އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) ގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުﷲ ސަޢީދު ހަމަޖައްސަން ސަރުކާރުން ނިންމައިފިއެވެ.
މިދިޔަ އާދިއްތަ ދުވަހު ވަނީ އެސްޓީއޯގެ އެމްޑީގެ މަގާމުގައި ހުންނެވި ޙުސައިން އަމްރު އެ މަގާމުން ވަކިކޮށްފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއަދު ވިދާޅުވީ އެސްޓީއޯގެ އާ އެމްޑީއަކަށް ސަޢީދު އައްޔަންކޮށް ދިނުމަށް އެދި ސަރުކާރުން މިއަދު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ފޮނުއްވާފައިވާ ކަމަށެވެ.
އަމްރު މަގާމުން ވަކިކުރުމަށްފަހު އެސްޓީއޯ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ އެ ކުންފުނީގެ ސީއެފްއޯގެ މަގާމުގައި ހުންނެވި މުޙައްމަދު ނިޒާމާއެވެ.