ތޭވީސް ވަނަ ބައި
ތިބެން ހަމަ ޖެހިފައިވާ ހޮޓަލުގައި ފޮށިތައް ބެހެއްޓުމަށްފަހު ވާން ޖެހޭ ތައްޔާރީތައް ވެގެން އެމީހުން ދެން ނައްޓައިލީ ޢުމުރާގެ އަޅުކަންތައް ފުރިހަމަ ކުރުމަށް ޙަރަމްފުޅާ ދިމާއަށެވެ. ރަޝީދުގެ އެހީތެރިކަމާއެކު ޙަރަމްފުޅުތެރެއަށް ވަދެގެން ދިޔަ ރިހާންއަށް ކުރެވެމުން ދިޔައީ ވަރަށް ތަފާތު އިޙުސާސެކެވެ. ދުލުގައި ވަނީ ދުޢާއެވެ. އެންމެ އެދޭކަންތައް ހިންމަވައިދެއްވުން އެދިއެވެ. ހިތް ނިޔަތް ޚަލާސްކޮށް ކުރަމުން ދިޔަ އާދޭހުގެ އަޑު އެފަރާތުން އައްސަވައި ވޮޑިގަތުން އެދި އަބަދުވެސް ދުޢާ ވެވެއެވެ.
”ރިހާން، ދަރިފުޅާ! އެހެރީ މާތްވެގެންވާ ގެފުޅު! ބަލާބަލަ!“
ގެފުޅު ހަމަ ލޮލަށް ފެނުމުން ރަޝީދުއަށް ލިބުނު އުފަލުގައި ރިހާންގެ ލޮލަށް ނުފެންނަ ހަނދާންވެސް ނެތި މިބުނެވުނީ އެފަދަ މީހެއްގެ ގާތު ނުބުނަންވާ ވާހަކައެއް ކަމެއް ވެސް އޭރަކު ހަނދާނެއް ނެތެވެ. ރަޝީދުގެ އަޑު އިވުމުން ބަލައިލާނީ ކޮންދިމާއަކަށް ކަމެއް ވެސް ރިހާން އަކަށް ނޭނގުނެވެ. އެހެންކަމުން ހިތަށް ލިބުނު ދަތިކަމުގައި ރިހާން ހުރި ގޮތަށް ހުރީއެވެ.
މީހުންތަކުގެ ތެރެއިން ރަޝީދު ރިހާން ގޮވައިގެން ކުރިއަށް ދިޔައިރު އައިންތު ހުރީ އެމީހުންގެ ތަންކޮޅެއް ކުރީގައެވެ. ބައެއް ފަހަރު ރިހާންގެ އަތުގައި ވެސް ހިފާލެވެއެވެ. އެހެންނަމަވެސް ފުންޏަކަށް ތިބެގެން ނުވަތަ ގްރޫޕެއްގެ ގޮތުގައި ކުރިއަށް ދިއުން އެއީ އުދަނގޫކަމަކަށް ވާތީ ރަޝީދަށް އިތުބާރުކޮށް ހިތާ ދެކޮޅަށް ރިހާންގެ އަތުން ދޫކޮށްލަނީއެވެ.
”ރަޝީދުބޭ! އަހަރެންގެ ދަރިފުޅުގެ އަތުން ދޫކޮށް ނުލައްޗޭ! ރޮވިފައިވާ އަޑަކުން އައިންތު ކޮންމެ ފަހަރަކު ވެސް ބުނެލައެވެ.
ރަޝީދު ދިޔައީ ގެފުޅާ ބެހޭގޮތުން ރިހާންއަށް ސިފަކޮށްދެމުންނެވެ. މީހުންގެ އަދަދުގެ ގިނަވަރު ކިޔާ ނުދިނަސް އަމިއްލައިން ވެސް އެކަން ރިހާންއަށް އިޙުސާސްވަމުން ދިޔައެވެ. އެކެއްގެ ގައިގާ އަޅައިގަންނަމުން އަނެކެއްގެ ގައިގާ އަޅައިގަންނަމުން ކުރިއަށް ދިޔަ ރިހާން ރަޝީދުއާ ކައިރިވެލާފަ އޭނަ އެދޭ ގޮތް ބުންޏެވެ.
