ސަރުކާރުން ބައެއް މީޑިއާތައް މެދުވެރިކޮށް އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމަށް ކުރަމުންދާ ކަންކަން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބަލަންޖެހޭ ކަމަށް ވިލިމާލޭ ދާއިރާގެ މެމްބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިޚާބުތަކެއް ބޭއްވޭނެކަން ކަށަވަރުކުރުމަށް މިނިވަން މުއައްސަސާތަކުގެ ދައުރު ވަރަށް މުހިންމު ކަމަށެވެ. އެ ގޮތުން އެކަމުގައި ބްރޯޑްކޮމްގެ ދައުރު އޭނާ ފާހަގަކުރެއްވިއެވެ.
”ސަރުކާރުން ބައެއް މީޑިއާތައް މެދުވެރިކޮށް އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމަށް ކުރަމުންދާ ކަންކަން ބްރޯޑްކޮމްއިން ބަލަންޖެހޭ.“
އުޝާމް މިހެން ވިދާޅުވެފައިވަނީ އެސްޓީއޯގެ އެމްޑީގެ މަގާމުން މިއަދު ވަކިކުރި ޙުސައިން އަމްރުގެ އިންޓަވިއުގެ ރެކޯޑިންގ ހަދައި ޕީއެސްއެމްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމްގައި ދެއްކުމަށް ތާވަލުކުރި ނަމަވެސް އެ ޕްރޮގްރާމް ދައްކާފައިނުވާ މައްސަލައިގައި ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ. އަމްރުގެ އިންޓަވިއު ދައްކަން ތާވަލުކުރީ ރޭގެ ޕްރޮގްރާމަށެވެ.
ތާވަލުކުރި ގަޑިއަށް ޕްރޮގްރާމް ދައްކާފައިނުވާތީ ބައެއް ބޭފުޅުން ވިދާޅުވީ ސަރުކާރުން އަންގައިގެން އަމްރުގެ ޕްރޮގްރާމް ނުދެއްކީ ކަމަށެވެ. ނަމަވެސް ޕީއެސްއެމްގެ އޮފިޝަލަކު ވިދާޅުވީ އަމްރުގެ ޕްރޮގްރާމް ނުދެއްކުމަކީ ޕީއެސްއެމްގެ އަމިއްލަ ނިންމުމެއް ކަމަށާއި ސަރުކާރުން އެކަމަށް އެއްވެސް އެއްޗެއް އަންގާފައިނުވާ ކަމަށެވެ.