއްޖަކު ހޯދަން މަސައްކަތް ކުރުމުން ކަމަށް އަހަރެމެން ޤަބޫލުކުރީ!….. އެހެންވީމަ އަހަރެމެން ރިހާން ދޫކޮށްލާނީ ކިހިނެއް! އަދި ރިހާންއަށް ދެރަގޮތެއް ހެދޭނީ ވެސް ކިހިނެއް!“ އައިންތުގެ ލޮލުން ކަރުނަ ހިލުނެވެ.
އައިންތުގެ ވާހަކަ އަޑުއަހަން އިން މުސްކާންގެ ހިތުގައި ކުރިން އޮތީ ރިހާންއަށްޓަކައި ޢިޝްޤީ ލޯތްބެވެ. މިހާރު އެހިތުގައި ރިހާންއަށްޓަކައި ހަމްދަރުދީއޭ މިކިޔާ އިޙުސާސް ވެސް އުފަންވީއެވެ. އެފަކީރުގެ ހިތުގައި ހިނގާނެ ޝުޢޫރާ ވާނެ ދެރައާ އިހުސާސްވާނެ ނިކަމެތިކަން ހިތަށް އެރުމުން މުސްކާންގެ ދެއަތުން ރިހާންގެ މޫނުގައި ފިރުމާލަދޭހިތް ވިއެވެ. އެ ތަނަވަސް ނިތްކުރީގައި ބޮސްދޭ ހިތްވިއެވެ. އަދި ލޯބިން، ނިކަން ލޯބިން ހިތްވަރުދޭން ވެސް ބޭނުން ވިއެވެ.
އެކަމަކު އެ ވާހަކައާއިގެން ރިހާންގެ ކުރިމައްޗަށް މުސްކާން އަރާނީ ކިހިނެއްހެއްޔެވެ! ރިހާން އެހެރީ ޚުދު މުސްކާންއަށް އެ ހުރިހާ ކަމެއް ސިއްރުކޮށްގެންނެވެ. ތިމާގެ ހުރި ނިކަމެތިކަމެވެ. އެކަނިވެރިކަމެވެ.
އެރޭ މުސްކާންއަށް އެންމެ ލޮލުފިޔައެއް ވެސް ނުޖެހުނެވެ. ރިހާން ދެކޭހިތްވަނީއެވެ. އެ މޫނުގައި ފިރުމާދޭ ހިތްވަނީއެވެ. އެމޭގައި ބޯއަޅާލާހިތްވަނީއެވެ. އަދި އެ ދެއަތުގެ ތެރޭ ފޮރުވޭހިތްވަނީއެވެ. ދެ އަތަށް ފުރޮޅި ފުރޮޅި އެނދުގައި އޮތް މުސްކާންއަށް ނިދުނީ ފަތިސްވާން އުޅެނިކޮށެވެ. ދެން ހޭލެވުނީ ހެނދުނު އައިންތު ގޮވަން ފެށުމުންނެވެ. ކަންތައް މިވީ އަދި މާ ދެރަކޮށެވެ. ފަތިހު ރިހާން މުސްކާންއަށް އިންތިޒާރުކުރާނެއެވެ. މުސްކާން ނުދިއުމުން ރިހާންގެ ހިތުގައި ނުލާހިކު ވަރަށް އެކި ކަހަލަ ޚިޔާލާ ޝައްކު އުފެދޭނެއެވެ.
އައިންތު ދިއުމުން މުސްކާން މަޑުމަޑުން ކޮޓަރީގެ ދޮރުހުޅުވައި ސިޓިންގރޫމު ބަލައިލއިެވެ. ރިހާން އެއް ނެތެވެ. އައި ޚިޔާލަކުން މުސްކާން ދުވެގޮސް ނެގީ ފޯނެވެ. އަވަސް އަވަހަށް ރިހާން ނަމްބަރަށް ގުޅައިލިއެވެ. ކޮންމެ ގޮތެއް ވިޔަސް ވަރިހަމަ ކަމަށެވެ. ރިހާން ފޯނެއް ނުނަގައެވެ. ދެވަނަ ފަހަރަކު ގުޅާކަށް މުސްކާން އަކަށް ނުކެރުނެވެ. ވީދެރައިން ކަރު އެލުވާލަމުން ދެން އުޅުނީ އޮފީހަށް ދާން ތައްޔާރު ވުމުގައެވެ.
އޮފީސް ނިންމާލައި އައި ފަހުން ވެސް އަދި އޭގެ ފަހުން އެދުވަހުގެ ބާކީ އޮތް ވަގުތަކު ވެސް މުސްކާންއަކަށް ރީހާން ފެންނަ ގޮތެއް ނުވިއެވެ.
