”މަންމާ! އަހަރެން ބޭނުމެއް ނޫނޭ! .. ބޭނުމެއް ނޫނޭ! … ކިތައް ފަހަރުތަ ބުނާނީ!“ ކިޔާރާއަށް ގާތްގަނޑަކަށް ހަޅެއްލަވައިގަނެވުނެވެ. ކިޔާރާގެ މަންމަ އެ ވާހަކައެއް ދައްކާތާ މިހާރު ދެ ހަފްތާ ވަނީއެވެ. އެކަމަކުވެސް އީމާން ދޫކޮށްލާފަ އެހެންމީހަކާ އޭނާ ގުޅޭނީ ކިހިނެއްހެއްޔެވެ! އީމާން ދެކެ ކިޔާރާ ނުލާހިކު ލޯބިވެއެވެ. އީމާން ވެސް ކިޔާރާ ދެކެ އެހާ ލޯބިވެއެވެ. އީމާންގެ ލޯބި ޙާސިލުކުރަން އޭނާ ނުކުރަނީ ކޮންކަމެއްހެއްޔެވެ! މުޅިޖާން ހިބައިން ދިނެވެ. ރެއާ ދުވާލު އާދޭސްކުރަމުން ފަހަތުން ހިނގިއެވެ. އަންހެންކުއްޖަކަށް ވާއިރުވެސް މެއެވެ. ވީއިރު އޭނާ އެފަދަ ލޯބިވާ މީހަކު އެހާވަރުން ހާސިލުވުމުން ދެން އޭނާ ދޫކޮށްލާފަ ދުވަހަކުވެސް ބައްދަލުވެފައި ނުވާ މީހަކާ އިންނާނީ ކިހިނެއްހެއްޔެވެ! މިއީ މަންމަމެންގެ ޒަމާނެއް ނޫނެވެ. އަނެއްކޮޅުން މަންމައާ ދެކޮޅު ފަށާ އެ ކައިވެނި ނުކޮށް ހުރުން އެ ވެސް ކިއާރާއަށް ކުރެވޭނެކަމެއް ނޫނެވެ.
”އެކަމަކު ދަރިފުޅާ! ނަދީމް އެއީ ހާދަ ރަނގަޅުކުއްޖެކޭ! މަންމަ ދަރިފުޅަށް ހެޔޮ އެދޭތީ އޭ އެހެން މިބުނަނީ!“ ކިއާރާގެ މަންމަގެ އަޑުގައިވަނީ ވިސްނައިދިނުމެވެ. ކޮޓަރީގެ ދޮރުލައްޕާލުމަށްފަހު ކިއާރާގެ މަންމަ ނިކުމެގެން ދިޔައީ ދަރިފުޅަށް ވިސްނަން އިތުރު އެއް ދުވަސް ދީފައެވެ.
މަންމަގެ ފަހަތުން ކިޔާރާ ވެސް ކޮޓަރިން ނިކުމެގެން ހިނގައިގަތެވެ. އަދި ގޭގެ ގޯތިން ވެސް ބޭރަށް ނިކުތެވެ. މަގުމައްޗަށް ނިކުތުމަށްފަހު ކިޔާރާ ކުޑަކޮށް މަޑުކޮށްލިއެވެ. ދެން ކަންކުރަންވީ ގޮތަކާމެދު ވިސްނައިލިއެވެ. ބައްޕައަކާ ނުލައި އޭނާ އެކަނި މާއެކަނި ބަލާބޮޑުކުރި މަންމަގެ ކުރިމަތީ އަބަދު ދެކޮޅު ހަދާނީ ވެސް ކިހިނެއްހެއްޔެވެ! އަނެއްކޮޅުން އޭނަ ނުލާހިކު ލޯބިވާ ލޯބިވެރިޔާ ދޫކޮށްލެވޭނީ ވެސް ކިހިނެއްހެއްޔެވެ! މަންމައާ މެދު ވިސްނައިލުމުން ވެސް އޭނަގެ ހިތަށް އަސަރުކުރެއެވެ. އަނެއްކޮޅުން އީމާން ނޫން މީހަކަށް އޭނަގެ ހަށިގަނޑު ހިބަކޮށްދޭން ހިތަށް އަރާ ކޮންމެ ފަހަރަކު މޭނުބައިކުރާކަހަލަ ގޮތެއް އެވަނީ ވެސް ކީއްވެހެއްޔެވެ! ކިޔާރާ ވިސްނައިލިއެވެ. މިވާހަކަ ސާފުބަހުން އީމާން ގާތު ބުނާނީއެވެ. ކިޔާރާއަށް ޔަގީނެވެ. އީމާން ކިޔާރާއާ އިންނަން އެއްބަސް ވާނެއެވެ. އަދި މަންމަ ކައިރިއަށް އައިސް އޭނަގެ ކައިވެންޏަށް އެދޭނެއެވެ. މިހާރު ދެން މިނޫން ގޮތެއް ކިޔާރާއަކަށް ނެތެވެ. އީމާން ކިޔަވާ ނިމެންދެން ކިޔާރާގެ ކައިވެނި ލަސްކޮށްދޭން އޭނާ މަންމަ ކައިރީ ބުނާނެ ކަމުގެ އުންމީދުގައި ކިޔާރާ ކުރިއަށް ހިނގައިގަތެވެ.
