މަންމައާ ބައްޕަ ނިޔާވުމުން އަހަރެން އުޅެމުން އައީ އަހަރެންގެ އެއްބަނޑު އެއްބަފާ ބޭބެ ކައިރީ އެ އާއިލާއާ އެކުގައެވެ. އަހަރެމެންގެ ގެއަކީ އެކުވެރިކަމާ އެކު ގުޅިގެން އުޅެމުން އައި ގެއެކެވެ. ބޭބެގެ ރަޙުމަތްތެރިންނަކީ ވަރަށް ގިނައިން ގެއަށް އައިސް އުޅޭ ބައެކެވެ. އެހެންކަމުން ބޭބެގެ ގިނަ ރައްޓެހިން އަހަންނަށް އެނގެއެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންނާ ބައެއް ފަހަރު އަހަރެން ވެސް ވާހަކަ ދައްކާލާ ހަދަމެވެ. ކޮންމެހެން ދައްކަންޖެހޭ ވާހަކައެވެ. ބޭބެެއަކީ އޮފީހެއްގައި މަސައްކަތް ކުރާ މީހެކެވެ. ބޭބެގެ ގިނަ ރައްޓެހިންނަކީ ވެސް އެ އޮފީހުގައި މަސައްކަތް ކުރާ މީހުންނެވެ. އެހެންނަމަވެސް އަމަން އެއާ ތަފާތެވެ. އެއީ ބޭބެގެ ކުލާސްމޭޓެކެވެ. ކިޔެވި އިރެކޭ އެއްގޮތަށް މިހާރުވެސް އަމަންއާ ބޭބެއާ ދެމެދު އެ އެކުވެރިކަން އޮވެއެވެ.
ކުރިއަށް އޮތީ ޖުލައި ސައްބީހާ ގުޅިގެން ލިބޭ ފަސްވަރަކަށް ދުވަހުގެ ޗުއްޓީއެވެ. މި ދުވަސްކޮޅު ރާއްޖެތެރެއަށް ދަތުރެއް ކުރުމަށް ބޭބެމެން އައީ ރާވަަމުންނެވެ. ބޭބެގެ އަންހެނުން ވެސް ދާތީ އަހަރެން ވެސް ހުރީ އެ ދަތުރު ދާހިތުންނެވެ. އެކަން ބޭބެދައްތައަށް އެނގިގެން ބޭބެ ކައިރީ އެވާހަކަ ބުނެ އެކަން ހަމަޖެއްސިއެވެ.
ދަތުރު ދިޔައީ ހަސީންމެންގެ ރަށަށެވެ. ދަތުރުގައި ބައިވެރިވީ ހަސީންއާ ބޭބެގެ ދެމަފިރިންނާ އަހަރެންގެ އިތުރުން ރަފީގާ އަހުމަދާ އަދި އަމަން އެވެ. އަހަރެެމެން ރޭވީ ފަސްދުވަހުގެ ދަތުރެކެވެ. އެއީ ހަސީންމެންގެ ރަށާ ކައިރީ މީހުން އުޅޭ ބައެއް އެހެން ދެތިން ރަށަކަށް ވެސް ދާގޮތަށެވެ.
ދަތުރުދިޔަ ދުވަސްކޮޅަކީ މޫސުން ރީތި ކަނޑުމަޑު ދުވަސްކޮޅެކެވެ. އެއި ދަތުރު އިތުރަށް އުފާވެރިވެ ހިތްގައިމުވެގެން ދިޔަ އެއް ސަބަބެވެ. އެކުގައި ދަތުރުކުރި އެންމެންގެ ތެރެއިން ހުހަށް ތިބީ އަހުމަދާ އަމަން އެވެ. ދެން އަހަންނެވެ. އެހެންކަމުން އެ ދެ ފިރިހެނުންގެ ލޯވެސް އަހަންނަށް އަމާޒުވެފައިވާ ތަން އަހަންނަށް ފެނެއެވެ. އެކަމަކު އެއިން އެއްވެސް މިހަކާ މެދު އަހަރެންގެ ޝައުގެއް ނެތެވެ. ސަބަބަކީ އަހަރެންގެ ހިތުގެ ރަސްގެފާނަކީ ޔަޒަން ކަމަށްވާތިއެވެ. އަހަންނާ ޔަޒަންގެ ގުޅުމަކީ ބޭބެ އެއްގޮތަކަށްވެސް ރުހޭ ގުޅުމަކަށް ނުވިޔަސް އެކަމާ މެދު މާގިނަ ވާހަކައެއް ބޭބެ ނުދައްކައެވެ. އެހެންކަމުން އަހަރެމެން އެ ގުޅުން ކުރިޔަށް ގެންދިޔައީމެވެ.