”ރަޝީދުބޭ! އަހަރެން ބޭނުން ގެފުޅުގައި އަތް ޖައްސައިލަން!“ ރިހާން ގެ އަޑު ތުރުތުރު ލައެވެ.
”ކޮއްކޯ، މީހުން ވަރަށް ގިނަ! ރަޝީދުބެ ބަލާނަން ތިކަން ކޮއްކޮއަށް ކޮށްދެވޭތޯ!“ ރިހާން އެ އެދުނުކަންތައް ކޮށްދެވޭތޯ ފަހަރަކަށްވުރެ ފަހަރެއް ރަޝީދު ދިޔައީ ގެފުޅާ ކައިރިވަމުންނެވެ. ޠަވާފުގެ ހަތްވަނަ ބުރު ފެށިގެން ނިމުމަކާ ހަމައަށް ނުދެވެނީސް އެ ފުރުސަތު ވަރަށް މަސައްކަތުން ރަޝީދު ރިހާންއަށް ހޯދައި ދިނެވެ. ރިހާންގެ އަތް ގެންގޮސް މާތްވެގެންވާ ގެފުޅުގެ އުރަކޮޅުގައި ޖައްސުވައި ދިނެވެ. ރަޝީދުގެ ބުނުމަކާ ނުލައި ވެސް ރިހާންއަށް އެކަން އިޙުސާސްކުރެވުނު ހިނދު ދެލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އަންނަން ފެށިއެވެ. އަދި ދެއަތް ނަގައި ދުޢާކުރަމުން ދިޔައީ އޭނަގެ ދެލޮލުގެ ފެނުން ދެއްވުން އެދިއެވެ. ދެލޯ މަރާލައިގެން ހުރެއެވެ.
އޭރު ރިހާންއަށް ރައްކާތެރިކަން ހޯދައި ދިނުމުގެ ގޮތުން ރިހާންގެ ފުރަގަހުގައި ރަޝީދު މަޑުކޮށްގެން ހުއްޓެވެ. ރިހާންގެ އެދި ދެންނެވުމުގެ އަޑު އިވުނު ހިނދު ޚުދު ރަޝީދަށް ވެސް އެކަމަށް އެދި ދުޢާ ކުރެވުނެވެ.
ކުއްލިއަކަށް ރިހާން ހިފީ ރަޝީދުގެ އަތުގައެވެ. އަދި އަޑުން އަޑުނަގާ ރޮއެ ގަންނަމުން ދިޔައެވެ. މީހުންތަކުގެ ތަކުބީރުގެ އަޑާހެދި ބައެއް ފަހަރު ރިހާންގެ އަޑު ސާފުވިޔަސް ވެގެން އުޅޭ ގޮތެއް ރަޝީދަކަށް ސާފެއް ނުވެއެވެ. ހީކުރެވުނީ ގެފުޅުގައި އަތް ބީއްސާލައި މި ފުރުސަތު ލިބުނީތީ ޙަމްދުކުރަނީ ކަމަށެވެ.
ކުއްލިއަކަށް އައި އުމުރާވެރިންގެ ގްރޫޕެއްގެ ބާރުބޮޑުވުމުގެ ސަބަބުނ ރަޝިދުއާ ރިހާން މާދުރަށް ކަހާލައިގެން ދާން ފެށުމުން ރިހާން ދެއަތުން ރަޝީދުގެ އަތުގައި ހިފެހެއްޓިއެވެ. އެވަގުތު ރަޝީދު ވެސް ރިހާންގެ ގައިގާ ހިފަަހައްޓަމުން ދެން ކުރިއަށް ހިނގާށޭ ބުންޏެވެ.
އޭރުވެސް ރިހާން ހުއްޓައެއް ނުލައެވެ. ރޮމުން ޝުކުރުކުރަމުން ހަމްދު ކުރަމުން ކުރިއަށް ގޮސް އެންމެ ފަހުން ޠަވާފު ނިންމައިލިއެވެ. އަދި ތަވާފުގެ ދެ ރަކުޢަތް ކުރުމަށްފަހު ސަޢުޔު ކުރަަން ރަޝީދާއެކު ހިނގައިގަތް ރިހާން ހިފީ ރަޝީދުގެ އަތުގައެވެ.
އުފަލުން ފޮޅިފައިވާ ރިހާންގެ މޫނަށް ރަޝީދު ބަލައިލިއެވެ.
”ރަޝީދުބޭ! މި ވާހަކަ އިހަށް ސިއްރުކޮށްދެއްޗޭ! ވަރަށް އުފާވެރި ވާހަކަ އެއް ބުނަން މި އުޅެނީ!“ ރިހާން އުފާވެފައި ހުރި ވަރުން ރަޝީދު ހުރީ ވެގެން އުޅޭ ގޮތެއް ނޭނގިފައެވެ. އެހެންވިޔަސް ބޯޖަހައިލަމުން ރަޝީދު އެހީ ކޮންވާހަކައެއްތޯއެވެ.
”ރަޝީދުބެއަށް އެނގޭތަ… !“ އަނެއްކާވެސް ރިހާންއަށް ރޮވިއްޖެއެވެ. ރޮމުން ގިސްލަމުން ރަޝީދު ގައިގާ ބައްދާލަމުން ރިހާން ބުނީ ގެފުޅުގައި އަތް ބީއްސާލިތާ މަދު ސިކުންތުކޮޅެއްގެ ތެރޭ އޭނަގެ ލޮލުގެ ފެނުން އަނބުރާ ލިބިއްޖެކަމަށެވެ.
”ކޮންފަދަ ބޮޑު ނިޢުމަތެއް…. ކޮންފަދަ އޯގާވަންތަވެ ވޮޑިގަތުމެއް…. ހަމަކަށަވަރުން އިނބަ އިލާހުއީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެ ކަމާމެދު މިއަޅާ ހެކިވަން!“
ރިހާންގެ އަޑު އިވުމުން ރަޝީދުގެ ލޮލުން ވެސް ކަރުނަ އައެވެ. އަދި ރިހާން ގައިގާ ބައްދާލެވުނެވެ.
”ރަޝީދުބޭ! އަދި މަންމަ ކައިރީ ވެސް ނުބުނައްޗެ! އަހަރެން ބޭނުމީ ވަރަށް އެހެންކަހަލަ ވަގުތެއްގައި މަންމަ ކައިރީ ބުނަން!“ ރިހާން އެންމެ ފަހުން ރަޝީދު އެއްބަސް ކުރުވިއެވެ.
ގެއަށް ދިޔަ މަގުމަތީގައި ވެސް އަދި ހަރަމްފުޅުގެ އެތެރޭގައި ވެސް ރިހާން ދިޔައީ ވަށައިގެން ހޯދަމުންނެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން މީހަކު މޮޔަވާނެ ނަމަ މިއަދު ރިހާން މޮޔަވީހެވެ. އެހެން ހިތަށް އަރާ ކޮންމެ ފަހަރަކު ވެސް ޝުކުރު ވެވެނީ އެންމެ ފަރާތަކަށެވެ.
މި އުފާވެރި ޚަބަރު ރިހާން ދޭން އެންމެ ބޭނުންވި ފަރާތަކީ މަންމައެވެ. ދެން އޭނަގެ މުސްކާންއެވެ. އެކަމަކު އަދި އެކަމަށް ތައްޔާރުވާން އޭނަ ބޭނުމެވެ. އެ ދުވަހު ގެއަށް ގޮސް ކޮޓަރިއަށް ވަންއިރު އަދި ރިހާންގެ މަންމަ ނާދެއެވެ. އެހެންކަމުން ކޮޓަރީގެ ކުޑަދޮރުގެ ފޮތިގަނޑު ކަހާލައިގެން ރިހާން ހުރީ ބޭރުން ފެންނަ މަންޒަރުތަކަށް ގެއްލިފައެވެ.