ކިޔާރާއާ އީމާންގެ ލޯބީގެ ވާހަކަ އެނގޭ އެއްވެސް އިތުރު މީހަކު ނުހުންނާނެއެވެ. އެދެމީހުން އެހާ ސިއްރުން އުޅެން ޖެހެނީ އީމާންގެ ކިޔެވުން އަދި ކުރިޔަށް ދާތީއެވެ. އެހެންކަމުން މިގުޅުމުގެ ވާހަކަ ސިއްރުކޮށްދޭން އީމާން ވަނީ ކިޔާރާގެ ކިބައިން އެދިފައެވެ.
މަގުމަތިން ދިމާވާ މީހުން ކިތަންމެ މަދަސް ފެންނަ މީހުންގެ ކަޅިމަތި ބަލަމުން ގޮސް ކިޔާރާ އެވަންނަނީ އީމާންގެ ގެއަށެވެ. ވަގުތަކީ މެންދުރުގަޑި ކަމަށްވުމުން އެ ގަޑީގައި އީމާންގެ މަންމަ އުޅޭނީ އަދި ސްކޫލްގައެވެ. ބައްޕަ ވާނީ އޮފީހުގައެވެ. އީމާންގެ ހަނގަށް ތިބި ދެ ކޮއްކޮ ވެސް އުޅޭނީ ސްކޫލްގައެވެ. އެހެންވެ މަޑުމަޑުން ގޮސް އީމާންގެ ކޮޓަރީގެ ކުޑަދޮރުގައި ކިޔާރާ ހަމަ އެހާ މަޑުމަޑުން ދެތިން ފަހަރަކު ޖަހައިލިއެވެ. އެކަމަކު އެއްވެސް ޚަބަރެއް ބޭރަކަށް ނުވިއެވެ. ދެން ވެސް ގޭތެރެއަށް ނުވަދެ ކިޔާރާ އިރުކޮޅަކު މަޑުކުރިއެވެ. އެ ކޮޓަރީގެ ތެރެއިން ބައެއްގެ ހުނުމުގެ އަޑު މަޑުމަޑުން އައިސް ކިޔާރާގެ ކަންފަތުގައި ޖެހުނީ އެހެން ހުއްޓައެވެ. ކިޔާރާއަށް ވިސްނައިލެވުނެވެ. އެކޮޓަރީގައި މިގަޑިއަކު އީމާންގެ ކޮއްކޮމެެނެއް ވެސް ނޫޅެނެއެވެ. އެހެންވިއްޔާ އެ ވާނީ ދެން ކާކަށް ހެއްޔެވެ! ގައިމު އެ އިވުނީ އަންހެން އަޑެެކެވެ. މި ފިކުރުތަކެއްގައި ހުރެ ކިޔާރާއަށް ހިނގައިގަނެވުނީ އެގޭގެ ސިޓިންރޫމާ ދިމާއަށެވެ.
ނަސީބަކުން ސިޓިންގރޫމުގެ ދޮރު ހުރީ ތަޅުނުލައެވެ. އެހެންކަމުން ދޮރު ހުޅުވާލާ ކިޔާރާ އެތެރެއަށް ދެމިގަތެވެ. ވަގު ބުޅަލެއްހެން ދެފައިގެ އިނގިލަތއް މައްޗަށް ހިނގާލާފަ ދިޔަ ކިޔާރާ އީމާންގެ ކޮޓަރީގެ ދޮރުގެ ތަޅުގައި ހިފައި އަނބުރައިލިއެވެ. ތަޅުލާފައި ހުރުމުން ދޮރު ހުޅުވޭގޮތެއް ނުވިއެވެ. އެހެންކަމުން ދެވަނަފަހަރަކުވެސް ތަޅު އަނބުރާލުމަށްފަހު ދޮރުގައި ވަރަށް ބާރަށް ޓަކި ޖަހައިލިއެވެ.
ދޮރުހުޅުވުމާ ދެމެދު ވަގުތުކޮޅެއް ހޭދަވުމަށްފަހު އީމާން އައިސް ދޮރު ހުޅުވައިލިއެވެ. އަދި ކިޔާރާ ފެނުމުން އޭނާގެ މޫނުމަތިން ހާސްކަން ފެނުނެވެ.