އަހަރެމެން ދަތުރުކުރަމުން ދިޔަ އިންޖީނުދޯނީގެ މިސްރާބު ހުރީ ހަސީންމެންގެ ރަށާ ދިމާއަށެވެ. އަހަރެމެންގެ ޕިކްނިކް ދަތުރު ފަޅުރަށުން ނިންމައިލީ ހަވީރު ފަހެއްޖަހަން އުޅެނިކޮށެވެ. ހަސީންމެންގެ ރަަށާ ފަޅުރަށާ ދެމެދުގެ ދުރުމިނަކީ ވިއްސަކަށް މިނިޓެވެ. އެހެންކަމުން އިރުއޮއްސުމުގެ މާކުރިން އަހަރެމެނަށް ހަސީންމެންގެ ރަށަށް ދެވޭނެއެވެ.
މޫސުން ރީތިވެފައި ހަވީރުއަތަށް އެޅިފައި އޮތުމުން އަހަރެން އިނީ ދޯނީގެ ދިރުނބާކޮޅުގައި ދޯނީގެ އެއްފަރާތުގައި ދެފައި ބޭރަށް އެލުވާލައިގެން އުދަރެހަށް ބަލާށެވެ. ފަހަތުން ސްޕީޑް ލޯންޗެއް އައިކަމެއް އަހަންނަކަށް ނޭނގެއެވެ. ލޯންޗްގެ މޯހިރުން އުފެދުނު ރާޅުގެ ސަބަބުން ދޯންޏަށް އެރި ލޮޅުމާ އެކު ދޯނި އަރިވެގެން ދިޔަ ވަގުތު އަހަރެން އޮތީ ސިއްސައިގެން ގޮސް ކަނޑަށް ވެއްޓިފައެވެ. އަހަރެންގެ ހަޅޭކުގެ އަޑަށް އެންމެން ވެސް ވަށައިގެން ހޯދައިލިއެވެ. އޭރު ދޯނި އަހަރެން އޮތް ހިސާބު ފަސްދެނީއެވެ. އަހަރެން ކަނޑުވެފައިވާތަން ފެނުނީ އެންމެނަށް އެކުއެކީގައެވެ. އެންމެ ފުރަތަމަވެސް އަހަރެން ސަލާމަތް ކުރަން ކަނޑަށް ފުންމައިލީ އަމަންއެވެ. އެއާ އެކު އެކީގައި އަހަރެންގެ ބޭބެވެސް ފުންމައިލިއެވެ. އެހެންނަމަވެސް އަމަން ފުންމައިލި ދިމާލުން ލޭގެ ރަތްކުލަ ފެނުމުން އެންމެންގެ މޭގަނޑުވެސް އަނގަޔަށް އައި ކަހަލައެވެ. ކޮންމެ މީހެއްގެ މޫނުމަތިން ވެސް ފެނުނީ ބިރުވެރިކަމެވެ. އެ އެންމެނަށްވެސް ކޮންމެވެސް ނުރައްކާތެރިކަމެއް ހިނގައިފިކަން އެނގޭކަހަލައެވެ. ބޭބެ ގޮވައިލީ ހަސީން އަށެވެ. އެއަށްފަހު ބޭބެ އުޅުނީ އަހަރެން ދޯންޏަށް ނެގުމުގައެވެ. ހަސީންއާ އަހުމަދާ ދެމީހުންނަށް ވެސް އަމަން ދޯންޏަށް ނުނެގުމުން ބޭބެ ވެސް އަހަރެން ދޯންޏަށް އެރުމުން އެމީހުންނަށް އެހީވެދީގެން އަމަން ދޯންޏަށް ނެގިއެވެ. އަމަންއަށް ވީ ގޮތް އެންމެނަށް ވެސް އެނގުނީ އަމަން ދޯންޏަށް އެރުވުމުންނެވެ. އޭރު ވެސް ބޮކިޖަހާފަ އަމަންގެ ފައިން ލޭ ފައިބައެވެ. އަމަންގެ ފައިތިލަ ފަޔާ ވަކިނުވެ އޮތީ ހަންކޮޅަކުންނެވެ. ފެނުނު މަންޒަރުން ބޭބެދައްތައަށް ހަޅޭއްލަަވައިގަނެވުނެވެ. އަހަރެން އަނބުރައިގަތީއެވެ. އަމަންއަށް އެ އަނިޔާ ލިބުނީ އަހަރެންގެ ސަބަބުންކަން ހިތަށް އެރުމުންނެވެ. އެހިސާބުން އަހަރެމެން ދަތުރުކުރަމުން ދިޔަ ދޯނީގެ މިސްރާބު އަތޮޅު ހޮސްޕިޓަލް ހުރި ރަށަށް ބަދަލުކޮށް ދޯނީގެ ދުވެލިވެސް އަވަސްކޮށްލިއެވެ.
އެރެއިން އެރެއަށް އަމަން މާލެއަށް ފޮނުވައިލެވުނެވެ. އަމަންއާ އެކު މާލެ ދިޔައީ ބޭބެއެވެ. އަހަރެންނަށް ކުރެވުނުކަމަކީ ރުއިމެވެ. އަމަން ހޭޖެހުމުން އެތައް ފަހަރަކު އަމަން ކައިރީ އިނދެ އަހަރެން މަޢާފަށް އެދުނީމެވެ. ރޮމުންނެވެ. އަމަންއަށް ކުރެވުނުހާ ވެސް ކަމަކީ އަހަރެންގެ ބޮލުގައި ފިރުމާލަމުން ނުރުއިމަށް ބޮލުން ކުރި އިޝާރަތެވެ. އުފާވެރި ޗުއްޓީއެއް ހޭދަކޮށްލުމަށް އަހަރެމެން ކުރި ދަތުރު ނިމިގެން މިދިޔައީ އެކަކު ނުކުޅެދޭ މީހަކަށް ހަދަމުންނެވެ. އެވެސް އަދި އަހަންނާ ހެދިއެވެ.
