ހުކުރު, ޖޫން 2, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ކުރު ވާހަކަ: މުށުން ދޫވިފަހުން – ފުރަތަމަ ބައި

އާމިނަތު ޝީޒާ ލިޔުނީ: އާމިނަތު ޝީޒާ
މާރޗް 30, 2023
ވާހަކަ
0
ކުރު ވާހަކަ: މުށުން ދޫވިފަހުން – ފުރަތަމަ ބައި

އާދައިގެ މަތިން ގެއަށް އައިސް އަހަރެން ވަނީ މެންދަން ވީފަހުންނެވެ. ޑަބަލް ތަޅުދަނޑިން މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވާލީމެވެ. ނިދާ ބޮކީގެ ފަޑު އަލިކަމުގެ ތެރެއިން އެންމެ ފުރަތަމަވެސް އަހަރެން ލޮލުގައި އަޅައިގަތީ ކޮޓަރިތެރޭ ކޮޅަށް ހުރި ޒީނާއެވެ. ދެލޯ ބޮޑު ކޮށްލައިގެން އޮތް ތުއްތު ދަރިފުޅު ނިންދާލެވޭތޯ ޒީނާ ދިޔައީ ކެނޑިނޭޅި ނާނާ ކިޔަމުންނެވެ. އެ ތުއްތު ދަރިފުޅަށް އަދިވީ އެންމެ 22 ދުވަހެވެ. 

”ހިފާބަލަ. ބާއްވާ އިރަށް ރޯން އެބަފަށާ. ފާހާނައަށް ވެސް ނުވަދެވިފަ މިހުރީ“

ޒީނާގެ އަޑުގައިވީ އިންތިހާއީ ވަރުބަލިކަމެވެ. ނިދާލާ އަރާމުކޮށްލަން ޒީނާ ބޭނުންވެފަ ހުރި ވަރު އަހަރެންނަށް އަންދާޒާ ކޮށްލެވުނެވެ. އަހަރެން ދަރިފުޅު އުރާލުމުން އަވަސް އަވަހަށް ޒީނާ ވަނީ ފާހާނައަށެވެ. އަހަރެން އުރާލުމާއެކު  އިރުކޮޅެއް ނުވެ ކުކުރާލުމަށްފަހު ދަރިފުޅު ރޯން ފަށައިފިއެވެ. ލަސްނުވެ ޒީނާ ފާހާނައިން ނުކުމެ ދަރިފުޅު އުރާލިއެވެ. އަހަރެން ގޮސް ނިދަން ތައްޔާރުވެލައިގެން ނުކުމެ ސިޓިންރޫމް ސޯފާގައި އޮށޯވެލީ ފޯނަށް ބަލަމުންނެވެ. 

ޒީނާއަކީ އަހަރެންގެ ހަލާލު އަނބިމީހާއެވެ. އަހަރެން ބޭނުން ވެގެން އަހަރެންގެ ހަޔާތަށް ގެނައި މިތުރާއެވެ. ކައިވެނި ކުރީ ނުހަނު ލޯބިން ދެމީހުން އަހަރު ތަކެއް ވަންދެން ރައްޓެހިވެގެން އުޅުމަށް ފަހުގައެވެ. އޭރު ޒީނާ ހީވަނީ އަހަންނާ ހުރެ މޮޔަ ވެދާނެހެނެވެ. އަހަރެން ދުރުން ފެނިލިއަސް އޭނާގެ ތުންފަތަށް ވެރިވަނީ އުފާވެރި ކަމުގެ ހިނިތުންވުމެވެ. މައިންބަފައިން ނިޔާވެފައި ވުމާއިއެކު އަހަރެންގެ ތަނަވަސް ބޮޑު ގޭގައި ދިރިއުޅެމުން އައީ އަހަރެން އެކަންޏެވެ. ރައްޓެހިވި ފަހުން ގޭތެރެ ފޮޅައިދީ އަހަރެންގެ އަންނައުނު ދޮވެ އިސްތިރިކުރަން ޒީނާ އަންނަންފެށިއެވެ. އަހަންނަށް މީރު ވާނެހެން ހީވާ ކާއެއްޗެހި ހަދައި ދިނުމަކީ ޒީނާ އެންމެ ކުރާ ހިތުން ކުރި އެއް ކަންތަކެވެ. ނަމަވެސް ކައިވެންޏަށް ފަހު ފުރަތަމަ ދަރިފުޅު އުފަންވުމާއި އެކު ޒީނާ އަހަންނަށް ދެމުން އައި ސަމާލުކަން ކުޑަވާން ފެށިއެވެ. އަހަރެންގެ ޒަރޫރީ ކަންކަން ކޮށްދިނުން ޒީނާއަށް ބުރައަކަށް ވިއެވެ. އަވަދި ނެތި އޮފީހުގައި އުޅުމަށްފަހު ހައިވެގެން ގެއަށް އަންނައިރު ހުންނަނީ ނުކައްކައެވެ. އަހަރެންގެ އަންނައުނު ދޮވެ އިސްތިރިކުރުން ޒީނާއަށްވީ ތަކުލީފަކަށެވެ. ދަރިއަކު ލިބުމުން ދެމަފިރިންގެ ގުޅުން ވަރުގަދަވެ އުފާވެރިކަން އިތުރުވާ ވާހަކަ އަހަރެން އަބަދުވެސް އަޑުއަހަމެވެ. ނަމަވެސް ޒީނާގެ ފުށުން އަހަންނަށް ފެނުނީ އޭގެ ދިމާ އިދިކޮޅެވެ.   

