ޖުމްހޫރީ ޕާޓީން ދަނީ އެމްޑީޕީ ރޫޅައިލުމުގެ މަސައްކަތަށް ހިތްވަރުދެމުން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ މަންދޫބުން ރޭ ވަނީ ޖުމްހޫރީ ޕާޓީއާއެކު އެ ޕާޓީގެ މައި އިދާރާ، މ.ކުނޫޒުގައި ބައްދަލުވުމެއް ބާއްވައި ރިޔާސީ އިންތިޚާބާގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ.
އެ ބައްދަލުވުމުގައި ނަޝީދުގެ ފެކްޝަނުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފާއި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން އަމްރުއެވެ.
އެ ބޭފުޅުން އެ ބައްދަލުވުމަށް ވަޑައިގަތީ ނަޝީދުގެ އެދިވަޑައިގަތުމަކަށް, ”އެމްޑީޕީގެ ފަރާތުން“ ފަށާ މަޝްވަރާތަކެއް ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފައިވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ސިޔާސީ ޕާޓީއަކާ ނުވަތަ ސިޔާސީ ލީޑަރަކާއި ނުވަތަ ސިޔާސީ ހަރަކާތެއްގެ ލީޑަރަކާއެކު އިއްތިހާދުވާން ފެނިއްޖެނަމަ، އެ ފަރާތަކާއެކު ޕާޓީގެ ނަމުގައި އެއްބަސްވުން އެކުލަވައިލުމަށާއި އެފަދަ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ބާރު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ދިނުމަށެވެ.
ނަމަވެސް އެމްޑީޕީގެ ފަރާތުން ކަމަށް ވިދާޅުވެ ނަޝީދުގެ ފެކްޝަނުން ޖޭޕީއާ ބައްދަލުކުރުމުން އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ކުރެއްވި ޓުވީޓެއްގައި މޫސަ ވިދާޅުވީ ޖޭޕީން ކުރިޔަސް އެހެން ޕާޓީއަކުން ކުރިޔަސް ގޯސްވާނީ ގޯހަކަށް ކަމަށެވެ. އަދި އެމްޑީޕީގެ އެއްވެސް ރަސްމީ ނިންމުމެއްނެތި އެ ޕާޓީގެ ބަޔަކު ގެންގޮސްގެން ޖޭޕީގެ ވެރިން އެމްޑީޕީ ރޫޅައިލުމުގެ މަސައްކަތަށް ހިތްވަރު ދިނުމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ޚިލާފު ނުކިއްސަރުކަމެއް ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.