އިމަރޖެންސީގައި އަމަން މާލެ ގެނައިއިރު ވެސް އަމަންގެ ފައިތިލަ އޮތީ މަރުވެފައިކަމަށް ޑޮކްޓަރުން ބުންޏެވެ. އެހެންކަމުން ފައިތިލަ ފަޔާ ވަކިކޮށްލެވުނީއެވެ. އަހަރެން އަމަން ދެކެން ހޮސްޕިޓަލަށް ދާކޮންމެ ފަހަރަކު ވެސް އަހަރެންގެ ރުއިން ކޮންޓްރޯލެއް ނުކުރެވެއެވެ. ނުރޯން ކިތަންމެ ހިތްވަރެއް ކުރިޔަސް އެކަރުނަތައް އަހަންނަށް އިހްސާސްކޮށްދެމުން ދިޔައީ އަމަން ނުކުޅެދޭ މީހަކަށްވީ އަހަރެންގެ ސަބަބުން ކަމެވެ. އަހަރެން ދޯނިގެ އެއްފަރާތުގައި އެހެން މީހުންނާ ވަކިން އިށީންނަންވީ ވަކި ކީއްކުރަން ހެއްޔެވެ! ދޯނީން ބޭރަށް ފައި އެލުވާލައިގެން އިންނަންވީ ކީއްކުރަންހެއްޔެވެ!
އަމަން ހޮސްޕިޓަލުން ދޫކޮށްލުމުން އިންޑިޔާއަށް ގޮސް މަސްނޫޢީ ފައިތިލައެއް ހެއްދުވީއެވެ. އަހަރެމެން ކުރި އެ ބިރުވެރި ދަތުރު ދިއުމުގެ ކުރިން އަމަންގެ ވެސް ލޯބިވެރިއެއް ހުއްޓެވެ. އަހަރެން ފަދައިންނެވެ. އެހެންނަމަވެސް އަމަން ނުކުޅެދޭ މީހަކަށް ވުމުން އެ އަންހެންކުއްޖާ އަމަން ދޫކޮށް ދިޔައީއެވެ. ނުކުޅެދޭ މީހެއްގެ އަސާގަނޑަކަށްވާކަށް ބޭނުމެއް ނޫނޭ ބުނަމުންނެވެ. އަހަރެން ކައިރީ އަމަން އެހެން ބުނި ވަގުތު އަހަންނަށް އިޙްސާސްކުރެވުނީ އަމަން އިންނާނީ ވަރަށް ދެރަވެފައި ކަމަށެވެ. އެހެންނަމަވެސް ހީނލަމުން އަމަން ބުނީ އެއީ އޭނާ މާކުރިން އެދިގެން ހުރިކަމެއް ކަމަށެވެ. ރައްޓެހިވެފައި ދެން އޭނަގެ ކުށެއްނެތި ދޫނުކުރަން ހުރީކަމަށެވެ. އަހަންނަށް އަނގަމަތީ އަތް އަޅައިލެވުނީ ބޭއިޚުތިޔާރުގައެވެ. އެއީ އަމަން ބުނެފާނެކަމަށް އަހަރެން ހީވެސް ނުކުރާ ވާހަކައަކަށް ވާތީއެވެ. އެހެންކަމުން ސަބަބަކީ ކޮަބައިތޯ އަހަރެން އަހައިލީމެވެ. އަމަން އިޚުތިޔާރުކުރީ ހިމޭންކަމެވެ.
މަސްނޫޢީ ފަޔާއެކު ކުޑަ އައިބުކަމެއްހުއްޓަސް އަމަންއަށް ރީތިކޮށް ހިނގެއެވެ. ސައިކަލު ވެސް ދުއްވެއެވެ. އަމަން އަހަރެމެންގެ ގެއަށް އަންނަނީ ވެސް ސައިކަލުގައެވެ. އަދި މިހާރު އައުން ތަންކޮޅެއް ގިނަ ވެސް މެއެވެ. ޚާއްސަކޮށް ހަވީރު ބޭބެ ނުހުންނަ ގަޑީގައި އަދި ބޭބެދައްތަ ކުޑަމީހާ ބަލާ ސްކޫލްދޮށަށް ދާގަޑީގައި އަމަން އައުން ގިނަވެއްޖެއެވެ. އެކަން ފާހަގަ ކުރެވުނީ އެންމެ ނުވާންވީ މީހާއަށެވެ. ޔަޒަން އަށެވެ. އެއީ އަހަރެން އަމަންއާ ވާހަކަ ދައްކަން ހުންނަ ގަޑިތަކުގައި ޔަޒަން ގުޅުމުން ސާފުބަހުން އަމަން އެބައުޅޭކަމަށް ބުނާތީކަމަށް ވެސް ވެދާނެއެވެ. އަދި އެގަޑީގައި އަމަން ނޫން މީހަކަށް އަހަންނަކަށް ވަގުތެއް ނުދެވޭތީއެވެ.