އެހެންކަމުން އިރުއޮއްސުމުން ވެސް މުސްކާން ކޮލެޖަށް ދާޚިޔާލެއް ނެތެވެ. ދާހިތް ނުވަނީއެވެ. އެއަށްވުރެ ބޮޑަށް ރިހާން ދެކޭހިތްވަނީއެވެ. އެންމެ ފަހުން އައިންތު އިޝާނަމާދަށް ފެށުމުން މުސްކާން ނިކުތީ ސިޓިންރޫމަށެވެ. ޓީވީއަށް ނަޒަރުހުއްޓާލައިގެން މުސްކާން އިނީ އެންމެ މީހެއްގެ އިންތިޒާރުގައެވެ. އަސްލު އެ ވަގުތަކީ މުސްކާން ސިޓިންރޫމުގައި އިންނަ ވަގުތެއްވެސް ނޫނެވެ. އެހެންނަނަމަވެސް މިރޭ މިގަޑީގައި މުސްކާންގެ ހިތް އޮބި ނޯތުމުން މި ގޮތް އިޚުތިޔާރުކުރީއެވެ.
ކުއްލިއަކަށް ސިޓިންގރޫމުގެ ބޭރު ދޮރު ހުޅުވާލާފައި އެވަނީ ހައިދަރެވެ. ދުވަން ގޮއްސަ އައިސް ސިޓިންރޫމަށްވަން ހައިދަރު ފެނުމުން މުސްކާންއަށް ބަލައިލެވުނެވެ. އަދި ހައިދަރުގެ ނަޒަރު މުސްކާންއަށް ހުރިތަން ފެނުމުން މުސްކާން ގަތީ ލަދެވެ. އަދި ބިރެވެ. ހަނދާނަށް އައީ ރިހާންއާ ދިމާލަށް ހައިދަރު ގޮވައިލި އެއްޗެއްސެވެ.
”ހައި!“ ހައިދަރުއާ އަނގައިން ނުބުނެ އިންނާކަށް މުސްކާން އަކަށް ނުކެރުނެވެ.
”ހައި!“ މުސްކާން ޖަވާބުދިނެވެ.
”ފިނި ފެންތައްޓެއް ލިބިދާނެ؟“ ހައިދަރު އެދުނީ ފެންތައްޓަކަށެވެ. އެކަމަކު އެވަގުތު ހައިދަރުގެ އަތުގައި ދެބައިކުޅަ އެއްބަޔަށްވުރެ މަދުން ފެން ހުރި ފެންފުޅިއެއް އޮތެވެ. މުސްކާންއަށް ބަލައިލެވިުނީ އެއަށެވެ. އެކަން އެނގިގެން ހައިދަރު ހީނލިއެވެ.
”ބޭނުންވާ ވަރަށް ފިނިކަން ނެތީމަ!“ ދެމާނަ އެކުލެވޭ ގޮތަށް ހައިދަރު ބުނި އެއްޗެއްގެ އަޑު އަހާކަށް މުސްކާން މަޑެއް ނުކުރެއެވެ. ފްރިޖް ހުޅުވާލާފައި ނެގި ފެންފުޅިން ހައިދަރަށް ފެންއަޅާ ނިމުނު އިރު ހައިދަރު ހުރީ މުސްކާންއާ ޖެހިފިތިގެން ފަހަތުގައި ވިއްދާފައެވެ. މުސްކާން ފެންތަށި ހައިދަރަށް ދިއްކޮށްގެން އިރުކޮޅެއް ވީއިރުވެސް ހައިދަރު އެތައްޓަކު އަތެއް ނުލައެވެ. ހުރީ މުސްކާންގެ މޫނަށް ބަލަހައްޓައިގެންނެވެ.
”ހައިދަރު، ތި ދެން ކޮންކަމެއް!“ މުސްކާންގެ އަޑު އިވުމުން ހައިދަރަށް ހަމަބިމަށް އާދެވުނުފަދައެވެ. ކަނާތް ކުރިއަށް ދިއްކޮށްލާ ހިފީ ފެންތަށީގައެވެ. އެކަމަކު އެ އަތުގެ ތެރޭގައި މުސްކާންގެ އަތުގެ އިނގިލިތައް ވެސް ގައިދުކުރިއެވެ. މުސްކާން އެ އަތް ދަމައިގަންނަން އުޅުމުން ހައިދަރު ހިފެހެއްޓީ އަނެއް އަތުން މުސްކާންގެ ކަނދުރާމަތީގައެވެ.
”ހައިދަރު….ދޫކޮށްލާ!“ މުސްކާންގެ އަޑު ކިތަންމެ މަޑަަސް އެ އަޑުގައިވަނީ ހަރުކަށިކަމެވެ.
