ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ގެއަށް ބަދަލުކުރުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ގޮވާލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބޮންޑޭ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ޖަލަށް ލާފައި ހުންނެވިިއިރު ރަމަޟާން މަހު ރައީސް މައުމޫން ގެއަށް ދޫކޮށްލެއްވުމަށް އެދިވަޑައިގަތް ކަމަށެވެ.
”އެހެންވީމަ އެގޮތަށް ޔާމީން ވެސް ގެނެސް ގޭގަ ބަހައްޓައިލުން އެއީ އޮންނަ ކަމެއް. އެކަން ކޮށްދޭންޖެހޭ އަޅުގަނޑުމެން. އެއީ މި ގައުމަށް ވެސް ޚިދުމަތްތަކެއް ކޮށްދީފަ ބުރިޖާއި އެ ތަންމިތަނުގައި ހޮސްޕިޓަލު ވެސް އަޅާފައި ހުރި މީހެއް. އަޅުގަނޑު ވެސް އެދެން މި ރަމަޟާން މަހު ރައީސް ޔާމީން ވެސް ގޭގަ ބަހައްޓައިލަދޭން, ސަރުކާރުން އެވަރު ކަމެއްކޮށްލަދޭން.“ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަނުގެ އިސް ބޭފުޅެއް ކަމަށްވާ ބޮންޑެ ވިދާޅުވިއެވެ.
ވ.އާރަށު މައްސަލައިގައި ޚިޔާނާތް ހިންގެވިކަން ސާބިތުވުމުން ރައީސް ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ ޑިސެމްބަރު 25 ގައެވެ. އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު އެ މައްސަލަ ބަލައިގަތުމާމެދު އެ ކޯޓުން އަދި ވަކި ގޮތެއް ނުނިންމައެވެ.