އެއީވެސް އެކަހަލަ ދުވަހެކެވެ. އަމަން އަހަރެމެންގެ އެޕާޓްމެންޓަށް އައީ ބޭބެދައްތަ ކުޑަމީހާ ބަލާ ދާންއުޅެނިކޮށެވެ. އަމަން ހަމަ ފެންނައިރަށް ބޭބެދައްތަ އަހަންނަށް ގޮވާލާފަ އަމަންއަށް ކޮފީއެއް ހަދައިދޭން ބުނެފައި އަމަން ކައިރީ އިރުކޮޅަކު އިނުމަށްފަހު ގަޑިޖެހޭތީ ދިޔައީއެވެ. އަހަރެން ހުރީ އަމަން ކޮފީ ބޮއެ ނިމުމުން އަމަންއަށް ފެންތައްޓެއް ހިފައިގެން އައިސް އަމަން ކައިރީގައެވެ. އަމަން އިނީ ކޮންމެވެސް ވާހަކައެއް ދައްކަދައްކައެވެ. އަހަރެންގެ ދެލޮލަށް ބަލަހައްޓައިގެންނެވެ. ކުއްލިއަކަށް އެޕާޓްމެންޓްގެ ދޮރުހުޅުވާލާފައި އެވަނީ ޔަޒަންއެވެ. ޔަޒަން ފެނުމުން ޔަގީނުން ވެސް އަހަންނަށް ސިހުން ލިބުނެވެ.
ޔަޒަން އައި ގޮތަށް އައިސް ހިފީ ފުރަތަމަ ވެސް އަހަރެންގެ އަތުގެ ކުޑަހުޅާ ދިމާލުންނެވެ. އަދި ތިގަންނަ ގަނޑަކީ ތިއީ ދޯއޭ އެއީ ނުކުޅެދޭ މީހެކޭ ބުނެ އަމަންއާ ދިމާއަށް ވެސް ވަރަށް ހަޑިކޮށް ވާހަކަ ދެއްކިއެވެ.
އަހަންނަށް ކުރެވުނުހާވެސް ކަމަކީ ތިހެން ނުބުނާށޭ އަހަރެމެންގެ ދެމީހުންގެ ދެމެދަކު ތިފަދަ ކަމެއް ނެތޭ ބުނެ ރުއިމެވެ. ޔަޒަން އެވާހަކައިގެ އަޑެއް ނާހައެވެ. ހިތަށް އެރިވަރެއް އަހަންނަށާ އަމަންއަށް ކުރުމަށްފަހު މިހިސާބުން މިކަން ނިމުނީކަމަށް ބުނެފައި ނިކުމެގެން ދިޔައީއެވެ. އަހަންނަށް އަހަރެން ހުރިތަން ވެސް އެނގުނީ އޭގެ ފަހުންނެވެ.
އަމަން މަޑުމަޑުން އަހަރެންގެ އަތްތިލާގައި ހިފާ އަމަން ގާތު ސޯފާގައި ބެއިންދިއެވެ. ދެންވެސް އިސްޖަހާލައިގެން އިނދެ އަހަންނަށް ރޮވުނީއެވެ. އެންމެ ފަހުން އަމަން އަހަރެންގެ ބުރަކަށީގައި މަޑުމަޑުން ފިރުމާލުމަށްފަހު ޔަޒަންއަށް ވިސްނަދޭށޭ ބުނެފައި ނިކުމެގެން ދިޔައީއެވެ.
އޭގެ ފަހުން ފާއިތުވެގެން ދިޔަ އެއް ހަފުތާއަކީ އަހަންނަށް އެއް އަހަރަށްވުރެ ދިގު އެއް ހަފުތާއެވެ. އެހެން ދުވަސްތަކާ ޚިލާފުކަމަކަށް ހިނގީ އެންމެ ކަމެކެވެ. އެއީ އަމަން އޭގެ ފަހުން މިގެއަށް އައުން ހުއްޓައިލި ހުއްޓައިލުމެވެ. އަހަރެން ޔަޒަންގެ މަތިން ހަނދާން ވިޔަސް އެހަނދާންތަކުގެ މައްޗަށް ވެރިވަނީ އަމަންގެ ޚިޔާލެވެ. އެހެންނަމަވެސް އަމަން ވެސް ފޯނު ނުކުރާތީ ނުވަތަ ނުގުޅާތީ އަހަންނަކަށްވެސް ގުޅާ ވީގޮތެއް އަހާލާކަށް ވެސް ނުކެރެއެވެ. އަދި މެސެޖެއް ވެސް ނުކުރަމެވެ. އެހެން ހިތަށް އެރުމުން އަމަންގެ ބޭނުމަކީ އަހަންނާ ޔަޒަން ދުރުކުރުވުންބާއޭ ވެސް ކިތަންމެ ފަހަރަކު އަހަރެންގެ ހިތަށް އެރިއެވެ. އެކަމަކު އަމަން އަކީ އެކަހަލަ މީހެއް ނޫންކަންވެސް އަހަންނަށް އެނގެއެވެ.
