އަމީނީމަގު ހެދުމުގެ މަޝްރޫއުގެ ދަށުން އެ މަގުގައި ހުރި ގަސްތައް ކަނޑާތީ އެކަން ހުއްޓުވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންދަވައިފިއެވެ.
އަމީނީމަގުގެ މަޝްރޫއު ކުރިއަށް ގެންދާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި އެ ކުންފުންޏާ މަސައްކަތް ހަވާލުކުރި ޕްލޭނިންގ މިނިސްޓްރީއާ ދެކޮޅަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން މައްސަލަ ހުށަހެޅުއްވީ ޝުނާނާ އެންޑް ކޯ ލޯ ފާމުންނެވެ. އެ ގޮތުން މި މައްސަލައިގައި ވަކި ގޮތެއް ނިމެންދެން އަމީނީ މަގު ގަސްތައް ނެގުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ނަޝީދުގެ ފަރާތްޕުޅުން އެދިލެއްވިއެވެ.
ނަމަވެސް އެފަދަ އަމުރެއް ކޯޓުން ނެރެދީފައެއް ނުވެއެވެ.
ސިވިލް ކޯޓުން މިއަދު އެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ބުނެފައިވަނީ މައްސަލަ އަނބުރާ ގެންދަވަން ނަޝީދުގެ ފަރާތްޕުޅުން ހުށަހެޅުއްވީ މިދިޔަމަހުގެ 15 ވަނަ ދުވަހު ކަމަށެވެ.
މައްސަލަ އަނބުރާ ގެންދެވި ސަބަބެއް ކަމަށް ފާހަގަކުރައްވާފައިވަނީ މި މައްސަލައިގެ ވަގުތީ އަމުރާމެދު ގޮތެއް ނިންމިއިރު, މައްސަލައިގެ މައުޟޫއުއަށް ގޮތެއް ކަނޑައަޅާފައިވާ ކަމަށް ގަބޫލުކުރެވޭތީ މި މައްސަލަ މިހާރު އިތުރަށް ކުރިއަށް ގެންދަވަން ބޭނުންނުވާތީ ކަމަށެވެ.