ބޮޑު ކުށެއް ނުކުރާހާ ހިނދަކު ވަރިކުރުމަކީ އަހަރެން ގަބޫލުކުރާ އުސޫލެއް ނޫނެވެ. ދުވަސްތަށް އެކަހަލަ މިކަަހަލަ ގޮތަކަށް މާޒީގެ ތެރެއަށް ފުރޮޅި ފަސްދީ ނުވަ އަހަރު އެގޮތުގައި ވޭތިވެގެން ހިނގައްޖެއެވެ. ދެމަފިރިންގެ ގުޅުމުން ލޯތްބާ ރަހުމު ކެޑިފައި އޮތަސް ނުވަ އަހަރުވެގެން ދިޔައިރު އަހަންނާ ޒީނާއަށް ވަނީ ލޯބި ލޯބި ތިން ދަރިން ލިބިފައެވެ. ޒީނާ އަވަދިނެތި އުޅެމުން އެދަނީ އެދަރިންގެ ތަރުބިއްޔަތާ ހިދުމަތުގައެވެ. 

ދަންވަންދެން ހޭލާ އުޅުމަށްފަހު ވެސް އޮފީހަށް ދިއުމަށް ޒީނާ އަހަންނަށް ގޮވިއެވެ. ފެންވަރައިގެން ނުކުތްއިރު ގަމީސް އިސްތިރި ނުކޮށް އޮތުމުން އަމިއްލައަށް ގަމީސް އިސްތިރި ކޮށްލައިގެން ތައްޔާރު ވެގެން އޮފީހަށް ދާން ނުކުތީމެވެ. ދިހައެއް ޖަހަންދެން އޮފީހުގައި އުޅުމަށްފަހު ސައިބޯން ދިޔައީ ހޮޓަލަށެވެ. އެވަގުތު ޒީނާ އަހަރެންގެ ފޯނަށް ގުޅިއެވެ. ޒީނާ ކުރާ މެސެޖާ ފޯނުކޯލުތަކަށް އަހަރެން އިޖާބަ ދިނުން ހުއްޓާލިތާ ކިތަންމެ ދުވަހެކެވެ. އަހަރެން ފެނުނަސް ފޫހިވާ މީހަކާ އަހަރެން ދައްކަން ޖެހޭ ވާހަކައެއް ވަކި އޮންނާނެ ހެއްޔެވެ. އަހަރެން ފޯނު ޖީބަށް ކޮއްޕާލީމެވެ. ހެދިކާ ކޮޅެއް ނަގައިގެން އައިސް އަހަރެން އިށީނީ މާކުރީއްސުރެ ކޮފީއަށް އައިސް ތިބި އައްމަޑޭމެން ކައިރީގައެވެ. 

”ކޮބާ ނެތްތަ މަސްދަތުރެއް.؟“

”ނޫނޭ މިރޭ ދާން މިކިޔަނީ.  ކަލޭވެސް ބޭނުމިއްޔާ ހަމަ އަންނަންވީ“

ސިގިރޭޓް ދުންތައް ބުރުވާލަމުން އައްމަޑޭ ޖަވާބުދިނެވެ. 

”މަ ދާނަން. ކަނޑު މައްޗަށް ނުކުމެލީމަ ހިތްހަމަ ޖެހުމެއް މިހާރު ލިބެނީ “  

އަހަރެން ބުނެލީމެވެ. 

”ތިހިނޭ ވާނީ އަހަރު ދެކޮޅު ދަރިން ހޯދަންޏާ. އެއޮއް ލޫޅާފަތިކޮށް ހުރި ޒީނާ މިހާރު ނޭނގެ ނަގާފަ ޖަހަންވީ ކޮން ކޮޅަކަށް ކަމެއްވެސް.“

އާދިލް ޖެހިލުމެއް ނެތި ބުނެލިއެވެ. އެއާއެކު ދެން ތިބި މީހުން ހީގެންފިއެވެ. 