ޔަޒަންއަށް އާދޭސް ކުރާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އަދި އަމަން އަހަރެންގެ ހާލު ނުބަލާތީ އަމަންގެ ހާލު ބަލާލާކަށް ވެސް މިހާރު އަހަންނަށް އެހާ މުހިންމެއް ނޫނެވެ. އެއްވެސް ފިރިހެނަކީ އަހަންނަށް މުހިންމު މީހަކަށް ވާކަށް ނުޖެހެއެވެ. އެމީހުންނަށް އަހަރެން މުހިންމު ނޫން ފަދައިންނެވެ.
އަހަރެން އެޕްލައި ކޮށްގެން ހުރި ކޯސް އަހަންނަށް ލިބުނުކަން އެނގުނީ ޔަޒަން އަހަރެން ދޫކޮށްލާފައި ދިޔަތާ ވިހިވަނަ ދުވަހުއެވެ. އެ ދުވަސްތައް އަހަރެން ހޭދަކުރީ ރުއިމާ ގިސްލުމާ ޝަކުވާކުރުމުގައެވެ. އެ ޝަކުވާ އަޑުއަހާނެ މީހަކު ނެތި އަމިއްލަ ނަފްސާ ޝަކުވާކުރިޔަސް އެވަރުވެސް އަހަންނަށް ފުދުނެވެ. އަހަރެން ފުރައިގެން ދިޔަކަން ވަކި އަންގަން ޖެހޭ އެއްވެސް މީހަކު ނެތުމުން އަހަރެން ފުރުވަން ދިޔައީ އަހަރެންގެ ކުޑަކުޑަ އާއިލާ އެވެ. އަހަރެން ފުރީ ކިޔެވުން ނިންމާ މޮޅު ނަފްސާނީ އިލްމުވެރިއަކަށް ވެގެން އެނބުރި އައުމުގެ ވަރުގަދަ އަޒުމާއެކުގައެވެ.
އަހަރެން ވަރަށް ގިނައިން ބޭބެދައްތައަށް ގުޅަމެވެ. އެއިން ކޮންމެ ފަހަރަކުހެން ބޭބެ ދައްތަ އަހަރެން މިހާރު ކުއްޖަކާ ރައްޓެހި ވެއްޖައިންތޯ އަހައެވެ. އަހަރެންގެ ޖަވާބަކީ އެއީ ބޭކާރުކަމެއް ކަމަށާ ދެން ރައްޓެހި ނުވާނެ ކަމަށެވެ. އެއް ދުވަހެވެ. އަހަރެން އާދައިގެ މަތިން ހަފްތާ ބަންދުގައި ބޭބެދައްތައަށް ގުޅީމެވެ. އެ ކޯލް ކެނޑުނުއިރުވެސް އެ ފޯނެއް ދައްތަ ނުނަގައެވެ. ދެވަނަ ފަހަރުވެސް ވީ އެހެންނެވެ. ހިތަށް އެރިއެވެ. ބޭބެދައްތައަށް އަނެއްކާ ކަމެއްވީބާވައެވެ. މިއީ ހާދަ ނުވާކަމެކެވެ. އަހަރެންގެ ހިތް ބިރުގަނެ ވީގޮތް އެނގެން މާބޮޑަށް ބޭނުންވެއްޖެއެވެ. އެހެންކަމުން ތިންވަނަ ފަހަރަކު ވެސް ގުޅައިފީމެވެ. މިފަހަރު ފުރަތަމަ ރިންގާއެކު ފޯނު ނަގައިފިއެވެ. އަހަރެން ހާސްވެފައި ހުރިވަރުން އެތައް ސުވާލެއް އެއްފަހަރާ އޮއްސައިލީމެވެ. އޭގެ ފަހުގައި ހަމަ ނެވާލާން މަޑުކޮށްލެވުނެވެ.
”ނިޝް… ނިޝްޔާ!“ އެ އިވުނީ އަހަރެން އަޑު ނާހާތާ އެތައް ހަފްތާއެއް އެތައް މަހެއް އަދި އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ އަޑެެކެވެ. ފުރަތަމަ އެ އަޑު ޔަގީން ކޮށްލަން އަހަންނަށް ވަގުތުވެސް ބޭނުންވިއެވެ.
”މީ މަށޭ! ފޯނު ނުބާއްވައްޗޭ! ނާދިރާ ވީ ކުޑަމީހާ ގޮވައިގެން ޕާޓީއަކަށް ގޮސް. ފޯނު ހަނދާން ނެތުނީކަންނޭނގެ!“ އެހިސާބުން އަހަރެން ހުރީ އެ އަޑުގެ ޖާދޫގައި ޖެހިފައިކަމެއް، ހައިރާންވެފައިކަމެއް އަހަންނަކަށް ނޭނގުނެވެ. ހަމަ ހެއަށް މީހާ އެނބުރި އައުމުން އޯކޭއޭ ބުނެ އަހަރެން ފޯނު ބާއްވަން އުޅެގަތީމެވެ.
