ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ޒައާމަތުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފުލެޓުތަކުގެ ކުލި ކުޑަކޮށްދެއްވާނެ ކަމުގެ އިޝާރާތެއް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ.
ރައީސް މިއަދު ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަރަކާތްތެރިވާ ”ހިޔާ ރައްޔިތުންގެ ގުޅުން“ ހަރަކާތާ ބައްދަލުކުރައްވައިފައެވެ.
ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ހިޔާ ފުލެޓުތަކުގެ ކުލި ކުޑަކުރުމާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ އިކޮނޮމިކް ކައުންސިލާއި ކަމާގުޅޭ އެހެނިހެން އިދާރާތަކާ މަޝްވަރާކުރެއްވުމަށްފަހު ގޮތްތަކެއް ނިންމެވުމުގެ ކުރިން އަދި އެއްފަހަރު ”ހިޔާ ރައްޔިތުންގެ ގުޅުން“ ހަރަކާތާ ބައްދަލުކުރައްވާނެ ކަމަށެވެ.
ކުލި ކުޑަކުރުމާ ގުޅޭ ގޮތުން ރައީސް ތިން ގޮތެއް ފާހަގަކުރެއްވިއެވެ.
1.ކުލި ދައްކަން ޖެހިފައި އޮތް މުއްދަތަށް ބަލައި ކުލި ކުޑަކޮށް ލޯނު ދައްކަންޖެހޭ މުއްދަތު އިތުރުކުރުން.
2.ކުލި ދެއްކުމަށް ދަތިވާ މީހުން ބަލައި ދައުލަތުން އެފަދަ ފަރާތްތަކަށް ސަބްސިޑީއެއް ދިނުން.
3.ހިޔާ ފުލެޓްތަކުގެ އެންމެންގެ ކުލި އެއް އަދަދަކަށް ކުޑަކުރުން.
ރައީސް ވަނީ ދެމަހެއްހައި ދުވަސްތެރޭ އުފާވެރި ޖަވާބެއް ދެއްވާނެކަމަށް ވެސް ވިދާޅުވެފައެވެ.
ރައީސް ޔާމީންގެ ސަރުކާރުން ދެވަނަ ފިޔަވަހީގައި އިމާރާތް ކުރީ 7000 ފުލެޓެވެ. ރައީސް ޔާމީންގެ ދައުރު ނިމުނުއިރު އެ ތަންތަނުގެ ގިނަ މަސައްކަތްތައް ހުރީ ނިންމައިފައެވެ. ޔާމީންގެ ސަރުކާރުން އޭރު ކަނޑައެޅީ މަހަކު 5600 ރުފިޔާ ދައްކާ ގޮތަށެވެ.
ނަމަވެސް ހިޔާ ފުލެޓުތަކަށް މިހާރު ފައިސާ ދައްކާ ހަލާސް ކުރަން ޖެހެނީ 25 އަހަރު ދުވަހުގެ މުއްދަތަކަށް ބަހައިލައިގެން އިންސްޓޯލްމަންޓްގެ ގޮތުގައި މަހަކު 7500 ރުފިޔާ ދައްކާ ގޮތަށެވެ. މީގެއިތުރުން ފުލެޓުތަކުގެ މެއިންޓަނަސް ފީގެ ގޮތުގައި މަހަކު 1000 ރުފިޔާ ނަގައެވެ.
ކިތަންމެ ކުޑަކުރިޔަސް ކުލި ނުދައްކާ ވޭތޯ ބަލާނީ.. ވަރެއްގެ ބައެއް އުޅޭތަނެއް..