”އަންހެނުންނާ ނުބެހި ހުރޭ އިގޭ. މަވެސް ކަލޭމެންގެ ޒާތީ ކަންކަމަކާ ނުބެހެމެއްނު. ”

”އަންހެނުންނާ ނުބެހޭށޯ. ކަލޭ ޒީނާދެކެ ތިހާ ލޯބިވާނަމަ ގޮސް ޝާހިދާ އުނގަށް އެރި ކޮންމެ ރެއަކު ތިއޮންނަނީ ކީއްވެތަ؟ ”

ކުއްލިއަކަށް އެމީހުން ޝާހިދާގެ ވާހަކަ ފެށުމުން އަހަރެން ވަރަށް ބޮޑަށް ހާސްވިއެވެ. ޝާހިދާއާ އަހަރެންގެ މެދުގަ ސިއްރު ގުޅުމެއް ވާކަން އެނގޭ މާގިނަ ބަޔަކު އެރަށު ފަސްގަނޑަކު ނެތެވެ. 

”އިންނަން މިއުޅެނީ. ކަލޭމެން ތިބެން ޖެހޭނީ ހަޖަމް ކޮށްލައިގެން. ”

”ކަލޭ ތީ  ގަޓުހުރި މީހެއްނަމަ ތިކަން ކުރާނީ މިއަދަކު ނޫން. ތިއުޅެނީ ޝާހިދާއާ އިންނަން ބޭނުންވާ ވާހަކަ ޒީނާ ކައިރީ ބުނަން ވެސް ނުކެރިގެން. ”

”އައްމަޑޭ ކޮށްލީ މަލާމާތެކެވެ. 

”ކަލޭމެންނަށް ދައްކާލާނަން މަށަކީ ކަންކަން ކުރެވޭ މީހެއްކަން. ”

”ރުޅި އައިސްފަ ހުރިވަރު ބޮޑުކަމުން އަހަރެން އެތަނުގަ އިތުރަށް މަޑެއް ނުކުރަމެވެ. ގެނައި ހެދިކާއަށް ލާރި ދެއްކުމަށްފަހު އަހަރެން ނުކުތީ ބޭރަށެވެ. އެންމެ ގާތްކޮށް އުޅެމުން އެމީހުން އަހަންނާ އެގޮތަށް ޖައްސާލުމުން އަހަންނަށް އެއީ ވަރަށް ބޮޑު މައްސަލައަކަށް ވިއެވެ. ދެއަންބަށް ކައިވެނި ކުރަން ބޭނުންވާ ވާހަކަ ބުނެ ހަމަ އެވަގުތު އަހަރެން ޝާހިދާއަށް މެސެޖު ކުރީމެވެ. އިރުކޮޅެއް ނުވެ ޝާހިދާ އަހަންނަށް ގުޅައިފިއެވެ. އަހަރެން ކުއްލިއަކަށް ކައިވެންޏަށް އެދުމުން ޝާހިދާ ހުރީ ހައިރާން ވެފައެވެ.      

”ކީއްވެ ދެއަތްބަށް؟ ޒީނާ އަޅާނުލަންޏާ އޭނައާ އިނދެގެން އުޅުން މުހިއްމުތަ؟ ”

ޝާހިދާ އަހާލިއެވެ.     

”އަހަރެންގެ ދަރިންގެ މަންމަ އެއީ. މަސްދުވަސް ނުވާ ތުއްތު ކުއްޖަކު….“

”އޭނަ ގެއަށް ފޮނުވާލިއަސް ރަމީ ބޭނުން ގަޑިއަކު އެދަރިންނާ ބައްދަލު ކުރެވޭނެދޯ. ދަރިން ގޮވައިގެން ރަށުން ބޭރަކަށް އޭނަ ނުދާނެއްނު. ރަމީ ތިއުޅެނީ ރަމީގެ ގޭގަ އޭނަ ބަނޑުއަޅައިގެން އޮއްވާ އަހަރެންނާ އިދެގެން ގެންގޮސް ހަމަ އެގެއަށް ވައްދަންތަ ؟ ”

ޝާހިދާގެ ސުވާލުން އަހަރެންގެ ބަސް ހުއްޓުނެވެ.  