”ކިޔާ!… މިގަޑީގައި ކީއްތިކުރަނީ!..“ ވައި އަޑަކުން ވާހަކަ ދައްކަމުން އީމާންއަށް އެނބުރެވުނީ ކޮޓަރިއަށެވެ. ދެން ކުޑަކޮށް އޭނަގެ ލޯ އެކި ދިމަދިމާއަށް ހިންގައިލީ އަވަސް ނަޒަރަކުންނެވެ.
”ކާކު…. ކާކު ހުރީ މިތާ!“ ކިޔާރާ ވެސް ކޮށްލީ ސުވާލެކެވެ. ކޮޓަރިން އެތެރެއަށް ބޯދިއްކޮށްލަމުންނެވެ. އީމާން ހުރީ ކޮޓަރީ ދޮރުމަތީކަމަށް ވުމުން ކިޔާރާ އަކަށް އެތެރެއަކަށް ނުވަދެވުނެވެ. އެ ޖާގަ އީމާން އެއް ނުދެއެވެ.
”“އަހަރެން! … ދެން ކާކު!“ އީމާން ހަމަޖެހިލަމުން ދެކޮނޑު ހިއްލާލަމުން ބުންޏެވެ.
”އަހަރެން މިވަނީ ކުޑަދޮރު ކައިރީ ހުރެފައޭ! މީހަކު… އަންހެނަކު ހޭ އަޑު އިވޭ!“ ކިޔާރާއަށް ވާހަކަ ދައްކަން އުދަނގޫވިއެވެ. އެހެންނަމަވެސް ހިތްވަރުކޮށްލާފައި އިވުނު އަޑުގެ ވާހަކަ ބުނެލިއެވެ.
”ތީ ކިޔާއަށް ހީވި ގޮތް … އަހަރެން ފިލްމެއް ބެލީ!“ އީމާން ހިފެހެއްޓީ ކިޔާރާގެ އަތުގައެވެ. އަދި ބޭރަށް ނިކުންނަމުން އަވަހަށް މިގަޑީގައި ދިއުމަށް ކިޔާރާ ގާތު އީމާން އެދުނެވެ. މަަންމަ ކޮއްކޮމެން ގޮވައިގެން ގެއަށް އަތުވެދާނެ ކަމުގެ ބަހަނާ ދައްކަމުންނެވެ. ކިޔާރާއަށް ކުރެވުނު އެއްވެސް ކަމެއް ނެތެވެ.
”އަހަރެން ބޭނުން ވާހަކައެއް ބުނަން!“ އީމާން އޭނަގެ އަތުން ދޫކޮށްލުމުން ސިޓިންރޫމުން ނިކުމެ ނިކުމެ ހުރެ ކިޔާރާ ބުނެވޭތޯ މަސައްކަތް ކުރިއެވެ.
”މިރޭ! … ޕްލީޒް ދޭ! މަންމަ!…“ އެހިސާބަށް ބުނެވުނު އިރު އީމާން ސިޓިްނ ރޫމު ދޮރު ލައްޕައިލަނީއެވެ.
އިރުކޮޅަކު ހުރިތާ ގަނޑުވެފައި ކިޔާރާއަށް ހުރެވުނެވެ. ވެހެން ތައްޔާރުވަމުން ދިޔަ ވާރޭގެ ތިކިތައް އޮއްސައިގަތީ ވެސް ހަމަ އެވަގުތުއެވެ. އެ ގޭގެ އަސްކަނިދޮށުގައި މަޑުކުރުމުގެ ބޭނުމެއް ކިޔާރާއަކަށް ނުވިސްނުނެވެ. އެހެންވެ ވެހެމުންދިޔަ ވާރޭގެ ތެރެއިން ނިކުމެ ކިޔާރާ ހިނގައިގަތީއެވެ. އަމިއްލަ މަންޒިލާ ދިމާއަށެވެ. އެ ގަޑީގައި ވާރޭ އެބަވެހޭކަމާ ކިޔާރާ ގެއަށް ދާންޖެހޭނީ ތެމިގެންކަން އެނގޭއިރުވެސް އީމާން އޭނާ އެގެއިން ނެރެލާ ދޮރުލެއްޕީއެވެ. ކިޔާރާގެ ހިތަށް ވަރަށް ތަދުވިއެވެ.