މަންމަ އައީ ރިހާން ވަރުބަލި ފިލުވާން އެނދުގައި އޮށޯތްފަހުންނެވެ. ފުރަތަމަ މަންމަ އައިސް ކޮޓަރިއަށް ވަނުމުން ރިހާން ދެލޯ މަރައިލިއެވެ. މަންމަގެ މޫނު ފެނުމުން އެ ދެލޮލުން އަނެއްކާ ވެސް ކަރުނަ ނީރައިލީއެވެ. ކުރިން ރިހާން އަކީ ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ މީހެކެވެ. މަންމައާ ކުޑާއްތަގެ ނަޒަރުގައި އަދިވެސް އެކަން އޮތީ އެހެންނެވެ. އެހެންވުމުން މީގެ ފަހުން އެ ކޮޓަރީގައި ރިހާން އުޅެން ވާނީ އެވަރު ދަނެގެންނެވެ.
އެރޭ ކައިގެން އައިސް ދަމުނާދަށް އަވަހަށް ހޭލަން ޖެހޭތީއާ ލިބިފައިވާ ވަރުބަލިކަމާ އެކު އެންމެންވެސް ވަރަށް އަވަހަށް ނިދައިފިއެވެ. މަންމައަކީ ނިދީގައި ގުގުރިދަމާ މީހެއްކަމުން މަންމަ ނިދާފަ އޮވެއްޖެއްޔާ ސިއްރެއް ނުވާނެ ކަން ރިހާންއަށް އެނގެއެވެ. ރިހާން އިންތިޒާރު ކުރީ އެ ވަގުތަށެވެ. މަންމަގެ ގުގުރީގެ އަޑު އިވުމުން ރިހާން ތެދުވެ އެނދުގައި ރީތިކޮށް އިށީނެވެ. އަދި ކައިރީގައި ހުރި އެނދުގައި ނިދިފައި އޮތް އޭނަގެ ލޮބުވެތި މަންމަގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ. އަލުން އެމަންމަގެ ލޯބިވެތި މޫނު ފެނުމުގެ ނަސީބު ދެއްވީތީ ޝުކުރުކުރަމުން ލޯތްބާއެކު މަންމައަށް ބަލަހައްޓައިގެން އެތައް އިރަކު އިނެވެ. މަންމަގެ މޫނުން ކުޑަކޮށް ދުވަސްވީ ވައްތަރު ޖަހައިލިއަސް އަދި ވެސް އެއީ ކުރީގެ ރީތި ރީތި މަންމަ އެވެ. ދެން ކުޑާއްތައަށް ބަލާލުމަށްފަހު ރިހާން ވެސް އޮށޯތެވެ.
އެ ދެ ދުވަހުގެ ހުރިހާ ވަގުތެއް ވެސް ރިހާން ހޭދަ ކުރީ ޙަރަމްފުޅުގައެވެ. އެ ތަނުގެ ސިމްއެއް ނަގާ މުސްކާންއަށް ގުޅުމުގެ ޚިޔާލު އައީ ވެސް މައްކާއަށް ދިޔަތާ ތިންވަނައަށް ވިދުވަހުއެވެ.
ރަޝީދުބެއާ އެކު ހަރަމްފުޅަށް ދާން ނިކުންނަ ރިހާންއާ ރަޝީދު މައްކާގެ އެކިތަންތަނާ ހަރަމްފުޅުގެ އެކި ހިސާބުތަކާ ބައެއް ބާޒާރުތަކަށް ވެސް ދިޔައެވެ. ރަޝީދު ގަބޫލުކުރާގޮތުގައި ރިހާން އެފަދަ ތަންތަން ބަލަން ރަޝީދުއަށްވުރެ މާ ޝައުގުވެރިވާނެއެވެ.