”ދޫނުކޮށްފިއްޔާ!“ ހައިދަރު އެ އުޅެނީ ކީއްކުރަންބާވައެވެ. މުސްކާންއަށް ރޮއެ ގަނެވުނެވެ.
”ހަޅެއްލަަވައިގަންނާނީ؟ އަޅެ! ހަޅެއްލަވާބަލަ!……“ މުސްކާންއަށް ގޮތް ހުސްވިއެވެ. އެހެންކަމުން ދެން ޖެހުނީ އާދޭސްކުރާށެވެ. އެހެންނޫނީ މުސްކާން ލަދު ގަންނަން ވެސް ޖެހިދާނެއެވެ.
”ޕްލީޒް ދޫކޮށްލާ! އަހަރެން ދާން ވެއްޖެ!“ މުސްކާންއަށް ހުރީ ގާތްގަނޑަކަށް ރޮވިފައެވެ.
އެވަގުތު ފަހަތުން މީހަކު އައިސް ހައިދަރު، މުސްކާންގެ ކަނދުރާގައި ހިފަހައްޓައިގެން ހުރި އަތުގައި ހިފާ ލުއްކެއް ޖެހުމުން ހައިދަރު ވެސް މުސްކާން ވެސް ދިޔައީ ސިއްސައިގެންނެވެ.
”މުސްކާން ގައިން ދޫކޮށްލާ! ތިއީ އަބުރުވެރި ފިރިހެނުން ކުދިން އުޅޭ ގޮތެއް ނޫން!“ ރިހާންގެ އަޑު ގައި ހުރީ ވިސްނައިދޭ ރާގެވެ. އެހެންވިޔަސް އެ ދެލޮލުން ކަނިބުރައެވެ.
ރިހާންގެ އަޑު އިވުމާއެކު މުސްކާންއަށް ދުވެފައި އައިސް ބައްދައިގެނެވުނީ ރިހާން އާއެވެ.
މުސްކާން ރިހާން ގައިގާ ބައްދައިގެންހުރިލެއް ބާރުކަމުން ރިހާންއަށް ހަރަކާތެއް ކޮށްލަންވެސް ދަތިވިއެވެ. ރިހާންގެ އަތުގެ ހިމާޔަތް ލިބުމުން މުސްކާން އަޑުން އަޑުނަގައި ރޮއެ ގަތެވެ.
”ލުކް ބޭބޭ! ޝީ އިސް މައިން! އެހެންވީމަ ދެވަނަ ފަހަރަކު އަތް ނުލާނެކަމަށް ހީކުރަން.. ލިޓްްލް ބްރަދަރގެ އެއްޗެހީގަ ބިގް ބްރަދަރ އަތެއް ނުލާނެނު!“ މި ފެނުނު މަންޒަރާ އިވުނު އަޑުން ހައިދަރު ހުރީ ބަސް ހުއްޓިފައެވެ. ފުރަތަމަ ކޮޅު މުސްކާން އުޅުނީ ވަރަށް އޭނާ ވެގެންނެވެ. ފަހުން ފަހުން ހައިދަރާ ދުރުވި އަސްލު ސަބަބަކީ މިއީ ބާވައެވެ. ގައިމު މުސްކާންއާ ރިހާންގެ ގުޅުން ކުރިއަށް ދާއިރު ….. އަނެއްކާ މިއީ ކިހާ ހިސާބަކުން ފެށިގެން ކުރިއަށްދާ ގުޅުމެއްބާވައެވެ. މިހާރު ރިހާން އަކީ ބައްޕަގެ ކުއްޖެއް ނޫންކަން ވެސް މުސްކާންއަށް އޮންނާނީ އެނގިފައެވެ. ރިހާންއަށް ލޯއަޅައިގެން ހުރި ހައިދަރު ފެންތަށި މޭޒުމަތީ ބަހައްޓާފަ ހިނގައިގަތީ އައިންތު ކޮޓަރިން ނިކުންނަ އަޑު އިވުމުންނެވެ. މުސްކާންއާ ރިހާން ވެސް ދުރަށް ޖެހިލިއެވެ. މުސްކާން ކުރިމަތި ލީ ސިންކާއެވެ. އެއީ އޭނަގެ މޫނު އައިންތަށް ނުދައްކަން ވެގެންނެވެ.