ހިޔާ ބޮޑެތި ގަސްގަހުގެ ނިވަލުން ހިޔާކަން ހޯދަމުން ކުރިޔަށް ދިޔަ ކިޔާރާއަށް މާދުރަކަށް ނުދެވެއެވެ. ސައިކަލަކުން އައި މިހަކު ކިޔާރާއާ ދާދި ގާތަށް މަޑުކުރުމަށްފަހު ދިއްކޮށްލީ އަތުގައި އޮތް ކުޑައެވެ. ކިޔާރާއަށް ބަލަހައްޓައިއގެން ހުރެވުނީއެވެ. ކުޑާ ދިމާއަށެވެ.
”އަން! ހިފާ! ތި އޮތް ތެމެނީނު!“ އެމީހާއާ ދިމާއަށް ކިޔާރާއަށް ބަލައިލެވުނީ ޝުކުރުވެރިކަމުގެ ނަޒަރަކުންނެވެ. ރަނގަޅަށް ވިއްޔާ މިހާރުވެސް އޭނާ އެހެރީ ރޯނގާޖެހިފައެވެ. އެހެން ހިތަށް އެރުމާއެކު ދެތިން ކިނބިއްސެއް އެކުއެކުގައި އެޅިއްޖެއެވެ. އެ ނުދަންނަ މީހާ ކިޔާރާގެ އަތުގައި ކުޑަ ލައްވައިދިނުމަށްފަހު ސައިކަލުގައި ކުރިއަށް ދުއްވައިލިއެވެ.
އެހެން ރޭރެއެކޭ އެއްފަދައިން އީމާން އެރޭ ވެސް ކިޔާރާގެ ގެއަށް ދިޔައެވެ. އެހެންނަމަވެސް ކިޔާރާގެ ފަރާތުން ފެނުނީ ހިތްހަމަ ނުޖެހުމެވެ. އެ ވެހުނުހާ ވާރޭގެތެރެއަށް ކިޔާރާ ނެރެލާފައި ދޮރު ލެއްޕީތީއެވެ. ކިޔާރާ އުންމީދު ކުރީ އެ ވާހަކަ އަމިއްލައިން ނުވަތަ ކިޔާރާ ދެއްކުމުން އެންމެ ކުޑަމިނުން އީމާން ސޮރީ ނަމަވެސް ބުނާނެ ކަމަށެވެ. އެކަމަކު އެކަން އެހެންވީ ކަމަކަށް އެންމެ ކުޑަމިނުން އީމާން ނުވެސް ދެނަހުރިކަހަލައެވެ. އަދި އޭނަ ބޭނުންވާހާކަމެއް ބޭނުން ވާހާގޮތަކަށް ނުވުމުން ހިތްހަމަ ނުޖެހިހުރެ ދެން އީމާން ބަލާ ނާންނާށޭ ބުނަމުން ނިކުމެގެން ދިޔައީއެވެ.
އެރޭ ފުރަތަމަ ފަހަރަށް އީމާންއާ ދޭތެރޭ ވިސްނާލަން ކިޔާރާއަށް ޖެހުނެވެ. އީމާން ދެކެ ލޯބިވެގެން އުޅެނީ ކިޔާރާ އެކަނިކަމާ އީމާން ކިޔާރާ ދެކެ ހަގީގީ ލޯތްބެއް ނުވާކަން ކިޔާރާއަށް ފުރަތަމަ ފަހަރަށް ގަބޫލުކުރަން މަޖުބޫރުވިއެވެ. އެހެން ނަމަވެސް އެ ހިތް އެ ގޮތަކަށް އެއް ބަހެއް ނުވިއެވެ. ނިންމާނެ ކޮޅެއް އެ ހިތަކަށް ނޭނގުނެވެ. ވިސްނަން ޖެހެނީ ހިތުން ނޫންކަމާ ސިކުނޑިންކަން އެ ޅަހިތަކަށް ވިސްނައެއް ނުގަނެވުނެވެ. އެހެންކަމުން އީމާންގެ ލޯބީގައި އެ ހިތް އެތައް އިރަކު ރުޔެވެ. ފޯނުގެ ޒަމާނަށް ވިޔަސް ކިޔާރާގެ އަތަކު ފޯނެއް ނެތެވެ. އޮތްނަމަ އީމާނަށް ގުޅައި ހާސް ފަހަރު ވެސް އޭނަ ހުރީ މަޢާފަށް އެދެން ތައްޔާރަށެވެ. އެރޭ ކަން އެ ކުރެވުނު ގޮތުން އޭނަގެ ޒަމީރު އޭނައަށް އެންމެ ފަހުން ވިސްނައިދިން ގޮތަކީ ކުށްކުރެވުނީ އޭނާއަށް ކަމެވެ. އީމާން އައުުމުން އަސްލެއް ނެތްކަމެއްގައި މާ ޝަކުވާ ބޮޑުކުރެވުނީއެވެ.