”އަހަރެންވެސް ބޭނުން ކައިވެނި ކުރަން. އެކަމަކު އެކަހަލަ ގޮނޑު އަންހެނަކާއެކު އެއް ފުރާޅެއްގެ ދަށުގަ އަހަންނަކަށް ނޫޅެވޭނެ. އެެހެންނޫނަސް ވަރި ނުކުރަންވީ ސަބަބެއް އަހަންނަކަށް ނުވިސްނޭ. ރަމީ ތި ބުނަނީ އޭނަ ފެނުނަސް ބޮލަށް އުނދަގޫވާ ވާހަކަ. ”

ޝާހިދާ އޭނަގެ ނިންމުން އިއްވާލިއެވެ. އަހަރެން ފޯނު ކަނޑާލީމެވެ. ޝާހިދާ ބުންޏަސް އެއީ ތެދެކެވެ. އެއްފަސްގަނޑެއްގައި އުޅޭނަމަ އަހަރެންގެ ދަރިން ތިބޭނީ އަހަރެންގެ ލޮލުގެ ކުރިމަތީގައެވެ. ނަމަވެސް ތިން ދަރިންނާ އެކު ވަރިކޮށްލާފަ ޒީނާ ފޮނުވާލުމަކީ ކިހާ ހުތުރު ކަމެއް ހެއްޔެވެ. އަހަރެންގެ ގެއަކީ އަހަރެންގެ ދަރިންގެ ތަނެކެވެ. އެދަރިން އެތަނުން ބޭރުކޮށްފަ އެހެން އަންހެނަކު ގެނެސް އާ ހަޔާތެއް ފަށައިފިނަމަ މީހުންގެ ބަދުދުއާ އިންވެސް އަހަރެން ސަލާމަތެއް ނުވާނެއެވެ. 

”ދޮގު ވާހަކައެއް ނޫން ޝާހީ އެބުނީ. އަހަރެން ނަމަ ޒީނާ ވަރިކުރާނީ މިއަދަކު ނޫން. ”

އަހަރެން ރާޝިދާ ބައްދަލު ކުރީ އަހަރެންގެ ފިހާރަ ތެރެއިންނެވެ. ކަސްޓަމަރަކު ނެތް ވަގުތެއްކަމުން އަހަރެން ދައްކަން ބޭނުންވި ހުރިހާ ވާހަކައެއް ރާޝިދާ ހިއްސާކުރީމެވެ. ރާޝިދަަކީ އަހަރެންގެ ޅަފަތުގެ މިތުރެވެ. އަހަރެންގެ ދިރިއުޅުމުގައި ހިނގާ ގިނަ ކަންކަން ރާޝިދަށް އެނގޭނެއެވެ. 

”އެކަމަކު ކައިވެނިކޮށްގެން އަހަރެންގެ ގެއަށް އަންނަން ޝާހީއަށް މަޖުބޫރުތަ؟ އޭނަގެ މައިންބަފައިންގެ ގެދޮރު އެހުރީ އޭނައަށް އެކަނި. ”

”ޒީނާގެ މަންމަވެސް އެއުޅެނީ ބޮޑު ގެއަކު އެކަނި. ޒީނާގެ ކުޑަބެ ހީނުވޭ އަނބިދަރިން ގޮވައިގެން ރަށަށް ބަދަލު ވެދާނެހެނެން. ޒީނާ ބިކަހާލެއް ނުޖެހޭނެ ކަލޭ ބަރާބަރަށް ދަރިންނަށް ހަރަދު ކުރަންޏަކާ.“

ރާޝިދު ބުނެލިއެވެ. ރާޝިދުގެ ކޮޅަށް އަހަންނަށް ވެސް ބުރަ ވެވިއްޖެއެވެ. ޝާހިދާއާ އަޅާ ކިޔާނަމަ ޒީނާއަަކީ ހަމަ ސުމެކެވެ. ލޯބިން އަހަންނަށް ބަލާލަންވެސް ފޫހިވާ އަންބަކާއި އެކު މިގޮތަށް ގަނަތެޅެންވީ ކިހާ ދުވަހަކު ހެއްޔެވެ. ހިތްވަރެއް ކޮށްލާފަ ޒީނާއާ ވާހަކަ ދައްކަން އަހަރެން މަސައްކަތް ފެށީމެވެ. އަހަންނަށް އެކަން ކުރަން އުދަގޫވުމުން ހިޔާލެއް ދިނީ ޝާހިދާއެވެ. ޝާހިދާގެ ހިޔާލާ އެއްގޮތަށް ވަރީގެ ފޯރމް ނަގާ ފުރާލުމައްފަހު ޒީނާއަށް ފެންނަ ހިސާބުގައި ބަދިގޭ މޭޒުމަތީ ބާއްވާލީމެވެ. އެއަށްފަހު އަހަރެން ގޮސް އިިށީނީ ގެއާ ދުރުނޫން ހިސާބެއްގައި ހުރި ކެފޭ އެއްގައެވެ. ފޯރމް ފެނުމުން ޒީނާ ހަދާނެ ގޮތަކާމެދު ވިސްނޭވަރުން އަހަރެންގެ ހިތް ދިޔައީ އޮބިނޯންނަ ވަރަށް ތެޅެމުންނެވެ. ދޮޅު ގަނޑިއެއް ހާއިރު އެތަނުގައި  އިނުމަށްފަހު އަހަރެން ގެއަށް އައިއިރު ޒީނާ ފޯރމް ހިފައިގެން ކާމޭޒު ދޮށުގައި އިށީދެލައިގެން އިނެވެ. އަހަރެން ފެނުމާއެކު އަހަރެންގެ މޫނަށް ބަލަހައްޓައިގެން އިންނަން ފެށިއެވެ. ޒީނާ ފެނުމުން އަހަރެން ދެރަވެސް ވިއެވެ. އިސްޖަހާލައިގެން ހުރެ އައިސް ޒީނާ ކުރިމަތީ އަހަރެން އިށީނީމެވެ. 

