ބާވީސް ވަނަބައި
އައިންތު ކޮޓަރިއަށް ވަންއިރު ރިހާން ކޮޓަރިއަށް ވަންތާ ކިތަންމެ އިރެކެވެ. އޭރު މުސްކާން އޮތީ ގައިމަތީ ކަވަރު އަޅައިގެން ބިއްދޮށަށް އެނބުރިއެވެ.
މުސްކާންއާ ދިމާއަށް ބަލަހައްޓައިގެން އިރުކޮޅަކު އައިންތު ހުއްޓެވެ. ދެން މަޑު މަޑުން ގުދުވެލާ މުސްކާންގެ ބޮލުގައި ފިރުމައިލިއެވެ. އެމީހުން ފުރާތީ މުސްކާން މިވަނީ ހާދަ ދެރައެކެވެ. އަނެއްކޮޅުން ރިހާން ވެސް…ރިހާން… މިވަނީ ކިހިނެއްހެއްޔެވެ! އައިންތުއަކަށް ވިސްނައެއް ނުގަނެވުނެވެ.
އައިންތުއަށް ހީކުރެވުނު ގޮތަށް މުސްކާން އޮތީ ނިދާފައެއް ނޫނެވެ. އައިންތު ގޮސް އޮށޯވެ ނިދެންދެން ވެސް މުސްކާއަށް ކެތްކުރުންވީ އެތައް އަހަރެންގެ ދިގު އިންތިޒާރެއް ކުރުން ފަދަ ކަމަކަށެވެ. އެހެންވިޔަސް އައިންތު ނިދީކަން ޔަގީން ވަންދެން މުސްކާން މަޑުކުރަން ޖެހޭނެއެވެ.
ގަޑިން ބާރަ ޖެހިއިރުވެސް ތެދުވަން ނުކެރި މުސްކާން އޮތެވެ. އެންމެ ފަހުން ބާރަގަޑި ބައި ވަންދެން ކެތްކުރުމަށް ފަހު މަޑުމަޑުން ތެދުވެ ހިނގައިގަތެވެ. ދޮރާހަމާގައި ހުއްޓިލާފަ އެނބުރި ދެވަނަ ފަހަރަކު ވެސް އައިންތުއަށް ބަލައިލިއެވެ. މަޑުމަޑުން ދޮރުހުޅުވައިލުމަށްފަހު ވިސްނައިލިއެވެ. އަދި ރިހާންގެ ކޮޓަރިއާ ދިމާއަށް ދެތިން ފިޔަވަޅު އެޅުމަށްފަހު ސިޑިއާ ދިމާއަށް ބަލައިލިއެވެ. ދެން ހިނގައިގަތީ ސިޑިއާ ދިމާއަށެވެ. މުސްކާން ސިޑިން މައްޗަށް އެރި އިރު ވެސް ރިހާން ހުރީ ޓެރސްގައެވެ. މުސްކަން ގެ އަޑު އިވުމުން ރިހާން އެނބުރިލިއެވެ. އަދި މަޑުމަޑުން ސަންބެޑާ ކައިރިއަށް ޖެހިލާ އެތާ އިށީނެވެ. އަދި ކަނާތުން އެ އެނދުގެ ހުހަށް ހުރިތަނުގައި މަޑުން މަޑުން ޖަހައިލިއެވެ. މުސްކާންއަށް އެ އިޝާރާތް ވިސްނިގެން އައިސް ރިހާން ގާތު ސަންބެޑްގައި އިށީނެވެ. ދެމީހުންކުރެ އެކަކުވެސް އަނގައިން ނުބުނެ އެތައް އިރަކު ތިއްބެވެ. އެންމެފަހުން އެތާ އެެހެން އިންނަން އުދަނގޫ ވުމުން ސަންބެޑްގައި އަތް ވިއްދާލައިގެން އިން ރިހާންގެ އަތުގެ އިނގިލި ތަކުގައި މުސްކާން ފިތައިލިއެވެ. އޭގެ ރައްދުގައި ރިހާން ވެސް އެ އަތުން މުސްކާންގެ އަތްތިލާގައި ހިފާ ފިތައިލިއެވެ.
