އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން އަމްރު އެ މަގާމުން ވަކިކޮށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ފާސްކޮށްފިއެވެ.
އެސްޓީއޯގެ އެމްޑީގެ މަގާމުންނާއި އެ ކުންފުނީގެ ބޯޑުން އަމްރު ވަކިކުރުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ޕީސީބީއަށް ފޮނުއްވީ މިއަދުގެ ވަގުތެއްގައެވެ.
ރައީސް ޞާލިޙް އެ ގޮތަށް ނިންމެވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމަށް ބަދަލު ގެނައުމުގެ ތެރެއިން ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.
ޕީސީބީއިން މިއަދު ހަވީރު ބޭއްވި އެ ބޯޑުގެ ބައްދަލުވުމުގައި ވަނީ އަމްރު މަގާމުން ވަކިކުރަން ނިންމައި އެސްޓީއޯގެ ސީއެފްއޯގެ މަގާމުގައި ހުންނެވި މުޙައްމަދު ނިޒާމާ އެ ކުންފުނީގެ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން އެސްޓީއޯގެ އެމްޑީ އައްޔަންކުރަން ރައީސް އޮފީހުން ވަނީ ޕީސީބީއަށް ނަންތަކެއް ފޮނުއްވައިފައެވެ. އަދި އެ ނަންތައް ދިރާސާކުރުމަށްފަހު ވަރަށް އަވަހަށް އެސްޓީއޯގެ އެމްޑީގެ މަގާމަށް ބޭފުޅަކު ހަމަޖައްސާނެއެވެ.