ޖެހިގެން އައި ދުވަހެވެ. އަނެއްކާ ވެސް މަންމަ އައިސް ކިޔާރާއަށް ނަދީމްއާ އިންނަން މަޖުބޫރުކުރިއެވެ. ކޮޓަރީގެ ދޮރު ވެސް ހުޅުވުނީ މަންމަގެ ޒީލަ ގަދަ އަޑާއެކުގައެވެ. އެރޭ ކިޔާރާއަށް ނިދުނީ އެތައް އިރެއްވީފަހުން ކަމުން މަންމަގެ ވާހަކަ ފުރަތަމަ އެ ސިކުނޑިއަށް ނަގައިގަންނަން ވެސް ވަގުތުކޮޅެއް ނެގިއެވެ. މަންމަގެ ވާހަކަ އަޑުއަހަން އެއްވެސް އެއްޗެކޭ ނުބުނެ މިފަހަރު ކިޔާރާ އޮތީއެވެ. އަދި މަންމަ ދައްކާނެ ވާހަކައެއް ދައްކާނެ ވަރަކަށް ދެއްކުމަށްފަހު ކޮޓަރީގެ ދޮރު ތަޅުލުމަށްފަހު ނިކުމެގެން ދިޔައީއެވެ. ތަޅުދަނޑި ހިފައިގެންނެވެ.
ހެނދުނު ގާތްގަނޑަކަށް ދިހައެއް ޖަހަން އުޅެނިކޮށް ރައިހާނާ ކިޔާރާމެންގެ ގެއަށް އައީ ރައިހާނާގެ ކައިވެނީގެ ވާހަކަ ބުނުމަށެވެ. އޭނަގެ މައިންބަފައިން ހަމަޖެއްސި ފިރިހެންކުއްޖަކީ އޭނާގެ ލޯބިވެރިޔާކަން އެނގުނު ވަގުތުން ފެށިގެން ރައިހާނާ ހުރީ އެ ޚަބަރު އޭނަގެ އެންމެ ގާތް އެކުވެރިޔާ ކިޔާރާއަށް ދިނުމަށް ކެތްމަދުވެފައެވެ.
އެގޭގެ ދޮރޯށިން އެތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާ އެކު ރައިހާނާގެ ލޮލުގައި އަޅާގަތީ ހިތްހަމަ ނުޖެހިހުރެ ގޭގެ މައިދޮރުން ނިކުތް ކިޔާރާގެ މަންމައެވެ.
ރައިހާނާ ހަމަ ފެނުމާއެކު ކިޔާރާގެ މަންމަ އެވާހަކަ ކިޔަން ފަށައިފިއެވެ. ކިޔާރާ އޭނަގެ ބަސް ނާހާ ވާހަކަ އާއި ރައިހާނާގެ ދެބެންގެ ދެދަރި ނަދީމް ކަހަލަ މީހަކު މިޒަމާނުގައި އެދެމައިން ކަހަލަ އެކަނިވެރި ނިކަމެތި ބަޔަކަށް ނުލިބޭނެ ވާހަކައެވެ. އެހެންކަމުން ރައިހާނާ ވެސް ކިޔާރާއަށް ހެވެއް އެދެންޏާ ކިޔާރާއަށް ނަސޭޙަތްދީ ވިސްނައި ދިނުމަށް ކިޔާރާގެ މަންމަ އެދުނެވެ.
ރައިހާނާ ވިސްނައިލިއެވެ. ނަދީމްބެ އިންނަން ކިޔާރާ އަކީ ވަރަށް ރަނގަޅުކުއްޖެކެވެ. ގެވެހި އުޅުން ރަނގަޅު ކުއްޖެކެވެ. އެހެންމީހުންނަށް ހެޔޮއެދޭ ހިތް ހެޔޮ ކުއްޖެކެވެ. އޭރުން ނަދީމްބޭގެ މަންމަ މުސްކުޅިވާ ދުވަހަކުން މަންމަ ވެސް ބަލައިދޭނެ ރަނގަޅު ކުއްޖަކު ނަދީމްބެއަށް ލިބުނީއެވެ.
ރައިހާނާއަށް އައި ޚިޔާލަކުން ހިނިތުންވެ ލެވުނެެވެ. މަޑުމަޑުން ހިނގާލާފައި ގޮސް ކިޔާރާގެ ދޮރުގައި ޓަކި ދިނެވެ. އެމަންޒަރު ބަލަން ހުރި ކިޔާރާގެ މަންމަ އައިސް ރައިހާނާއަށް ކޮޓަރި ހުޅުވައިދިނެވެ.