”މުސްކާން! ކީއްވެތަ ތިހާ ދެރަވަނީ! ކީއްކުރަން ތިހާ ވަރަށް ތި ވިސްނަނީ! ކެތްތެރިވާން ވާނެ އިނގޭ!“ ލޯތްބާއެކު ރިހާން ދެއްކި ވާހަކައިން މުސްކާންގެ ހިތަށް ލިބުނީ ބަޔާންކުރަން ދަތި އުފަލެކެވެ. އެހިތް އުފަލުން ފޮޅުނު ހިނދު ބޭއިޚުތިޔާރުގައި ރިހާންއާ ގާތްވެލައި ރިހާންގެ ކޮނޑުގައި ބޯއަޅައިލިއެވެ. ޖަވާބުގައި ރިހާން ވެސް މުސްކާންގެ އުނަގަނޑުވަށާލައި ކަނާތުން މަޑުމަޑުން މުސްކާން ކައިރިކޮށްލިއެވެ. މުސްކާން ހިފީ ރިހާންގެ ވައަތުގައެވެ.
”ރިހާން، އަހަރެމެންނަށް ވާހަކަ ދައްކައިލެވޭނެ ގޮތެއް ހޯދަން އެބަ ޖެހޭނު! އެކޮޅަށް ދިއުމަށްފަހު ރިހާންއާ އަހަރެން ވާހަކަ ދައްކާނީ ކިހިނެއް! ޕްލީޒް، ކޮންމެވެސް ގޮތެއް ހަދާލަދޭތި! އަހަރެން މަރު ވެދާނެ … އަހަރެން ކިހިނެއް އެހާ ދުވަސް ވަންދެން … ކިހިނެއް ރިހާންގެ ޚަބަރެއް ނޭނގި އަހަރެން އުޅޭނީ!….. ޔަގީނުން ވެސް އަހަންނަކަށް ރިހާން މަންމަ ކައިރީ ….. ކިހިނެއް ބުނަން ކެރޭނީ ނުވަތަ އަހަން ކެރޭނީ….“ މުސްކާން ނޭފަތް ދަމައިލިއެވެ. ރޮވެން ކައިރިވުމުން ވާހަކަ ހުއްޓާލައި މުސްކާން މަޑުކޮށްލިއެވެ.
”މުސްކާންގެ ޚަބަރެއް ނުވަންޏާ އަހަރެންވެސް ވަރަށް ދެރަވާނެ! ދެން ކޮންމެވެސް ގޮތެއް ހަދާނީ! ….މުސްކާން ދެރަނުވޭ! އަހަރެމެން އެދޭގޮތަށް ކޮންމެވެސް މަގެއް ދައްކަވާނެ!“ ހުރިހާ ކަމެއްގައި ވެސް ރިހާން މަދަދަށް އެދޭ ފަރާތަކީ ހެއްދެވި ފަރާތެވެ. އެއީ ރިހާންގެ އެންމެ ރީތި އެންމެ ފުރިހަމަ ސިފައެވެ.
”އަސްލު އަހަރެން ބޭނުން ބައިވަރު ވާހަކަ މިރޭ ރިހާންއާ ދައްކަން….. އެކަމު އަހަންނަކަށް ނޭނގެ އަހަރެން ދައްކާނީ ކޮން ވާހަކައެއް ކަމެއް!“ މޮޅިވެރި އަޑަކުން މުސްކާން ބުންޏެވެ. އެއަށް ފަހު ރިހާންގެ އަތަށް އަނެއްކާވެސް ފިތާލަމުން ރިހާންގެ އުނގުގައި ބޯއަޅައިލުމުގެ ހުއްދައަށް އެދުނެވެ. އެކަމަކު މުސްކާން އެދުނު ގޮތަށް އެ ހުއްދަ ރިހާން މުސްކާން އަކަށް ނުދިނެވެ. ބުނީ ކެއްތެރި ވުމަށެވެ. އެ ދުވަސް ދައްކަވާނެ ކަމުގެ އުންމީދުގައި މަސައްކަތް ކުރުމަށެވެ.
