ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވޭވަރަށްވުރެ ސަރުކާރު ބަލިކަށިވެއްޖެ ކަމަށް އިދިކޮޅު ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް ކޮށްފައިވަނީ ސިޔާސީ ހުކުމެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ކަމަށެވެ. އެހެންކަމުން ހައިކޯޓުން ރައީސް ޔާމީން މިނިވަންވާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
”ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވޭވަރަށްވުރެ ސަރުކާރު ބަލިކަށިވެއްޖެ. ރައީސް ޔާމީނަށް ކޮށްފައިވަނީ ސިޔާސީ ހުކުމެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރޭ. އެހެންވީމަ ހައިކޯޓުން ރައީސް ޔާމީން މިނިވަންވެ, ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެކަމުގެ އުންމީދު ބޮޑު.“ ރިޔާސީ އިންތިޚާބުގައި ޕީޕީއެމް ވާދަކުރާނެކަން ފާހަގަކުރައްވައި އާދަމް ޝަރީފް ވިދާޅުވިއެވެ.
ވ.އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލި ރިޝްވަތު ހިފުމުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވުމުން ކްރިމިނަލް ކޯޓުން އެމަނިކުފާނަށް 11 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފައެވެ. އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު, އެ ކޯޓުން އަދި އެ މައްސަލަ ބަލައިގަނެފައެއް ނުވެއެވެ.