ގދ. ވާދޫ ބަލިކޮށް ލ. ގަމުން ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ތަށި އުފުލާލައިފިއެވެ.
ރޭ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު އެ މުބާރާތުގެ ފައިނަލް މެޗުގައި ގަމުން ވާދޫގެ މައްޗަށް ކުރި ހޯދީ 8-4 ގެ ނަތީޖާއަކުންނެވެ.
އެ މެޗުގައި ފުރަތަމަ ގޯލުޖަހައި ލީޑު ނެގީ ވެސް ގަމުންނެވެ. އެ ޓީމުން ވަނީ މެޗުގެ ފުރަތަމަ ހާފުގައި ހަ ގޯލު ޖަހައިފައެވެ. މެޗުގެ ފުރަތަމަ ގޯލު ހުސައިން ނާޝިދު ޖެހިއިރު، ދެވަނަ ގޯލުޖެހީ އަލީ ޝާމިސްއެވެ. އޭނާ ވަނީ ފުރަތަމަ ހާފުގައި ދެ ގޯލު ޖަހައިފައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެކުރިން އައްމަޑޭ ވަނީ ގަމަށް ލިބުނު ތިން ދުރު ޕެނަލްޓީ ކާމިޔާބުކޮށް ހެޓްރިކް ހަދައިފައެވެ. ފުރަތަމަ ހާފުގައި ވާދޫގެ މުހައްމަދު އިޔާދު އަލީއާއި އަޔާޒު އަހުމަދު (އަޔާ)ގެ އިތުރުން މުހައްމަދު ނާއިލް ވަނީ ގޯލު ޖަހައިފައެވެ. އޭނާ ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ.
ދެވަނަ ހާފުގައި ގަމުގެ އަބްދުﷲ ޖުނައިދުގެ އިތުރުން ޝާމިސް ވަނީ ގޯލުޖަހައި މެޗުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ.
ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ގަމުގެ ކެޕްޓަން އޮންލީއެވެ. އަދި މުބާރާތުގެ އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިއަކީ ވާދޫގެ އިޔާދުއެވެ.
އެ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވަނީ ކުޑަހުވަދޫގެ ޖުމައިލް ޖަމީލާއި، ވާދޫގެ އަޔާޒު އަހުމަދާއި، އިޔާދުއާއި، ގަމުގެ އަލީ ޝާމިސްގެ އިތުރުން އޮންލީއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެ ރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. މި އަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ބައިވެރިވިއެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށްވެސް ވަނީ ޓްރޮފީ ހަވާލުކޮށްފައެވެ.
އެންމެ މޮޅު ފަސް ކުޅުންތެރިން
- އަޔާޒް އަހުމަދު (އަޔާ) – ގދ. ވާދޫ
- މުހައްމަދު އިޔާދު އަލީ – ގދ. ވާދޫ
- ހުސައިން ޝަރީފް (އޮންލީ) – ލ. ގަން
- ޖުމައިލް ޖަމީލް (ޖުމްބެ) – ދ. ކުޑަހުވަދޫ
- އަލީ ޝާމިސް (ތޮއްޕޭ) – ލ. ގަން