”މަޑުކޮށްބަލަ! … ޕްލީޒް! ޕްލީޒް، ނިޝް!“ އަމަންގެ އަޑުގައިގައިވަނީ ކޮންކަހަލަ ދަމާބާރެއްކަމެއް އަހަންނަކަށް ނޭނގެއެވެ. ފޯނެއް ނުބޭއްވުނެވެ.
”އަހަރެން ބޭނުން ވަރަށް ގިނަ ވާހަކަ ދައްކަން! ދީފާނަންތަ އަހަންނަށް ވަގުތުކޮޅެއް!“ އަމަންގެ ވާހަކަ އަޑުއިވުމުން އަހަރެންގެ ހަނދާނަށް އައީ އަމަން ވެސް އަދި ޔަޒަން ވެސް އަހަންނާ މެދު ކަންތައް ކުރި ގޮތެވެ. ޔަޒަން އަހަރެން ދޫކޮށް ދިޔައީ އަމަންގެ ސަބަބުންނެވެ. އެކަމަކު އަަމަން ވެސް އޭގެ ފަހުން އަހަރެންގެ ހާލެއް ނުބަލައެވެ. ވީއިރު އަހަރެން އަމަންއަށް ވަގުތު ދިނުމުގެ އޮތީ ކޮން ބޭނުމެއް ހެއްޔެވެ! އަަހަންނަކީ އެއްވެސް މީހަކު ޖަހާހާ ބެރަކަށް ނަށަން ޖެހޭ މީހެއް ނޫެނެވެ. ހިތަށް އައި މާޒީގެ އެ ހިތްދަތި ދުވަސްތައް އަހަރެންގެ ޚިޔާލީ ދުރުމީއަށް އެރުމާއެކު ބަންލާފައި ފޯން ކަނޑައިލީމެވެ.
އަހަރެން ފުރިހަމަ ކުރަން ދިޔަ ކޯސް ނިންމާލުމަށްފަހު މާލެ އައި ދުވަހެވެ. އަހަރެން ބަލާ އެއަރޕޯޓަށް ދިޔައީ ވެސް އަހަރެން ފުރުވަން ދިޔަ އަހަރެންގެ ބޭބެގެ ކުޑަކުޑަ އާއިލާއެވެ. އެ ޓީމަށް އިތުރުވީ ބޭބެގެ ދޮޅުއަހަރުގެ ތުއްތު ތުއްތު ހިންދުއެވެ.
މާލެ އައިތާ ކުޑަ ދުވަސްކޮޅެއްގެތެރޭ އަހަރެންގެ ވަޒީފާ ހަމަޖެހިއްޖެއެވެ. ފުރަތަމަ ޑިއުޓީއަށް ނުކުތް ދުވަހެވެ. އެންމެ ފުރަތަމަ ބަލިމީހާއާ ބައްދަލުކުރަން އަހަރެން ތައްޔާރުވެއްޖައީމެވެ. ބަލިމީހުންނާ ބައްދަލުކުރަން އަހަރެން އިންނަން ހަމަޖެހިފައިވާ ރޫމަށް ކުރިން ނުވަނީ ހާސްވެފައި ހުރިވަރުންނެވެ. ގަޑިޖެހުމުން އެހީތެރިއަކަށް ހުރި ކުއްޖާ ކައިރީ ބޭނުންވަނީ ފުރަތަމަ ބަލިމީހާއާ އަހަރެން އެކަނި ބައްދަލުކުރުމަށޭ ބޭނުމެއް ޖެހިއްޖިއްޔާ ގޮވައިލާނަމޭ ބުނީމެވެ. އެހެންކަމުން އެ ކުއްޖާ ނަމްބަރ އެކަކަށް ގޮވާލާފައި ދިޔައީއެވެ. އަހަރެން އިނީ މޭޒުގެ ވައްގަނޑުގައި ހުރި ގަލަންތަކާ ލިޔެ ކިޔުންތައް ނެގުމުގައި މަޝްޣޫލުވެގެންނެވެ.
ކުއްލިއަކަށް އަހަންނަށް އިވުނީ ދަންނަ އަޑެކެވެ. އަހަރެންގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. ދެން މަޑުމަޑުން އިސްއުފުލައިލާ ބަލައިލީމެވެ. އަހަރެންގެ ނަމުން ގޮވައިލި މީހާއާ ދިމާއަށެވެ. ”އަމަން!“ އެނަން އަހަންނަށް ތަކުރާރުކޮށް ކިޔައިލެވުނެވެ. ދެން ރަސްމީވެލާ ހިނިތުން ވެލީމެވެ. އަދި އިށީންނަން ގޮނޑި ދައްކާލުމަށްފަހު ފުރަތަމަ ސުވާލުކުރީމެވެ. އެ ސުވާލުކުރުމުގެ ކުރިން އަމަންއާ ހަތަރުކަޅި ހަމަނުކުރަން ނިންމީމެވެ. އެހެންނަމަވެސް އެއީ ކުރަން މިއުޅޭކަން ނުކުރެވޭނެ ގޮތަކަށް ވާތީ އެންމެ ފަހުން އަމަންއާ ކުރިމަތި ލީމެވެ.