ޢުމުރާގެ ދަތުރު ނިންމާލުމަށްފަހު ފުރަން ކައިރިވިއިރު އައިންތުގެ މޫނުމަތިން ފެނުނީ މާޔޫސްކަމެވެ. އައިންތު އެދިއެދި ހުރީ ރިހާންގެ ލޮލުގެ ފެނުން އަނބުރާ ދެއްވުމަށެވެ. އެހެންނަމަވެސް ފުރާދުވަސް ކައިރިވި އިރުވެސް އެކަން އެގޮތަށް ހިންމަވައި ދެއްވައިފިކަމެއް އައިންތަކަށް ނޭނގެއެވެ. އައިންތުގެ މޫނުމަތިން ފެންނަ މޮޅިވެރިކަމަކީ އެހެންވެ ފެންނަ މޮޅިވެރިކަމެކެވެ. އެ ޚިޔާލުގައި ރިހާންގެ ދެލޮލަށް ނަޒަރު ހުއްޓާލައިގެން ކިތަންމެ އިރަކު އައިންތު އިނދެއެވެ.
ދަތުރު ނިންމާލާފަ އައިސް ގެއަށް ވަން އިރުވެސް އައިންތުގެ މޫނުން އެމޮޅިވެރިކަން ފިލާ ނުދެއެވެ. އެކަމާ ރިހާން ވަރަށް ދެރަވެސް ވެއެވެ. އެހެންވެ އެންމެ ފަހުން ނުހުރެވިގެން ރިހާން ސުވާލުކުރިއެވެ.
”މަންމާ، އަހަރެން މިހިރީ ވަރަށް އުފަލުން. ވިސްނަބަލަ، އަހަރެން މިއައީ ޢުމުރާގެ މަތިވެރި އަޅުކަން އަދާކޮށްގެންނު. މަންމައަށް އެނގޭތަ، އަހަރެން އަހަރެންގެ ދެވަނަ އުމުރާ ކުރީ ބައްޕައަށޭ!“ ރިހާންގެ އަޑުން އެކަނި ވެސް ރިހާން އުފާވެފައި ހުރިވަރު އައިންތަށް އެނގުނެވެ.
”މަންމަ ވެސް މިހިރީ ވަރަށް އުފަލުން. މަންމަ އަދި މިއަށްވުރެ މާ އުފާވީސް ދަރިފުޅުގެ ……! އައިންތު ޖަވާބު ފުރހަމަ އެއް ނުކުރެއެވެ. އެހެންވިޔަސް މަންމަ ބުނަން އުޅުނީ ކީކޭކަން މާބޮޑަށް ވެސް ރިހާންއަށް އެނގުނެވެ.
”މަންމާ ކޮންމެ ކަމެއް ވެސް ވާނީ އެންމެ ރަނގަޅަށް! ވަގުތު ޖެހުނީމަ ކޮންކަމެއް ލަސްވެފަ އޮތީ! މަންމަ ތި އެދޭކަން އެދޭގޮތަށް ވެއްޖެކަން މިރޭ ނުވަތަ މާދަން ވެސް މަންމައަށް އެނގުމަކީ ދުރުކަމެއް ނޫނެއްނު!“ ރިހާން އެބުނި ވާހަކަ އެއް އައިންތަކަށް ނުވިސްނުނެވެ. އެހެންވެ ދަރިފުޅު ދެރަވެދާނެތީ އިތުރަށް އެ ވާހަކައެއް އައިންތު ނުދައްކައެވެ.
ރިހާންއާ މުސްކާންއާ ދެމެދު ވާހަކަ ދެކެވުނު ގޮތަށް ކޮންމެ ރެއަކު ފަތިސްނަމާދުކޮށްގެން ރިހާން އަރަނީ ޓެރެހަށެވެ. އެތާގައި ރިހާން މުސްކާންއާ ވާހަކަ ދައްކަން އެތައް އިރެއް ހޭދަ ކުރެއެވެ. މުސްކާން ފޯނު ކުރުކޮށްލުމުން ވައިބަރ ގައި ހުންނަ މުސްކާންގެ ފޮޓޯއަށް ބަލަަހައްޓައިގެން އެތައް އިރަކު ރިހާން ހުރެއެވެ.
