ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ ހަވާލުކުރި ފްލެޓުތަކުގެ މަސައްކަތް ކުރާ އިންޑިއާގެ މުވައްޒަފުންގެ ކެއުމާއި މުސާރަ ނުދޭތީ އެ މީހުން އިހުތިޖާޖުކޮށްފިއެވެ.
ގިނަ އަދަދެއްގެ މުވައްޒަފުން ނުކުމެ ހުޅުމާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުގެ ކުރިމަތީގައި މިއަދު އިހުތިޖާޖު ކުރިއިރު, ފުލުހުން ވަނީ އެ ތަނުގައި ހަރަކާތްތެރިވެ އެ މީހުން ދުރަށް ޖެއްސުމުގެ މަސައްކަތް ކޮށްފައެވެ.
އެމީހުންގެ އިންޓަވިއު ނަގަން މަސައްކަތް ކުރި ބައެއް ނޫސްވެެރިންނަށް ފުލުހުން ހުރަސް އަޅާފައިވާކަމުގެ މައުލޫމާތު ވެސް ލިބެއެވެ.
ފްލެޓުތަކުގެ މަސައްކަތް ކުރާ އިންޑިއާގެ ބައެއް މުވައްޒަފުން ކިޔައިދިން ގޮތުގައި އެތައް މަހެއްގެ މުސާރަ އަދިވެސް އެ މީހުންނަށް ދީފައެއް ނުވެއެވެ. ކެއުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި ސިއްހީ ރައްކާތެރިކަމާމެދު އެއްވެސް ވަރަކަށް ނުވިސްނާ ކަމަށް ވެސް އެ މީހުން ކިޔައިދިނެވެ. އެ މީހުން ބުނި ގޮތުގައި އެ މީހުންގެ އިސް ސްޕަވައިޒަރުންނާ ބައްދަލުކުރަން މަސައްކަތް ކުރުމުން ވެސް އެ ފުުރުސަތު ދީފައެއް ނުވެއެވެ.
މުވައްޒަފުން އިއްޔެ ހަވީރު ވަނީ ހުޅުމާލޭގައި ހުންނަ މަސައްކަތު ސައިޓުގައި އިހުތިޖާޖުކޮށްފައެވެ. އިހުތިޖާހުކުރީ ޖޭއެމްސީގެ އިސް މީހަކު ސައިޓަށް ދިޔަ ވަގުތުގައެވެ.
މި އިހުތިޖާޖުތަކާ ގުޅިގެން އެޗްއާރްސީއެމްއިން މިއަދު ބުނީ ޖޭއެމްސީ ކުންފުނީގެ ބިދޭސީ މުވައްޒަފުން އިހުތިޖާޖު ކުރުމާ ގުޅިގެން މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކްއަށް އެ ކޮމިޝަނުގެ ރެޕިޑް ރެސްޕޮންސް ޓީމުން ރޭގެ ވަގުތެއްގައި ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އަދި އެ މީހުންގެ ހުރި ޝަކުވާތައް އެ ކޮމިޝަނުން ބަލަމުންދާ ކަމަށެވެ.