މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުމާލޭގައި ހަދާފައިވާ ފްލެޓްތައް އަންނަ މަހު ހަވާލުކުރުމުގެ ތައްޔާރީތައްވަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހެދި ފްލެޓްތަކުގެ އަމަލީ މަސައްކަތް ނިމިފައިވާ އިރު މިހާރު ކުރިއަށް ދަނީ ފްލެޓްތައް ހަވާލުކުރުމުގެ އެންމެ ފަހު މަރުޚަލާގެ ތައްޔާރީތައް ކަމަށެވެ. އެމްޕީއެލްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ހަދަން ފެށީ 15 ބުރީގެ 3 ޓަވަރެެވެ. މި ޓަވަރުތަކުގައި ޖުމްލަ 534 ޔުނިޓް ހިމެނެ އެވެ. އެއީ 1 ކޮޓަރީގެ 204 ފްލެޓާއި 1+2 ކޮޓަރީގެ 330 ފްލެޓެވެ.
ޝާހިދު ދައުލަތު މީޑިއާ ޕީއެސްއެމަށް ވިދާޅުވީ އަލީ ވިދާޅުވީ ފްލެޓްތަކުގެ މަސައްކަތުގައި ލަސްތަކެއް އުޅެނީ ކޮންޓްރެކްޓަރު ކުރިއަށް ގެންދާ ބައެއް މަސައްކަތްތައް އަދިވެސް ކުރިއަށްދާތީ ކަމަށެވެ. އެކަމަކު މިހާރު ފްލެޓް ހަވާލުކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށާއި މި ވަގުތު ކުރިއަށްދަނީ ޓަވަރުތަކުގެ ސިޑިތަކުގައި ކުރަން ޖެހޭ މުށިޖެހުމުގެ ބައެއް މަސައްކަތްތަކާއި ލިފްޓްގެ މަސައްކަތްކަމަށްވިދާޅުވިއެވެ.
އޭނަ ވިދާޅުވީ ފްލެޓްތައް ހަވާލުކުރާ އިރު، އެޕަޓްމަންޓްތަކުގެ އެތެރޭގެ ފިނިޝިން ހުރިހާ މަސައްކަތްތައް ހުންނާނީ ނިމިފައި ކަމަށެވެެ. އަދި އަންނަ މަހުގެ ތެރޭގައި މުވައްޒަފުންނާ ފްލެޓްތައް ހަވާލުކުރުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
”އޭޕްރިލް ފަހުކޮޅު ފްލެޓްތައް ހަވާލުކުރަން މިހާރު ކަނޑައެޅިފައި އޮތީ.“ ޝާހިދު ވިދާޅުވި އެވެ.
ފްލެޓް ލިބުނު މުވައްޒަފުންގެ ލިސްޓް އެކުލަވާލާ މިހާރު ކުރަމުން އަންނަނީ ޑައުންޕޭމަންޓްގެ މަސައްކަތްތަކެވެ. ޝާހިދު ވިދާޅުވި ގޮތުގައި 85 ޕަސެންޓް މުވައްޒަފުން ޑައުންޕޭމަންޓް ދައްކައ ނިންމާފައިވާ ކަމަށެވެ.
ސަރުކާރުގެ ހަތަރު ކުންފުންޏަކުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފްލެޓް އިމާރާތްކޮށްފައިވެ އެވެ. އެއީ ސްޓެލްކޯ، އެމްއޭސީއެލް، އެމްޑަބްލިއުއެސްސީ އަދި އެމްޕީއެލް އެވެ.