ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި އިދިކޮޅު ޕީޕީއެމްގެ އެކްޓިވިސްޓަކު ހައްޔަރުކޮށްފިއެވެ.
ހުޅުމާލޭގައި މިދިޔަ ހޯމަ ދުވަހުގެރޭ އަންހެނުންގެ ދުވަސް ފާހަގަކުރަން ބޭއްވި ޖަލްސާއަށްފަހު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މޮޓޯކޭޑްގައި ވަޑައިގަތީ ޕީޕީއެމްގެ އޮފީސް ހުންނަ ސަރަހައްދުންނެވެ.
އެ ވަގުތަކީ އިދިކޮޅު ކޯލިޝަނުން މުޒާހަރާ ކުރަމުންދިޔަ ވަގުތެކެވެ. ޕީޕީއެމް އޮފީސް ސަރަހައްދުން ރައީސް ވަޑައިގަތް ވަގުތު މުޒަހަރާގެ ބައިވެރިން ވަނީ މޮޓޯކޭޑަށް ހުރަސް އަޅައިފައެވެ. ރައީސް ޞާލިޙަށް ކުރިއަށްވަޑައިގަންނަވަން ފުރުސަތު ނުދިނުމުން މޮޓޯކޭޑަށް ޖެހުނީ އަނބުރާލައިފައި އެހެން މަގަކުން ދާށެވެ.
އެ މައްސަލައިގައި އެ ރޭ 4 މީހަކު ހައްޔަރުކުރިއެވެ.
މީގެއިތުރުން އިއްޔެ ހަވީރު ވަނީ ޕީޕީއެމްގެ އެކްޓިވިސްޓެއް ކަމަށްވާ މުޙައްމަދު ޢައްބާސް ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.
ރައީސްގެ ސެކިއުރިޓީ ފެއިލްވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން އަންނަނީ ބަލަމުންނެވެ. މައްސަލައާ ގުޅިގެން ސިފައިންނާއި ފުލުުހުން މަޖިލީހަށް ހާޒިރުކުރަން ވަނީ ނިންމާފައެވެ. މި ހާދިސާގެ ކަންކަން ބެލުމަށް ޑިފެންސް މިނިސްޓްރީން ވަނީ ޚާއްސަ ކޮމިޓީއެއް އެކުލަވާލައިފައެވެ.