މި އަހަރުގެ ރަމަޟާންމަހު ވައްކަމުގެ މައްސަލަތައް މަދުކުރުމަށް ކޮންމެ ފަރުދަކު ވެސް، އެ މީހެއްގެ އަމިއްލަ މުދަލަށް ރައްކާތެރިވުމަށް މަސައްކަތް ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސް ކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެ ޚިދުމަތުން އަބަދުވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެ ގޮތުން ރައްޔިތުންގެ މުދަލާއި، ގެދޮރުގެ ސަލާމަތާއި، ރައްކާތެރިކަމާއި، ރަށުތެރެ ބެލެހެއްޓުމާއި، މަގުތައް ތަރުތީބުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން މި ރަމަޟާން މަހުވެސް ބޭނުންވާ ކަމަށް ފުލުހުން ބުންޏެވެ.
އަމިއްލަ މުދަލަށް ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް:
ރަމަޟާން މަހުގެ ދުވާލާއި ރޭގަނޑުގެ ވަގުތުތަކުގައި ވެސް ގެ ހުސްކޮށްފައި ގެއިން ބޭރަށްދާނަމަ ދިއުމުގެ ކުރިން ގޭގެ ހުރިހާ ކުޑަދޮރުތަކާއި ބެލްކަނި ދޮރު, ފެންލައިޓު އަދި ވައިގޮޅި ފަދަ ތަންތަން ރަނގަޅަށް ތަޅުލުން.
ފޯނާއި ލެޕްޓޮޕާއި ޓެބްލެޓާއި އައިޕެޑާއި ވޮލެޓާއު އަތުކުރީގަޑިއާއި ފައިސާއާއި އެހެނިހެން ތަކެތިވވެސް ވައްކަންކުރުމަށް މަގުފަހިވާ ގޮތަށް ގޭތެރޭގައި ނުބެހެއްޓުން.
މަގުމަތީގައި ހިނގާބިނގާވެ އުޅުމުގައި ފޭރުމުގެ އަމަލެއް ހިންގުމަށް މަގުފަހި ނުވާނޭހެން ތިމާ ގެންގުޅޭ ތަކެއްޗަށް ރައްކާތެރިވުން.
އަޅުކަންކުރުމަށް މިސްކިތުގައި ހޭދަކުރާ ވަގުތުތަކުގައި ފޯނާއި ވޮލެޓު އަދި ދަބަސްފަދަ ތަކެއްޗަށް ސަމާލުވުން.
ފުލުހުން ވަނީ އޮފީސް އިމާރާތްތަކާއި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ވެސް އިލްތިމާސްކޮށްފައެވެ. އެ ގޮތުން އޮފީސްތަކާއި ފިހާރަތައް ވެސް ބަންދުކޮށްފައިދާއިރު ދޮރުތައް ރަނގަޅަށް ތަޅުލުމަށާއި، ފިހާރަތެރޭގައި ފައިސާ ނުބެހެއްޓުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފުލުހުން ކުރަމުންދާ މަސައްކަތުގައި އެއްބާރުލުން ދެއްވުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.