ސްޓްރޯކް ޖެހުމަކީ ނުވަތަ އެއްފަޅި ވާގިނެތުމަކީ ހަށިގަނޑުގެ ބަޔަކުން ބާރުކެނޑޭ ބައްޔެކެވެ. މިބައްޔަށް ބައެއް ފަހަރު އެއްފަޅި ވާގިނެތޭ ބައްޔޭ ވެސް ކިޔައެވެ. ސްޓްރޯކްޖެހޭ 70 އިންސައްތަ މީހުންނަށް މިމައްސަލަ ދިމާވަނީ ލޭމައްޗަށް ދިއުމުގެ ސަބަބުންނެވެ.
ބައެއް ފަހަރަށް ސްޓްރޯކެއް ޖެހިފައިވާކަން ދެނެގަތުން އުނދަގޫ ކަމަކަށްވެ އެވެ. ޑޮކްޓަރުން ވިދާޅުވާގޮތުން ސްޓްރޯކެއް ޖެހިފައިވާ މީހެއް ކައިރީގައި ހުންނަ މީހަކަށް، ސްޓްރޯކް ޖެހުނު މީހާ ކައިރީގައި 3 ސުވާލެއް ކޮށްގެން އެކަން ދެނެގަނެވޭނެ އެވެ. އެ ތިން ސުވާލަށް ނުވަތަ ތިން ފިޔަވަޅަށް އެސް.ޓީ.އާރް STR ގެ ނަމުން ނަން ދީފައިވާ އެވެ.
އެސް S : ސްޓްރޯކް ޖެހުނު މީހާ ކައިރީގައި ސްމައިލް ކުރުމަށް SMILE (ހިނިތުންވުމަށް) ބުނާށެވެ.
ޓީ T : ސްޓްރޯކް ޖެހުނު މީހާ ކައިރީގައި ޓޯކް ކުރުމަށް TALK (ވާހަކަ ދެއްކުމަށް) ބުނާށެވެ. މިގޮތުން އާދައިގެ ޖުމުލައެއް ބުނުމަށް ބުނާށެވެ. (މިސާލަކަށް: މިއަދަކީ އަވިބާރު ދުވަހެކެވެ.)
އާރް R : ސްޓްރޯކް ޖެހުނު މީހާ ކައިރީގައި ރެއިސް ބޯތު އާރމްސް RAISE BOTH ARMS (ދެއަތް މައްޗަށް ނެގުމަށް) ބުނާށެވެ.
ސްޓްރޯކެއް ޖެހުނުކަމަށް ޝައްކުކުރެވޭ މީހާއަށް މިދެންނެވި ކަންކަމުން ކަމެއް ކުރުމުގައި ދަތިކަމެއް ދިމާވާނަމަ އަވަހަށް ސިއްޙީ މާހިރެއްގެ ލަފާ ހޯދަން ވާނެއެވެ.
ސްޓްރޯކެއް ޖެހިފައި ވާކަން ދެނަގަތުމަށް ކުރެވިދާނެ އަނެއް ކަމަކީ ސްޓްރޯކެއް ޖެހިފައި ވާކަމަށް ޝައްކު ކުރެވޭ މީހާ ކައިރީގައި ދޫ ބޭރަށް ނެރުމަށް ބުނާށެވެ. އެމީހާ ދޫ ނެރޭއިރު ދޫ ކުރުގެޅިފައި ނުވަތަ އެއް ފަރާތަކަށް ވެއްޓިފައި ވާނަމަ އެވެސް ސްޓްރޯކެއް ޖެހިފައި ވާކަމުގެ ޢަލާމާތެކެވެ.