ކޮޓަރީގެ ދޮރުހުޅުވުނު އަޑަށް ބަންޑުން އޮތް ކިޔާރާ މަޑުމަޑުުން ބޯހިއްލާލާ ބަލައިލިއެވެ. ރައިހާނާ ހުރިތަން ފެނުމުން މޫނު ފޮހެލާލާފައި ހިނތުންވެލަމުން ތެދުވެ އިށީނެވެ.
ރައިހާނާ މަޑުމަޑުން ގޮސް ކިޔާރާގެ އެނދުގެ މަގަތުގައި އިށީނދެ ކިޔާރާގެ އަތުގެ އިނގިލިތަކުގައި ހިފައި ފިތައިލިއެވެ. އަދި ހިނިތުން ވެލަމުން ވާހަކަ ދައްކަން ފެށިއެވެ.
”އޭ ކިޔާ! އެނގޭތަ އަހަރެން މިއައީ ވަރަށް .. ވަރަށް އުފާވެރި ޚަބަރަކާއިގެން… ގެސް ވަޓް!“ ކިޔާރާ ބަލައިލީ ރައިހާނާގެ މޫނަށެވެ. އެމޫނުން ފެނުނީ ހައިރާންކަމެވެ. އަދި ނޭނގެއޭ ބުނާގޮތަށް ބޮލުން ހަރަކާތް ކޮށްލިއެވެ. ހިތަށް އެރިއެވެ. ކިޔާރާގެ މަންމަ ބުނި ވާހާކަ ކިޔާާރާއާ ދައްކާނީ ފަހުންނެވެ.
”އަހަރެން މިއުޅެނީ މިހަކާ އިންނަން…. އަހަރެން އެންމެ ލޯބިވާ މީހާއާ.. އެންމެ އެދޭ މީހާއާ… ކިހާ ބޮޑު އިއްތިފާޤެއް…“ ރައިހާނާ އުފަލުން ނަށައިލިއެވެ. ކިޔާރާއަށް ވެސް އެ އުފަލުގައި ބައިވެރިވެވި ހީނލެވުނެވެ. އަދި ރަޙުމަތްތެރިޔާއާ ވީފަރާތަށް އެނބުރި ޝައުޤުވެރިަކަމާއެކު ސުވާލުކޮށްލިއެވެ.
”އެންމެ ލޯބިވާ މީހާ!.. ނުވެސް ބުނަމެންނު ލޯބިވާ މީހަކު ހުންނަ ވާހަކައެއް!.. އެއީ ކާކު؟“ ކިޔާރާ ހައިރާންކަން އެކުލެވިގެންވާ އަޑަކުން ސުވާލުކޮށްލިއެވެ.
”އީމާން.. ދެންކާކު!“ ރައިހާނާ އުފާވެފައި ހުރިވަރު އޭނަގެ އަޑުން އެކަނިވެސް ކިޔާރާ ދެނެގަތެވެ.
”އީމާން؟؟“ މަޑުމަޑުން އެނަން ދެފަހަރަކު ކިއާރާއަށް ތަކުރާރުކޮށްލެވުނެވެ.
”އެނގޭތަ އަހަރެމެންގެ ލޯބީގެ ވާހަކަ ނުބުނި ގޮތެއް! … އީމާން ބޭނުމެއް ނުވި އެކަން އެއްވެސް މިހަކަށް އެނގޭކަށް… މިހެން ހުއްޓާ ދެ ފެމެލީ މީހުން މިކަން އެރެންޖްކޮށްފަ ބުނީ…ކިހާ ބޮޑު ސަރޕްރައިޒެއްދޯ!“ ކިޔާރާ މަޑުމަޑުން ބޯ ޖަހައިލިއެވެ. އެ މައުސޫމު ހިތް ފުނޑުފުނޑުވެ އެތިކޮޅުތަކަކަށް ބުރައިގެން ދިއަޔަސް އެކަން ރަޙުމަތްތެރިޔާއަށް އަންގާކަށް އޭނާ ބޭނުމެއް ނޫނެވެ. އީމާން ބޭވަފާތެރި އެވީ ހަމައެކަނި ކިޔާރާއަކަށް ނޫނެވެ. ޚުދު ރައިހާނާއަށް ވެސް އީމާން އެވީ ބޭވަފާއެވެ. އެކަމަކު މިއަދު އެވާހަކަ އިތުރަށް ދައްކާކަށް ކިޔާރާ ބޭނުމެއް ނޫނެވެ. އެކަން ސިއްރެއްގެ ގޮތުގައި ތާއަބަދަށް ވެސް ބާއްވަން ކިޔާރާ ނިންމިއެވެ. އެކުވެރިޔާއަށްޓަކައެވެ.
