“ގެވެށި ގުޅުން“ ކެމްޕެއިންގެ ދަށުން ފީޗަރ ފިލްމެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ޖެންޑާ މިނިސްޓްރީން އިއުލާނުކޮށްފިއެވެ.
މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައިވަނީ ”ގެވެށި ގުޅުން“ ކެމްޕެއިންގެ ދަށުން ފީޗަރ ފިލްމެއް ތައްޔާރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމަށް ހުޅުވާލައިފައެވެ. ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 04 ވަނަ ދުވަހެވެ.
މި ފިލްމު އަމާޒުކުރެވޭނީ 18 އަހަރުން މަތީގެ މީހުންނަށެވެ.
މި ފިލްމަކީ ދެމަފިރިންގެ ފުރިހަމަ ބައިވެރިވުމާއެކު ކުރެވޭ މަސައްކަތުން އާއިލާއަކަށް ލިބޭ ހަމަޖެހުމާއި އުފާވެރިކަމާއި ކުރިއެރުން ދައްކުވައިދޭ ފިލްމަކަށް ވާންޖެހޭނެއެވެ. އަދި ފިލްމުގެ ދިގުމިނަކަށް ވާންވާނީ ގާތްގަނޑަކަށް 90 މިނެޓެވެ.
ފިލްމުގެ ވާހަކައާއި ސްކްރިޕްޓް ލިޔާނީ މި ފިލްމު މެދުވެރިކޮށް މިނިސްޓްރީން މުޖުތަމައުއަށް ފޯރުކޮށްދޭން ބޭނުންވާ މައިގަނޑު މެސެޖުތަކުގެ މައްޗަށް ބިނާކޮށް ފިލްމު އުފެއްދުމުގެ މަސައްކަތާ ހަވާލުވާ ފަރާތުންނެވެ.
ފިލްމުގައި ލީޑް ރޯލްތައް އަދާކުރާ ކާސްޓުން ހޯދުމާއި އެމީހުންގެ ޚަރަދު ހަމަޖައްސާނީ ފިލްމު އުފެއްދުމުގެ މަސައްކަތާ ހަވާލުވާ ފަރާތުންނެވެ. ފިލްމުގެ ބައެއް ކުދިކުދި ރޯލްތަކަށް މިނިސްޓްރީގެ މުވައްޒަފުން ބޭނުންކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އިއުލާނުގައިވެއެވެ.
މިނިސްޓްރީން ބުނީ ފިލްމުގެ ލީޑް ރޯލްތައް އަދާކުރާ ކާސްޓުންގެ ގޮތުގައި ހިމަނަންވާނީ އެ ކާސްޓުންގެ އެކްޓިންގ އާއި ހުނަރުވެރިކަމުން ފިލްމު ބަލާ ފަރާތްތަކުގެ ޝައުގުވެރިކަން ހޯދައިގަނެވޭނެ ވަރުގެ ގާބިލުކަން ހުރި ފަންނާނުން ކަމަށާއި ކާސްޓުން ހޯދާނީ މިނިސްޓްރީގެ ލަފާގެ މަތިން ކަމަށެވެ.
ފިލްމު އުފެއްދުމުގެ މަސައްކަތްކުރާނީ މަސައްކަތާ ހަވާލުވާ ފަރާތުގެ އަމިއްލަ ތަކެތީގައި ކަމަށާއި ފިލްމުގެ މަންޒަރުތައް ނެގުމަށް ބޭނުންކުރާ ލޮކޭޝަންތަކަށް އެއްވެސް އަގެއް ދައްކަންޖެހޭ ނަމަ އެކަން ހަމަޖައްސާނީ މަސައްކަތާ ހަވާލުވާ ފަރާތުން ކަމަށް އިއުލާނުގައިވެއެވެ.
ފިލްމުގެ ވާހަކަ އާއި ޑައިލޮގްތައް ހުންނަން ވާނީ ދިވެހި ބަހުން.
ފިލްމުގައި ހިމެނޭ ލަވައާއި ޑައިލޮގްތަކުގެ ސަބްޓައިޓްލްސް ހިމަނަންޖެހޭ.
ފިލްމު އުފެއްދުމުގެ މަސައްކަތާ ހަވާލުވާ ފަރާތުން ފިލްމު ޕްރޮމޯޓްކުރުމަށް ބޭނުންކުރެވޭނެ 30 ސިކުންތަށްވުރެ ކުރު ނޫން ޓްރެއިލަރ އެއް ހަދަންޖެހޭ.
ފިލްމުގައި ތީމްލަވައެއް ހިމަންނަންޖެހޭ.