”ދެއަތްބަށް ކައިވެނި ކުރަން ޝާހިދާ އެއްބަސް ނުވީތަ؟ ”

ޒީނާގެ އަޑުގައިވީ ހިތާމައިގެ އިތުރުން މަލާމާތުގެ ރާގެކެވެ. އަހަންނަށް ޒީނާގެ މޫނަށް ބަލާލެވުނެވެ. ޝާހިދާއާ އަހަރެންގެ ގުޅުން ޒީނާއަށް މާކުރީއްސުރެން އެނގިފައި އޮތްނަމަ، އެކަމުގައި ޒީނާ އެއްޗެއް ނުބުނެ ކެތްކުރީތީ އަހަރެން ހައިރާންވިއެވެ. 

”ރަމީ ހީކޮށްފާނެ، ތިހެން ނަހަދާށޭ ކިޔާ އަހަރެން ރަމީ ފައިބުޑަށް ވެއްޓި އާދޭސް ކުރާނެއޭ. އަހަރެންގެ ދަރިން ޔަތީމް ނުކުރާށޭ ބުނެ އަހަރެން ސަލާން ޖަހާނެއޭ. އަހަރެން މީ އެކަހަލަ އަންހެނެއް ނޫން. މީ އަންނާނެ ވަގުތެއްކަން އަހަންނަށް މާކުރިން ވެސް އެނގޭ. ”

”ޒީނާ އަހަންނާމެދު ކަންކުރި ގޮތުން މިއަދު މިހެން ކަންތައް ކުރަން އަހަންނަށް މިޖެހުނީ. ދަރިން ލިބުނަސް ޒީނާ އަހަންނަށް ކޮށްދޭންޖެހޭ ކަންތައް ތަކެއްވެސް ހުންނާނެ. އަހަންނަށް ބަލާލާފަ ޒީނާ ހިނިތުންވެލި ދުވަހެއް ހަނދާން އެބަހުރިތަ؟“

އަހަރެން ޒީނާގެ ވާހަކަ މެދުކަޑާލީމެވެ. ޒީނާ ބޯ ޖަހާލަމުން ހިތި ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވާލިއެވެ. އެއަށްފަހު އިންތަނުން ތެދުވެއްޖެއެވެ. 

”މިދިޔަ ނުވަ އަހަރު ދުވަހު އަހަރެންގެ ފުށުން ރަމީއަށް އަހަރެން ދިނީ ރަމީއަށް ހައްގު މިންވަރު. ”

ފޯރމު ބޭއްވުމަށްފަހު ޒީނާ ހިނގައިގަތެވެ. 

”ހައްގު މިންވަރު.؟ މަށަށް ކޮންކަމެއް ކޮށްނުދެވި އޮތީ އެމިންވަރު މަށަށް ހައްގުވާންވީކީ؟. ބަދަލުވީ ޒީނާ. އަހަންނަށް ކޮށްދޭންޖެހޭ ކަންތައް ތަކުން ބޯ ދަމައިގަތީވެސް ޒީނާ. އަހަރެން އައިސް ވަނުމުން މީހަކު އައިސް ވަދެއްޖެއޭ ޒީނާއަށް ހީވެސް ނުވޭ. ވީ ކީއްތޯ އަހަރެން ސުވާލު ނުކުރަންތަ؟“

އަހަރެންގެ ވާހަކައަށް ޒީނާ ދިނީ ބީރު ކަންފަތެކެވެ. ފޯރމް ފެނި ޒީނާ ރޮއެ މާފަށް އެދި ދެވަނަ ފުރުސަތަކަށް ނޭދުނީތީ އަހަރެންގެ ހިތަށް ލިބުނީ އިތުރު ނުތަނަވަސް ކަމެކެވެ. 

ހަމަ އެރޭ ޒީނާ ފޮށި ތަންމަތި ތައްޔާރު ކުރަން ފަށައިފިއެވެ. އަހަރެން އެޚަބަރު ދިނުމުން ޝާހިދާ ހުރީ އުފަލުންނެވެ. އަހަރެން ހަމަޖައްސާލަން ޝާހިދާ ކުރި މަސައްކަތް މުޅިއަކުން ބޭކާރުވެގެނެއް ނުދިއައެވެ. ދާން ބޭނުންވާ މީހަކު ދޫކޮށްލުމަށްވުރެ ރަނގަޅު ގޮތެއް ނޯންނާނެއެވެ. 

