ސައްހަނޫން ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރަމުން ދަނިކޮށް ހައްޔަރުކުރި ދިވެހި ފިރިހެން މީހާގެ ބަންދަށް 15 ދުވަސް އިތުރުކޮށްފިއެވެ.
މި މައްސަލައިގައި މިދިޔަ ފެބްރުއަރީމަހުގެ 28 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ މއ.ހަނީސަކްލް -1، އުމުރުން 37 އަހަރުގެ ޙުސައިން ޝިފާއުއެވެ.
މީގެކުރިން ދެ ފަހަރެއްގެ މަތިން އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު، ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 15 ދުވަސް އިތުރުކޮށްފައެވެ.
އޭނާގެ މައްޗަށް ފުލުހުން ކޮށްފައިވަނީ ސައްހަނޫން ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން މުދާ ހޯދައި، އެ މުދާ ރާއްޖެ އެތެރެކޮށް އެ ތަކެތި ރާއްޖޭގައި ވިއްކައިގެން މަންފާ ހޯދާކަމުގެ ތުހުމަތެވެ.
ބައެއް ޓީޓީތަކުގައި އޭނާ ނިސްބަތްވާ ވިޔަފާރީގެ ނަން ބޭނުންކޮށްފައިވާއިރު, ބައެއް ބޭރުގެ ވިޔަފާރިވެރިންނާ މުއާމަލާތްކުރުމުގައި ބޭނުންކޮށްފައިވަނީ އޭނާގެ ނަމާއި ފޯނު ނަމްބަރެވެ.
އަދި މުދާ ކްލިއަރ ކުރުމަށް ހުށަހެޅި ބައެއް ޑޮކިއުމަންޓްތަކުން އޭނާގެ ފިންގަރ ޕްރިންޓް ފެނިފައިވާއިރު، އޭނާގެ ފޯނު އެނާލިސިސް ރިޕޯޓުން ބޭރުގެ އިންވެސްޓަރުން އޭނާއާ ވާހަކަ ދައްކާފައި ހުރި ޗެޓްލޮގްތަކެއް ފެނިފައިވެއެވެ.
މި މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދު 3 މިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާކަމަށް ފުލުހުން ބުނެފައިވެއެވެ.
ތަހުގީގު ކުރިއަށްދާ ވަރަކަށް އޭނާ ވިޔަފާރިކޮށްފައިވާ ބޭރުގެ ކުންފުނިތަކުގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން އަންނަނީ އިންޓަޕޮލްއާ ގުޅިގެން އެ ކުންފުނިތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ފުލުހުން އަންނަނީ ޝިފާއުގެ މައްޗަށް ތުހުމަތުކުރެވޭ މިފަދަ އެހެން މައްސަލަތަކެއް ވެސް ބަލަމުންނެވެ.