ބޮލީވުޑްގެ ބަތަލާ ޕަރްނީތީ ޗޯޕްރާއާއި އިންޑިއާގެ މަޖިލިސް މެންބަރު ރާގަވް ޗައްދާ އާއި ކައިވެނި ކުރަން އުޅޭ ކަމުގެ އިޝާރާތެއް ސަންޖީވް އަރޯރާ ވެއްޖެއެވެ.
ޕަރްނީތީ އާއި ރާގަވްގެ ގުޅުމުގެ އަޑު ގަދަވެފައިވާ މި ދަނޑިވަޅުގައި އޭއޭޕީ ޕާޓީގެ ލީޑާރ ސަންޖީވް ވަނީ އޭނާގެ ރަސްމީ ޓުވިޓާ މެދުވެރިކޮށް އެ ދެމީހުންއަށް މަރުޙަބާ ކިޔާފައެވެ.
އެ ދެ މީހުން ދަންނަ މީހަކު މީޑީއާގައި ބުނެފައިވާ ގޮތުން ދެމީހުން ކައިވެންޏަށް ތައްޔާރުވަމުންދާ ކަމަށެވެ. ދެ ފަރާތުގެ އާއިލާއިން މިހާރު ތާރީހެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމަކު މާބޮޑު ހަފްލާއެއް ބާއްވާ ވާހަކަ ނުދައްކާ ކަމަށް އެމީހާ ބުންޏެވެ.
މިއާއި އެކު އިންޑިއާގެ ރިޕޯޓް ތަކުން ހާމަކޮށްފައިވާ ގޮތުގައި ޕަރްނީތީ އާއި ރާގަވް ކައިވެނި ކުރަން އުޅޭކަން ޔަގީން ވެއްޖެ ކަމަށާއި ސަންޖީވް ޓުވީޓު ކޮށްފައި އެވަނީ ވެސް އެ ހަބަރު ލިބުމުން ކަމަށެވެ.
ޕަންޖާބްގެ މަޖިލީސް ރާޖްޔަ ޝަބާގައި އެ ގައުމުގެ އިދިކޮޅު ޕާޓީއެއް ކަމަށްވާ އާމް އާދްމީ ޕާޓީ (އޭއޭޕީ) ތަމްސީލް ކުރާ ރާގަވް އާއި ޕަރްނީތީ އެގުގައި އެންމެ ފުރަތަމަ ފެނުނީ މިމަހުގެ 22 ވަނަ ދުވަހުގެ ރޭ ރެސްޓޯރެންޓަކަށް ކެއުމަކަށް ދިޔަ ހިސާބުންނެވެ.