ރިހާންގެ ޖަވާބު އަޑު އިވުމުން މުސްކާން ލަދުވެސް ގަތެވެ. އެހެންނަމަވެސް އެފަދަ މާތް މަޤުސަދެއްގައި ފުރައިގެން ދާން ތައްޔާރުވަމުންދާއިރު ރިހާން އެ ނިންމި ނިންމުމަށް މުސްކާން އުފާވެސް ވިއެވެ. އެހެންނޫންނަމަ ފަހަރެއްގައި ނުދާންވާ ހިސާބަށް ވެސް މުސްކާންއަށް ދެވިދާނެއެވެ.
އެންމެ ފަހުން ގަޑިން ދޭއް ޖެހުމުން ރިހާން އެދުނީ އެ ބައްދަލުވުން ނިންމާލާ ދެމީހުން ވެސް ނިދަން ދިއުމަށެވެ. ރިހާންގެ ގައިގެ އަރިމަތިން ރީހާންގެ ގަޔަށް ލެނގިލައިގެން އިން މުސްކާން ސަންބެޑްން ދެފައި ތިރިއަށް ބޭލުމަށްފަހު ރިހާންއާ ވީފަރާތަށް އެނބުރުނެވެ. ދެން ރިހާންގެ ދަތްދޮޅީގައާއި އެކު މޫނުގެ އަރިމަތީ ފިރުމާލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ.
އެކޮޅަށް ގޮސް ދުޢާކުރަތީ. ވީހާވެސް ގިނައިން ދުޢާކުރާތި… ރިހާންގެ ލޮލުގެ ފެނުން ދެއްވުން އެދި. ….އަހަރެން ވެސް ދުޢާކުރާނަން…… އަދި އުމުރަށް ދެމީހުން އެކަކު އަނެކަކަށް ލިބުން އެދި ވެސް….. ރިހާން، އަބަދު ވެސް، އަބަދު ވެސް ހަނދާނުގަ ބަހައްޓައިދޭތި… އެއްކަމެއް… އެއްކަމެއް…. އަހަރެން .. މުސްކާން ރިހާން ދެކެ ވަރަށް ވަރަށް ލޯބިވާކަން!“ މުސްކާންއަށް ރަނގަޅަށް ވެސް ރޮވިއްޖެއެވެ. ރިހާން ސަންބެޑްން ތެދުވުނެވެ. އޭރުވެސް މުސްކާންގެ ކަނާތް އޮޮތީ ރިހާންގެ އަތުގެ ތެރޭގައެވެ. އެހެންކަމުން މުސްކާން ވެސް ތެދުވެއްޖެއެވެ.
”މުސްކާން ދެރަނުވޭ! މުސްކާން ޔަގީން ކުރޭ! މުސްކާން އަހަރެން ބޭނުމިއްޔާ މުސްކާންއާ އަހަރެން ދިރިއުޅޭނީ އެކުގަ.. މަރުވަންދެން ވެސް!. މީ އަހަރެން ވާ ވައުދެއް.. ކޮންމެ ފަދަ ޙާލަތެއް މެދުވެރިވިޔަސް.. އިރާދަކުރެއްވިއްޔާ އަހަރެން މުސްކާން ދޫކޮށެއް ނުލާނަން!“
ރިހާން މުސްކާން ގައިގަ ބައްދައިލިއެވެ. އެއީ ލުއިލުއި ބީހުމެކެވެ. އެ ބީހުން ދިގު ދެމިގެން ދިޔައީ ދެތިން ސިކުންތަށެވެ. އެއަށްފަހު އެ ދެލޯބިވެރިން ވަކިވީއެވެ. މުސްކާން ފައިބަންދެން ރިހާން މަޑު ކުރިއެވެ. އަދި މުސްކާން ފޭބުމުން ވެސް ރިހާން އެތާ އިރުކޮޅަކު ހުއްޓެވެ. ތެދެކެވެ. މުސްކާން ރިހާން ދެކެ ލޯބި ވެއެވެ. އެކަން މުސްކާން އެބަ ޔަގީން ކޮށްދެއެވެ. ފުރަތަމަ އެ އިހުސާސް ވިޔަސް ރިހާން އެކަން ގަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ. އެހެންނަމަވެސް މުސްކާން ތަކުރާރުކޮށް އެ ފާޅުކުރަނީ ރިހާން ދެކެ އޭނަވާ ލޯތްބެވެ. އޭގެ ސަބަބުން ރިހާންގެ ހިތުގައި ވެސް މިހާރު އުފެދި ބޮޑުވަމުން އެދާ މުސްކާންގެ ލޯބީގެ ސަބަބުން ރިހާންއަށް ވެސް މުސްކާން އާނުލާ ދިރިއުޅުން އުދަނގޫ ހިސާބަށް އެ ދިޔައީއެވެ. މި ހުރިހާ ކަމަކާއެކު ވެސް ރިހާން ބިރުގަންނަ އެއް ކަމެއް އެބަ އޮތެވެ. އެހަގީގަތް ފާޅުވާ ދުވަހަކުން….. ނޫން ނޫން… މުސްކާން އޭނަ ދޫކޮށެއް ނުލާނެއެވެ. ޚިޔާލީ ދުނިޔެއިން ނިކުމެ ކޮޓަރިއަށް ދިއުމަށް ރިހާން ހިނގައިގަތްއިރު ފަތިހު ތިނެއް ޖަހަން ކައިރިވަނީއެވެ.
ޖެހިގެން އައި ދުވަހު އައިންތުގެ ދެމައިންނާ މަރީއާ އަދި ފާރޫގުގެ ކޮއްކޮ ރަޝީދު ޢުމުރާގެ އަޅުކަމަށް ފުރައިގެން މާތްވެގެންވާ މައްކާއަށް ދަތުރުކުރަމުން ދިޔައިރު މުސްކާން ހުރީ ދަތުރުކޮށް އައިސް އަމިއްލަ މައިންބަފައިން ގާތު ރަށުގައެވެ.
މުސްކާން ފެނުމުން މުސްކާންއަށް ވެފައިހުރި ގޮތް ފެނުމުން މުސްކާންގެ މަންމަ މުސްކާންއާ ވަރަށް ސުވާލުކުރިއެވެ. ބަލީތޯ ތަކުރާރުކޮށް އެއްސެވެ. ކަމެއް ގޯސްވީތޯ ވެސް އެހާ ވަރަށް އެއްސެވެ. މުސްކާން ބުނަމުން ދިޔައީ ފާއިތުވި ދެ ދުވަހު މާ ބުރަކޮށް އުޅުނީމާ ވަރުބަލީކަމަށެވެ. އެނޫން ޖަވާބެއް މުސްކާންގެ ފަރާތުން ނުލިބުމުން އެވާހަކަ ގަބޫލުކުރަން މުސްކާންގެ މަންމައަށް މަޖުބޫރުވީއެވެ. އެ ދުވަހާ އެރޭ ވެސް އަދި ފަހު ދުވަހު އިރު އޮއްސުނު އިރު ވެސް މުސްކާން އުޅުނީ މުޅިން ވެސް ކޮޓަރީގައެވެ. ބޭރަށް ނިކުމެލާ މީހަކާ ވާހަކަ ދައްކާ ހެދީ ވަރަށް މަދުންނެވެ. މާ ބޮޑު ކެއުމެއް ވެސް ނެތެވެ. ޖެހިގެން އައި ދުވަސް ވެސް ދިޔައީ އެހެންނެވެ. އެންމެ ފަހުން މުސްކާންޗއަށް ކެތްނުވެގެން މަންމަ ގާތު ކިޔައިގެން އައިންތުގެ ނަމަބަރަށް ވައިބަރ އިން ގުޅުވިއެވެ. އެ ފޯން ރިންގް ވެއެވެ. އެކަމަކު އައިންތު ފޯނަށް ޖަވާބެއް ނުދެއެވެ. އެ ކޮޅުގަ އުޅޭއިރު ގިނަ ވަގުތު ހޭދަކުރާނީ އަޅުކަމުގައި ކަމަށް މަންމަ ބުންޏަސް މުސްކާންގެ ހިތަކަށް ހަމަ ޖެހުމެއް ނުލިބެއެވެ.