ހައިދަރު ފުރިހަމަ ކުރަން ފުރި ކޯހުގެ ހުރިހާ ބައެއް ނިންމުމަށްފަހު ހައިދަރު ރާއްޖެ އައި ދުވަހަކީ މުސްކާން ވެސް ޗުއްޓީ ނިންމާލާފައި މާލެ އައި ދުވަހެވެ. މުސްކާން މާލެ އައިކަން އެނގެނީ ހަމަ އެކަނި ރިހާން އަށެވެ. މުސްކާން ގޭގެ ސިޓިންގރޫމަށް ވަދެގެން އައި އިރު ލޯކަޅު އައިނުން ލޯ ފޮރުވައިގެން މަންމަ ކައިރީ ރިހާން ވެސް ސިޓިން ރޫމުގައި އިނެވެ.
ދޮރުހުޅުވާލާފައި ވަން މުސްކާން ފެނުމުން އިންތަނުން ފުންމައިގެން ރިހާންއަށް ނުތެދުވުނީ ކިރިޔާއެވެ. އެމޫނުމަތިން ހިނިތުންވުން ފާޅުވިތަން އެތާ ތިބި އެއްވެސް މީހަކަށް ނުފެނުނީ ރިހާންގެ ނަސީބަކަށް ވެސް ވެދާނެއެވެ. އެރީތި އިސްކޮޅާ އެ ފަންފަން އިސްތަށިކޮޅާ އެ ރޫފަ ހެޔޮ، ބައްޓަން ރީތި ހަށިގަނޑު ފެނުމުން ރިހާންގެ ހުރިހާ ނާރަކަށް ވާންވެލައިފިއެވެ. އެއަށްވުރެ ބޮޑަށް ރިހާންގެ ހިތް ފިދާވީ މުސްކާންގެ އެހެރަ ތޫނު ކަޅިރަވަ ފެނުމުންނެވެ. ކޮންފަދަ ފުންކަމެއް ހެއްޔެވެ.
”މުސްކާން!“ އެ އަޑު އެއްވެސް މީހަކަށް ނަސީބަކުން ނީވުނެވެ. މުސްކާން އައިސް އައިންތު ގައިގާ ކުޑަކޮށް ބައްދައިލިއެވެ. ދެލޯ ހުރީ ރިހާންއާ ދިމާއަށެވެ. އެކަން އައިންތަކަށް އަދި ރިހާން އަކަށްވެސް ނޭނގޭނެއެވެ. އެކަމުން އުފާވެރިކަން އިޙުސާސްވާނީ ހަމަ އެކަނި މުސްކާން އަށެވެ.
”ކިހިނެއްތަ މަންމައާ ބައްޕައާ ކޮއްކޮމެން!“ އައިންތު އެހީ މުސްކާންގެ ގޭގެ މީހުންގެ ހާލުއަހުވާލެވެ. ބުނެވެސް ނުލާ އައީތީ އެ ޝަކުވާ ވެސް ކުރިއެވެ. އެއަށްފަހު މުސްކާންއަށް ގެނައި ހަދިޔާއެއް އޮންނާނެއޭ ބުނެ އައިންތު ވަނީ ކޮޓަރިއަށެވެ. އެހިސާބުން މުސްކާން އެނބުރުނީ ރިހާންއާ ދިމާއަށެވެ.
”ހައި، މަ މިހިރީ އައިހޭ!“ ލޯތްބާ އުފާވެރިކަން އެއަޑުގައި ވިއެވެ. މުސްކާންއަށް ނޭނގުނީ އެ މޫނުން ފާޅުވި ލަދުވެތިކަމާ އުފާވެރިކަން އެކުވުމުން އުފެދުނު އެ ސިހުރެއްފަދަ ކުލަވަރަށް ގެއްލިަފއި ރިހާން އިންކަމެވެ.
”އަސްލު ވެސް ތީހަމަ މުސްކާން ތަ!“ ރިހާން ވެސް ލާނެއް ވެލިއެވެ. އައިންތު ކޮޓަރިން ނިކުމެގެން އައީ އެވަގުތު އެވެ.
-ނުނިމޭ-
Alhey varah reethi dhen Reehan ah e manje nugehlehchey