”އަޅުގަނޑަށް ކިހާ ވަގުތެއް ދެވޭނެތޯ!“ އޮންނަ އުސޫލުން އަމަން އަހަންނާ ވާހަކަ ދެއްކީ ރަސްމީކޮށެވެ.
”ކުރިޔަށް ގެންދޭ!“ އަހަރެން ބުނީމެވެ.
”އަހަންނަކީ ޑިޕްރެޝަންގެ ބަލި މީހެއް. އެކަން ފެށިގެން އައީ އަހަންނަށް ދިމާވި ހިތްދަތި އެތައް ކަމަކަށް ފަހު! އަހަރެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެން ކުއްޖާއާ އެކު އަހަރެން އުޅެމުންދަނިކޮށް އެއަށްވުރެ އަހަރެން ލޯބިވާ އެހެން ކުއްޖަކު ފެނުނު. އެހެންވިޔަސް ލޯބިވެރިޔާގެ ކުށެއްނެތި އޭނާ ދޫނުކުރަން އަހަރެން ނިންމިން! އަދި ފަހުން ފެނުނު އަންހެންކުއްޖާގެ ޚިޔާލުތައް އަހަރެންގެ ސިކުނޑިން ނެރެ އެއްލާލުމަށް ބޭކާރު މަސައްކަތްތަކެއް އެތައް މަހެއް ވަންދެން ކުރި އިރުވެސް އަމިއްލަ ލޯބިވެރިޔާއަށްވުރެ މި ދެންނެވި ކުއްޖާއަށް ދެވެމުން އައި ސަމާލުކަން އިތުރުވާން ފެށި! އެހެން ހުއްޓާ އަހަރެން ނުކުޅެދޭ މީަހަކަށް ތަޤުދީރުގެ ނިޔާ ނިންމި! އެ ހިސާބުން އަހަރެންގެ ލޯބިވެރިޔާ އަހަރެން ދޫކޮށްދިޔަ! އޭރު އެއްކަލަ އަހަރެންގެ ހިތުގެ ރާނީ ވެސް އުޅުނީ ކުއްޖަކާ ރައްޓެހިވެގެން. އެހެންކަމުން އަހަންނަށް ލިބޭނީ ދެމީދާ ފެހިބުޅަލަށް ލިބުނު ލަނޑޭ އަހަރެން ހިތަށްއެރި. އެހެންވިޔަސް އަހަންނަކީ ވެސް އިންސާނަކަށްވާތީ ހިތްހަމަ ޖެހުމާ އުފާވެރިކަން ބޭނުންވާތީ އެއްކަލަ ރާނީ ދުށުމަށް ވަރަށް ގިނައިން އަހަރެންގެ މި ނުކުޅެދޭ ދެފައިން ހިނގާފަ އެގެއަށް ދާން ފެށުނު. އެކަން އެނގިގެންކަންނޭނގެ، އަހަރެންގެ ހިތުގެ ރާނީގެ ލޯބިވެރިޔާ މައްސަލަ ޖައްސާ ދެމެދަށް އުޒުރަކަށް އަހަރެން ހަދާ އެ ދެމީހުންގެ ލޯބީގެ ގުޅުން ނިމުމަކަށް ގެނައި! …. ވަގުތުގެ ބޭނުން ކޮށް ހިތުގެ ރާނީއަށް ލޯބި ހުށަހަޅާކަށް އަހަންނަކަށް ނުކެރުނު. ސަބަބަކީ އޭނަގެ ލޯބިވެރިޔާ ދިޔައީ އަހަރެންގެ ސަބަބުންނޭ ހިތަށް އެރިވަރުން ފަހުން އެގެއަށްވެސް ދިއުން ހުއްޓައިލެވުނު. އަދި އެ ކުއްޖާއަށް ގުޅާ ހިތްވަރުގެ އެންމެ ބަހެއްވެސް ބުނުމުގެ ހިތްވަރެއް އަހަންނަކަށް ނުލިބުނު. އެއަށްވުރެ ހިތުގެ ރާނީ އުފުލަމުން ދިޔަ ޥޭން ފެނި އަހަރެން މާބޮޑަށް މާޔޫސްވި. ނުވަތަ އެއަށްވުރެ އަހަރެން ފިނޑީ…. ކޮންމެ ގޮތެއް ވިޔަސް އަހަރެންގެ ހިތުގެ ރާނީ ރާއްޖެއިން ބޭރަށް ކިޔަވަން ފުރި ދުވަހު ވެސް އަދި އެނބުރި އައިދުވަހުވެސް އަހަރެން ހުރީ އޭނައާ ވަރަށް ގާތުގައި. މިހިރީ އަހަރެންގެ ހިތުގެ ރާނީ ރާއްޖެއިން ފުރިދުވަހުގެ ފޮޓޯ. އަދި މއީ ރާއްޖެއައި ދުވަހުގެ ފޮޓޯ!“ އަމަން އޭނަގެ ފޯނު އަހަންނާ ދިމާއަށް ދިއްކޮށްލިއެވެ. އަހަރެން އެ ފޯނަކު ނުހިފީމެވެ. އަމަން އަހަރެންގެ ކުރިމަތީ މޭޒުމަތީ ފޯނު ބޭއްވިއެވެ. އަހަންނަށް ފެންނަ ގޮތަށެވެ.