މުސްކާންގެ ހިތް ކުދި ކުދި ވިއެވެ. ރިހާންގެ ޚަބަރެއް ނޭނގި، އަޑެއް ނީވި މިދަނީ ހާދަ ގިނަ ދުވަހެކެވެ. އެކި ކަހަލަ ޚިޔާލުތަކާ ފިކުރުތަކުން މުސްކާންގެ ސިކުނޑި ފަޅައިގެންދާހާ ވަރުވެއްޖެއެވެ. ރިހާން މުސްކާން މަތިން ހަނދާން ނައްތައިލީހެއްޔެވެ! ލިބެމުންދާ އުދާސްތަކާ ހިތުގައި ހިނގާ ފިކުރުތަކުން މުސްކާން ބަލިކޮށްލައިފިއެވެ.
ފަތިހު ފަތިސްނަމާދަށް ތެދުވި ގޮތަށް މުސްކާން އުޅުނީ ހޭލައެވެ. ރިހާންގެ ޚިޔާލުތަކުން ދުރުވުމަށްޓަކައި މުސްކާން އުޅުނީ ކޮލެޖްގެ ބައެއް އެސައިންމެންޓްތަކުން ލިބިފައިހުރި ރިސަލްޓްތައް ޗެކް ކުރުމުގައެވެ. ކުއްލިއަކަށް ފޯން ރިންގްވާން ފެށުމާއެކު ވެސް މުސްކާން އެ ފޯނު ނަގާހިތެއް ނުވިއެވެ. އެންމެ ފަހުން ރިންގްގެ އަޑުން އުދަނގޫ ވެގެން ފޯނު ބާލީސްދަށުން ނަގައި ބަލައިލިއެވެ. ނުދަންނަ ނަމްބަރެކެވެ. އަލުން ފޯނު ބާލީސްދަށަށް ލާން އުޅެފަ އެ ނަމްބަރުގެ އަދަދުގެ ގިނަކަމުން އަލުން ފޯނުގެ ސްކަރީނަށް ބަލައިލިއެވެ. ދެން ހިތަށް ނަގައިގަނެވުނު އެއްޗަކުން އަވަސް އަވަހަށް ފޯނު ނެގިއެވެ. ހަލޯއޭ ބުނެ އަވަހަށް ޖަވާބު ދިނެވެ. މުސްކާންއަށް އެ އިވުނު އަޑާމެދު މުސްކާންއަށް ޔަގީން ކުރަން ވެސް ސިކުންތުކޮޅެއް ނެގިއެވެ. އެއަށްފަހު ތެޅިގެންފާ އެ ނަމުން ގޮވައިލިއެވެ.
”ރިހާން، ….. ރިހާން! އަޅެ ރިހާން!“ މުސްކާންއަށް ގާތްގަނޑަކަށް ހަޅެއް ލަވައިގަނެވުނެވެ.
”މުސްކާން! ހަމަ ޖެހިބަލަ. ހަމަ ޖެހިބަލަ!“ އެ އަޑުގައިވަނީ އާދަޔާ ޚިލާފު ބާރެކެވެ. އެ އަޑުން ރިހާން އުފާވެފައި ހުރިވަރު މުސްކާންއަށް ވަރަށް ރަނގަޅަށް އަންދާޒާކުރެވުނެވެ. ރިހާންގެ އަޑު އިވުމުން މުސްކާންއަށް ރޮވުނީއެވެ. އުފަލުންނެވެ.
”ކީއްވެ މިހާ ލަހުން ގުޅީ! އަހަރެން މިހުންނަނީ ރިހާންގެ ޚަބަރެއް ނުވެގެން ވަރަށް ބިރުން!“ ރޮމުން ރޮމުން މުސްކާން ވާހަކަ ދެއްކިއެވެ.
”ހިތަށް އެރީ ވަރަށް ހަމަ ޖެހިގެންނޭ ގުޅާނީ!….. މުސްކާން…. އަހަރެން ހިތަށް އެރީ….. ހިތަށް އެރީ“ ރިހާންގެ ވާހަކަ މެދު ކަނޑާލުމަށްފަހު މުސްކާން ވާހަކަ ދައްކަން ފެށިއެވެ.
