އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ފެކްޝަނުގެ ބައެއް ބޭފުޅުން މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު) އާ ބައްދަލުކުރައްވައިފިއެވެ.
އިއްޔެގެ ވަގުތެއްގައި ރައީސްގެ އަރިސް ބޭފުޅުންތަކެއް އުއްޗުއާ ބައްދަލުކުރެއްވީ ކުރެއްދޫ އައިލެންޑް ރިސޯޓުގައެވެ.
އުއްޗުއާ ބައްދަލުކުރެއްވި ބޭފުޅުންގެތެރޭގައި ހިމެނިވަޑައިގަންނަވަނީ ރައީސް ޞާލިޙްގެ ކޮއް، ހުޅުމާލޭ ދާއިރާގެ މެންބަރު ޢަލީ ނިޔާޒާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އައްޑޫ ހިތަދޫ ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމާއި, ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދެވެ.
އެއިން އެއްވެސް ބޭފުޅަކު މި ބައްދަލުވުމާބެހޭ މައުލޫމާތެއް ހާމަކުރައްވައިފައެއް ނުވެއެވެ.
ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީން އަންނަނީ ޕާޓީތަކާ ބައްދަލުކުރަމުންނެވެ. އެ ގޮތުން ރައީސް ޞާލިޙް މިއަދު ވަނީ އެމްއާރްއެމްގެ ޒައީމް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި އެ ޕާޓީގެ ރައީސް ފާރިޝް މައުމޫނާ ވެސް ބައްދަލުކުރައްވައިފައެވެ. ނަމަވެސް މިއަދުގެ ބައްދަލުވުމުގައި ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ވަކި ގޮތެއް ނުނިންމައެވެ. އެ ބައްދަލުވުމުގައި ނިންމެވީ އިތުރަށް މަޝްވަރާކުރެއްވުމަށެވެ.
ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ރައީސް ޞާލިޙް ޖުމްހޫރީ ޕާޓީއަށް ވެސް ދައުވަތު ދެއްވިއެވެ. ނަމަވެސް އެ ޕާޓީން ނިންމީ އިންތިޚާބަށް ކެންޑިޑޭޓަކު ނެރުމަށެވެ.
އިންތިޚާބުގައި ރައީސް ޞާލިޙަށް ތާއީދުކުރަން އަދި ނިންމާފައިވަނީ ސަރުކާރު ކޯލިޝަނުގައި މިހާރު އޮތް އަދާލަތު ޕާޓީގެ އިތުރުން ދ.މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދުގެ އެމްޑީއޭއިންނެވެ.