”އަހަރެން ބޭނުންވީ އަހަރެންގެ ހިތުގެ ރާނީއަށް އެންމެ ފުރަތަމަ ދައްކާ ނަފްސާނީ ބަލީގެ މީހަކީ އަހަންނަށްވާން! މިތާ ރިސެޕްޝަންގަ ތިބޭ ކުދިންނަށް އެނގޭނެ އަހަރެންގެ ހިތުގެ ރާނީ ޑިއުޓީއަށް ނިކުންނަ ދުވަސް އަހަން އަހަރެން ގުޅިވަރު.!… ކޮންމެ ގޮތެއް ވިޔަސް އަހަންނަށް އެނގެނީ އަހަރެން މިހިރީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް ބަލިކަށިވެފައިކަން!“ އަމަން ގެ ވާހަކަ އެ ހިސާބުން އަމަން ނިންމައިލީއެވެ. އަހަރެން އިނީ ބުނާނެ އެއްޗެއް ކުރާނެ ކަމެއް ނޭނގިފައެވެ. ހޭންވީކަމެއް ރޯންވީކަމެއް ވެސް ނޭނގިިފައެވެ. އަމަން އެ ކިޔައިދިނީ ލައްކަ ދުވަހު އޭނާގެ ހިތުގައި ރައްކާކޮށްގެން ހުރި ލައްކަ ގިނަ ވާހަކަ ތަކެވެ.
އެހެން ހިތަށް އެރުމާއެކު އަހަންނަށް ބޭއިޚުތިޔާރުގައި ހިފެހެއްޓުނީ އަމަންގެ އަތްތިލާގައެވެ.
”ލުކް އަމަން…“ އަހަންނަކަށް ވާހަކައެއް ނުދެއްކުނެވެ. އަމަން އިން ގޮނޑިން ތެދުވެއްޖެއެވެ. އެހެންނަމަވެސް އަހަރެންގެ އަތުން ދޫކޮށްނުލައި ހުރެއެވެ. އަދި ހަމަ އިސްކޮޅަށް އަމަން ތެދުވި އިރު އަހަންނަށް ވެސް ހުރެވުނީ ކޮޅަށެވެ. އަމަން މަޑުމަޑުން އަހަރެންގެ އަތްތިލާގައި ފިރުމާލަމުން ގެންގޮސް އޭނަގެ ދެ ތުންފަތުގައި ޖައްސައިލާ ބޮސް ދިނެވެ. އަދި އަތުން ދޫކޮށްލުމަށްފަހު ޑިއުޓީ ނިމުނީމާ ގުޅާލާށޭ ބުނެފައި އެ ކޮޓަރިން ނިކުމެގެން ދިޔައީއެވެ.
މިއީ ކިހާ ބޮޑު އިއްތިފާގެއްހެއްޔެވެ! ނޫނީ މިއީ ކިހާ ސަޅި ޤުދުރަތުގެ ނިންމުމެއްހެއްޔެވެ! އަހަރެންގެ ހިތަށް ސިއްރުކޮށްގެންހުރި އެ އިޙްސާސްތައް އަހަންނަށް ނޭނގި ހޭލައި އަހަރެންގެ ނާރުތަކުގައި ދައުރުވާން ފެށުމުން އަހަރެންގެ ދެ ތުންފަތަށް އައީ ލުއިލުއި ހިނިތުންވުމެކެވެ. ހާދަ ތަފާތުމީހެކެވެ! އަހަންނަށް ބުނެވުނީ އެހާވަރަށެވެ.
ގަޑިން ހަތަރެއް ޖެހުމުން އަހަރެން ނިކުތީ ޑިއުޓީ ނިންމާލުމަށްފަހު ގެއަށް ދިއުމަށެވެ. އަހަރެން އަމަންއަކަށް ނުގުޅަމެވެ. އެހެންނަމަވެސް މަގުގެ އެއްފަރާތުގައި މަޑުކޮށްގެން އިން އަމަން އަހަރެންނަށް ފެނުނީ ބޭއިޚުތިޔާރުގައި ނަމަވެސް ފެނޭތޯ ހޯދައިލެވުމުންނެވެ. މަދު ވަގުތުކޮޅަކަށްފަހު އަހަރެން އިނީ އަމަންގެ ސައިކަލުގެ ފަހަތުގައެވެ. އެއީ އަހަރެންގެ ގެއާ ހަމައިން ނިންމާލަން ފެށި ދަތުރެއް ނޫނެވެ. މި ދަތުރު ވެގެންދާނީ އަހަރެންގެ މުޅިހަޔާތުގެ ދަތުރުގެ ފެށުމަށެވެ.
-ނިމުނީ-