އަފްޣާނިސްތާނުގެ ހިރާތުގައި އަންހެނުންނަށް ހާއްސަކޮށްގެން 2 ޝޮޕިން މޯލް ހުޅުވައިފި އެވެ.
އެމެރިކަން ބްރޯޑްކާސްޓިން ކޯޕަރޭޝަނުން ބުނި ގޮތުގައި ހިރާތުގައި އަންހެނުންނަށް ޚާއްޞަކޮށްގެން ހުޅުވި 2 ޝޮޕިން މޯލްގައި އުޅޭ ފިހާރަވެރިންނާއި ގަންނަ މީހުންނަކީ އަންހެނުންނެވެ. މި ޝޮޕިން މޯލްތަކަށް އާއިލާގެ އަންހެން މެންބަރުންނާ ނުލައި ފިރިހެނުން ވަނުމަކީ މަނާކަމެކެވެ.
ޚަބަރު ލިބިފައިވާ ގޮތުގައި މޯލްގައި އަންހެން ވިޔަފާރިވެރިން ހުޅުވާފައިވާ ފިހާރަތަކުގެ 6 މަސް ދުވަހުގެ ކުލިވެސް ވަނީ މާފުކޮށްފަ އެވެ.
ހުރިހާ އުމުރެއްގެ އަންހެނުންނާއި އަންހެން ކުދިން ވެސް އެމީހުންނަށް ޚާއްޞަކޮށްގެން ދެ މޯލް ހުޅުވުމުން އެތަނަށް ގޮސް ވަރަށް ފޯރީގައި ވިޔަފާރި ކުރަމުން އެބަ ގެންދެއެވެ.
އަފުޣާނިސްތާނުގައި މިހާރު ވެރިކަން ކުރަމުންދާ ޠާލިބާނުން އަންހެނުންނަށް ޚާއްޞަ މޯލުތަކެއް ހުޅުވީ، އަންހެނުންގެ ތައުލީމަށް ހުރަސް އެޅޭ ގަވައިދުތަކެއް ހަދައި ތަންފީޒުކުރަން ފަށާފައިވާތީ ބައިނަލްއަގުވާމީ މުޖުތަމައުގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.