ޝާހިދާއާ ރާޝިދުގެ ހިތްވަރުން ހިތްވަރު ހޯދައިގެން އަހަރެން ޒީނާ ވަރިކުރުމަށް ފޯރމް ލައިފީމެވެ. ދެތިން ދުވަސް ތެރޭ ޒީނާ އޭނައާއި ދަރިންގެ ހުރިހާ ޒަރޫރީ  ސާމާނުތައް ހިފައިގެން އޭނަގެ މަންމަގެ ގެއަށް ބަދަލު ވެއްޖެއެވެ. އެއާއި އެކު ހިކިފަތެއްގައި ރޯވި އަލިފާން ގަނޑެއްހެން ރަށުތެރޭގައި ފެތުރިގެން ދިޔައީ ޝާހިދާއާ ކައިވެނި ކުރަން އަހަރެން ޒީނާ ގެއިން ނެރުނު ވާހަކައެވެ. ވަރި ކުރަން ކޯޓަށް ފޯރމް ލައިގެން އުޅޭ ވާހަކައެވެ. ރައްޓެހިންނާ އާއިލާ މީހުންގެ އެތައް އެތައް ސުވާލެއް އަހަންނާ ކުރިމަތިވިއެވެ. އަހަރެން އިހުތިޔާރުކުރީ ހަނުހުރުމެވެ. 

ކޯޓުގެ ގާޒީއަކަށް ހުރީ ޝާހިދާގެ ގާތް ރައްޓެއްސަކަށް ވުމުން ހީކުރި ވަރަށް ވުރެން މާ ފަސޭހައިން އަހަންނާ ޒީނާގެ ގުޅުން ކަނޑާލައި ވަރި ސާބިތު ކޮށްދީފިއެވެ.  

ޖެހިގެން އައި ހަފްތާގެ ތެރޭ އަހަންނާ ކައިވެނި ކުރަން ޝާހިދާއަށް ރަން ކިޔައިފީމެވެ. ޅަކުއްޖަކު ފެނި އަހަރެން ދީވާނާ ވެގެން ތިން ދަރިން ޔަތީމު ކުރި ވާހަކަ ނޫން ވާހަކައެއް މިހާރު ރަށުތެރެއަކު ނެތެވެ. ރަން ކިޔާ އެކަމުގެ އުފަލުގައި ޝާހިދާގެ އެކުވެރިންނާ އަހަރެންގެ ބައެއް އެކުވެރިން ދިޔައީ އޯވަރ ނައިޓަށް ކައިރީގައި އޮތް ފަޅު ރަށަކަށެވެެ. އެއީ ގިނަ ދުވަސް ތަކަކަށްފަހު އަހަރެންގެ ހަޔާތަށް އައި އުފާވެރި ރެއެކެވެ. އެރޭގެ މަޖަލާ ސަކަރާތަށްފަހު ޝާހިދާގެ އުނގުގައި ބޯއަޅާލައިގެން އޮވެ އަހަންނަށް ނިދުނީ ތިނެއްޖަހައި ބޮޑުވީ ފަހުންނެވެ. 

”ރަމީ އޭ… ”

ކުއްލިއަކަށް އަހަންނަށް ހޭލެވުނީ ފަހުދު އަހަރެން ގައިގަ ހިފާ ތަޅުވައި ގަތުމުންނެވެ. އެއަޑަށް ކައިރީ ތިބި އެހެން މީހުންވެސް ލޯ ހުޅުވާލިއެވެ. 

”ރާކިން ކަރަންޓު ޖެހިގެން ހޮސްޕިޓަލަށް ގެންގޮއްސި ”

ފަހުދު ދިން ޚަބަރަކުން އަހަރެންނަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތް ހެނެވެ. ރާކިން އަކީ އަހަރެންގެ މެދަށް ހުންނަ ހަ އަހަރުގެ ދަރިފުޅެވެ. އަހަންނަށް އޮތްތަނުން ތެދުވެވުނު ގޮތްވެސް ނޭނގުނެވެ. ފޯނު ބަލާލިއިރު ފަތިހު ފަހަކުން ފެށިގެން 9 ފަހަރު ޒީނާ ގުޅާފައި އޮތެވެ. ވަގުތުން އަހަރެން ޒީނާއަށް ގުޅީމެވެ.  ދެފަހަރު ގުޅައިގެންވެސް ޒީނާ ފޯނެއް ނުނެގިއެވެ. 

