އިންޑިއާގެ ދަހިވެތި މަޔަކު އޭނާ ވިހޭ ކުޑަ ދަރިފުޅު ވިއްކާލައިފި އެވެ.
ދަރިފުޅު ވިއްކާލި އިރު، އެ ތުއްތު އަންހެން ކުއްޖާގެ އުމުރުން ވީ އެންމެ ދުވަހެކެވެ.
ފުލުހުންނާ ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ހާމަކުރިގޮތުގައި އެ ހިތާމަމަވެރި ހާދިސާ ހިނގާފައި ވަނީ އިންޑިއާގެ ޖާރުކަންޑް ސްޓޭޓްގެ ޗިޓްރާ އަވަށުގަ އެވެ.
ފުލުހުން ބުނި ގޮތުގައި ޗިޓްރާގެ ޑެޕިއުޓީ ކޮމިޝަނަރަށް އެ ހާދިސާއާ ބެހޭ މައުލޫމާތު ލިބުމާއެކު އޭނާ ފުލުހުންނަށް ކަމާ ބެހޭ މައުލޫމާތު ދިނެވެ. ފުލުހުން ވަގުތުން ފިޔަވަޅު އަޅައި 24 ގަޑިއިރުގެ ތެރޭގައި ބޮކާރޯ ޑިސްޓްރިކްޓުން އަލަށް އުފަންވި ކުއްޖާ ހޯދި އެވެ.
ފުލުހުން ބުނި ގޮތުގައި އަލަށް އުފަންވި ކުއްޖާގެ މަންމައާއި އެ ޖަރީމާގައި ބައިވެރިވި އެހެން މީހުން ހައްޔަރުކޮށް، މަންމަގެ އަތުން އެއްލައްކަ ރުފިޔާ ވެސް ފުލުހުން ވަނީ ހޯދާފަ އެވެ.
ފުލުހުން ބުނީ އަލަށް އުފަންވި ކުއްޖާ ވިއްކާލީ އިންޑިއާގެ 4.5 ލައްކަ ރުޕީސް އަށް ކަމަށެވެ. ފުލުހުން މިހާރު ދަނީ އެ މައްސަލަ ތަހުގީގުކުރަމުން ނެވެ.