ޢަރަބިއްޔާ ސްކޫލުގައި ބައެއް ދަރިވަރުން ޔުނީފޯމާއެކު މޫނުބުރުގާ އަޅާތީ އެކަން ނުކުރުމަށް އަންގައި އެޑިއުކޭޝަން މިނިސްޓްރީން އެކަމަށް ހުރަސް އަޅަމުންދާތީ އެކަން ކުށްވެރިކޮށް ރައްޔިތުންގެ އިއްތިހާދުން ބަޔާނެއް ނެރެފިއެވެ.
ގިނަ ޖަމްއިއްޔާތަކެއް ގުޅިގެން އުފައްދާފައިވާ ރައްޔިތުންގެ އިއްތިހާދުން މިއަދު ނެރުނު ބަޔާނުގައި ބުނީ އިސްލާމ އުންމަތުގެ އަންހެންތަކުން އެކަނބަލުންގެ އޮރިޔާން ފުރިހަމައަށް ނިވާކޮށްގެން ތިބޭ ހާލު ތައުލީމު ހާސިލު ކުރުމުގެ އިޚްތިޔާރަކީ އިސްލާމްދީނުގައި އެކަނބަލުންނަށް ދެއްވާފައިވާ
އެންމެ މަތިވެރި އެއް ހައްގު ކަމަށެވެ. އަދި ކަނބަލުން އޮރިޔާން ނިވާކުރުމަކީ އިސްލާމްދީނާ އަދާވާތްތެރިކަން ގެންގުޅޭ މީހުން އެންމެ ނުރުހޭ އެއް ކަންތައް ކަމަށެވެ.
”ކަން މިހެން އޮތްއިރު މުސްލިމް އަންހެންކުދިން އެ ކަނބަލުންގެ އައުރަ ކަޝްފުކުރަން ނުޖެހި ތައުލީމު ހާސިލު ކުރެވޭނެ މާހައުލު ގާއިމު ކޮށްދިނުމަކީ އިސްލާމީ ދައުލަތްތަކުގެ އެންމެ އިސް އެއް ޒިންމާ.“
ނަމަވެސް ސައްތައިންސައްތަ އިސްލާމީ މި ގައުމުގައި މަދަރުސާތަކުގައި އިސްލާމީ ފުރިހަމަ ހިޖާބުން ނިވާވެގެން ތިބެ ތައުލީމު ހާސިލު ކުރުމުގެ ހައްގަށް ބޮޑެތި ހުރަސްތައް އަޅާތީ އެކަމާ ކަންބޮޑުވެ އިންކާރު ކުރާ ކަމަށް ބަޔާނުގައިވެއެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މޫނުބުރުގާއަކީ އިސްލާމ ޝަރީއަތުގައި ޝަރުއު ކުރައްވާފައިވާ ކަމެއްކަމުގައިވާއިރު, އެކަން އެއީ ވާޖިބެއް ކަމުގައި ދެކިގެން މޫނު ނިވާކުރާ ފަރާތްތަކަށް ހުރަސް އަޅައި ތައުލީމު ލިބިގަތުމުގެ ހައްގުން މަހުރޫމު ކުރުމަކީ އިސްލާމ ޝަރީއަތުގެ އިތުރުން ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ ވެސް ޚިލާފު ކަމެއް ކަމަށެވެ. އަދި އެއީ ބައިނަލްއަގުވާމީ މުއާހަދާތަކާއި އިންސާނީ ހައްގުތަކުގެ ނަމުގައި މަސައްކަތްކުރާ ޖަމާއަތްތަކުގެ އުސޫލުތަކާ ވެސް ފުށުއަރާ ކަމެއް ކަމަށެވެ.
Anhenunnakee aura nuvatha oriyaan kamugai dhekey sikundi govaafa thibey meehunge vaahaka adu ahan vehjenama qaumuge dhuvas gos Afghanistan ah badhaluvedhaane.