ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވެރިކަމަށް ގެންނަން އުޅޭ މީހުން އޭނާ އަވަހާރަނުވެގެން އުޅޭކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ގެންގުޅުއްވާކަމަށް ތުހުމަތުކުރެވޭ ހަސަން ކުރުސީ އެކައުންޓުން ކުރި ޓުވީޓަކާ ގުޅިގެން ރޮޒައިނާ ވިދާޅުވީ މީހަކުދައުރުތެރޭ އަވަހާރަވޭތޯ އުންމީދުކޮށްގެން ވެރިކަމަށް ގެންނަން މަސައްކަތް ކުރާ ތަން ވެސް މި ފެނުނީ ކަމަށެވެ.
”އެއްކޮޅުން ޤާސިމް ވެރިކަމަށް ގެންނާށޯ. އަނެއްކޮޅުން ޤާސިމް ދައުރުތެރޭ އަވަހާރަވާ ވާހަކަ ކެނޑިނޭޅި ދައްކަނީ. މީހަކު ދައުރުތެރޭ އަވަހާރަވޭތޯ އުންމީދުކޮށްގެން ވެރިކަމަށް ގެންނަން މަސައްކަތް ކުރާ ތަން ވެސް އެންމެ ފަހުން މި ފެނުނީ. ދެރަވަރު.“
ޤާސިމާާބެހޭ ގޮތުން ހަސަން ކުރުސީ ކުރި ޓުވީޓުގައި ވަނީ ގާސިމަކީ ބަލި ބޭފުޅެއް ކަމަށާއި ހިތުގެ މައްސަލަތައް ވެސް ހުންނަކަން ފާހަގަކޮށްފައެވެ.
”ނާއިބަކަށް ލާންވާނީ ރައީސްކަން ކުރަން އިތުބާރުކުރެވޭ ބޭފުޅެއް. ފާރިޝް މައުމޫން ނޫނީ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިންއެއް ނޫން.“ ކުރުސީގެ ޓުވީޓުގައިވެއެވެ.
ކުރުސީގެ ޓުވީޓުގައި މިހެން ބުނެފައިވާއިރު، ފާރިޝަކީ ރަނިންގމޭޓްކަމަށް ގާބިލު ބޭފުޅެއްކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ.
ހަސަން ކުރުސީގެ ނަމުގައި ބޭނުންކުރާ ޓްވިޓާ އެކައުންޓަކީ އެމަނިކުފާނުގެ އެކައުންޓެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވީ ނަމަވެސް ރޮޒައިނާ ތުހުމަތުކުރައްވާ ގޮތުން އެއީ ނަޝީދު ބޭނުންކުރައްވާ ވަގު އެކައުންޓެކެވެ. އެހެންވެ އެ އެކައުންޓުން ކުރައްވާ ގިނަ ޓުވީޓުތަކަށް ރޮޒައިނާ ރައްދު ދެއްވާ ތަން ވެސް ފެނެއެވެ.