އެރޭ ކާން އިނށީދެ ކިޔާރާ އެދުނީ މަންމަ އިޚުތިިޔާރުކުރި ފަރާތާ އިންނަން އޭނާ ތައްޔާރަށް ހުރި ކަމަށާ އެކަމަކު އިނުމުގެ ކުރިން އެފަރާތާ ބައްދަލުކޮށް ވާހަކަ ދައްކަން ބޭނުން ކަމަށެވެ. އުމުރުގެ ވަރަށް ގިނަ ދުވަސް ކިޔާރާ ރަށުން ބޭރުގައި އޭނަގެ ބޮޑުބޭބެއެއް ކައިރީ އެހެން ރަށެއްގައި ހޭދަކޮށްފައިވާތީ ކިޔާރާއަށް އެނގެނީ ރަށުގެ ވަރަށް މަދު ބައެކެވެ. އެހެންކަމުން ނަދީމް ވެސް ފެނުނަސް ކިޔާރާއަށް ނޭނގޭނެކަން މަންމައަށް އެނގޭތީއާ ކިޔާރާ އެ ނިންމީ ރަނގަޅު ނިންމުމެއްކަމަށް ކިޔާރާގެ މަންމައަށް ވެސް ގަބޫލުކުރެވުނެވެ.
”މަންމަ ވަރަށް އުފާވެއްޖެ ދަރިފުޅު ތި ގޮތަށް ނިންމީތީ! ދަރިފުޅުގެ އެކުވެރިޔާ ވެސް އެ އުޅެނީ މީހަކާ އިންނަން. އަޑުއެހިން އެދެކުދިންގެ ކައިވެނި ވެސް ވަރަށް އަވަހަށް ކުރެވޭނެއޭ ކިޔާ އަޑު. އެހެންވީމަ ދަރިފުޅުވެސް ލަސްކުރުމުގެ ބޭނުމެއް ނެތެންނު! މަންމައަށް ޔަގީން ނަދީމް ދަރިފުޅަށް ވަރަށް ހެޔޮ ވާނެ! ދަރިފުޅު ވަރަށް ރަނގަޅަށް ބަލަހައްޓާނެ!.. މަންމަ ވަރަށް ރަނގަޅަށް ނަދީމްގެ އާއިލާ ދަންނަން! އެއީ ރަނގަޅު ބައެއް!“ މަންމަގެ ވާހަކަ ކުރިއަށް ގެންދިޔައިރު ކިޔާރާ އިނީ ހަމަ އެކަނި އަޑުއަހާށެވެ. މަންމަ ބުނި ފަދަ މީހަކަށް ނަދީމް ވެއްޖެއްޔާ އެއީ އޭަަނަގެ ނަސީބެވެ. އޭނައަށް ނަދީމް ދެކެ ލޯބި ނުވެވުނަސް އޭނައަށް ބޭވަފާތެރި ނުވެ ހިލޭ އަންހެނުން ނުހޯދީމާ އޭނައަށް އެވީއެވެ.
މަންމަގެ އެދުމަށް އެރޭ ކިޔާރާ ތައްޔާރުވީ ނަދީމްގެ ގެއަށް މަންމައާ އެކު ދިއުމަށެވެ. ދެމައިން އެކުގައި ގޮސް ސަލާމް ގޮވައިލުމުން އެގެއިން ނިކުތީ މަންމަގެ އުމުރުގެ އަންހެނެކެވެ. އެމީހާ ކިޔާރާ ފެނުމުން ހިނިތުން ވެލަމުން އައިސް ކިޔާރާގެ ގައިގާ ބައްދައިލިއެވެ. އެއީ ހިތް ހެޔޮ ހިނިތުންވުމެކެވެ. އެއަށްފަހު އެމީހުން ގޮވައިގެން ގޮސް އެގޭގެ ސިޓިންގރޫމުގައި ބައިތިއްބާފައި ނަދީމްއަށް ގޮވައިލިއެވެ.
ކޮޓަރިން ނިކުތް ނަދީމްއަށް ލިބުނީ ހައިރާންކަމެކެވެ. ސިޓިންގރޫމުގައި ތިބި މީހުން ފެނުމުން އެމޫނުން ފެނުނީ ލަދުވެތިކަމެވެ. އެއީ ކޮން ބައެއްކަން ނޭނގުނަސް އަންހެންކުއްޖަކު އެތާ އިނުމުން އޭނާ ލަދުގަތީއެވެ.
ނަދީމްގެ މަންމަ އައިސް އެއީ ކޮން ބައެއްކަން ތަޢާރަފްކޮށްދިނުމުން އެމޫނުމަތިން އިތުރަށް ލަދުވެތިކަން ފާޅުވެ ނަދީމްއަށް އިސްޖަހައިލެވުނެވެ.
