މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވަން މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) ނިންމަވައިފިކަން މިއަދު އިއުލާން ކުރައްވައިފި އެވެ.
އުއްޗުގެ ގަމަރުގިރީގައި ބޭއްވި ރޯދަ ވީއްލުމުގެ ތެރެއިން އުއްޗު ވަނީ ރައީސް ސޯލިހަށް ”އިބޫ 23“ ޖަހާފައިވާ ޖޯޒީއެއް ވެސް ހަދިޔާކުރައްވައިފަ އެވެ.
މި ރޯދަ ވީއްލުމަށް ރައީސް ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި ދައުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް އެ ރަށަށް ވަޑައިގެންނެވި އެވެ.
ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާއެކު ކޯލިޝަން ހަދަން މި ސަރުކާރުގައި ހިމެނޭ ހުރިހާ ޕާޓީތަކަށް ދައުވަތު ދީފައިވެ އެވެ. އޭގެތެރެއިން ކޯލިޝަން ހަދަން ނިންމީ އަދާލަތު ޕާޓީ އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ އެމްޑީއޭ އެވެ. ޖުމްހޫރީ ޕާޓީން ވަނީ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމައިފަ އެވެ. ޖޭޕީގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެވެ.
ސަރުކާރު ކޯލީޝަންގައި ހިމެނޭ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރްއެމް އިން އަދިވެސް ރިޔާސީ އިންތިހާބާ މެދު ވަކިގޮތެއް ނުނިންމަ އެވެ. އެޕާޓީގެ ރައީސް އަހުމަދު ފާރިސް މައުމޫން ވިދާޅުވީ، އެ ޕާޓީން ވަކިން ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ.
މިއީ އުއްޗުމެން ބޭނުންގޮތެއް ހަދަން އޮތް ގައުމެއްތަ. ކޮންމެ އިންތިހާބަކަށް މަދު ފައިސާކޮޅެއް ފިލިޖަހާލާފައި އެތައް މިލިޔަން ޑޮލަރެއްގެ ޓެކުހުން ރެކެނީ. ރައްޔިތުންނޭ ހޭވެރިވޭ.