މިފަހަރު މި ގެނެސްދެނީ ޕާން ބޯކިބާ ތައްޔާރުކުރާނެގޮތެވެ.
ބޭނުންވާ ތަކެތި:
5 ޖޯޑު ހުދު ޕާން (ކުދިކުދި އެތިކޮޅުކޮޅު ހުންނާނެގޮތަށް ވީދާފައި)
2 ޖޯޑު ފެން
2 ބިސް
1 ސައިސަމުސާ ބަޓަރު (ފިނިކަން ކަނޑުވާފައި)
1 ގެރިކިރު ދަޅު
1 ސައިސަމުސާ ވެނީލާ އެސެންސް
¼ ޖޯޑު ހިކި މޭބިސްކަދުރު
¼ ޖޯޑު ކަނަމަދު
ހަދާނެގޮތް:
އިނގިލިތައް ބޭނުންކޮށްގެން ޕާންތައް ކުދި އެތިކޮޅުކޮޅު ހުންނާނެ ގޮތަށް ވީދާލާށެވެ. ވަރަށް ކުދިކުދި ކުރާކަށް ނުޖެހޭނެއެވެ. އަދި އަރިމަތިތައް ބޭނުންކުރިއަސް ހަމަ ރަނގަޅުވާނެއެވެ.
ވީދި ޕާންތައް ބޯތަށްޓަކަށް އަޅާފައި އޭގެ ތެރެއަށް މަޑު މަޑުން ފެންފޮދު ބުރުއްސާލާށެވެ. އެއްފަހަރާ ފެންފޮދު އޮއްސާލައިފިނަމަ ޕާން ފޯވާއިރު އެކިއެތިކޮޅުކޮޅު ފޯވާނީ އެކި ވަރަށެވެ. ފެންއަޅައިފައި ފޯކުރަން ވިއްސަކަށް މިނެޓު ބަހައްޓާލާށެވެ.
އަވަން 175 ޑިގްރީސް ސެލްސިއަސްއަށް ހޫނު ކުރަން ޖައްސާށެވެ.
ބޯކިބާ ފިހަން ބޭނުން ކުރާނެ ތަބަކުގެ އެތެރޭގައި ރަނގަޅަށް ކުޑަ ތެޔޮކޮޅެއް އުނގުޅާލާށެވެ. އަރިމަތިތަކުގައިވެސް އުނގުޅަން ވާނެއެވެ.
ބޯތަށްޓެއްގައި ބިސްކޮޅު ގިރާލާށެވެ. އެއަށްފަހު ބަޓަރާއި ގެރިކިރު ބޯތަށްޓަށް އަޅައި ހުރިހާ އެއްޗެއް ރަނގަޅަށް އެއްވަންދެން އެއްކުރާށެވެ.
ދެން ހިކި މޭބިސްކަދުރާއި، ކަނަމަދާއި، ވެނީލާ އެސެންސް އަޅައި އަނެއްކާވެސް އެއްކޮށްލާށެވެ.
ދެން ފޯކުރި ޕާންތައް ބޯތަށްޓަށް އަޅާނީއެވެ. ނަމަވެސް ޕާންކޮޅު އެޅުމުގެ ކުރިން އިނގިލިތައް ބޭނުންކޮށްގެން ތަންކޮޅެއް ލުއިކޮށް ޕާންކޮޅު މޮޑެލަން ވާނެއެވެ.
ބޯތަށްޓަށް ޕާންކޮޅު އަޅާފައި ހުރިހާ އެއްޗެއް އަނެއްކާވެސް ރަނގަޅަށް އެއްކޮށްލާށެވެ.
ކުރިން ތައްޔާރުކުރި ތަބަކުގެ ތެރެއަށް އެއްކުރި ސާމާނު އޮއްސާލާފައި ރީއްޗަށް މަތި އޮމާން ކޮށްލާށެވެ.
ދެން ކުރިން ހޫނުކުރަން ޖެއްސި އަވަނުގެ ތެރެއަށް ލައިގެން ބޯކިބާ ފިހާނީއެވެ. އެކި އަވަނުގައި ތަކެތި ފިހެވެނީ އެކި ގޮތަށެވެ. މައްޗަށް ރަން މުށި ކުލަ އަރާފައި އަދި މެދަށް ދަތްކޮށްޓިއެއް ހަރާލާފައި ނަގާއިރު އޭގައި އެއްޗެއް ހަރުލާފައި ނުވާނަމަ އެއޮތީ ފިހެވިފައެވެ. އަހަރުމެންގެ ބޯކިބާ ފިހެވުނީ 50 މިނެޓުންނެވެ. ފިހަން ބެއިންދީ މެދު ރެކުގައެވެ.