”ކަލޭއަށް ކިހިނެއް އެނގުނީ ރާކިން ހޮސްޕިޓަލަށް ގެންދިޔަ ކަމެއް؟ ”

”އަންހެނުން ގުޅީ. ޒީނާއާ އެކު ނަމާދުކޮށްގެން ރާކިން ވަނީ ބަދިގެއަށޯ. ބަދިގެ ސުވިޗް ބޯޑް އިނީ ހަލާކުވެފަ. ރާކިން ގޮނޑި މައްޗަށް އަރާ އަވަނުގެ ވާގަނޑު ސުވިޗް ބޯޑަށް ގުޅާލާފަ ކަރަންޓް ދިނީޔޯ. “    

ފަހުދު އަންހެނުންނަކީ ނަރުހެކެވެ. ލިބުނު ޚަބަރާއި އެކު އިތުރަށް މަޑު ނުކޮށް އެންމެން އަވަސްވެގަތީ ފުރާށެވެ. ޝާހިދާ އަހަރެންގެ ފަހަތު ވިއްދާފައި ހުއްޓެވެ. އަހަރެންގެ ފޯނަށް ބޮޑުދައިތަ ގުޅީ އަހަރެން ޑިންގީއަށް އަރާ ހުއްޓައެވެ. އަވަސް އަވަހަށް އަހަރެން ފޯނު ކަންފަތު ޖަހާލީމެވެ. އަހަރެން ކަންފަތަށް ފުރަތަމަވެސް އިވުނީ ބޮޑުދައިތަގެ ރުއިމުގެ އަޑެވެ.

”ދައްތާ އަހަރެން މިދަނީ ރަށަށް. ދެންމެ މަށަށް ރާކިންގެ ޚަބަރު..“

”ނިޔާވެއްޖެ އެކުއްޖާ ފުޅު.“

ބޮޑުދައިތަ ދިން ޚަބަރަކުން އަހަރެންގެ މެއަށް ހީވީ ތޫނު ހަންޖަރެއް މީހަކު ކޮއްޕާލިހެނެވެ. 

”ކޮންކަހަލަ އިންސާނެއްތަ ތިއީ. ދަރި މަރުވެގެން ދިޔައިރުވެސް ތިއުޅެނީ ޒުވާން އަންހެނަކު ގޮވައިގެން ގޮސް މަޖާ ނަގަން. ”

ބޮޑުދައިތަ ދަތްވިކާލާފަ އަހަންނަށް ހަޅޭ ލަވައިގަތެވެ. އެއަޑު ރީތިކޮށް ކައިރީގައި ތިބި މީހުނަށް އިވުނެވެ. އަހަރެންނަށް ރޯން ފެށުނީ އިންތަނުގައި އިދެއެވެ. 

ރަށަށް އާދެވުމާއި އެކު އަހަރެން ދުވެފައި ގޮސް ހޮސްޕިޓަލަށް ވަނީމެވެ. ރާކިންގެ ޚަބަރު ލިބި އޭރު ރަށުގެ ގިނަބަޔަކު އޮތީ އެތަނަށް އެއްވެފައެވެ. ބާރަށް ހިނގާފަ ގޮސް އަހަންނަށް ވޯޑަށް ވަދެވުމާއި އެކު ހުރިތަނަށް ގަބުވިއެވެ. ޚަބަރު ހުސްވެ އެނދެއްގައި ބާއްވާފައި އޮތް ޒީނާއާ ޖެހިގެން ހުރި އެދުގައި ރާކިން ހަށަމަށް އަތްނަގާފަ އޮތްތަން ފެނުމުން އަހަންނަށް ހީވީ ޤިޔާމަތް އަހަންނާ ކުރިމަތިވީ ހެންނެވެ. 

ޒީނާގެ މަންމައާ އަހަރެންގެ އާއިލާގެ އެތައް ބަޔަކު ރޮމުން ދިޔައެވެ. އެތަނުގަައި މަދީ އަހަރެން އެކަންޏެވެ. ދުވެފައި ގޮސް އަހަރެން ރާކިން ގައިގަ އޮޅުލައިގަތީމެވެ. އަޑުން އަޑުނަގާ އަހަރެން ރުއީމެވެ. ނަމަވެސް އަހަރެން ގޮވާލާއިރަށް ދުވެފައި އަންނަ އެދަރިފުޅު މިއަދު އެންމެ ކުޑަމިނުން އަހަރެންގެ އަޑު އިވި ލޯވެސް ހުޅުވާނުލިއެވެ. ކަންތައް ވެގެން ދިޔަގޮތުން ޝާހިދާ ގެއަށް ދިޔައީ އެތަނުގައި ހުންނަން ނުކެރިގެންނެވެ. ދަތުރު ދިޔައިރު މިއީ ވެދާނެ ކަމެއް ކަމަށް އަހަރުމެން އެކަކުވެސް ހީނުކުރަމެވެ. ނަމަވެސް ނަފްރަތުގެ ނަޒަރުން އެންމެން ބަލަމުން ދިޔައީ އަހަރެމެންނަށެވެ.