އަނެއްކޮޅުން ރިހާންއަށް ހައިދަރު ކުރިކަންތައް ފެނުނު ގޮތަކާމެދު ވެސް މުސްކާން ހުރީ ހައިރާން ވެފައެވެ. އަނެއްކާ ލޮލަށް ނުފެންނަކަމަށް ރިހާން ހެދިގެން އުޅެނީ ނޫންބާވައެވެ. ނޫނެކެވެ. އަސްލު ވެސް ރިހާންގެ ލޮލަކަށް ނުފެނެއެވެ. އެހެންނަމަވެސް މިހާރު…. ޔަގީނުންވެސް މިހާރު … މުސްކާންއަށް ވިސްނާނެ ގޮތެއް ނޭނގުނެވެ.
އެރޭ ކާން ހަދައިގެން ގޮވާ ގޮވާވެސް ހައިދަރު ކާކަށް ނުނުކުތެވެ. ބުނަނީ ނުކާނެ ކަމަށެވެ. އަދި ކޮޓަރީގައި ދެކޮޅަށް ހިނގަ ހިނގާ ހުރެ އޭނަގެ ސިކުނޑީގައި އެނބުރެމުންދާ ޚިޔާލަށް ޢަމަލީ ސިފަ ގެންނާނެ ގޮތަކާ މެދު ވިސްނިއެވެ. ގޮތް ކަނޑައެޅުމަށްފަހު ދެން ނެގީ ފޯނެވެ.
އެރެއަކީ ވެސް މުސްކާންއަށް ނިދަން އުދަނގޫވި ރެއެކެވެ. ރިހާން އެއްގޮތަކަށް ވެސް މުސްކާން އާ ބައްދަލުކުރާކަށް ނޫޅުނެވެ. އަނެއްކާ ރިހާން ބަދަލު ވީހެއްޔެވެ! ކަންކަން ހިނގަމުންމިދާ ގޮތުން މުސްކާންގެ ބޮލުގައި ވެސް ރިހެން ފަށައިފިއެވެ. ކޮންމެ ގޮތެއްވިޔަސް ރިހާންއާ ބައްދަލުކުރާހިތުން އެ ހިތް ތެޅިފޮޅެނީއެވެ. ރިހާންގެ ހޫނުކަން އިހުސާސްކުރަން ކެތްމަދުވަނީއެވެ. އެ އަތުގެ ތެރޭ ބޮނޑިވެލާ ހިތްވަނީއެވެ. ހިތުގެ ޖަޒުބާތުގެ މައްޗަށް ބާރު ނުފޯރުމުން މުސްކާން ނެގީ ފޯނެވެ. ނޫނެކެވެ. ކޮޓަރިއަކު ވާހަކައެއް ނުދެއްކޭނެއެވެ. އަނެއްކޮޅުން ކާކުކަން ނޭގެންޏާ ފޯނު ރިންގްވިޔަސް ރިހާން ފޯނު ނުނަގަފާނެއެވެ. މުސްކާން ވިސްނައިލިއެވެ. އަދި ތެދުވެ އެނދުގެ މެދުގައި އިށީނެވެ.
މުސްކާން ހިނގައިގަތީ ނިދިފައި އޮތް އައިންތުގެ ކަޅިމަތި ބަލާލާފަ ކޮޓަރިން ބޭރަށް ނުކުންނާށެވެ. ކޮޓަރިން ނިކުމެފަ ދޮރުފަތް ކައިރިކޮށްލާފަ ހިނގައިގަތީ ރިހާންގެ ކޮޓަރިއާ ދިމާއަށެވެ. ރިހާންގެ ކޮޓަރީގެ ތަޅުގައި ހިފާ އަނބުރައިލިއިރު ކޮޓަރި ހުރީ ތަޅުލާފައެވެ. އެގޭގެ ޑަބަލްތަޅުދަނޑިތައް ހުންނަތަން މުސްކާންއަށް އެނގެއެވެ. އެހެންކަމުން މަޑުމަޑުން ގޮސް ބަދިގޭގެ ކަބަޑަކުން ތަޅުދަނޑިތައް ނަގައި އެއިން ރިހާންގެ ކޮޓަރީގެ ތަޅުދަނޑި ހޯދަންފަށައިފިއެވެ. އެކަމަކު އެއްގޮތަކަށްވެސް އެކޮޓަރީގެ ތަޅުދަނޑި ވަކި ކުރާކަށް މުސްކާންއަކަށް ނޭނގުނެވެ. އެހެންކަމުން ތަޅުދަނޑިފަތި އޮތްގޮތަށް ހިފައިގެން ގޮސް ފުރަތަމަ ތަޅުދަނޑި ތަޅުވަޅަށް ކޮއްޕައިލި ވަގުތު މީހަކު ކިނބިއްސެއް އެޅިއަޑު އިވިއްޖެއެވެ.
-ނުނިމޭ-
Mi varah lahun gehna vaahakaeh