ވެހިކަލްތަކުގައި އުޅޭ ފަރާތްތަކުން މިސްކިތަށް ޖަމާއަތަށް އަރާފައި ފައިބަންދެން ވެހިކަލް ޕާކްކޮށްލާފައި ބޭއްވުމުން ސްޓިކަރ ޖަހާތީ މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މޭޔަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖަމާއާތް ގަޑީގައި ޚާއްސަކޮށް ރޯދަމަހު ޓެކްސީ އާއި ސައިކަލާއި އެހެނިހެން ވެހިކަލްތަކުގައި އުޅޭ ފަރާތްތަކުން ޖަމާތަށް އަރާފައި ފައިބަންދެން ވެހިކަލް ޕާކްކޮށްލާފައި ބޭއްވުމަކީ ސްޓިކަރ ޖަހާ ޖޫރިމަނާކުރަންޖެހޭނެ ކަމެއްނޫން ކަމަށެވެ.
”މިގޮތަށް މިކަން ނުކުރެއްވުމަށް އިލްތިމާސް ކުރަން.“
މާލެސިޓީ އަކީ ރައްޔިތުންނަށް އަމާން ރައްކާތެރިތަނަކަށް ހެދުމުގެ ގޮތުން ރަމަޟާން މަހު މާލެސިޓީ ބެލެހެއްޓުމަށް ޚާއްސަ ސަމާލުކަމެއްދީގެން މަސައްކަތް ކުރަމުންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ ގޮތުން މާލޭގެ މިސްކިތްތަކަށް ނަމާދުކުރުމަށްދާ މީހުންނަށް އެއްވެސް ދަތިކަމެއްނެތި މިސްކިތްތަކަށް ވަދެނުކުމެ އުޅެވޭނެ މާހައުލެއް ގާއިމުކުރުމާއެކު ނަމާދު ވަގުތުތަކުގައި ޓްރެފިކް ފްލޯ ބެލެހެއްޓުމަށްވެސް ޚާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާނެ ކަމަށެވެ. އަދި ބާޒާރު ކުރުމަށާއި އެހެނިހެން ބޭނުންތަކުގައި އެއްވެސް ދަތިކަމެއްނެތި ހިނގާބިނގާވެ އުޅެވޭނެ ގޮތާއި ދަތުރުފަތުރު ކުރޭވެނޭހެން މަގުމަތި ތަރުތީބުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވަނީ ބުނެފައެވެ.