ހޭވެރިކަން ވުމާއިއެކު ޒީނާ ރޮއެގަނެއެވެ. ގެއްލިގެން ދިޔަ ދެލޯފަދަ ދަރިފުޅުގެ ކަށުކަމާ ކެމީގެ ކަންކަން ނިމި ވަޅުލުމާ ހަމައަށްވެސް ޒީނާ ކޮޅަށް ބެހެއްޓުނީ  އޭނަގެ ގާތް މީހުން ގައިގަ ލައްކޮށްގެނެވެ. 

”ފެންފުޅިއެއް ބަލާ އިސްކުރު ކައިރިއަށް ޒީނާ ނުކުތީ. ބަދިގެ މޭޒު ކައިރީ ޒީނާގެ ފޯނު ހިފައިގެން އެސޮރު އިނީ. ކުޑަ މަންޖެ ރޮއެގަތީމަ އަހަރެންވެސް ބޭރަށް ނުކުތީ. އަޑެއް އިވިގެން ބަލާލިއިރު އޮތީ…. ”

ގިސްލަމުން ރޮއެ ޒީނާގެ މަންމަ އިރުއިރުކޮޅާ ދައްކަމުން ދިޔައީ އެވަގުތު ކޮޅުގެ ވާހަކައެވެ. ޒީނާ ކުއްވެރިކޮށް އުއްފުވެސް ބުނެވޭނެ ފުރުސަތު އަހަންނަކަށް ނެތެވެ. 

އެ ހާދިސާއަށް ހަފްތާއެއް ވެގެން ދިޔައިރު ޒީނާ މަޑުމަޑުން ހަމައަކަށް އެޅެން ފަށައިފިއެވެ. ޝާހިދާގެ ވެސް ރުހުމާއިއެކު އަހަރުމެންގެ ކައިވެނި ފަސްކުރީމެވެ. ޒީނާއާއި އެކު އޭނަގެ އާއިލާއާ އެކުވެރިން ތިބިއިރު އަހަރެންނަށް ލިބިފަައިވާ ފަޅުކަމާއި ހިތާމަ އިހުސާސް ކުރެވުނު ހަމައެކަނި މީހަކީ ޝާހިދާއެވެ. އެ ހިތްދަތި ކަމުން އަރައިގަތުމަށް ޝާހިދާ އަހަންނަށް އޭނަގެ ހުރިހާ ވަގުތެއް ހުސްކޮށްލިއެވެ. މީހުންގެ ފާޑު ކިޔުންތަކާ މަލާމާތަށް ޝާހިދާ ދިނީ ބީރުކަންފަތެކެވެ.

-ނުނިމޭ-

Tags: ވާހަކަ

ގުޅުންހުރި ލިޔުންތައް

ކުރު ވާހަކަ: އިންތިޒާރު

ކުރު ވާހަކަ: އިންތިޒާރު

މެއި 11, 2023
ވާހަކަ: މުސްކާން – ފުރަތަމަ ބައި

ވާހަކަ: މުސްކާން – ފަހު ބައި

މެއި 6, 2023
ވާހަކަ: މުސްކާން – ފުރަތަމަ ބައި

ވާހަކަ: މުސްކާން – ނަވާވީސް ވަނަ ބައި

އޭޕްރިލް 26, 2023
ކުރު ވާހަކަ: ޅީދަރި

ކުރު ވާހަކަ: ޅީދަރި

އޭޕްރިލް 19, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • އަހަރެން ފުނޑާލަން ފަންޑުކުރީ ޒެނީޝާ، އަޑީގައި ފުލުހެއް ވެސް ބައިވެރިވޭ- ހިޝާން

    އަހަރެން ފުނޑާލަން ފަންޑުކުރީ ޒެނީޝާ، އަޑީގައި ފުލުހެއް ވެސް ބައިވެރިވޭ- ހިޝާން

    0 shares
    Share 0 Tweet 0
  • އިންޑިޔާގެ ކޮޗިންއަށް ފުރި މޯލްޑިވިއަންގެ ފްލައިޓެއް އަނބުރާ ޖައްސައިފި

    0 shares
    Share 0 Tweet 0
  • ނަޢީމާ މަރައިލުމަށް ބޭނުންކުރި ތޫނު ދެ ހަތިޔާރާއި އެކަން ކުރި މީހުން ލައިގެން ތިބި އަންނައުނު ހޯދައިފި

    0 shares
    Share 0 Tweet 0
  • ދުނިޔޭގެ އެންމެ ފުރިހަމަ ހޮޓަލުގެ އެވޯޑު ރާއްޖޭގެ ރިސޯޓަކަށް ލިބިއްޖެ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In