”ދެން ބުނެބަލަ! ކީކޭ ހިތަށް އެރީ! އަވަސްކޮށްބަލަ!“ މުސްކާންގެ ޖުމުލަ އަޑު އިވުމުން ރިހާން ހީނލިއަޑު މުސްކާންއަށް އިވުނެވެ. އެ ހިސާބުން މުސްކާން ވެސް ހަމައަކަށް އެޅި ހީނލެވުނެވެ.
”މުސްކާންއަށް ވެސް އަހަންނާއެކު މި ދަތުރު އާދެވުނު ނަމައޭ! …. އަންނަން ވީތަނަކީ މިއީ! ހާދަ ތަފާތު އިޙުސާސެއްކުރެވެއޭ މިތަނުގެ ކޮންމެ ތަނަކުން! ކޮންމެ ކަމަކުން! އަހަރެމެން ދެމީހުންނަށް އެކުގައި މިތަނަށް އާދެވޭނެ.“ ރިހާންގެ އަޑުގައިވަނީ ޔަގީން ކަމެވެ.
ދެމީހުންގެ ވާހަކަ ދެއްކުން ގާތްގަނޑަކަށް ފަސްވަރަކަށް މިނިޓަށް ދިގު ދެމިގެން ދިޔައެވެ. ދެކޮޅުން ވެސް މައިންބަފައިންނާ އާއިލާ މީހުންގެ ހާލު އަހުވާލު އެހުމަށްފަހު ކޮންމެ ދެ ދުވަހަކުން އެއް ދުވަހު މިގަޑީގައި ގުޅާނެ ކަމަށް ބުނެފައި ރިހާން ފޯނު ކަނޑައިލީއެވެ.
ދަތުރުކުރަމުން ދިޔަ އެއަރލަންކާގެ ފްލައިޓް ޖިއްދާ އެއަރޕޯޓްގައި ޖެއްސުމުން އެއިން ފޭބި ޢުމުރާ ވެރިންގެ ތެރޭ ރިހާންގެ އާއިލާ ވެސް ހިމެނެއެވެ. އެއަރޕޯޓް ތެރޭ އައިންތު އުޅުނީ ރިހާން އަތުގައި ހިފައިގެންނެވެ. ފޮށިނަގާ އެއްތަންކޮށް ހެދީ ރަޝީދެވެ. ފަތިހުގެ އެހިތްގައިމު ވަގުތު ފަތިސްނަމާދު އެމީހުން ކުރީ ޖިއްދާ އެއަރޕޯޓްގައެވެ. އެހިސާބުން ދަތުރު ފެށީ މައްކާއަށެވެ.
ތިބެން ހަމަ ޖެހިފައިވާ ހޮޓަލުގައި ފޮށިތައް ބެހެއްޓުމަށްފަހު ވާން ޖެހޭ ތައްޔާރީތައް ވެގެން އެމީހުން ދެން ނައްޓައިލީ ޢުމުރާގެ އަޅުކަންތައް ފުރިހަމަ ކުރުމަށް ޙަރަމްފުޅާ ދިމާއަށެވެ. ރަޝީދުގެ އެހީތެރިކަމާއެކު ޙަރަމްފުޅުތެރެއަށް ވަދެގެން ދިޔަ ރިހާންއަށް ކުރެވެމުން ދިޔައީ ވަރަށް ތަފާތު އިޙުސާސެކެވެ. ދުލުގައި ވަނީ ދުޢާއެވެ. އެންމެ އެދޭކަންތައް ހިންމަވައިދެއްވުން އެދިއެވެ. ހިތް ނިޔަތް ޚަލާސްކޮށް ކުރަމުން ދިޔަ އާދޭހުގެ އަޑު އެފަރާތުން އައްސަވައި ވޮޑިގަތުން އެދި އަބަދުވެސް ދުޢާ ވެވެއެވެ.
ރިހާން، ދަރިފުޅާ! އެހެރީ މާތްވެގެންވާ ގެފުޅު! ބަލާބަލަ!“