ވަގުތުގެ ބޭނުން ދެ ޒުވާނުންނަށް ކިހާ މުހިންމު ވާނެކަން ތަޖުރިބާ ލިބިފައިވާ ދެ މަންމައިންނަށް އެނގޭތީ އެ މީހުން ގޮސްވަނީ ކާބަޔަށެވެ. އަނގާތަޅާލަން ދަނީކަމަށް ބުނެއެވެ.
ކިޔާރާ އާއި ނަދީމް އެކަނި ވުމުން ކިޔާރާ ވަކިން ލަދުގަތެވެ. ނަދީމް ފިރިހެނަކަށް ވިޔަސް ޚުދު ނަދީމް ވެސް އިނީ ލަދުންނެވެ. އެކަމަކު ފިރހެނަކަށް ވީތީ އިސްނަގަން އޭނާއަށް މަޖުބޫރެވެ. އެހެންވެ އިސްއުފުލާލާ ކިޔާރާއަށް ބަލައިލިއެވެ. އަދި އަމިއްލައިން ތައާރަފްވެލަމުން ކިޔާރާއާ ދިމާއަށް އަތް ދިއްކޮށްލީ ސަލާމް ކުރުމަށެވެ. އެއަތުގައި ހިފަން ކިޔާރާ ލަދުގަތަސް މަޖުބޫރުކަމަކަށް ވާތީ އަމިއްލައިން ނަން ބުނެލަމުން ނަަދީމްގެ އަތުގައި ހިފާ ސަލާކޮށްލިއެވެ. އަދި ދެ ޒުވާނުންގެ ލޮލާ ލޯ ބައްދަލުވި ހިނދު ކޮންމެ ވެސް ތަނަކުން ނަދީމްއާ ދިމާވި ހަނދާނެއް، އެ އަޑު އެހި ހަނދާނެއް ކިޔާރާއަށް ވިއެވެ. އެއީ ކޮންތަނަކުންކަން ކޮން އިރަކުކަން ބުނެދިނީ އެ ޚިޔާލަށް ގެއްލިފައި އިންދާ ނަދީމެވެ.
”ކުރީދުވަހު…. ވާރެއާ ތެމިގެން ދަނިކޮށް ދިމާވި ދޯ!“ ނަދީމް ވެސް ހަނދާނަށް ބާރުލަމުން ކަހަލަ ގޮތަކަށް ބުނެލީ ޔަގީންކޮށްލަން ވެގެންނެވެ. ނަދީމް ބުނި އެއްޗަކަށް ކިޔާރާ ބޯ ޖަހައިލީ ހިނިތުން ވަމުންނެވެ. ކިޔާރާގެ ދެކޮލުގައި އުފެދުނު އަޑިކޮޅާ އެކު ދެތުންފަތް ހަރަކާތް ކޮށްލި ގޮތުން މަންމަ ނަދީމަށް ހޮވި އަންހެންކުއްޖާއަށްޓަކައި އޭނާ ފަޚުރުވެރިވިއެވެ. އެންމެ ފެނިލުމަކުން ނަދީމަށް އެ ކުއްޖާ ކަމުގޮސްފިއެވެ. މާ ބޮޑަށެވެ.
ހަތަރު އަހަރު ފަހެވެ. ކިޔާރާ ގެއިން ނިކުމެގެން އެ ހިނގައިގަތީ އޭނަގެ ތިންއަހަރުގެ މައިރާ ގޮވައިގެން ސްކޫލަށެވެ. އޭނަގެ ހުރިހާކަމަކަށް ނުލާހިކު އަޅާލާ އޭނާގެ ލޮބުވެތި އޯގާތެރި ފިރިމީހާ ގެއަށް އައުމުގެ ކުރިން ކާން ހެދުމަށްޓަކައި އެނބުރި އަވަހަށް ގެއަށް އައުމަށް ފިޔަވަޅުތައް އަވަސްކޮށްލިއެވެ. ނަދީމް ގެއަށް އައިސް ވަންނަ ކޮންމެ ފަހަރަކު ކިޔާރާއަށް ބަލާލާ އެ ހީނލާ ގޮތާ މަޑުމަޑުން ކައިރިވެލާ އެ ބައްދާލާ ލުއި ލުއި ގޮތް އަބަދުވެސް ކިޔާރާގެ ހިއްސުތަކާ ކުޅެލައެވެ. ނަދީމް ފަދަ އޯގާތެރި ހެޔޮ ވަފާތެރި ފިރިއަކު ލިބުނީތީ ކިޔާރާ ނިހާތަށް ޝުކުރުވެރިވެއެވެ. އަދި އެ ދިރިއުޅުން ދެމީހުންގެ ނިމުމާހަމައަށް ދެމި އޮތުން އެދި ދުޢާކުރެވެއެވެ.
-ނިމުނީ-